ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ޚާއްޞަ މަންދޫބު މިސްޓަރ މުޙައްމަދު އަފީފް، އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްޓަރ މުޙައްމަދު އަފީފް ރާއްޖެ ވަޑައިގެންވެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ސީޝެލްސްއާއި ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވައިފައެވެ.
ސީޝެލްސްގެ ރައީސްގެ ޚާއްޞަ މަންދޫބު، އަފީފުގެ މިދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވިއެވެ. މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ސީޝެލްސްގެ ރައީސަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ސީޝެލްއަކީ ކުޑަ ޖަޒީރާ ދެ ޤައުމުކަމަށްވާތީ ދެޤައުމުގައި ހުރި ބައެއް ކަންކަމަކީ ވަރަށް އެއްގޮތް ކަންތައްތަކެއްކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން އެއް ޤައުމުން އަނެއްޤައުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަފީފުގެ ވާހަކަފުޅުގައި ރާއްޖޭގެ ލީޑަރޝިޕަށް މިހާރު އައިސްފައިވާ އެދެވޭ ބަދަލު ފާހަގަކުރައްވައި ރާއްޖޭގެ މިހާރުގެ ލީޑަރޝިޕާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ސީޝެލްސުން ބޭނުންވާކަން ހާމަކުރެއްވިއެވެ. އަދި ސީޝެލްސުން ކަނޑުގެ ނަފާ ހޯދުމުގައި އިސްކަންދެނީ ދެމެހެއްޓެނިވި އުސޫލުތަކަށް ކަންކަން ކުރުމުގެ މައްޗަށްކަމުގައި އަފީފު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިޤްތިޞާދީ މަސައްކަތްތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގައި އިންޑިޔާ ކަނޑަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައި އިންޑިޔާކަނޑުގައި ސަލާމަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުމަށް އެދިވަޑައިގަންނަވާކަމުގައި ހާމަކުރެއްވިއެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ސީޝެލްސްގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.