بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އަޅުގަނޑު ނިލަންދެއަތޮޅު ދެކުނުބުރިއަށް މިކުރާ ދަތުރުގައި، މިއަދު އެންމެ ފުރަތަމަ މިއައީ، ތިޔަބޭފުޅުންގެ މިލޮބުވެތި ރަށަށް، މާއެނބޫދުއަށް. މާއެނބޫދުއަށް އަޅުގަނޑު އައުމުން، މިރަށުގެ ވެރިންނާއި ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ވިދާޅުވި ވަރަށް ހޫނު ވަރަށް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! މާއެނބޫދޫ ރައްޔިތުންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ހުރީ ދިވެހި ދިދައެއް ހިފައިގެން. ބޮޑެތި މީހުންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި ފިރިހެނުންނާ އެންމެން، ދިވެހި ދިދަ ހިފައިގެން ތިބިތަން ފެނުން އެއީ އަޅުގަނޑު ވަރަށް އުފާކުރި ކަމެއް. ޝައްކެއްނެތް. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ ދިވެހި ޖައްވުގައި، ދިވެހިރާއްޖޭގައި، ދިވެހި ސިޔާދަތުގެ ދަށުގައި ދިރިއުޅެމުގެންދާ ބަޔެއް. މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެބޮޑު ނިޢުމަތަކީ މާތްވެގެންވާ އިސްލާމްދީނުގެ ނިޢުމަތް. އެއަށްފަހު އަޅުގަނޑުމެންނަކީ މިނިވަން ޤައުމަކަށްވީ ކަމުގެ ނިޢުމަތް. އެހެންވީމާ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ދިވެހި ދިދައަކީ، އަޅުގަނޑުމެން އެންމެން ވަރަށް ޤަދަރުކުރަންޖެހޭ، ވަރަށް އިޙްތިރާމް ކުރަންޖެހޭ އެއްޗެއް. އެކަން މާއެނބޫދޫ ރައްޔިތުން މިއަދު ސާބިތުކޮށްދެއްވީތީ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ހަމައެފަދައިން މާއެނބޫދޫ ރައްޔިތުން ވިދާޅުވި މަރްޙަބާގެ ތެރޭގައި، ވަރަށް ރީތި ލަވައެއްވެސް އިވިގެންދިޔަ. އެހެންކަމުން، އެލަވަ ހެއްދެވި ބޭފުޅަކަށާއި، ފަރިތަކޮށްދެއްވި ބޭފުޅަކަށާއި، އަދި އެ ލަވަ އަޅުގަނޑުމެންނަށް ދައްކައިދިން ހުރިހާ ކުދިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މިއީ އަޅުގަނޑު މާއެނބޫދުއަށް ކުރާ ހަތަރުވަނަ ދަތުރު. މިރަށަށް އެންމެފަހުން އަޅުގަނޑު އައީ، ނުރަސްމީ ދަތުރެއްގައި. އެއީ، 1999 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު. މާއެނބޫދުއަކީ ތަރައްޤީއަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރައްވާ ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. ރަށުގެ ރައްޔިތުން ކުރައްވާ މައިގަނޑު އެންމެ މުހިންމު މަސައްކަތަކީ މަސްވެރިކަން. އާދެ! މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ތަނބު. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މަސްވެރިކަމުން މިރަށަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބެމުންދޭ. ޚާއްޞަކޮށް، ބޮޑުކަންނެލީގެ މަސްވެރިކަމަކީ، މިއަތޮޅުގެ އެހެން ރަށްރަށެކޭ އެއްފަދައިން، މިރަށުގެ ރައްޔިތުންވެސް ކުރައްވާ ވަރަށް ފައިދާހުރި މަސައްކަތަކަށް މިހާރުވަނީ ވެފައި.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާއެނބޫދުއަކީ، އިޖްތިމާޢީ ރޫޙު ވަރުގަދަ، ޒުވާނުންގެ ޖޯޝްވެސް ވަރަށްގަދަ ރަށެއް. އަދި މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މާއެނބޫދޫގައި ވަނީ ތަރައްޤީގެ މަޝްރޫޢުތަކެއް ސަރުކާރުން ހިންގާފައި. އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ދަނީ ހިނގަމުން. ހުސްވި އަހަރުގެ ތެރޭގައި ހިންގި މަޝްރޫޢުތަކުގެ ތެރޭގައި، ޞިއްޙީ މަރްކަޒު އިމާރާތްކޮށް ނިމުން ހިމެނޭ. ސްކޫލްގެ ކޮމްޕިއުޓަރ ލެބާއި ލައިބްރަރީ، ޕްރީސްކޫލްގެ ދެ ކްލާސްރޫމް ހެދުން، އަދި ކުނިކޮށި އިމާރާތް ކުރުން ހިމެނޭ.

ރަށުގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކުގައި، މި ރަށުގެ ރައްޔިތުން ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވާކަން އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. މި ރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި، ކަރަންޓް ވިއުގަ އަލުން ޤާއިމުކުރުމުގެ މަސައްކަތް، އޭ.ޑީ.ބީ.ގެ އެހީގައި ސަރުކާރުން ހިންގަން މިހާރުވަނީ ހަމަޖެހިފައި. އަދި މި މަސައްކަތް ފެށުމަށް މިހާރުވަނީ ބިންވެސް ޙަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިމުމުން، މިރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ޙައްލުވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

މާއެނބޫދުއަކީވެސް ރާއްޖޭގެ ވަރަށްގިނަ ރަށްތަކެކޭ އެއްފަދައިން، ރަށް ގިރުމުގެ ނުރައްކާ ކުރިމަތިވެފައިވާ ރަށެއް. މިއީ ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދިމާވެފައިވާ މައްސަލައެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މިކަން މިހާރު އިތުރު ނުރައްކާތެރި ހިސާބަކަށް މިދަނީ، މުޅި ދުނިޔޭގެ ތިމާވެށްޓަށް މި އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން. ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ، ތިޔަބޭފުޅުން ވަރަށް ރަނގަޅަށް އައްސަވާނެ. އެކަމުގެ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުން.

ރާއްޖެއަށް ދިމާވެފައިވާ އަދި ދިމާވަމުންދާ އަދި ދިމާވެދާނެ ކަމަށް ބެލޭ ތިމާވެށީގެ މައްސަލަތައް، ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާތާ މިހާރު 20 އަހަރަށްވުރެ ގިނަދުވަސްވެއްޖެ. އެންމެ ފުރަތަމަ އަޅުގަނޑު މި މަސައްކަތް ފެށީ ކޮމަންވެލްތުގެ އިސްވެރިންގެ ޖަލްސާގައި. އާދެ! އެއީ 1987 ވަނަ އަހަރު އޮކްޓޯބަރ މަހު ކެނެޑާގެ ވެންކޫވަރގައި އޮތް ޖަލްސާގައި. ދިވެހި ސަރުކާރުން މި މަސައްކަތް ފެށިތާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ބަރާބަރު 20 އަހަރު ފުރިހަމަވީ.

އަޅުގަނޑުމެން މި މަސައްކަތް ފެށިއިރު، ދުނިޔޭގެ ތިމާވެށްޓަށް މި އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޖައްވު ހޫނުވުމާއި، އޭގެ ސަބަބުން ކަނޑުގެ ލޮނގަނޑު އުފުލުމާ، މިކަންކަމަކީ ދުނިޔޭގެ ގިނަ ބަޔަކަށް އެނގޭ ކަމެއް ނޫން. ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރިންވެސް މިކަން ރަނގަޅަށް ބައްލަވާފައެއް އޭރަކު ނެތް. ދިވެހިރާއްޖެއިން އެ މަސައްކަތް ފެށީމާ، އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެ. އަޅުގަނޑުމެންނަކީ ވަސީލަތްތައް މަދު ކިތަންމެ ކުޑަކުޑަ ޤައުމަކަށްވިޔަސް، އަޅުގަނޑުމެންނަށް ދިމާވެފައި މިވާ ބޮޑު ނުރައްކަލުގެ ވާހަކަ، ބައިނަލްއަޤްވާމީ މައިދާނުގައި ދެއްކުމަކީ، ދިވެހި ސަރުކާރުން ދުށްގޮތުގައި، ދިވެހި ރައްޔިތުންގެ ޙައްޤުގައި ސަރުކާރުން ކުރަންޖެހޭނެ ކަމެއް.

އެހެންވީމާ، ހަމައެކަނި އަޅުގަނޑެއް ނޫން. ސަރުކާރުގެ ހުރިހާ ދާއިރާތަކަކުން ބައިނަލްއަޤްވާމީ މައިދާނުގައި މި މަސައްކަތްވަނީ ކުރައްވާފައި. އޭގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގައި މިކަމާ ބެހޭގޮތުން ޙައްލު ހޯދުމުގެ މަސައްކަތްތަކެއް ވަނީ މިހާރު ކުރަން ފަށާފައި. އާދެ! ކިޔޯޓޯ ޕްރޮޓޮކޯލްގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އެ ޕްރޮޓޮކޯލާ ހަމައަށް ދެވުނީވެސް، މިކަން ދުނިޔޭގެ ސަމާލުކަމަށް ކުދި ޤައުމުތަކުން ގެނައުމުގެ ނަތީޖާއެއްގެ ގޮތުން. އަދި އެންމެފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އިންޑޮނީޝިޔާގެ ބާލީގައި މި ބޭއްވުނު ޖަލްސާއަކީ، އ.ދ. މަޖިލީހުން އިންތިޒާމު ކޮށްގެން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ބޭއްވި ޖަލްސާއެއް. އެ ޖަލްސާގެ މުހިންމުކަމުން، އަދި ދިވެހިރާއްޖެއަކީ އެންމެ ކުރިއްސުރެ މިކަމުގެ އަޑު އުފުލާ ޤައުމަށްވާތީ، އަޅުގަނޑު އެ ޖަލްސާގައި ބައިވެރިވެ ތަޤްރީރު ކުރިން. އަދި މިހާރު މި ހިނގާ ކިޔޯޓޯ ޕްރޮޓޮކޯލް ނިމުމުން، ކުރިއަށް އޮތް އަހަރުތަކުގައި ކަންތައްތައް ގެންދާނެ ގޮތުގެ މަގުޗާޓެއް ވަނީ އެ ޖަލްސާއިން އެކުލަވާލާފައި. އެހެންވީމާ، މިމަސައްކަތް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ ވާހަކަ ދަންނަވާލުމަކީ، ތިޔަބޭފުޅުންވެސް ބޭނުންފުޅުވެދާނެ ކަމެއް ކަމަށް ހީވާތީ އެ ވާހަކަ މި ދަންނަވާލީ.

އާދެ! ތިމާވެށީގެ މި މައްސަލަތަކުގެ އިތުރުން، ސުނާމީ ކަހަލަ ކަންތައްތަކަކީ، އެއްގޮތަކަށްވެސް ވާނުވާއެއް ނޭނގި، އަންނާނެ ނާންނާނެއިރެއް ނޭނގި ދިމާވާ ކަމެއް. 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީވެސް އެފަދަ ކާރިސާއެއް. މީގެކުރިން ދުވަހަކުވެސް ރާއްޖެއަށް އެފަދަ ކަމެއް ދިމާވި ކަމެއް ތާރީޚަކުން އެނގޭކަށް ނެތް. އެއީ ދުރު ތަނެއްގައި ބިންހެލުމުގެ ހާދިސާއެއް ހިނގައިގެން، އޭގެ ސަބަބުން އުފެދުނު ބޮޑެތި ބިޔަ ރާޅުތަކެއް، އެތައް ހާސް މޭލެއް ކަޑައްތު ކޮށްފައި، ރާއްޖެއަށް އައި އައުން އެއީ، މީގެކުރިން އެކަން އެގޮތަށް ހިނގާފައިވާކަން، އަޅުގަނޑު ބެލި ބެލުމުން އެނގެން ނެތް ކަމެއް. ކުއްލިއަކަށް އަޅުގަނޑުމެންނަށް މިކަން މިދިމާވީ.

ސުނާމީ ކާރިސާއިން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު. ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު. ބޮޑެތި ގެއްލުންތައް ލިބުނު ރަށްތަކުގެ ތެރޭގައި މާއެނބޫދޫވެސް ހިމެނޭ. ދެންމެ ކަތީބު އަލްފާޟިލް ޒަކަރިއްޔާ މުފީދު އެ ވިދާޅުވި ފަދައިން، މިރަށުގެ 144 ގެޔަކަށްވަނީ، މީގެ އަސަރުކޮށްފައި. މަރާމާތުކުރަން ޖެހިފައި. އަދި އިތުރު 6 ގެ ވަނީ އަލުން އިމާރާތްކުރާ ހިސާބަށް ހަލާކުވެގެން ވީރާނާވެގެން ގޮސްފައި. އެ މަސައްކަތް ހިނގާދިޔަ ގޮތުގެ ވާހަކަ އޭނާ ވިދާޅުވި. މިހާރު ދިމާވެގެން އުޅޭ ދަތިތަކުގެ ވާހަކަވެސް ވިދާޅުވި. މިފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް މި ޖެހެނީ ބޭރުގެ އެހީ ހޯދަން. އެއީ ރާއްޖެއަކީ ވަސީލަތްތައް މަދު، ވަރަށް ކުޑަކުޑަ ޤައުމަކަށްވާތީ، މިވަރުގެ ބޮޑެތި ކަންތައްތައް ފޫބެއްދުމަށް ޚަރަދުކުރާނެ ފައިސާ ސަރުކާރަކު ނުހުރޭ. ނުވެސް ހުންނާނެ.

ތިޔަބޭފުޅުންނަށްވެސް އިވިވަޑައިގެންފައިކަންނޭނގެ އޮންނާނީ، އަޅުގަނޑުމެންނަށް މިލިބުނު ގެއްލުން، އެއީ ޓޫރިސްޓް ރިޒޯޓުތަކަށް ލިބުނު ގެއްލުން އެއްކިބާގައި ބާއްވާފައި، އެހެން ކަންކަމަށް ލިބުނު ގެއްލުން، ދިވެހި ސަރުކާރާއި އަދި ބައިނަލްއަޤްވާމީ ޖަމާޢަތަކާއި ވާރލްޑް ބޭންކާ ގުޅިގެން ބެލިއިރު، އެ ގެއްލުމުގެ ޢަދަދު، 372 މިލިޔަން އެމެރިކާ ޑޮލަރަށް އަރާ. އެއީ ރާއްޖޭގެ ނިސްބަތުގައި ވަރަށްބޮޑު އެއްޗެއް. ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 62 އިންސައްތަ، އެންމެ ބައިގަޑިއިރުގެ ތެރޭގައި ނުވަތަ ގަޑިއެއްގެއިރުތެރޭގައި ހަލާކުވެގެންދިޔައީ. މިވަރުގެ ބޮޑު ގެއްލުމެއް ފޫބެއްދުމަށް، ސަރުކާރުން ޚަރަދުކުރާނެ ފައިސާއެއް ނުހުންނާނެކަން އެނގިވަޑައިގަންނަވާނެ. ކޮންމެ އަހަރަކަށްވެސް ބަޖެޓު މި ހަދަނީ ހަމަ ކިރިޔާ އެ އަހަރަކަށް ފުދޭވަރަށް. ނުވަތަ ސަރުކާރުގެ ތަނަވަސްކަން ހުރި މިންވަރަކުން ކުރެވެން އޮތް މިންވަރަކަށް.

އެހެންވީމާ، އަޅުގަނޑުމެންނަށް ޖެހުނީ ބޭރުގެ އެހީ ހޯދަން. ބޭރުގެ އެހީ ހޯދިއިރު، އެކި ޖަމާޢަތްތަކުން އެހީ މި ދެއްވަނީ އެކިގޮތަށް. އޭގެތެރޭގައި، ޔޫ.އެން.ޑީ.ޕީ.ގެ އެހީއާއި، އައި.އެފް.އާރު.ސީ.ގެ އެހީއާއި، އަދި އެހެން ރެޑްކްރޮސްތަކުގެ އެހީއާއި، އެހެން ޖަމާޢަތްތަކާއި ޤައުމުތަކުގެ އެހީ ހިމެނޭ. އެހީދޭ ކޮންމެ ފަރާތަކުންވެސް އެހީ ދެނީ، އެމީހުން ގަބޫލުކުރާ ވަކި އުސޫލެއްގެ މަތިން. އެހެންވީމާ، އެ ތަފާތުވެސް ފެންނާނެ. މި ދެންނެވީ މިހާރު ފަރަންސޭސި ރެޑްކްރޮސްއިން އެހީދޭ ގޮތާއި، އަދި އައި.އެފް.އާރު.ސީ.އިން ދޭ ގޮތާއި، ނުވަތަ ކެނޭޑިއަން ރެޑްކްރޮސްއިން ދޭގޮތާ މުޅިން ތަފާތު. އެމީހުން އައިސް، ބަލާފައި، އެކި ރަށްރަށަށް އެމީހުން އެހީ އެ ހަމަޖައްސަނީ.

އެހެންވީމާ، ދިމާވާ މައްސަލައަކީ އެގޮތުން ދިމާވާ މައްސަލަ. އެ ވިދާޅުވިހެން އޭރު ބަލާފައި، ގޭގެ މަރާމާތު ކުރަން ބޭނުންވާ ޢަދަދަށް ފައިސާ ޙަވާލުކުރިއިރު، ފަހުން މިއޮތީ ތަކެތީގެ އަގު ބޮޑުވެފައި. އެ ޙަވާލުކުރި ފައިސާއިން މިއޮތީ އެކަންތައް ނުވެފައި. ބޭރުގެ އެހީ ލިބޭ ކަންތައްތަކުގައި މިހެން ދިމާވާނެ. ދެން އަޅުގަނޑުމެންނަށް ޖެހޭނީ، އެ މައްސަލައެއް ޙައްލު ކުރެވެން އޮތް ގޮތެއް ބަލައިގެން ޙައްލުކުރަން. އެހެންވީމާ، އޭނަ އެ ވިދާޅުވި ކަންތައްތައް އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގައި އަޅުގަނޑު ދަންނަވާނަން. ދަންނަވައިގެން ޙައްލެއް ފެނޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނަން.

އާދެ! މި ރަށުގެ ރައްޔިތުންވެސް، ސަރުކާރަށް މި ދިމާވާ ދަތި ރަނގަޅަށް އިޙްސާސް ކުރައްވަންޖެހޭނެ. ސުނާމީ ކާރިސާގައި އެންމެބޮޑު ގެއްލުން ލިބުނު އެއް ރަށަކީ، މާއެނބޫދޫ ކަމަށްވިޔަސް، މިއަށްވުރެ ބޮޑެތި ގެއްލުން ލިބުނު ރަށްތައްވެސް އެބަހުރި. އަދި މިވަރަށް ގެއްލުން ލިބުނު ބައިވަރު ރަށްތައްވެސް އެބަހުރި. އެ ހުރިހާ ރަށަކަށްވެސް ސަރުކާރުން ހަމަ ކަންތައްތައް ކޮށްދޭންޖެހޭނެ. ހަމަ ބޭރުގެ އެހީ ހޯދައިގެން އަދި ސަރުކާރުގެ ބަޖެޓުންނާއި، ބޭރުގެ އެހީއިން އެކަންކަން ކުރަމުން މިގެންދަނީ، އެހެންވީމާ، މިކަންކަން ޙައްލުކުރުމުގައި ދިމާވާނެ ދަތިތަކާއި، ވަގުތު ބޭނުންވާނެވަރާ، މިހުރިހާ ކަމެއް، މިރަށުގެ ރައްޔިތުންވެސް ވަރަށް ރަނގަޅަށް އިޙްސާސް ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ! މާއެނބޫދޫ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރު، މާއެނބޫދުއަށް އެބޭފުޅެއްގެ އަމިއްލަފުޅު ޚަރަދުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން ގެންދަވާ މިރަށުގެ ޢިއްޒަތްތެރި ދަރިއެއްގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އެބޭފުޅަކީ ހެންވޭރު ހިކަރި އަލްފާޟިލް އަޙްމަދު އާދަމް. ރަށުގެ ކަރަންޓުގެ ޚިދްމަތް، އޭނާ އަމިއްލަފުޅު ޚަރަދުގައި 1982 ވަނަ އަހަރު ފަށްޓަވައިދެއްވި. އަދި ކަރަންޓުގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމުގައިވެސް ވަރަށްގިނަ އެހީތަކެއްވަނީ ވެދެއްވާފައި. ރަށުގެ ހުކުރު މިސްކިތް ބާވެފައިވާތީ، 1996 ވަނަ އަހަރު، ރަނގަޅު ފެންވަރަކަށް އެމިސްކިތް، އޭނާވަނީ ހައްދަވައިދެއްވާފައި. އަދި މި ރަށުގެ ކުޑަމިސްކިތް، އޭނާގެ އަމިއްލަ ޚަރަދުގައި މަރާމާތު ކުރައްވައި ބޮޑުކުރެއްވުމުގެ މަސައްކަތް، ދާދި އިހަކަށްދުވަހަކު، އާދެ! މި ހުސްވި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ފަށްޓަވައިގެން މިހާރު ކުރިއަށް އެބަގެންދަވާ. އެހެންވީމާ، އަލްފާޟިލް އަޙްމަދު އާދަމް ވަރަށް އިޚްލާޞްތެރިކަމާއެކު، އެ ކޮށްދެއްވާ ގިނަގުނަ މަސައްކަތްތަކުގެ އަގު ވަޒަންކުރަމުން، މިފުރުޞަތުގައި އޭނާއަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އަލްފާޟިލް އަޙްމަދު އާދަމްގެ އިތުރުން، މި ރަށުގެ ތަރައްޤީއަށް އެކިއެކި ޚިދްމަތްތައް ކޮށްދެއްވާ ބޭފުޅުންވެސް އެބަތިއްބެވި. އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މި ފުރުޞަތުގައި ޝުކުރު ދަންނަވަން. ހަމައެޔާއެކު، މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު މިރަށަށް ވަރަށްގިނަ ކަންތައްތަކެއް ވަނީ ކޮށްދެއްވާފައި. އެހެންވީމާ، އެކަމަށްޓަކައި މިއަތޮޅުގެ ޢިއްޒަތްތެރި މެންބަރަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ސަރުކާރުންދޭ ޢާންމު ޚިދްމަތުގެ އިނާމު ލިބިވަޑައިގެންފައިވާ މި ރަށުގެ ދެ ބޭފުޅެއްގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއް ބޭފުޅަކީ، ރީތިކޮށް ޤުރްއާން ކިޔެވުމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1981 ވަނަ އަހަރު ލިބިވަޑައިގެންނެވި އަލްޤާރީ ޢަބްދުލްޙަމީދު މޫސާ. އޭނާ ވަޒީފާ އަދާކުރައްވަނީ އަޅުގަނޑުގެ އޮފީހުގައި. އޭނާގެ ޤުރްއާން ކިޔަވާ ވިދާޅުވުން މިހާރުވެސް އެކި ޖަލްސާތަކުން އަޅުގަނޑުމެންނަށް އިވެމުންދޭ. އަނެއް ބޭފުޅަކީ، މުނިފޫހިފިލުވުމުގެ ދާއިރާއިން ފިލްމު އުފެއްދުމާއި ޑައިރެކްޓް ކުރުމުގެ ރޮނގުން 2005 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި މިރަށު މުޝްތަރީގޭ އަލްފާޟިލް އަޙްމަދު ޢާމިރު. އޭނާ މި ޖަލްސާގައި އެބަ އިންނެވި. އެހެންކަމުން، މި ދެ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، މުބާރަކްބާދީ އަދާކުރަން.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން އަދިވެސް އެއް ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ ވަރަށް މުހިންމު ވާހަކައެއް. އެ ވާހަކައަކީ ސަރުކާރުން މި ހިންގާ އިޞްލާޙީ ޕްރޮގްރާމްގެ ވާހަކަ. ދެންމެ ކަތީބުގެ ވާހަކަފުޅުގައިވެސް އެކަމަށް އިޝާރާތް ކުރައްވައިފި. ސަރުކާރުން މި ހިންގާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމަކީ، 2004 ވަނަ އަހަރުން ފެށިގެން ހިންގަމުން ގެންދާ ޕްރޮގްރާމެއް. މަޤްޞަދަކީ ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ތަޢާރުފު ކުރުން.

ރާއްޖެއަކީ މިހާރުވެސް ޑިމޮކްރަސީއެއް. މިހާރުވެސް އިންތިޚާބު ކުރެވޭ ވެރިކަމެއް ޤާއިމުވެފައިވާ ތަނެއް. 1932 ވަނަ އަހަރުން ފެށިގެން ރާއްޖެއަކީ ޑިމޮކްރަސީއެއް. ފުރަތަމަ ޤާނޫނުއަސާސީ އިޢުލާނު ކުރެވި، ރައްޔިތުންގެ މަޖިލީހެއް އުފެދި، އެގޮތުގެ މަތިން ހިނގަމުން މިދަނީ. އެ ޤާނޫނުއަސާސީ އުވުނު ކަމުގައިވިޔަސް އަދި އޭގެފަހުން އިތުރު ޤާނޫނުއަސާސީތަކެއް އައި ކަމުގައިވިޔަސް، ހަމަ ދިވެހިރާއްޖެ މިހާތަނަށް ހިނގަމުން އައިސްފައި މިވަނީ ޑިމޮކްރަސީއެއްގެ ގޮތުގައި. އެހެންނަމަވެސް، ޑިމޮކްރަސީގައިވެސް ތަފާތު ގޮތްގޮތަށް އިންތިޒާމުތައް ރޭވިފައި ހުރޭ.

އެހެންވީމާ، މިހާރު އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ، މިޒަމާނުގެ ގޮތަށް، ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެއަށް ތަޢާރުފު ކުރުމަށް. އެ މަސައްކަތް މިހާރު ކުރަމުން މިގެންދަނީ. އޭގެތެރެއިން ވަރަށްގިނަ ކަންތައްތައް ވަނީ ޙާޞިލުވެފައި. ރާއްޖޭގައި ތަފާތު ގިނަ ސިޔާސީ ޕާޓީތައް އުފެދުން. މިހާރު ރާއްޖޭގައި ރަޖިސްޓްރީ ވެގެން ހިނގާ ސިޔާސީ 7 ޕާޓީ އެބައޮތް. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް މިއޮތީ ވަރަށް ފުޅާ ދާއިރާއެއްގައި ހުޅުވައިލެވިފައި. ނޫސްތަކުގައި، ތަފާތު ގޮތްގޮތަށް ޚިޔާލު ލިޔެފައި އެބަހުރޭ. ރޭޑިޔޯއިން، ޓީ.ވީ އިން ތަފާތު ޚިޔާލުތައް އަޅުގަނޑުމެންނަށް އިވެމުންދޭ. ފެންނަމުންދޭ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތަކާބެހޭ މުސްތަޤިއްލު ޖަމްޢިއްޔާއެއްވެސް މިހާރުވަނީ އުފެދިފައި. ހަމައެހެންމެ، ޖިނާއީ ޢަދުލުގެ ނިޒާމަށްވެސް ބޮޑެތި ބަދަލުތަކެއް އެބައާދޭ. އަދި ކުރިއަށް އޮތް ތާނގައި އަންނާނެ.

މި ހުރިހާ ކަންތައްތަކެއްގެ ތެރޭގައި، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ، ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަންޖެހޭ ކަމެއް. އެ މަސައްކަތްވެސް މިހާރު މިވަނީ ނިމުމަކާ ވަރަށް ކައިރިވެފައި. އިރާދަކުރެއްވިއްޔާ މިމަހު 13 ވަނަ ދުވަހު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޖަލްސާތައް ފަށްޓަވައިގެން ކުރިއަށް ގެންދަވާއިރު، އެ ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިންމުމުގެ ކަންތައްތައް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! ދެން މިކަމާ ގުޅިގެން، މި ރަށުގެ ލޮބުވެތި ރައްޔިތުން ސަރުކާރަށް ވަރަށްމަތީ ސެޓްފިކެޓެއް، ނުވަތަ ސަނަދެއް ދެއްވާފައިވާތީ، އެ ވާހަކަވެސް ވަރަށް އުފަލާއެކު ދަންނަވާލަން ބޭނުންވޭ. އެއީ އަޅުގަނޑު އައި އައުމުގައި، އަޅުގަނޑަށް ފެނުނު ލިޔުމެއްގައި ލިޔެފައި މިވަނީ "މަނިކުފާނުގެ އިޞްލާޙީ އެޖެންޑާއަކީ ކާމިޔާބު އެޖެންޑާއެކޭ." އެހެންވީމާ، މި އެޖެންޑާ ކާމިޔާބުވިކަމުގެ ލިޔުން ނުވަތަ ސަނަދު ނުވަތަ ސެޓްފިކެޓް ތިޔަބޭފުޅުން އަޅުގަނޑަށް ދެއްވީތީ، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް ޝުކުރު ދަންނަވަން.

ކަތީބުގެ ވާހަކަފުޅުގައި، ރަށުގެ ފަޅުގެ ދަތިކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވި. އާދެ! މި ރަށަކީ ޤުދުރަތީ ގޮތުން ވަރަށް ރީތި ބޮޑު ފަޅެއް އޮތް ރަށެއް. ވަރަށް ރީތި ފުން ވިލެއްވެސް އެބައޮތް. އެހެން ނަމަވެސް، ލަފާފުރުމުގެ ދަތިތަކެއް އެބަހުރި. އަދި އިތުރަށް ބޭނުންވާ ކަންތައްތަކެއްވެސް އެބަހުރި. އެ ކަންތައްތަކަކީ ސަރުކާރުގެ ސަމާލުކަމުގެ ތެރޭގައި ހިމެނިފައިވާ ކަންތައްތައް. ދެން އެ ވިދާޅުވި ބަޖެޓުގެ މައްސަލަ އޮތްގޮތެއް، މިހެން ހުރެފައި އަޅުގަނޑަކަށް ދަންނަވާލާކަށް ނޭނގެ. އެހެންނަމަވެސް، ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި މައްސަލައަކީވެސް ހަމައެކަނި މާއެނބޫދުއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނޭ. ލަފާފުރުމުގެ ދަތިކަމާއި، ބަނދަރުގެ ދަތިކަމުގެ މައްސަލައަކީ، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދިމާވެފައިވާ މައްސަލައެކޭ. އެ ހުރިހާ ރަށަކަށްވެސް ސަރުކާރުން ޙައްލު ހޯދައިދޭންޖެހެޔޭ. ކޮންމެ އަހަރަކުވެސް ވަކި ޢަދަދަކަށް ރަށްރަށުގެ ފަޅު ފުންކޮށްދީ، ކުރަންޖެހޭ އެހެން ކަންތައްތައް ކޮށްދެމުން ސަރުކާރުން އެބަގެންދޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަންވެސް އޮތްގޮތެއް އަޅުގަނޑު ބަލާނަން. އަދި އެ ހަމަޖެހިފައިވާ އުޞޫލުން ކޮށްދެވެން އޮތް ހުރިހާ ކަމެއް މާއެނބޫދުއަށްވެސް އިރާދަކުރެއްވިއްޔާ ސަރުކާރުން ކޮށްދޭނަން.

އާދެ! މެންދުރު ނަމާދުގެ ވަގުތުވެސް ވަރަށް ބާރަށް ކައިރިވަމުން އެބައާދޭ. އެހެންވީމާ، އޭގެކުރިން އަޅުގަނޑުމެން ޖަލްސާ ނިންމާލުން ރަނގަޅުވާނެކަންނޭނގެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަދިވެސް އެއްފަހަރު މިރަށުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ޝުކުރު ދަންނަވަން. އަދި ހަމަ އެޔާއެކީގައި މިފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާއާއި މުބާރަކްބާދީވެސް މާއެނބޫދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ތެދުމަގު ދެއްކެވުން. އަދި އެކަލާނގެ ދައްކަވާ ތެދުމަގުގައި އަބަދުމެ ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ކުޅަދާނަކަމާއި ވިސްނުމާއި ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދިރާއްޖޭގެ ތަރައްޤީއަށްޓަކައި ރައްޔިތުން ކުރަމުން އެގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، ރާއްޖެއަށް އަބަދުވެސް އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި، އުފާފާގަތިކަމާއި ތަރައްޤީ އެކަލާނގެ މިންވަރު ކުރެއްވުން.


والســّلام عليــكم ورحـمــة اللّـه وبـركاتـه