"ބްރީތްލައިފް ކެމްޕޭން" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވެވި ބްރީތްލައިފް ކެމްޕޭން އިފްތިތާޙްކުރުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑޮކްޓަރ ޕޫނަމް ކެތްރަޕާލް ސިންގް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހެލްތު މިނިސްޓްރީއާއި އެންވަރަމަންޓް މިނިސްޓްރީއާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ފެށި މި ކެންޕޭންއާއެކު ވައި ނުސާފުވުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތައް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ތައްޔާރުކުރެވިފައިވާ ނޭޝަނަލް އެކްޝަން ޕްލޭންވެސް އިފްތިތާޙް ކުރެވިގެންދިޔައެވެ. މި އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާ (ޑަބް.ލިޔު.އެޗް.އޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

"ބްރީތްލައިފް ކެމްޕޭން" އިފްތިތާޙް ކޮށްދެއްވުމަށްފަހު މި ކެންޕެއިންގެ އެކްޝަން ޕްލޭން އިފްތިތާޙްކުރުމާއި ކެންޕެއިންގެ ޓީޝާޓް ހަވާލުކޮށްދެއްވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވައި ނުސާފުވުމުގެ ސަބަބުން ޞިއްހަތަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއި ރާއްޖޭގެ މިހާރުގެ ހާލަތު ބަޔާންކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ދައްކާފައިވެއެވެ.