ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވައި މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުވުމުގައި ކުޑަރިކިލު ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރުގެ ހުރި ދަތިތަކާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާ އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު އެހެން ޕްރޮޖެކްޓްތަކާބެހޭ ގޮތުން ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން އެރަށުގައި ހުރި އާޘާރީ މިސްކިތް މަރާމާތުކޮށް އަލުން ބޭނުންކުރެވޭނެ ގޮތް ހެދުމާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ކައުންސިލުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުޑަރިކިލު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.