ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ވަރަށް ހަވީރު ކޮޅުމަޑުލު ކިނބިދުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކިނބިދުއަށް މިކުރެއްވި ދަތުރުފުޅުގައި، ކިނބިދޫ ރައްޔިތުންގެ ޙާލު ބައްލަވާލެއްވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކިނބިދޫ ޞިއްޙީ މަރްކަޒަށް ޒިޔާރަތް ކުރެއްވިއެވެ. އޭގެފަހުން އެމަނިކުފާނު ކިނބިދޫ ސްކޫލަށް ޒިޔާރަތް ކުރައްވައި، އެސްކޫލްގެ ޓީޗަރުންނާ ބައްދަލުކުރެއްވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ކިނބިދޫ ސްކޫލްގައި ގްރޭޑް 11، 12 އުފެއްދުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ލިޔުއްވައި ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކިނބިދޫ އިންޖީނުގެވެސް ބައްލަވާލެއްވިއެވެ. އަދި ކިނބިދޫ ޒުވާނުންގެ ޖަމްޢިއްޔާއެއް ކަމަށްވާ ޒުވާނުންގެ ގުޅުމުގެ ފަރާތުން އެރަށުގައި ޢިމާރާތް ކުރައްވަމުން ގެންދަވާ ޤުރްއާން ކްލާސް ޢިމާރާތް ކުރައްވަމުން ގެންދަވާ ސަރަޙައްދަށް ވަޑައިގެން، އެ ކްލާހުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ މަޢްލޫމާތު އެމަނިކުފާނު އޮޅުންފިލުއްވިއެވެ.