ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ ކުރީގެ ރަށު ކައުންސިލް މެންބަރު ސަޢުދު ޢަލީ ރަށުގައި ގަސްއިންދުމަށް ހިންގަވާ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ތިނަދޫ ހުޅަނގުފަރާތުގައި މިއަދު ހެނދުނު ރުކެއް އިންދަވައި ދެއްވައިފިއެވެ.
ތިނަދޫ ފެހިކުރުމާއި ރަށުގެ ހޫނު މަޑުކުރުމާއި ރަށުގެ ފުއްޓަރު ފަރާތުގައި ދިރިއުޅޭ މީހުންގެ ގެތަކަށް ކުރާ ލޮނުގެ އަސަރު ކުޑަކުރުމުގެ މަޤުޞަދުގައި ސަޢުދު އަލީ އަމިއްލައަށް އިސްނަންގަވައިގެން ހިންގަވާ މި ޕްރޮގްރާމުގެ ދަށުން ގަސް އިންދުމުގެ ފުރުޞަތު ދެއްވުމުގައި އިސްކަން ދެއްވަނީ ކުޑަކުދިންނާއި މައިން ބަފައިންނާއި ރަށަށް ޒިޔާރަށް ކުރައްވާ ޢިއްޒަތްތެރިންނަށެވެ. ސަޢުދު ޢަލީ ހިންގަވާ މި ޕްރޮގްރާމްގެ ތެރޭގައި ގަސް އިންދުމަށް ޝައުޤުވެރިކަން އިތުރުކޮށް ހޭލުންތެރި ކުރުވުންވެސް ހިމެނެއެވެ. މި ޕްރޮގްރާމްގެ ދަށުން ރުކާއި އެކި ބާވަތުގެ ގަސް ހިމެނޭ ގޮތުން މިހާތަނަށް ފައްސަތޭކައެއްހާ ރުއްގަސް އިންދަވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުވެސް މިއަދު ވަނީ އެސަރަހައްދުގައި ރުކެއް އިންދަވައިދެއްވައިފައެވެ.