އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ތިނަދުއަށް ވަޑައިގެންފިއެވެ.

ތިނަދޫގައި ބޭއްވާ ޖަޒީރާ ހޮޅުއަށި ބައްދަލުވުމަކީ މި ސިލްސިލާގެ 3 ވަނަ ބައްދަލުވުމުވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންގެ މަޖްލީހުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިފަހަރުގެ ޖަޒީރާ ހޮޅުއަށީގައި މަޝްވާރާކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ މަސްވެރިކަމާގުޅޭ ސިޔާޞަތުގެ ދަށުން " މަސްވެރިކަމުގެ ނަފާއިތުރުކުރުން" މި މައުޟޫޢުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް ކުރައްވާ މި ދަތުރުފުޅުގައި ތިނަދޫގެ ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ރަށުގައި ހުރި ސަރުކާރުގެ މުޢައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.