ދިވެހިރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައި، މިއަދު އެކަމުގެ ލިއުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާ ޙަވާލުކޮށްފިއެވެ. މިއަދު ހެނދުނު މިކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ލިއުން ޙަވާލުކުރެއްވީ އެ ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގްއެވެ.
ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައި މިއަދު ރާއްޖެއާއި ލިޔުން ހަވާލުކޮށްފައިވާއިރު، މިއީ މިސަރަހައްދުގެ ޤައުމު ތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިލިޔުން ލިބުނު ދެވަނަ ޤައުމެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ދިވެހިރާއްޖެއަކީ، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައެޅި 12 ވަނަ ޤައުމެވެ.
މިއީ ގައިންގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ކަނޑައަޅައި ދިވެހިރާއްޖެއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލިބުނު 4 ވަނަ ސެޓިފިކެޓެވެ. މީގެ ކުރިން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލެވުނުކަމަށް ކަނޑައަޅައި ދިވެހިރާއްޖެއަށް ވަނީ ލިޔުންދީފައެވެ. މީގެ އިތުރުން ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕޯލިއޯ އަދި ތުއްތު ކުދިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވުނު ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިލިބުނު ކާމިޔާބީ ދެމެހެއްޓުމަށް އިތުރަށް މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކުންވެސް ޢަޒުމް ވަރުގަދަ ކުރުމަށް އެދިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމަކީ އާންމު ޞިއްޙަތު ރަނގަޅުކޮށް، ދުޅަހެޔޮ، ހަށިހެޔޮ ޞިއްޙަތެއްގައި ރައްޔިތުން ބޭތިއްބުމަށް ކަމުގައެވެ. މިއީ ދިވެހި ދަޢުލަތުން ވަރަށް ބޮޑު ހޭދައެއް ކުރާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.