ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިނަދޫ ކައުންސިލަރުންނާއި އެރަށުގެ މުއައްސަސާ ތަކުގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ތިނަދޫ ކައުންސިލު އިދާރާގައި މިއަދު ހަވީރު ވަކިވަކިން ބޭއްވެވި މިބައްދަލުވުމުގައި ތިނަދޫ ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ޝަކުވާތައް ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގެ އައިސްޕްލާންޓު ޖެޓީ ހަލާކުފައިވާ މައްސަލައާއި، ނަރުދަމާއާއި ކަރަންޓުގެ ހުރި ދަތިތަކާއި ހޮސްޕިޓަލާއި ކައުންސިލު އިދާރާއަށް ކުރިމަތިވެފައިވާ ދަތިތަކާއި ރަށުގައި ފެންބޮޑުވުމާއި ރަށްގިރުމުގެ މައްސަލަ ކައުންސިލަރުން ފާހަގަކުރެއްވިއެވެ. އަދި ކުރިން ހިންގާފައިވާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައްވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތިނަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތިނަދޫގެ މުއައްސާސަތަކުގެ އިސް ވެރިންނާއި ބައްދަލު ކުރައްވައި އެތަންތަނަށް ދިމާވެފައި ހުރި މައްސަލަތަކާއި ޚިދުމަތް ފޯރުކޮށް ދިނުމުގައި ހުރި ގޮންޖެހުންތައް ސާފު ކުރައްވައިފައެވެ. މިގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރައްޔިތުންނަށް ދަތިވާ ކަންކަމާއި ރައްޔިތުންގެ ޝަކުވާތައް މުއައްސަސާ ތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.
މިބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މުއައްސަސާ ތަކުން ފާހަގަކުރެއްވި ގިނަ ކަންކަން މިއަހަރުގެ ބަޖެޓުގެ ތެރެއިން ހައްލުވެގެން ދާނެ ކަމުގައި ފާހަގަ ކުރެއްވިއެވެ. މިގޮތުން މިހާރު ކުރިއަށްދާ ކަންކަމާއި ކުރިއަށް ރޭވިފައި ހުރި ބައެއް ކަންކަމާއި މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.