އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ) ގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިން ހޯދާ ކޮންމެ ކާމިޔާބަކީ، އަދި ހޯދާ ކޮންމެ ރީތި ނަމަކީ، މުޅި ޤައުމަށް ލިބޭނެ ވަރަށް މަތިވެރި ފަޚުރަކާއި ޝަރަފަކަށް ވާނެކަމަށާއި، އެހެންކަމުން ކުޅުންތެރިން މުބާރާތަށް ގޮސް އުޅޭއިރު، ރީތި އަޚުލާޤުގެ އެންމެ މަތީ މިންގަނޑުގައި ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ އައި.އޯ.އައި.ޖީ ގައި ރާއްޖެ ތަމްސީލްކުރާ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަމަށާއި، އެއީ ކުޅުންތެރިންތަކެއް އުފައްދައި، ހުނަރުވެރި ޤާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަނޑައެޅުއްވި ސިޔާސަތެއްކަމުގައި ވިދާޅުވިއެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އައި.އޯ.އައި.ޖީ އަކީ، ރާއްޖޭގެ ކުޅިވަރުގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއް ކަމުގައެވެ. އަދި، ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އައި.އޯ.އައި.ޖީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައި.އޯ.އައި.ޖީ އަކީ ރާއްޖެއަށް ވަރަށް މުހިންމު މުބާރާތެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ އެ މުބާރާތުގެ ފައުންޑަރ މެމްބަރު ޤައުމަކަށް ވާތީ، މި މުބާރާތަށް ކުޅުންތެރިން ދާންވާނީ ވަރަށް ވަރުގަދަ ޢަޒުމަކާ ވަރަށް މަތިވެރި ރޫޙެއްގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، އަޅުގަނޑުމެން އުންމީދުކުރާ އެހެން ކަމެއްވެސް އަދި އެބައޮތް. އެއީ، ދެން އޮންނަ މުބާރާތް، އެއީ 2023 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް އޯޝަން ގޭމްސް ރާއްޖޭގައި ބޭއްވުން. އެކަމަށް އަޅުގަނޑުމެން ކުރިމަތިލައިގެން، ވަރަށް ގިނަ ޤައުމުތަކުގެ ރުހުމާއި ތާއީދު މިހާރުވެސް ވަނީ ކަށަވަރުވެފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމަށް އިތުރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ބޮޑު މުބާރާތެއްގެ ވާހަކަ ދައްކާއިރު، ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރެދާނެކަން ފާހަގަ ކުރައްވައި މިކަމުގައި ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވާފައެވެ. މިގޮތުން ސަރުކާރުން ސީދާ އެ މުބާރާތްތަކަށް އަމާޒުކޮށްގެން، ބޮޑެތި ޚަރަދުތަކެއް ކުރަން ޤަޞްދު ނުކުރައްވާ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ގޮތެއް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ސަރުކާރުން މިހާރު ޤަޞްދުކޮށްފައި އޮތީ، 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް، ދިވެހި ކުޅުންތެރިން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ދުރާލައި ފަށަން. މިއަހަރުގެ މުބާރާތް ނިމުމާއެކު، މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ އެއީ، ހަތަރު އަހަރުގެ މުއްދަތަށް ހިންގާ ޕްރޮގްރާމަކަށް ވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ ގޭމްސްއަށް ރާއްޖެ މިދަނީ، ވަރަށް ޒުވާން ވަރަށް އުންމީދީ ކުޅުންތެރިންތަކަކާ އެކުގައިކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރު މުޅިން އަލަށް، ދެ ކުޅިވަރެއްގައި ރާއްޖެ ބައިވެރިވާކަމަށާއި، އެއީ ކައިޓް ސާރފިންގް އަދި ޕެރަ-އިވެންޓްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވެވިގޮތުގައި ޢުމުރުން އެންމެ 12 އަހަރުގެ ކުޅުންތެރިންވެސް މިއަހަރުގެ އައި.އޯ.އައި.ޖީގައި ބައިވެރިވާކަމީ، ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމުގައެވެ.

ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތްތައް، މި ސަރުކާރުން ކުރިއަށް މިގެންދަނީ، ވަރަށް ޚާއްޞަ އިސްކަމެއް ދީގެންކަމަށާއި، ކުޅުންތެރިން ތަމްރީން ކުރުމަށް ބޭނުންވާ ބަޖެޓް، މިހާރު ވާނީ އެސޯސިއޭޝަންތަކަށް ހަމަޖައްސައިދީފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިހާރުވެސް ފިރިހެން ވޮލީ ޓީމު ސާރބިއާގައި ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަމުންދާކަން ފާހަގަކުރެއްވިއެވެ. "މިއީ ވިލާތުގެ ޤައުމެއްގައި ރާއްޖޭގެ ވޮލީ ޓީމެއް ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާ ފުރަތަމަ ފަހަރު. އެއީ ސާރބިއާ ސަރުކާރުގެ ވަރަށް ދީލަތި އެހީއެއްގެ ދަށުން ލިބުނު ފުރުޞަތަކަށް ވާތީ، ދިވެހި ދައުލަތުގެ ނަމުގައި ސާރބިއާ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އެހެން ކުޅިވަރު ޓީމުތަކަށްވެސް، އެފަދަ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ އައި.އޯ.އައި.ޖީގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރަރ އިޢުލާންކުރައްވާފައެވެ. ފްލޭގް ބެއަރަރ އަކަށް ކަނޑައަޅާފައިވަނީ އެތްލީޓް އަޙްމަދު ޒަބީރެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފްލޭގް ބެއަރަރއަށް ވަނީ ފްލޭގް ޙަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން އައި.އޯ.އައި.ޖީގެ ރަސްމީ ކިޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކޮންޓިންޖެންޓުން ހަދިޔާކުރައްވައިފައިވެއެވެ.

މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.އޯ.އައި.ޖީގައި ރާއްޖޭގެ ފަރާތުން 14 ކުޅިވަރެއްގައި މިފަހަރު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.