بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْـدُ للهِ رَبِّ الْعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أشْرَفِ الأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَـى آلِـهِ وَصَحْبِــهِ أَجْمَـعِــيْن.

މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ އަމީން، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދެކުނު އިރުމަތީ އޭޝިޔާގެ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ޑޮކްޓަރ ޕޫނަމް ކެތުރަޕާލް ސިންހ، ދައުލަތުގެ ވަޒީރުން، ދިވެހިރާއްޖޭގައި ހުންނަވާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އަރްވިންދް މާތުރް، ދިވެހިރާއްޖެއަށް ކަނޑައަޅުއްފާއިވާ އެމްބެސަޑަރުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ހާސިލު މިކުރެވެނީ، ކާމިޔާބެއް އަޅުގަނޑުމެންނަށް މި ލިބިގެން ދަނީ، ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން. އެއީ އެއްވެސް ހާލެއްގައި އެންމެ ބަޔަކު، ވަކި ބަޔަކު ކުރާ މަސައްކަތަކުން ހާސިލު ކުރެވޭ ކަމެއްނޫން. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް މި ކަންތައް ހާސިލުވެގެން ދިޔައިރު، އެންމެ މުހިންމު ކަމެއްގެ ގޮތުގައި، މި ދާއިރާގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކެއްގެ މަތިން، އާދެ، އެތަކެއް ދުވަސްތަކެއް ވަންދެން ވަރަށް ދަތި އުނދަގޫކަންމަތީގައިވެސް މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކޮށް، އެ ފަރާތްތަކަށް އަޅުގަނޑުމެން ޝުކުރު ދަންނަވަންޖެހޭ.

އާދެ، ހަމައެއާއެކު، އެއްވެސް ކަމެއް ހާސިލުވުމުން، ކާމިޔާބުވުމުން، އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެން ބަލަންޖެހެނީ، އެކަމެއް ދެމެހެއްޓުމަށްޓަކައި. އަޅުގަނޑުމެންނަށް ހާސިލުކުރެވޭ ކަމެއްގެ މަތީގައި ނުވަތަ އެކަމަށް އަޅުގަނޑުމެން ހަމައެކަނި ފަޚުރުވެރިވެގެން ތިބުމަކުން، އެ ކަންތައްތައް ދެމެހެއްޓޭނޭ ކަމަކަށް ނުވާނެ.

އެހެންވީމާ، މިއަދު، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާގައި ވަކިން ޚާއްޞަކޮށް މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކުންވެސް އިތުރަށް ޢަޒުމް ވަރުގަދަ ކުރަންޖެހޭނީ، އަދި ސަރުކާރުގެ މުއައްސަސާތަކާއި، އެހެނިހެން އެންމެހައި ފަރާތްތަކުންވެސް ޢަޒުމް ކަނޑައަޅަންޖެހެނީ، މި ލިބުނު ކާމިޔާބު އަޅުގަނޑުމެން ދަމަހައްޓައި، އިތުރު މަސައްކަތްތަކެއް ކުރުމަށް.

އާދެ، މި ކަންތައްތައް ވެގެން އަޅުގަނޑުމެންނަށް މި ޝަރަފު މިއަދު، ދިވެހިރާއްޖެއަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިގެން ދިޔައިރު، އަޅުގަނޑުމެން ހަނދާންކޮށްލަން އެބަޖެހޭ، ޙަޤީޤަތަކީ ދިވެހިރާއްޖޭގެ ރަށްތަކުގައި ވަރަށް ދަތި ހާލުގައި ވަރަށް ގަދަ ކަނޑުގައި، ކުޑަކުޑަ ދޯނިފަހަރުގައި، މި ކަންތައްތައް ހާސިލު ކުރުމަށްޓަކައި، މި ލަނޑުދަނޑިތަކާ ހަމަޔަށް ދިޔުމަށްޓަކައި، ރައްޔިތުން، އާދެ، ޞިއްޙަތު ސަލާމަތުން ތިބި ބަޔަކަށް ނުވަތަ ރަނގަޅު ޞިއްޙަތެއް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވަނީ. އަޅުގަނޑުމެން ހަމަ މި ކަންތައްތައް ހަނދާންކުރަން އެބަޖެހޭ. މި ހުރިހާ ގޮންޖެހުންތަކަކާ އެއްކޮށްވެސް، އެއްރަށުން އަނެއްރަށަށް ދަތުރުކޮށް، އަދި މި މާލެއަށް ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ޞިއްޙީ ކިތަންމެ ކުޑަކަމެއްގައިވެސް، ރާއްޖޭގެ އެކި ހިސާބުތަކުން ވަކިން ޚާއްޞަކޮށް، ބަލިވެއިންނައިރު، އެ އުނދަގޫ ދުވަސްތަކުގައިވެސް ދަތުރުކުރަންޖެހުނު މަންޒަރު.

އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ، ޙަޤީޤަތުގައިވެސް އެ ފަރާތަށް މިކަމުގައި ޝުކުރު އަދާކުރަން. އާދެ، އަޅުގަނޑު މީގައި ވަކިން ޚާއްޞަކޮށް، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދަންނަވާލަން އޮތީ، އަދި، އަޅުގަނޑުމެންގެ ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކުން ވިސްނަވަންޖެހޭ ކަމަކީ، ހެދިފައި ހުންނަ އުސޫލުތަކަކީ، އެއީ އަޅުގަނޑުމެން އަބަދުވެސް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ބަދަލުކުރަންޖެހޭ ކަންތައްތަކެއް.

އާދެ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާގެ ބޭފުޅުން، އަދި ދިވެހި ސަރުކާރުގެ އެކި ބޭފުޅުން ވަރަށް ގިނަގިނައިން ދިވެހިރާއްޖޭގެ ރަށްތަކަށް އެބަ، އަޅުގަނޑުމެން ދަތުރުކުރަން. އަޅުގަނޑުމެންގެ މަޤްޞަދުތަކެއްވޭ. އަޅުގަނޑުމެން ބަލައި ހޯދަން ބޭނުންވާ ކަންތައްތަކެއް ހުރޭ. އަޅުގަނޑުމެންނަށް މިއިން ކޮންމެ ދަތުރަކުންވެސް، މި މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެންނަށް މި ޕަބްލިކް އެންގޭޖްމަންޓުގެ ތެރެއިން އަބަދުވެސް ފެނިގެންދޭ، ހުންނަ އުސޫލުތަކުގެ ސަބަބުން ދިމާވެފައި ހުންނަ ދަތިތައް. އާދެ، އެ ވެދާނެ ވަރަށް ކުދިކުދި ކަންތައްތަކަށް. އެހެންނަމަވެސް، ގިނަ ބަޔަކަށް އެކަމަކުން ދަތިކަމެއް ކުރިމަތިކުރުވާ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެން ބަދަލުކުރަންޖެހޭނޭ ކަންތައްތައް.

އެހެންވީމާ، އަޅުގަނޑު މިއަދު ވަކިން ޚާއްޞަކޮށް، ހެލްތް މިނިސްޓަރަށްވެސް ދަންނަވާލަން އޮތީ، މިގޮތަށް ހުރި ކަންތައްތައް އަޅުގަނޑުމެން ހޯދައި ބަލައި، ދިވެހި ސަރުކާރުން، އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވަޢުދެއްގެ ގޮތުގައި، އެންމެ ބޮޑު ސަމާލުކަމެއް މިއޮތީ، އާންމު ޞިއްޙަތު ރަނގަޅު ކުރުން. ދުޅަހެޔޮ ހަށިހެޔޮ ޞިއްޙަތެއްގައި ރައްޔިތުން ތިބުން އެއީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މުޅި ދިވެހި ސަރުކާރުންވެސް އެންމެ އިސްކަމެއްދޭކަން ޔަޤީންވެގެންދަނީ، ދިވެހި ދައުލަތުން މިއަދު އެކަމަށްޓަކައި އެ ކުރާ ހޭދައިން. ބަޖެޓުގައި ޖަހާފައި ހުންނަ ފިގަރއިން އެކަނިވެސް އަޅުގަނޑުމެންނަށް، އެކަން އެނގިގެން އެބަދޭ. އެހެންވީމާ، އަޅުގަނޑުމެން އެއާ އެއްވަރަށް އެ މަސައްކަތްކޮށް، ރާއްޖޭގެ ރައްޔިތުންނަށް ހުރިހާ ހިސާބުތަކެއްގައި، ކޮންމެ ރަށެއްގައި ހުންނަ ރައްޔިތަކަށްވެސް އެ ފަސޭހަކަމާއި، އަޅުގަނޑުމެން މިއަދު ދައްކާ ވާހަކަ މިކަން ކާމިޔާބުކަންމަތީގައި ބޭއްވުމަށްޓަކައި ކުރަންޖެހޭނެ މަސައްކަތްތައް އަޅުގަނޑުމެން މެދުކެނޑުމެއްނެތި، އަޅުގަނޑުމެން އެ ކަންތައް ކުރަންޖެހޭނެ.

އާދެ، އަޅުގަނޑުމެންނަށް އަބަދުވެސް ތަފާތު އެކި އާންމު ޞިއްޙަތާގުޅޭ ގިނަ ކަންތައްތަކުގެ ކަންބޮޑުވުން، ގިނަ ކަންތައްތަކުގެ ވާހަކަތައް އަބަދުވެސް ރާއްޖޭގެ އެކި ހިސާބުތަކުން، އަދި މި މާލެއިންވެސް ދެކެވެމުންދޭ. އަޅުގަނޑު ގަބޫލުކުރަނީ މިއީ އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް ޒިންމާއެއް. އަޅުގަނޑުމެން ސަލާމަތުން ތިބުމަށްޓަކައި އެކުގައި މަސައްކަތް ކުރުން. އެއްބައެއްގެ ގޮތުގައި އަބަދުވެސް ކުރާނޭ ކިތަންމެ ގިނަގުނަ މަސައްކަތްތަކެއް ހުންނާނެ. އަޅުގަނޑުމެންނަށް ފަސޭހަތަކެއް އަޅުގަނޑުމެންނަށް އެއްކޮޅުން ލިބިގެންދާއިރު، އަޅުގަނޑުމެންނަށް އިތުރަށް ކުރަންޖެހޭނޭ ކަންތައްތަކެއް ހުންނާނެ. އާދެ، މިއަދު ޤައުމުގައި ދިރިއުޅެނީކީ ހަމައެކަނި ދިވެހިރައްޔިތުންނެއްވެސް ނޫން. އާދެ، ބޭރު މީހުންވެސް، އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ވަރަށް ގިނަ އަދަދަކަށް ބޭރު މީހުންވެސް ދިރިއުޅެމުންދޭ. އެހެންވީމާ، އާންމު ޞިއްޙަތާމެދު އަޅުގަނޑުމެން ވިސްނާއިރު، އަޅުގަނޑުމެންގެ ސަލާމަތަށާއި، އެ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަގުނަ ކަންތައްތަކެއް ކުރަން އެބަޖެހޭ.

އަޅުގަނޑު ހަމަ މި ފުރުޞަތުގައި، ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، އަދި ވަކިން ޚާއްޞަކޮށް، ސްކޫލްތެރެއިންވެސް ގިނަގުނަ ކަންތައްތަކެއް ކުރުމަށް، އެކަމަށް އެދޭ ވާހަކަ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން.

އާދެ، އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންނަށް މިއަދު މި ހިސާބަށް އާދެވުނުއިރު، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، އަޅުގަނޑުމެންނަށް މެދުކެނޑުމެއްނެތި، ލިބެމުން އަންނަ އެހީތެރިކަމާއި، އެކި ގޮތްގޮތުން ލިބެމުން އަންނަ އެއްބާރުލުން.

I would like to thank, Madam Doctor, for the continuous support that you have been giving from WHO, and also we have been, there has been great engagement with Dr. Arvind Mathur for the last many years. I think today’s success is the result of efforts by the whole public, and this goes to the public.

Once again, thank you very much!

އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، އަޅުގަނޑުގެ ދުޢާއަކީ، ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި އިތުރު މަސައްކަތްތަކެއްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަޅުގަނޑުމެން މި ޚިދްމަތްތައް އަބަދުވެސް ފޯރުކޮށްދިނުމަށްޓަކައި، ކުރާ މަސައްކަތަކަށް މި މަސައްކަތްތައް ވެގެންދިޔުން.

އާދެ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވާށި. ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.