ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލަކު ސިޓީކައުންސިލަރުންނާ ބައްދަލުކުރައްވައި ފުވައްމުލަކުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭގޮތުން ކައުންސިލާއި މަޝްވަރާކުރައްވައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ފުވައްމުލަކުގައި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާމަޝްރޫޢުތަކާއި ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ފުވައްމުލަކަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައާއި ފުވައްމުލަކު ނަރުދަމާގެ މަސައްކަތާއި މަގުހެދުމުގެ މަސައްކަތާއި ހޮސްޕިޓަލް ތަރައްޤީކޮށް ފުޅާކުރުމާ އަދި ކަރަންޓްގެ ފެންވަރު މަތިކުރުމާއި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢުފަދަ މަޝްރޫޢުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި އަދި އެކަންކަން ޙައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ބައެއް ކުންފުނިތަކާއި މުއައްސަސާތަކުގެ ވެރިން ސިޓީ ކައުންސިލާ ޙިއްޞާކުރެއްވިއެވެ..
މިއަދު ބޭއްވި މިބައްދަލުވުމުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދާއިރު އެރަށެއްގެ ރައްޔިތުންނާއި ކައުންސިލު އިދާރާފަދަ ފަރާތްތަކުގެ ލަފަޔާ މަޝްވަރާގެ މަތިން ކަންކަން ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ހައްލުތައް ހޯއްދެވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލަކު ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ފުވައްމުލަކުގެ ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓާއި އަތޮޅު ތައުލީމީ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓް އަދި އެ ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންނާއެކުވެސް ބައްދަލު ކުރެއްވިއެވެ. ސުކޫލުތަކުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވެވި ބައްދަލުވުމުގައި ފުވައްމުލަކު ސްކޫލުތަކުން ވަނީ އެ ސްކޫލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން އެންމެ އިސްކަންދެއްވަނީ އަދި ބަޖެޓުން ވެސް އެންމެބޮޑު ހޭދައެއް ކުރަނީ ތައުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުދިންގެ އަޚްލާޤު ރަނގަޅުކުރުމާއި ކުދިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓާއި ޓީޗަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ފުވައްމުލަކު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެތަނުގައި ތިބި ބަލިމީހުންގެ ގާތަށް ޒިޔާރަތްކުރައްވައި އަދި ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު މަގުހެދުމުގެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.