بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޒަހާ ވަޙީދު، އަދި ހާޒިރުވެވަޑައިގެން ތިއްބެވި ދައުލަތުގެ ވަޒީރުންނާއި، އެހެނިހެން ބޭފުޅުން، އަދި ޚާއްޞަކޮށް، ތިނަދޫގެ މަސްވެރިންނާއި، މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އޭގެތެރޭގައި ކައުންސިލަރުންނާއި، މި ރަށުގެ ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުންނާއި، އަދި ބައެއް ރަށްރަށުގެ ކައުންސިލަރުން ހިމެނިވަޑައިގަންނަވާ؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޙްމަދު ޝާފިޢު، ޖަލްސާ ތަޢާރުފް ކުރައްވަމުން އެ ވިދާޅުވިފަދައިން، މިއީ ޖަޒީރާ ހޮޅުއަށީގެ ނަމުގައި އަޅުގަނޑުމެން ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ތިންވަނަ ބައްދަލުވުން. ރާއްޖޭގެ އަތޮޅެއްގެ ރަށެއްގައި ބޭއްވޭ ފުރަތަމަ ބައްދަލުވުން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވެރިކަމަށް އައީ، ތިޔަބޭފުޅުންނާ ވަރަށް ކައިރިން، ވަރަށްގިނަ ވާހަކަތަކެއް ދެއްކުމަށްފަހު. ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑުމެން ވަޢުދުތަކެއްވީމު. އަދި ތިޔަބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނާ ހިސާބަށް ވަރަށްގިނަ ކަންތައްތައް ހުށަހަޅަމުންދިޔަ.

މިއަދު އަޅުގަނޑުމެން މިވަނީ އެ ކަންތައްތައް ސިޔާސަތުތަކަށް ބަދަލުކޮށް، ތަންފީޒު ކުރުމުގެ މަރުޙަލާ ފަށާފައި. އެގޮތުން، މަސްވެރިކަމާބެހޭ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި، އެކަމާ ބެހޭގޮތުން މަސްވެރިންގެ ފަރާތުން ބޭނުންވާ އިތުރު ޚިޔާލާއި، އިތުރު ކަންތައްތައް އޮޅުންފިލުވުމަށް ބާއްވާ ބައްދަލުވުމެއް މި ބައްދަލުވުމަކީ.

ޝާފިޢު ވިދާޅުވިފަދައިން، މަސްވެރިކަމަކީ ވަރަށް ދުވަސްވީ ޤަދީމީ މަސައްކަތެއް. 1980ގެ އަހަރުތަކާ ހިސާބަށް އަންނަންދެން ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ޙިއްޞާ ކުރަމުން އައީ މަސްވެރިކަމުން. ރާއްޖެއަށް ޓޫރިޒަމް ތަޢާރުފްވެ، ޓޫރިޒަމްގެ ނަފާ ރާއްޖެއަށް ލިބެން ފެށުމާ ހިސާބަށް، މި ދެންނެވިހެން 1980ގެ އަހަރުތަކާ ހިސާބަށް އަންނަންދެން، އެންމެބޮޑު ޙިއްޞާއެއް ކުރަމުން އައީ މަސްވެރިކަމުން. ރާއްޖެއަށް ލިބޭ އާމްދަނީއަށް މަސްވެރިކަމުން މިއަދު އެންމެބޮޑު ހިއްސާއެއް ނުކުރިނަމަވެސް، ސީދާ ރައްޔިތުންނަށް އެންމެގިނަ ފައިސާ އަތްމައްޗަށްއަރާ މަސައްކަތަކީ އަދިވެސް މަސްވެރިކަން. ހަމައެކަނި މިފްކޯގެ ހިސާބުތަކަށް ބަލާއިރުގައި، މިދިޔަ އަހަރު، 2018 ވަނަ އަހަރުވެސް 813 މިލިއަން ރުފިޔާ، މަސްވެރިކަމަށް މިފްކޯއިން އެކަނި ޚަރަދުކޮށްފައި އެބައޮތް. މި އަހަރު މިހާތަނަށް އައިއިރުގައި، 467 މިލިއަން ރުފިޔާ، މަސްވެރިކަމަށް މިފްކޯއިން މަސްގަތުމަށް ޚަރަދުކޮށްފައި އެބައޮތް. މި ފައިސާއަކީ ސީދާ ރައްޔިތުންނަށް، ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ.

މިއަދު އަޅުގަނޑުމެން މަސްވެރިކަމަށް ނަޒަރު ހިންގާއިރުގައި، މަސްވެރިކަން ތަރައްޤީ ކުރުމަށް ޖާގަ އެބައޮތް. ރާއްޖެއަށް ބާނާ މަސް އިތުރުކުރުމުގެ ފުރުޞަތު އެބައޮތް. އަދި ބާނާ މަހަށް ލިބޭނެ އަގު، މިއަށްވުރެ އިތުރުކުރެވޭނެ ކިތަންމެ ގޮތެއް އެބައޮތް. މިއަދު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އެ ދިމާއަށް ދާން.

އަޅުގަނޑުމެންގެ ސިޔާސަތުގައި، މަސްވެރިންނަށާއި، މަސްވެރިކަން ކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން، ޙިމާޔަތް ހޯދައިދިނުން އެބައޮތް. އޭގެއިތުރުން، ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަންނީ ތަޖުރިބާ ހޯދައިދިނުމާއި، މިހެންގޮސް މީގެތެރޭގައި ކުރެވޭނެ ގިނަ ކަންތައްތަކެއް ހުރިކަން އަޅުގަނޑު ފާހަގަކުރަން.

އެނގިވަޑައިގަންނަވާނެ، މިއަދު ރާއްޖެއިން ބާނާ މަސް ގަތުމަށް މިވަނީ ޒޯނުތަކަކަށް ބަހައި، ވަކި ފަރާތްތަކަކަށް އެ ކޮންޓްރޯލް ދީފައި. އެހެންނަމަވެސް، މިއީ ހުޅުވައިލެވިދާނެ ކަމެއް. ރާއްޖޭގެ ކޮންމެ ސަރަޙައްދަކުން، ކޮންމެ ރަށަކުން، ކޮންމެ މީހަކަށް މަސް ގަތުމުގެ ފުރްޞަތު ހުޅުވައިލުމަކީ ކުރެވިދާނެ ކަމެއް. އޭގެ ނަތީޖާ، އެއިން ލިބޭނެ ފައިދާ، މަސްވެރިންނަށް ކުރާނެ ފައިދާ އިތުރުވެގެންދާނެކަމީ، ޝައްކެއްއޮތް ކަމެއްނޫން. މިއީވެސް އަޅުގަނޑުމެން މިރޭ ވާހަކަ ދައްކާލަން ރަނގަޅު ކަމެއް. ފިޝަރީޒް މިނިސްޓްރީން މިހާރުވަނީ އެއާ ބެހޭގޮތުން ދިރާސާއެއްކޮށް، އިކޮނޮމިކް ކައުންސިލަށް އެ މައްސަލަ ހުށަހަޅާފައި. އަޅުގަނޑުމެން މިއަދު މިތިބީ އެކަން ނިންމުމުގެ ހިސާބުގައި.

ހަމައެގޮތަށް، ރާއްޖޭގެ މަސްވެރިކަމުގެ ތެރޭގައި، ކަނޑުމަސްވެރިކަމަށް ހަމައެކަނި ބަރޯސާވުމުގެ އިތުރަށް، ފަރުތަކުގައި އުޅޭ އަގުބޮޑު މަސް، އަޅުގަނޑުމެން ދިރުވައި، އެ ވިއްސައި، އެ ބޭރުކުރުމުގެ ފުރުޞަތުވެސް ރާއްޖޭގައި އެބައޮތް. އަދި އޭގެއިތުރުން، އަޅުގަނޑުމެން ބޭނުންވާ އެން، ފަސޭހައިން ލިބޭނެ ގޮތްތައް ހޯދުމަކީވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް.

ރާއްޖެއަށް މި ބާނާ މަހަށް މިހާރަށްވުރެ ބޮޑު އަގު ލިބޭނެ ގޮތްތައް ހޯދުމަށްޓަކައި ސަރުކާރުން މިފްކޯއަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ. ރާއްޖެއަށް ބާނާ މަހުގެ މުޅި ޖުމްލައަކީ، ގާތްގަނޑަކަށް 150,000 ޓަނު. މިހާތަނަށް އަންދާޒާތަކުން ފެންނަގޮތުގައި. އޭގެތެރެއިން، މިފްކޯއަށް މި ގަނެވެނީ 42,000 ޓަނު. ދެން އުޅޭ އެހެން ފަރާތްތަކާ އެކުގައި ބަލާއިރުގައި، 100,000 ޓަނު މަސް، އެންމެ ގިނައިން މި ގަނެވެނީ. އަދި ގަތުމަށްފަހުގައި، ރާއްޖެއިން ބޭރަށް ފިނިކުރި މަހުގެ ގޮތުގައި ބޮޑު ބައެއް މި ބޭރުކުރެވެނީ. އެއަށްވުރެ، ކޭންކޮށްގެން، ބަންދުކޮށްގެން ބޭރުކުރީމާ ލިބޭ އަގު، ގާތްގަނޑަކަށް ހަތަރުގުނަ އެބަ އިތުރުވޭ.

މިފްކޯއަށް ގަންނަ މަހުގެ ތެރެއިން، ގާތްގަނޑަކަށް ކޭން މި ކުރެވެނީ، ދަޅުގައި މި ބަންދުކުރެވެނީ 28 ނުވަތަ 30 ޕަސެންޓް މަސް. އެކަމަކު ފެންނަން އޮތް ޙަޤީޤަތަކީ، މިފްކޯގައި ފައިދާވާ ހަމައެކަނި ތަނެއްގެ ގޮތުގައި މިއަދު މިއޮތީ ފެލިވަރު. ފެލިވަރަކީ މަސް ބަންދުކޮށްގެން ބޭރުކުރާ ތަނެއް. ކޫއްޑޫވިޔަސް، އައްޑޫވިޔަސް، ކަނޑުއޮތްގިރިވިޔަސް، މި ވަގުތު އެ ހިންގަނީ ގެއްލުމުގައި. އެހެންކަމުން، ރާއްޖެއަށް މި ބާނާ މަސް އަދި މިފްކޯއަށް މި ގަންނަ މަސް ޕްރޮސެސްކޮށްގެން، ބަންދުކޮށްގެން ބޭރުކުރެވިއްޖިއްޔާ، މިހާރު މި ލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބޭނެކަމާމެދު ޝައްކެއްނެތް. އެހެންކަމަށްވާނަމަ، އެ އަގު ލިބޭ ކަމަށްވާނަމަ، މަސްވެރިންނަށް މިފްކޯއިން މަސް ގަންނަންދޭ އަގު އިތުރުކުރެވޭނެ. އެހެންވީމާ، މިފްކޯއަށް އަޅުގަނޑުމެން، ސަރުކާރުން ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި.

އަޅުގަނޑުމެން ކެމްޕެއިން ތެރޭގައިވެސް ވަޢުދުވީ ފަދައިން، ވާހަކަ ދެއްކި ފަދައިން، ފުރަތަމަ ކަމަކަށް، މިފްކޯއަކީ ގެއްލުންނުވެ ހިންގާ ތަނެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ. އިރާދަކުރެއްވިއްޔާ، މި އަހަރު ނިމޭއިރުގައި، މިފްކޯއަކީ ގެއްލުންނުވެ ހިންގޭ ތަނަކަށް ބަދަލުވެގެންދާނެ. އަދި އެއަށްފަހުގައި، އަޅުގަނޑުމެން މި ދެންނެވި ފަދައިން، ރާއްޖެއަށް ބާނާ މަސް އިތުރަށް ޕްރޮސެސްކޮށް، އިތުރު އަގު ހޯދޭނެގޮތް ހޯދޭނެކަމީ ޝައްކެއްއޮތް ކަމެއްނޫން.

ހުވަދުއަތޮޅަކީ ރާއްޖެއަށް ބާނާ މަހުގެ އެންމެބޮޑު ބައެއް ހިއްސާކުރާ ފަރާތް. އެހެންކަމުން، މަސްވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް، ދޮށީގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ދަތިތަކާއި، ގެންނަންޖެހޭ ބަދަލުތައް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ ބޭފުޅުންނަކީ ތިޔަބޭފުޅުން. ރާއްޖެއަކީ ދުނިޔޭގައި އޮތް، ދޮށީގެ މަސްވެރިކަންކުރާ، އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ޤައުމު. ދޮށީގައި ކުރާ މަސްވެރިކަމުން ބާނާ މަހަށް ދުނިޔޭގައި ބޮޑު އަގު ލިބޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ލިބިފައި އޮތް ނިޢުމަތުން ކަނޑުގެ ރޯދި އިތުރުކޮށް، އެއިން އިތުރު ނަފާ ހޯދުމަކީ، އަޅުގަނޑުމެންގެ ސަރުކާރުން ކުރާނެ ކަމެއް.

އެހެންކަމުން، މިރޭގެ މި ހޮޅުއަށީގައި ތިޔަބޭފުޅުން ދެއްވާ މަޢުލޫމާތާއި، ހިއްސާ ކުރައްވާ ކަންތައްތަކުގެ އަލީގައި، އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސިޔާސަތު ބައްޓަން ކުރެވި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭ މަންފާ އިތުރުވެގެންދާނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުމެން ތިޔަބޭފުޅުން ދައްކާ ވާހަކަ އަޑުއަހަން، ދެން ތިބޭނަން.