ރައީސުލްޖުމްހޫރިއްޔާ ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުވުމުގައި މީދޫ ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢޫލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގައި ހިއްކާފައިވާ ސަރަހައްދުން ގޯތި ދޫކުރުމާއި، ބަނދަރުގެ ޖާގަ އިތުރުކުރުމާއި، މިހާރު ބޭނުންކުރާ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމާ އަދި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ރައީސަށް އެރުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.