بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު މިއަދު އަލިފުށްޓަށް އައުމުން، ތިޔަ ހުރިހާ ބޭފުޅުން ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި ވަރަށް ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އާދެ! އަޅުގަނޑުގެ މިޝުކުރުގައި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު ޢަބްދުﷲ އާއި، މިރަށުގެ ވެރިންނާއި އަދި މިރަށް ނޫން އެހެން ރަށްރަށުން ވަޑައިގެން ތިއްބެވި ބޭފުޅުންނާއި، މިރަށުގެ ލޮބުވެތި ރައްޔިތުންނާއި، މިރަށުގެ އެކިއެކި ކްލަބް ޖަމްޢިއްޔާތަކުގެ މުއައްސިސުންނާއި މެންބަރުންނާއި، ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި، ކިޔަވާ ކުދިންނާއި، މި ހުރިހާ އެންމެން ޝާމިލު ކުރަން.

އަލިފުށްޓަށް ޒިޔާރަތް ކުރުމަކީ، ޙަޤީޤަތުގައި އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިންވެސް އެއްފަހަރަށްވުރެ ގިނަފަހަރު އަޅުގަނޑުވަނީ މިރަށަށް ޒިޔާރަތް ކޮށްފައި. މިއީ އަޅުގަނޑު މި މަގާމުގައި ހުރެގެން އަލިފުށްޓަށް ޒިޔާރަތްކުރާ ފަސްވަނަފަހަރު. އެންމެފަހުން އަޅުގަނޑު މިރަށަށް ޒިޔާރަތް ކުރީ 1995 ވަނަ އަހަރު.

އާދެ! މިއަދު އަޅުގަނޑު އަލިފުށްޓަށް އައުމުން، އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން ވަރަށްގިނަ އަދަދެއްގެ ރައްޔިތުންނާއި، މިރަށުގެ ވެރިންނާއި ކިޔަވާ ކުދިންނާއި، އަދި އެހެން ރަށްރަށުން ވަޑައިގެން ތިއްބެވި ބޭފުޅުންނާއި އަދި މިރަށުގެ ކްލަބް ޖަމްޢިއްޔާތަކުގެ ވެރިންނާއި މެންބަރުންނާއި އަދި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނާ، އެހެން ގޮސް ވަރަށްގިނަ ބޭފުޅުން ގަދަ އަވީގައި ތިއްބެވި. އަޅުގަނޑު ހަމަ ބޭނުންވި އެހުރިހާ ބޭފުޅުންނާ ސަލާންވެސް ކުރަން. އެހެންނަމަވެސް، ވަގުތުގެ ގޮތުންނާއި، އަދި އަޅުގަނޑުމެންގެ އެންމެ މުހިންމު މަޤްޞަދަކީ، މިއަދުގެ މެންދުރު ނަމާދު މަސްޖިދުލްހިދާޔާގައި ކުރުން ކަމަށްވާތީ، އެކަން އެހެން ދިމާވެފައި އޮތުމާ އެކީގައި، މާގިނަ ވަގުތު އެތާ ހޭދަކުރެވެން ނެތިގެން، އަޅުގަނޑުމެން މިކޮޅަށް މިއައީ.

މަރްޙަބާ ވިދާޅުވުމުގެ ގޮތުން މިރަށުގެ ޒުވާން ފިރިހެން ކުދިންނާއި، ޒުވާން އަންހެން ކުދިން ވަރަށް ރީތި ދެ ލަވަވެސް ދެއްކި. އެހެންވީމާ، އެކަންކަމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އޭގެއިތުރުން، މަރްޙަބާ ވިދާޅުވުމުގެ ގޮތުން ރަށުގައި ވަރަށްގިނަ ފޮތިތައް ދަންމަވާފައި އެބަހުރި. އޭގެތެރޭގައި، އަޅުގަނޑަށް ތާއީދު ކުރެއްވުމުގެ ގޮތުންވެސް އެބަހުރި ވަރަށްގިނަ ފޮތި ދަންމަވާފައި. އެހެންވީމާ، މިހުރިހާ އިޚްލާޞްތެރި ޝުޢޫރުތަކަކަށްޓަކައި އަޅުގަނޑު އަލިފުށީގެ ވެރިންނަށާއި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަލިފުށްޓަކީ ރާއްޖޭގެ މަސްވެރިކަން، ޒަމާނާ އެކަށީގެންވާ ގޮތެއްގައި ތަރައްޤީ ކުރުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ރަށެއް. އަދި މިހާރުވެސް ކުރަމުން ގެންދާ ރަށެއް. އެނގިވަޑައިގަންނަވާނެ، އަލިފުށީ ބޯޓުޔާޑަކީ ވަރަށް ކުރިއްސުރެ ސަރުކާރުން އުފައްދައި، ސަރުކާރު ކުންފުންޏެއްގެ ހިންގުމުގެ ދަށުން މިތާނގައި ހިނގަމުންދިޔަ ބޯޓުޔާޑެއް. ވަރަށްގިނަ ޢަދަދަކަށް ވަޑިން އުފައްދައި، ވަރަށްގިނަ މަސްދޯނިފަހަރާއި، އަދި އެނޫން އޮޑިދޯނިފަހަރު، ބޯޓުޔާޑުގައިވަނީ ވަރަށް މަތީ ފެންވަރަކަށް ބަނދެފައި. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާއަށްވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައި. ސަރުކާރުން އެކުންފުނި ވިއްކާލުމުން، އަމިއްލަ ފަރާތަކުން މިހާރު އެކުންފުނިވަނީ ގަނެފައި. އަދި އެކުންފުނީގެ ބެލުމުގެ ދަށުން ބޯޓުޔާޑު މިހާރު ހިންގަމުން އެބަގެންދޭ. ބޯޓުޔާޑުގައި ވަރަށްގިނަ އަދަދަކަށް މިހާރުވެސް ވަޑިން މަސައްކަތް ކުރަމުން އެބަދޭ. އެމީހުންނަށް ވަރަށް ރަނގަޅު މުސާރައެއްވެސް ލިބޭ ކަމަށް، އަތޮޅުވެރިންގެ ވާހަކަފުޅުން އަޅުގަނޑަށް އެނގުނު.

އެހެންވީމާ، ދަންނަވަން މިއުޅޭ ވާހަކައަކީ، އަލިފުށީ ބޯޓުޔާޑަކީ އަދި އަލިފުށީގައި މިކުރެވޭ މަސައްކަތްތަކަކީ އަދި އަލިފުށީ ވަޑިންނަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ވަރަށްބޮޑު ޙިއްޞާއެއް އަދާކުރާ ބަޔެކޭ. އަދި މިކަންތައްތަކަކީ އަޅުގަނޑުމެންގެ އިޤްތިޞާދު، އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދިޔުމުގައި ވަރަށް ބޮޑެތި އެހީތަކެއް ވެދީފައިވާ ކަންތައްތަކެކޭ.

އަލިފުށީ ވަޑިންނަކީ ރާއްޖޭގެ މަސްވެރިކަން މިހާރާ ގުޅޭގޮތަށް ބަދަލުވަމުންދާ ދިޔުމުގައި، ވަރަށްބޮޑު ޙިއްޞާއެއް އަދާކޮށްފައިވާ ބަޔެއް. އެހެންކަމުން، އެކަމަށްޓަކައި އަލިފުށީ ވަޑިންނަށާއި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެހެންމެ، އަލިފުށީ ވަޑިންގެ ތެރޭގައި އަމިއްލައަށް އުޅަނދުފަހަރު ފަރުމާކުރައްވާ ފަރާތްތައްވެސް އެބަތިއްބެވި. އޭގެތެރޭގައި މިތާ މި އިންނެވި އަލްފާޟިލް ޢަލީ ޙަސަން ހިމެނިވަޑައިގަންނަވާ. އޭނާގެ ގެޔަށް އަޅުގަނޑު ޒިޔާރަތްކޮށްލިން. އެއީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އޭނާއަކީ މިރޮނގުން ވަރަށްމަތީ ފެންވަރަކަށް ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެއް. އަދި އޭނާގެ އުފެއްދުން ރާއްޖޭގައި މިހާރު ވަރަށް އެބައުޅޭ. ކަނޑުގައި ދުއްވާ އެކި ފެންވަރުގެ އުޅަނދުތައް އޭނާ ފަރުމާ ކުރައްވައި ވަރަށް ރަނގަޅު ފެންވަރަކަށް ބަންނަވަމުން އެބަ ގެންދަވާ. އޭނާގެ ކާރުޚާނާއެއް މިރަށުގައިވެސް އަދި މާލެއަތޮޅު ހިންމަފުށީގައިވެސް އެބަހުރި. އަދި ވަރަށްގިނަ ޢަދަދަކަށް މަސައްކަތު މީހުން، ވަޑިން އޭނާ ގެންގުޅުއްވާ. އޭނާއަކީ ރާއްޖެއިން ބޭރުންވެސް ކަމާބެހޭ ވަރަށްމަތީ އިނާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެހެންވީމާ، އަލްފާޟިލް ޢަލީ ޙަސަނަށް އަޅުގަނޑު ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވައި މަރްޙަބާ ކިޔަން. އަދި ތިޔަކަހަލަ މަސައްކަތްތައް ކުރިއަށް ގެންދެވުމަކީ، ޤައުމުގެ ތަރައްޤީގައި ވަރަށްބޮޑު ކަމެއް ކަމުގައި، ވަރަށް މުހިންމު ކަމެއް ކަމުގައި ދަންނަވައި ހިތްވަރު އަރުވަން.

އާދެ! މަސްވެރިކަމަކީ ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއްބައި. އެހެންވީމާ، މަސްވެރިކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދެމުން އެބަގެންދަން. ތަފާތު މަޝްރޫޢުތައް ރާވައިގެންނާއި، މަސައްކަތްތައް ހިންގައިގެންނާއި، އަދި އެކިގޮތްގޮތުން މަސްވެރިންނަށް އެހީތެރިކަން ފޯރުވައިދީގެން، މި މުހިންމު އިޤްތިޞާދީ ބިންގާ އިތުރަށް ފުޅާކޮށް ތަރައްޤީ ކުރެވޭތޯ ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް މެދުނުކެނޑި ކުރަމުން އެބަގެންދޭ. ކުރިއަށް އޮތް ތާނގައިވެސް ރާއްޖޭގެ މަސްވެރިކަން ސަރުކާރުން ބައްޓަން ކުރަން ބޭނުންވަނީ، އެ މަސްވެރިކަމުގެ ފައިދާ، މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި، އޮޑިދޯނިފަހަރުގެ ވެރިންނަށާއި، އެމީހުން ދިރިއުޅޭ ރަށަށާއި، މުޅި ޤައުމަށް ކުރާނެ ގޮތެއްގެ މަތިން. އެހެންވީމާ، މިކަމުގައި އަލިފުށިން އަދާކުރާ ދައުރު ބޮޑުކަމުން، އަޅުގަނޑު ހިތަށްއެރީ މިވާހަކަވެސް ދަންނަވާލާނަމޭ.

އާދެ! އަޅުގަނޑު އަލިފުށްޓަށް މިއަދު ޒިޔާރަތް ކުރުމުގެ އެންމެބޮޑު އެއްބޭނުމަކީ، މިރަށުގައި، މިރަށު އިރުމަތީ އަވަށު މިޔުޒިކަލް ސޮސައިޓީ، "އެއިމްސް"ގެ ފަރާތުން އިމާރާތް ކުރެއްވި މިސްކިތް، "މަސްޖިދުލްހިދާޔާ" ރަސްމީގޮތުން ހުޅުވައިދިނުން. މި މިސްކިތް ހުޅުވައިދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، އެ ސޮސައިޓީގެ ހިންގުންތެރިންނަށާއި މެންބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި، މިރަށުގައި ޚިދްމަތްކުރާ އެހެން ބައެއް ޖަމްޢިއްޔާތަކުގެ ވާހަކަވެސް ވިދާޅުވެއްޖެ. އެއީ ވަރަށްބޮޑު ތެދުފުޅެއް. ކޮންމެ ރަށެއްގައިވެސް މިކަހަލަ ޖަމްޢިއްޔާތައް އުފެދިފައިވޭ. އެއިން ކޮންމެ ޖަމްޢިއްޔާއަކީވެސް އެރަށެއްގެ ތަރައްޤީއަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރާ ޖަމްޢިއްޔާއެއް. އެހެންވީމާ، އެއިމްސްގެ އިތުރުން، މިރަށުގައި އުފެދިފައިވާ އެހެން ޖަމްޢިއްޔާތަކުންވެސް އެކުރައްވާ މަސައްކަތްތަކަށް އަދި ރައްޔިތުންނަށް ދެއްވާ ޚިދްމަތްތަކަށްޓަކައި، އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އެއިމްސް ޖަމްޢިއްޔާއިން އަލިފުށީގައި މިސްކިތެއް ޢިމާރާތްކޮށްދެއްވިކަން އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ޝައްކެއްނެތް. މިސްކިތަކީ، އިސްލާމީ ޖަމާޢަތެއްގައި ވަރަށް މުހިންމު ތަނެއް. މިސްކިތް ޢިމާރާތް ކުރެވެނީ، ދީނުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ ފަރުޟު ފަސްނަމާދު ޤާއިމުކުރުމަށް ޢިމާރާތް ކުރެވޭ ތަނެއްގެ ގޮތުގައި. އެއީ، މާތްﷲ އަށް ނިސްބަތްވެގެންވާ ގެއެއް. އެހެންވީމާ، އެއީ އަޅުގަނޑުމެން އެންމެންވެސް ވަރަށްބޮޑަށް ޙުރްމަތްތެރިކޮށްހިތަންޖެހޭ ތަނެއް. ކަމޭހިތަންޖެހޭ ތަނެއް.

މިސްކިތަށް، ހުރްމަތްތެރިކޮށްހިތުމުގެ އެންމެ މުހިންމު ބަޔަކީ، ޙަޤީޤަތުގައި މިސްކިތަށް ގޮސް ނަމާދުކުރުން. ހަމަ ރީތި މިސްކިތެއް، ޒަމާނީ ގޮތަށް ޢިމާރާތްކޮށްފައި ދޫކޮށްލުމަކުން، އެ މިސްކިތް އިމާރާތް ކުރުމުގެ މަޤްޞަދު ފުރިހަމަވީކީނޫން. އެމިސްކިތަށް އަޅުގަނޑުމެން، ވީ އެންމެ ގިނައެއްކޮށް ފަރުޟު ފަސްނަމާދު ކުރުމަށް ދިޔުމަކީ، މިސްކިތް ޢިމާރާތް ކުރުމުގެ އެންމެބޮޑު ބޭނުން.

ދެންމެ މިޖަލްސާ ފެށިއިރު، އަޅުގަނޑުމެންނަށް އިވިގެންދިޔަ އާޔަތްތަކުގެ ތެރެއިން އެއްއާޔަތެއްގައިވެސް މާތްﷲ ވަޙީކުރައްވާފައިވޭ. "ހަމަކަށަވަރުން މިސްކިތްތައް، އެބަޔަކު އެތަނަށްގޮސް އުޅުމުން ދިރުވާ ބަޔަކީ، މާތްﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނެވެ. އަދި ޒަކާތްދޭ މީހުންނެވެ. އަދި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރުވެތިނުވާ މީހުންނެވެ. އެބައިމީހުންނަކީ ހިދާޔަތު ލިބިގެންވާ ބަޔަކަށްވުމުގެ އުންމީދު ވަރަށްބޮޑެވެ." އެހެންވީމާ، އެ ބޭނުން އަޅުގަނޑުމެން ފުއްދަން އެބަޖެހޭ.

މި މިސްކިތް ޢިމާރާތް ކުރެއްވުމުގައި، އެއިމްސް ޖަމްޢިއްޔާއިން ވަރަށްބޮޑު ހޭދަތަކެއް ކުރެއްވި ކަމަށް އަޅުގަނޑަށް އެނގިފައި އެބައޮތް. މިސްކިތަށް ބޭނުންވި ޚަރަދުގެ ތެރެއިން 60 އިންސައްތަ، އެޖަމްޢިއްޔާގެ މެންބަރުން ކުރެއްވި އެކިއެކި މަސައްކަތްތަކުން ލިބުނު އާމްދަނީއިން ހަމަޖެއްސެވި ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. ދެން އިތުރަށް ބޭނުންވާ ފައިސާ، ބައެއް އެހެން ފަރާތްފަރާތުގެ ދީލަތި އެހީގައި ލިބިވަޑައިގެންފައިވާ ކަމަށްވޭ. އޭގެތެރޭގައި، ސަރުކާރުގެ ބައެއް ފަރާތްތައްވެސް ހިމެނޭ. އެހެންވީމާ، އެއިމްސް ޖަމްޢިއްޔާގެ މެންބަރުންނަށާއި، އަދި މިސްކިތް ޢިމާރާތް ކުރުމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! އަލިފުށީ ރައްޔިތުންނަކީ، ދީނީ ކަންތައްތަކަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ، ދީނީ ކަންތައްތަކަށް ޙުރްމަތްތެރިކޮށްހިއްތަވާ ބަޔެއްކަން އަޅުގަނޑަށްވަނީ އެނގިފައި. އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އަޅުގަނޑުމެން މުސްލިމުން ވާންޖެހޭނީ ހަމަ ކޮންމެ މީހަކީވެސް ދީނުގެ ޢަޤީދާ ފުރިހަމައަށް ޤަބޫލުކޮށް، ދީނުގެ މާތް އުޞޫލުތަކާ އެއްގޮތަށް ކަންތައްތައް ކުރާ މީހަކަށް. އަޅުގަނޑުމެންގެ މުޅި މަޤްޞަދަކަށްވެސްވާންވާނީ، اللّـه سبحـانـه وتعـالى ދައްކަވާފައިވާ ސާފު ސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދިޔުން. އެހެންވީމާ، މިއީ އަޅުގަނޑުމެން މިކަހަލަ ކޮންމެ މުނާސަބަތެއްގައި އަދި އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމެއް. އަދި އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއްގެ ގޮތުގައި މާތްﷲ ބާވާލައްވާފައިވާ ދީނެއްކަންވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ދީނުގައި އެއްވެސް ދަތި އުނދަގޫ ކަމެއްނެތް. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވަނީ، "މާތްﷲ ދީނުގައި އެއްވެސް ދަތިކަމެއް ލައްވަވާފައެއްނުވެޔޭ. އަދި މާތްﷲ އިރާދަކުރައްވަނީ ލުއި ފަސޭހަ ގޮތޭ. އެކަލާނގެ ދަތި އުނދަގޫ ގޮތެއް އިރާދައެއްނުކުރައްވަޔޭ." ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުންނާއި، އެކަލޭގެފާނު ޢަމަލުކުރެއްވި ގޮތުންވެސް ދީނުގައި ހުރި ލުއިފަސޭހަކަން ވަރަށް ރަނގަޅަށް ހާމަވެގެންދޭ.

އެހެންވީމާ، އަޅުގަނޑުމެންނަކީ ޙަޤީޤީ މުސްލިމުން ކަމަށްވެވޭނީ، އިސްލާމްދީނުގައި މިއޮތް ސާފު ސީދާ ތެދުމަގު، އެ އަންގަވާފައި އޮތް ގޮތުގެ މަތިން ބަލައިގަނެ، އެގޮތަށް ޢަމަލުކޮށްގެން. އެއްވެސް ކަމެއްގައި ހައްދުފަހަނަޅައި ދިޔުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން. ދީނުގައިވެސް އޮތް އެންމެ ރީތި ހަރުދަނާ މާތް އުޞޫލުތަކާ އެއްގޮތަށް ކަންތައް ކުރުމަކީ، އެއީ މާތްﷲ އަޅުގަނޑުމެންނަށް އެކަން ކުރަން އަންގަވާފައިވާ ގޮތަކީ. އެހެންވީމާ، މިއީވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު މިފުރުޞަތުގައި ދަންނަވާލަން.

އާދެ! މިރަށުގައި އަޞްލު ކަނދޮޅުދޫ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ މީހުން މިހާރު ދިރިއުޅެމުން އެބަގެންދޭ. އެއީ ކަނދޮޅުދުއަކީ، އެނގިވަޑައިގަންނަވާނެ ފަދައިން، ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްރަށް. އެކާރިސާގައި މުޅިރަށް އެވަނީ ވީރާނާވެގެން ގޮސްފައި. އެރަށުގެ ރައްޔިތުން މިހާރު މިވަނީ އެހެން ރަށްރަށަށް ބަދަލުކުރެވިފައި. އެގޮތުން، އަލިފުށީގައިވެސް ކަނދޮޅުދޫގެ ވަރަށްގިނަ ބަޔަކު އެބަތިބި. އެހެންވީމާ، އެމީހުންނަށް އަޅުގަނޑުވެސް މިރަށަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔަން. އަދި ކަނދޮޅުދޫ ރައްޔިތުންނަށް، އެ ބެހެއްޓެވި ގާތްކަމާއި އަދި ދެއްވި މެހްމާންދާރީއަށްޓަކައި، އަލިފުށީ ރައްޔިތުންނަށާއި ވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެން އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށްދާ ދިޔުމުގައި، ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް ހުންނާނެ. އެއްމަރްޙަލާއެއް ކަޑައްތު ކުރެވުނީމާ، ދެން ފެންނާނީ ކުރިއަށް އޮތް ތަން. ކުރިއަށް ދިމާވެފައި ހުރި މައްސަލަތައް. އިތުރަށް ޙައްލުކުރަން ބޭނުންވާ ކަންތައްތައް. އިތުރަށް ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް. އެއީ ތަރައްޤީގައި ހަމަ ޠަބީޢީ ކަމެއް. އެގޮތުން، މިރަށަކީ އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ކުރިއެރުންތަކެއް ޙާޞިލުކޮށްފައިވާ ރަށަކަށްވިޔަސް، މިރަށުގެ ރައްޔިތުން އިތުރަށް ބޭނުންފުޅުވާ ބައިވަރު ކަންތައްތައް އެބަހުރި. އަބަދުވެސް ހުންނާނެ. އޭގެތެރެއިން ބައެއް ކަންތައްތަކުގެ ވާހަކަ، ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ.

ހަމައެހެންމެ، އަޅުގަނޑު މިރަށަށް އައިސް، އެތާނގައި އެ މަރްޙަބާގެ ލަވަތައްކީތަން ބަލަން އިން ވަގުތު، މިރަށު ކަތީބު އަލްފާޟިލް ޙުސައިން ޢަފީފް، މިރަށު ކޮމިޓީގެ ފަރާތުން އަޅުގަނޑަށް ސިޓީއެއް ދެއްވި. އެސިޓީގައިވެސް މިރަށު ރައްޔިތުން މިހާރު ބޭނުންފުޅުވާ ކަންތައްތަކުގެ ވާހަކަ ލިޔުއްވާފައި އެބަހުރި. އޭގެތެރޭގައި، ބޭންކެއްގެ ޚިދްމަތް ލިބުމާއި، އަދި ކަރަންޓުގެ ކަންތަކާއި، ރަށް ޕްލޭން ކުރުމާއި، މިހެންގޮސް މިރަށު ރައްޔިތުން މިހާރު އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ކަންތައްތަކުގެ ވާހަކަ، އެސިޓީގައިވެސް ލިޔުއްވާފައި އެބަހުރި. އަދި ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައިވެސް އެވާހަކަ ވިދާޅުވެއްޖެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހުރިހާ ކަމަކީވެސް ސަރުކާރުގެ ވިސްނުމުގައި ހުންނާނެ ކަންތައްތަކެކޭ. ރާއްޖޭގައި ވަރަށްގިނަ ރަށްރަށް ހުރުމާ އެކީގައި، އަދި ވަރަށްގިނަ ރަށްރަށަށް މިހުރިހާ ޚިދްމަތްތަކެއް ބޭނުންވާތީ، އަދި ދިވެހިރާއްޖެއަކީ ވަސީލަތްތައް މަދު، ވަރަށް ކުޑަކުޑަ ޤައުމަކަށްވެފައި، ސަރުކާރުގެ ބަޖެޓަކީވެސް އަޅުގަނޑުމެން ބޭނުންވާހާ ގޮތަކަށް، ބޭނުންވާހާ ކަންކަމަށް ފައިސާ ޚަރަދު ކުރަން ހަމަޖެހިފައި އޮންނަ ބަޖެޓަކަށް ނުވާތީއާ އެކީގައި، އަޅުގަނޑުމެން ބޭނުންވާހާ ހަލުވިކޮށް ހުރިހާ ކަމެއް ނުކުރެވޭ. އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް.

މިހާރުވެސް މިރަށު ރައްޔިތުން އެދިވަޑައިގަންނަވާކަހަލަ ކަންތައްތައް، ވަރަށްގިނަ ރަށްރަށަށް ކޮށްދެމުން އެބަގެންދެވޭ. ބޭންކުގެ ޚިދްމަތަކީ ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ލިބޭނެ ޚިދްމަތެއް. އެހެން ނަމަވެސް، މިރަށަށް ދިމާވެފައި އޮތް ގޮތަކީ، ބޭންކް ހުންނަނީ އުނގޫފާރުގައި ކަމަށްވެފައި، އެހިސާބަށް ދަތުރުކޮށްފައި ދިޔުމަކީ، މިރަށު މީހުންނަށް ފަސޭހަ ކަމަކަށްނުވަނީ. ވަރަށްދިގު ރާސްތާއެއް. އަނެއްކާ ވަރަށްގިނަ ޚަރަދު، އެދަތުރަށް ހިނގާނެ. އެހެންވީމާ، މިރަށުގެ ރައްޔިތުންގެ ބޭނުންފުޅަކީވެސް ހަމަ ޙަޤީޤީ ރަނގަޅު ބޭނުމެއް.

ދެން ހުރި އެހެން ކަންތައްތައްވެސް، މިސާލަކަށް، ކަރަންޓް. ސަރުކާރުގެ ފަރާތުން ކަރަންޓުގެ ޚިދްމަތްދޭ ފަރާތަކީ ސްޓެލްކޯ. އެއީ ވިޔަފާރި ކުންފުންޏެއް. ވިޔަފާރި ކުންފުންޏަކުން މަސައްކަތް ކުރަން ޖެހޭނީ، އެ ވިޔަފާރިއަށް ގެއްލުމެއްނުވާ ގޮތެއް ބަލައިގެން. ގެއްލުންވާ ވިޔަފާރިއަކީ ދެމެހެއްޓެނިވި ވިޔަފާރިއެއް ނޫން. މިފްކޯގެ މި ބޯޓުޔާޑަށްވެސް ވެގެން މިދިޔައީ އެހެން ނޫންތޯ. ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރަށް ނުހިންގިގެން ވިއްކާލަން ޖެހުނީ. ގެއްލުމެއްގައި ހިންގުމަކީ މާނައެއް އޮތް ކަމަކަށްނުވާތީ.

ސްޓެލްކޯއިންވެސް ބައްލަވަނީ، ސްޓެލްކޯއަށް ގެއްލުމެއް ނުވާ ގޮތުގެ މަތިން، ކަރަންޓުގެ ޚިދްމަތް ދެއްވޭނީ ކިހިނެއްތޯ! އެހެންވީމާ، ވާގޮތަކީ މާލެއަކީ ވަރަށް އާބާދީ ބޮޑު ރަށަކަށްވާތީ، އަދި ވަރަށްގިނަ ކޮންސިއުމަރުން، ކަރަންޓުގެ ޚިދްމަތް ބޭނުންކުރާ މީހުންގެ ޢަދަދުގެ ބޮޑުކަމުން، އެމީހުންގެ އަތުން ކުޑަ ފީއެއް ނެގިޔަސް، ޚަރަދު ދެކޮޅުޖެހޭ. ސްޓެލްކޯއަކަށް އެކަމަކުން ގެއްލުމެއްނުވޭ. އެކަމަކު ސްޓެލްކޯއިން އަތޮޅުތަކުގައި، އެހެން ރަށްރަށުގައި މި ހިންގާ ކަރަންޓުން ވަނީކީ އެހެނެއް ނޫން. ރަށްރަށުގެ އާބާދީ މަދީ. ކުޑައީ. އެހެން ނަމަވެސް، އިންވެސްޓް ކުރައްވަންޖެހޭ ފައިސާ، އިންޖީނު ހޯދާށާއި، ކޭބަލް އެޅުމަށާއި، އިންޖީނުގެ ހެދުމަށާއި، މިހެންގޮސް، އެ ކުރަންޖެހޭ ޚަރަދުތައް ގިނަކަމުން، މާލޭ މީހުންނަށް ކަރަންޓް ދޫކުރާ ފީއަށް، އެވަރަށް އަތޮޅުތަކުގައި ކަރަންޓް ދޫކޮށްގެން ސްޓެލްކޯއަށްވަނީ ގެއްލުން. އެއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ތަންކޮޅަކީ.

ޙަޤީޤަތުގައި ސަރުކާރުން ބޭނުމެއް ނުވާނެ، ވަކިބަޔަކަށް ވަކި ޚިދްމަތެއް، ވަކިފެންވަރެއްގައި ދީފައި، އަނެއްބަޔަކަށް ނުދޭކަށެއް. ސަރުކާރުން ބޭނުންވާނީ ހުރިހާ ދިވެހި ރައްޔިތުންނަށް އެއްވަރަކަށް ޚިދްމަތްދޭން. އެހެންނަމަވެސް، ވިޔަފާރިއާބެހޭ ކަންތައްތަކަކީ، މިދެންނެވި އުޞޫލުން ހުންނަ ކަންތައްތަކެއް ކަމަށްވާތީ، އެކަމުގައި ދަތިތަކެއް އުޅެނީ.

މިހެން ދެންނެވި ނަމަވެސް، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން، ލުއިފަސޭހަ ގޮތެއްގައި ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް ކަރަންޓްގެ ޚިދްމަތް ލިބިދެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. އެގޮތުން، އަޅުގަނޑުމެންގެ ހަކަތައާއި، ފެނާއި، އަދި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން އަތޮޅުތަކާއި ރަށްރަށުގެ ރައްޔިތުންގެ ކަރަންޓްގެ ޚިދްމަތްތަކަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭތޯ ވަރަށް ބޮޑަށް ބައްލަވަމުން އެބަގެންދަވާ. ތަފާތު ގޮތްގޮތުން އެހީތެރިވެދެއްވާ. ބައެއް ތަންތަނަށް އިންޖީނު ދެއްވާ. އަނެއްބައި ތަންތަނަށް ފައިސާ ދެއްވާ. އެހެންގޮސް ވަރަށްގިނަ އެހީތަކެއް އެފަރާތުން ވެދެއްވާ. އަދި ކުރިން ދެންނެވި އުޞޫލުން ސްޓެލްކޯ ކަރަންޓުން ގެއްލުމެއްނުވެ ހިންގޭކަހަލަ ރަށެއްވިއްޔާ، އެތަނަށް ސްޓެލްކޯ ކަރަންޓް ގެންދެވޭތޯވެސް މަސައްކަތް ކުރައްވާ.

އެހެންވީމާ، ދަންނަވާލަން މި އުޅުނު ވާހަކައަކީ، މިއީ މިރަށުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވަންޖެހޭނެ މަޢްލޫމާތުތަކެކޭ. އެހެން ނަމަވެސް، މިހުރިހާ ކަމަކީވެސް ހަމަ ހުރިހާ ރަށަކަށްވެސް ބޭނުންވާ ކަންތައްތައްވީމާ، ސަރުކާރުން ކަންތައްތައް ކުރަންޖެހެނީ، ހަމަޖެހޭ، އެންމެންނަށްވެސް ގަބޫލުކުރެވޭ ވަކި އުޞޫލަކުން. އެހެންވީމާ، އެގޮތުން އިރާދަކުރެއްވިއްޔާ، ތިޔަ ވިދާޅުވި ކަންތަކުގެ މަތިންވެސް ސަރުކާރުން ޢަމަލުކުރަމުން ގެންދާނެޔޭ. އަދި އަޅުގަނޑު މާލެގޮސް، އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި ދާއިރާތަކަށް، ތިޔަބޭފުޅުން މިބޭނުންފުޅުވާ ކަންތައްތަކުގެ ވާހަކަ ދަންނަވާނަން. މިސިޓީވެސް ރައްދުކުރާނަން. އޭރުން އެފަރާތްތަކުން އިރާދަކުރެއްވިއްޔާ އެކަމާ ދޭތެރޭގައި ވިސްނަވާފައި، ކަންތައްތައް ކޮށްދެއްވެން އޮތް ގޮތަކަށް ކުރިއަށް ގެންގޮސްދެއްވާނެ.

އާދެ! މިހާރުވެސް އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެއްޖެކަންނޭނގެ. އެހެންނަމަވެސް، މިރަށަށް އައުމުން، އަޅުގަނޑަށް ލިބުނު އުފަލުގެ ބޮޑުކަމުންނާއި، ތިޔަބޭފުޅުން ތިޔަ ވިދާޅުވި މަރްޙަބާގެ ސަބަބުން ތަންކޮޅެއް ދިގުކޮށް ވާހަކަ ދައްކަން އަޅުގަނޑަށް ޖެހުނީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީވެސް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމުން. އަދި ތިޔަބޭފުޅުން ސަރުކާރާ ދޭތެރޭގައި ތިޔަ ދެކިވަޑައިގަންނަވާ ރަނގަޅު ގޮތާއި، ސަރުކާރަށް ތިޔަ ކުރައްވާ ތާއީދުވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ހިތަކާއިގެން ބަލައިގެން، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަމުން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަށް ފައިދާހުރި މަގުތައް ކޮށްޓަވައިދެއްވުން. މަގުތައް ދެއްކެވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންގެ ގޮތުގައި އަބަދުމެ ތިބޭ ބަޔަކު ކަމުގައި ލައްވައި، އެކަލާނގެ ހިދާޔަތުގައި ވަރުގަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި ލެއްވުން. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި، އަދި ރައްޔިތުންގެ ތެރެއިން އެކިއެކި އިޤްތިޞާދީ، އިޖްތިމާޢީ ޚިދްމަތްތައް ކޮށްދެއްވާ ފަރާތްތަކާ، މި ހުރިހާ ފަރާތަކުން އެކުރަމުން ގެންދާ މަސައްކަތްތަކުގެ ފައިދާ، ދިވެހި ރައްޔިތުންނަށް އަވަސް މަގަކުން އެކަލާނގެ ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.