بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް، އިހަވަންދުއަށް މިއައީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި މިއަތޮޅު އުލިގަމުގައި އިފްތިތާޙު ކުރުމަށް ގަސްދު ކުރެވިފައިވާ އިޢާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓް ފަށައިދިނުމަށް ކުރާ ދަތުރެއްގައި. ކޮންމެއަކަސް އިހަވަންދުއަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި މިރަށަށް އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާއާއ، މިރަށުގެ ޢިއްޒަތްތެރި ވެރިން، އަދި މިރަށުގެ ލޮބުވެތި ރައްޔިތުން، ކޮމިޓީތަކުގެ މެންބަރުން، ކިޔަވާކުދިން، އަންހެން، ފިރިހެން ކުދިބޮޑު އެންމެން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ ކަތީބު އަލްފާޟިލް މުޙަންމަދު އިބްރާހީމްގެ ވާހަކަފުޅުގައި، އަޅުގަނޑަށް މިރަށަށް އާދެވޭލެއް މަދުކަމުގެ ވާހަކަ ނުވަތަ ވަރަށްގިނަ ދުވަސްތަކެއް ވަންދެން މިރަށުގެ ރައްޔިތުން، މިރަށު މިފަސްގަނޑުން އަޅުގަނޑު ދެކެވަޑައިގަތުމަށް ބޭނުންފުޅުވެފައިވާ ވާހަކަ ވިދާޅުވި. އެއީ ހަމަ ތެދުފުޅެއް. އެކަން އެއޮތީ އެހެންވެފައި.

މިއީ ރައީސްކަމާ ހަވާލުވިފަހުން އަޅުގަނޑު އިހަވަންދުއަށް އަންނަ ތިންވަނަފަހަރު. މީގެކުރިން އާދެވިފައިވަނީ އެންމެ ދެފަހަރު. އެއީ މަދު ޢަދަދެއް ކަމުގައި އަޅުގަނޑުވެސް ގަބޫލުކުރަން. އެންމެފަހުން އާދެވިފައި މިއޮތީވެސް 1992 ވަނަ އަހަރު. އެއީ މީގެ 15 އަހަރު ކުރިން. އެހެންނަމަވެސް، އަޅުގަނޑު ހިތުން މިރަށުގެ ލޮބުވެތި ރައްޔިތުންވެސް ގަބޫލުކުރައްވާނެ ރާއްޖޭގައި 190 އެތައް ރަށެއްގައި މީހުން ދިރިއުޅެމުންދާއިރު، އަދި ތަފާތު އެތައް މަސައްކަތްތަކެއް އެރަށްރަށުގައި ހިނގަމުންދާއިރު، އަދި އަޅުގަނޑުގެ މަސައްކަތް ހުންނަ ގޮތުން ސަރުކާރުގެ ބޭނުމުގައި، ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށްޓަކައި ވަރަށް ގިނައިން ރާއްޖެއިން ބޭރަށްވެސް ގިނަ ދަތުރުތަކެއް ކުރަން ޖެހުމާއި، މިހުރިހާ ކަމެއް މި ހުންނަގޮތުން އަޅުގަނޑުގެ ހިތް އެދޭ އެންމެ ގިނަ ޢަދަދަކަށްވެސް އެއްވެސް ރަށަކަށް ޒިޔާރަތެއް ނުކުރެވޭނެކަން. އެހެން މިކަންވެސް ދިމާވެފައި އެވަނީ.

އެހެން ނަމަވެސް، މިފަހަރު މިރަށަށް މިއައީވެސް މިރަށަށް އާދެވޭލެއް މަދުކަމުން ހަމަ މިރަށަށް އައުމަށް ގަސްދުކޮށްގެން. އެހެން ނޫނީ ކޮންމެހެން މިދަތުރު އަންނާކަށްވެސް ނުޖެހޭ. އެއީ މިދެންނެވިހެން މިއަދު މެންދުރުފަހުން އުލިގަމަށް ގޮސް، އެ މަޝްރޫޢު އިފްތިތާޙުކޮށްދީފައި، އެނބުރި މާލެ ދިޔައީމާވެސް އެކަން އެއޮތީ ވެފައި. އެކަމަކު އެހެނެއް އަޅުގަނޑު ނަހަދަން. މިރަށަށްވެސް އަދި މިއަތޮޅުގެ އެހެން ބައެއް ރަށްރަށަށްވެސް ޒިޔާރަތް ކުރުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވެފައިވާ އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށްވާތީ، އަޅުގަނޑުގެ ދަތުރު އެގޮތަށް ބަދަލުކޮށްގެން ތިންދުވަސްވަރު މިތާނގައި ހޭދަކުރަން މިހާރު ނިންމައިގެން މިއުޅެނީ.

އާދެ! އިހަވަންދުއަކީ ވަރަށް މުހިންމު ރަށެއް. ރާއްޖޭގެ އިޤްތިޞާދުގައި ވަރަށް މުހިންމު ބައެއް އަދާކުރާ ރަށެއް. އިހަވަންދުއަކީ، މަސްވެރި ޢާއިލާއެކޭ ކަތީބު އެވިދާޅުވީ. އެއީ ހަމަ ތެދުފުޅެއް. އެހެންވީމާ، މިރަށުގައި ތަރައްޤީގެ މަޝްރޫޢުތަކެއްވެސް ވަނީ ހިނގާފައި. އަޅުގަނޑުވެސް އޭނާ އެ ވިދާޅުވި ވާހަކަފުޅަށް ތާއީދުކުރަން. އަޅުގަނޑުމެން ކޮންމެ ބަޔަކީވެސް، އެބަޔަކަށް ބޭނުންވާ ގިނަ ކަންތައްތަކެއް ހުންނާނެ ބަޔެއް. އެއްބައި ކަންތައްތައް ފުރިހަމަވުމުން، ދެން ނަޒަރު ގޮސް ހުއްޓޭނީ، ފުރިހަމަނުވެ ހުރި ކަންތައްތަކަށް. އެއީ އިންސާނީ ޠަބީޢަތު.

އެހެންނަމަވެސް އަޅުގަނޑުމެން ހަމަ ހަނދާންކުރަންޖެހޭ، ކުރިންވެސް ދެންނެވި ފަދައިން، ދިވެހިރާއްޖޭގައި މީހުން އުޅޭ 190 އެތައް ރަށެއް އެބައޮތްކަމާއި، އެއިން ކޮންމެ ރަށަކަށްވެސް ހަމަ މިރަށަށްވެސް ބޭނުންވާ ޚިދްމަތްތައް ބޭނުންވާނެކަން. ކަރަންޓްވެސް، ބަނދަރުވެސް، މަދަރުސާވެސް އަދި ބޭންކުވެސް، މިހެންގޮސް ކިޔާފައި، ވަކި ނުކިޔާނެ ކަމެއް ނެތް. އެ ހުރިހާ ރަށަކަށްވެސް މިކަންތައްތައް ބޭނުންވާނެ.

އެހެންނަމަވެސް، އެކަންތައްތައް އަޅުގަނޑުމެން އެދޭހާ ހަލުވިކޮށް ކޮށްދިނުމަކީ، އަޅުގަނޑުމެންނަށް ކުރެވޭވަރުގެ ކަމަކަށްނުވޭ. އެއީ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. މުއްސަނދިކަމުގެ ވަސީލަތްތައް މަދު ޤައުމެއް. ސަރުކާރުގެ ބަޖެޓަކީވެސް ވަކިވަރަކަށް ކޮންޓްރޯލް ކުރަން ޖެހިފައި އޮންނަ ބަޖެޓެއް. އެހެންވީމާ، އަހަރެއްގެ މައްޗަށް ސަރުކާރަށް ލިބޭ އާމްދަނީއަށް ބަލާފައި، ސަރުކާރުން ބަޖެޓުވެސް މި ހަދަނީ. ކިތަންމެ ރަށެއްގެ ފަޅު ފުންކުރަން ޖެހިފައި އޮތަކަސް، އަދި ކިތަންމެ ރަށެއްގެ ބަނދަރު އަލުން ހަދަން ޖެހިފައި އޮތަކަސް، އަދި ކިތަންމެ ރަށެއްގައި ކަރަންޓްގެ ޚިދްމަތް، ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް ދޭންޖެހިފައި އޮތަކަސް، އަދި މިނޫން ކިތަންމެ ކަމެއް ކުރަން ޖެހިފައި އޮތަކަސް، އެ ހުރިހާ ކަމަކީ އަޅުގަނޑުމެންނަށް ވަގުތުން ކުރެވޭނެ ކަމެއް ނޫން. އެކަންކަން ކުރުމަށް ގިނަ އަހަރުތަކެއް ބޭނުންވާނެ.

އެހެންވީމާ، އަޅުގަނޑު އެދެނީ، މިރަށުގެ ރައްޔިތުންވެސް އެކަން ގަބޫލުކުރެއްވުން. ކަތީބު އެވިދާޅުވި ހުރިހާ ކަންތައްތަކެއް އަޅުގަނޑުމެން ނޯޓްކޮށްފީމު. އަދި އަޅުގަނޑު ހިތުން އެބޭފުޅުން އޮންނާނީ އަތޮޅުއޮފީހުގައި އަތޮޅުވެރިޔާގެ އަރިހުގައިވެސް ވިދާޅުވެފައި. ނޫނީ އެޓޮލްސްގައި ވިދާޅުވެފައި. އެހެންވީމާ، އެރޮނގުންވެސް އެކަންތައްތައް ހިނގަމުންދާނެ. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑު މާލެގޮސް ހަމަ އެކަންތައްތައް ކަމާބެހޭ ދާއިރާތަކާ ގުޅައިގެން މިހާރު ވެފައި އޮތްގޮތާއި، ވާން އޮތްގޮތާއި، މިކަންކަން ކުރެވެން އޮތް ގޮތް އިރާދަކުރެއްވިއްޔާ ބަލާ ހަދާނަން.

އާދެ! މިހާރު މިރަށުގައި ކުރެވޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، މިރަށުގެ ބަނދަރު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ހިމެނޭ. އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ މިއަހަރު ކުރީކޮޅު އެމަސައްކަތް ފެށޭގޮތަށް ހަމަޖެހިފައި. އަދި އެ ތައްޔާރީގެ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި މިވަނީ. އާދެ! ބަނދަރަކީވެސް ހަމަ އިންސާނުން ހަދާ ތަނެއް. އިންސާނުން ކުރާ ކޮންމެ ކަމަކީވެސް، އޭގައި އުނި ކަންތައްތަކެއް އެކުލެވިގެންވާނެ ކަންތައްތަކެއް. އެހެންވީމާ، ހަދާ ބަނދަރަކީ އަބަދަކު ދެމިއޮންނާނެ ބަނދަރެއް ނޫން. ކުރާ އިމާރާތަކީ އަބަދަކު ކޮއްޅަށް ހުންނާނެ އިމާރާތެއް ނޫން. ބޭނުންކުރާ ދޯންޏަކީ އަބަދަކު އެގޮތަށް ބޭނުންކުރެވޭނެ ދޯންޏެއް ނޫން. މިހުރިހާ އެއްޗެއްވެސް ހަލާކުވާނެ. މަރާމާތު ކުރަން ޖެހޭނެ. ނެތި ވީރާނާވެގެންދާނެ. އެއީ އިންސާނުންގެ ހާލު. ދެމިވޮޑިގެންވަނީ ހަމައެކަނި ﷲ. ފުރިހަމަކަން ނިސްބަތްވެގެންވަނީ ހަމައެކަނި اللّـه سبحـانـه وتعـالى އަށް.

އެހެންވީމާ، ބަނދަރު ކުރިން ހެދިއިރު ހެދީ، އެއިރަށް އެންމެ ރަނގަޅަށް ހެދެން އޮތް ގޮތަކަށް. އެހެންނަމަވެސް، މިހާރު އެއޮތީ ހަލާކުވެފައި. ދިމާވާ އެކިއެކި ޙާދިސާތަކުގެ ސަބަބުން، ސުނާމީ ކާރިސާ ނުވަތަ އެނޫންވެސް އެހެން ކަންތައްތަކުގެ ސަބަބުން އެތަންތަން ހަލާކުވެގެން އެބަދޭ. އަޅުގަނޑުމެން ހަދާ މަދަރުސާގެ އިމާރާތްވެސް ފުރަތަމަ އެ ހަދަނީ އެވަގުތަށް ބޭނުންވާ ފެންވަރަކަށް، ބޮޑުމިނަކަށް. ދެތިން ހަތަރު އަހަރު ފަހުން އެމަދަރުސާ އޮންނާނީ ކުޑަވެފައި. ކިޔަވާ ކުދިންގެ ޢަދަދު ވާނީ އިތުރުވެފައި. އަލުން ޖާގަ ބޮޑުކުރަންޖެހޭނެ. މިސްކިތްވެސް އެހެން. އެއްމިސްކިތެއް، ދެމިސްކިތެއް ހުރެގެން ފަރުނުޖެހިގެން ތިންވަނަ ބޮޑު މިސްކިތެއްވެސް ހަދަން އެބަޖެހޭ. ނުވަތަ މިނޫންވެސް ކިތަންމެ ކަންތައްތަކެއް، ރަށުއޮފީސް، ރަށުކޯޓު، އެހެން ޢިމާރާތްތައްވެސް ގިނަދުވަސްވެގެން ބާވެގެން، ވީރާނާވެގެން އަލުން ހަދަން އެބަޖެހޭ. އެހެންވީމާ، މިކަންތައްތަކަކީ އަބަދުވެސް ކުރަންޖެހޭނޭ ކަންތައްތަކެއްކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ. އެގޮތުގެ މަތިން އިރާދަކުރެއްވިއްޔާ، ބަނދަރުގެ މަސައްކަތްވެސް އަލުން މިހާރު މަރާމާތުކުރާ ގޮތަށް ހަމަޖެހިފައި މިއޮތީ.

ޞިއްޙީ މަރްކަޒަށް އިތުރުކުރެވޭ ބައި ޢިމާރާތް ކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ހިނގަމުން ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. މިރަށުގެ ނަރުދަމާގެ ނިޒާމު ފަރުމާ ކުރުމުގެ މަސައްކަތް، ސަރުކާރުގެ ޚަރަދުގައި މިހާރު ކުރިއަށް އެބަދޭ. ކުރިން ހިންގިފައިވާ ކަންތައްތަކުގެ ތެރޭގައި، އައުޓަރ އައިލެންޑް އިލެކްޓިރިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން މިރަށަށް ކަރަންޓްގެ ޚިދްމަތް ދިނުމުގެ މަޝްރޫޢެއް ހިމެނޭ. ރަށުއޮފީހާއި ރަށުކޯޓާއި އަދި ދެމިސްކިތެއްވެސްވަނީ ޢިމާރާތް ކޮށްދެވިފައި.

ދެންމެ ކަތީބު އެވިދާޅުވީ، މިރަށުގެ ކަރަންޓް، ސަރުކާރުގެ ކަރަންޓަކަށް ބަދަލުކޮށްދޭން ރައްޔިތުން ބޭނުންވާ ވާހަކަ. މިރަށުން އެކަންޏެއް ނޫން. އަޅުގަނޑު މިދާ ކޮންމެ ރަށަކުންހެން އަޅުގަނޑުގެ ކައިރީގައި އެވާހަކަ އެބަވިދާޅުވޭ. އިއްޔެވެސް އަޅުގަނޑު ދެތިން ރަށަކަށް ދިޔައިން. ހަމަ އެއްވެސް ރަށަކުން މިނޫން ގޮތަކަށް އެކަން ބޭނުންވާ ކަމަކަށް ވިދާޅެއްނުވޭ. އެއީ ވާނެގޮތް. ކޮންމެ ގޮތެއްގައިވެސް ރައްޔިތުންނަށް ޚަރަދުކުޑަގޮތަކަށް ޚިދްމަތެއް ލިބެން ބޭނުންވަންޏާ، އެގޮތަކަށް އެމީހުންނަށް އެދެވޭނެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ފޯރުންތެރިކަން އަދި ސަރުކާރުގެ ތަނަވަސްކަން ހުރި ވަރަކަށް ބަލާފައި ނޫނީ، އެކަންކަން ކުރެވެން ނޯންނާނެކަން ތިޔަބޭފުޅުން ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އާދެ! ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާނީ، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުމެއް އޮވެގެން. އަޅުގަނޑަށް އެނގޭ، އިހަވަންދޫ ރައްޔިތުންނަކީ، ވަރަށް އެކުވެރި އެއްބައިވަންތަ ބަޔެއްކަން. އަޅުގަނޑުގެ އިލްތިމާސަކީ، އެގޮތުގައި އިހަވަންދޫ ރައްޔިތުން ދެމިތިއްބެވުން. ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ، އެކުވެރިކަމާއި އެއްބައިވަންތަކަން އޮވެގެން. އަޅުގަނޑުމެންގެ މެދުގައި އެކިއެކި ސަބަބުތަކަށްޓަކައި ބައިބައިވުމާއި ފިތުނަތައް އުފެދޭ ކަމަށްވަންޏާ، އޭގެ ސަބަބުން، އަޅުގަނޑުމެން ކުރާ މަސައްކަތްތަކަށް ވަރަށްބޮޑު ހީނަރުކަމެއް ނައިހެއްނުދާނެ.

އާދެ! އިހަވަންދޫ ރައްޔިތުންނަކީ، ވަރަށް މުރާލި ހީވާގި ކެރޭ ބަޔެއް. ދެންމެ ކަތީބުގެ ވާހަކަފުޅުގައިވެސް އެ ވާހަކަ ވިދާޅުވި. އިހަވަންދުއަކީ، ރައްޔިތުންގެ މަސައްކަތުން ތަޢުލީމީ ގޮތުން ހެޔޮ ބަދަލުތަކެއް ހޯދާފައިވާ ރަށެއް މިއީ. މިހާރު މިރަށު މަދަރުސާގައި އެވިދާޅުވިހެން ގްރޭޑް 12އާ ހަމައަށް އެބަ ކިޔަވައިދޭ. ހާހަކަށްވުރެ ގިނަކުދިން އެމަދަރުސާގައި ތަޢުލީމު ޙާޞިލު ކުރަމުން އެބަގެންދޭ. އަޅުގަނޑަށް ލިބުނު މަޢްލޫމާތު، ކުށް ކަމުގައި ނުވަންޏާ، މަދަރުސާގައި ތިބި ކުދިންގެ ޢަދަދުވެސް، ދެޖިންސަށް ހަމަ ހަމަހަމަކޮށް އޮތީ. 515 ފިރިހެން ކުދިންނާއި، 515 އަންހެން ކުދިން. މިއީ ދެން ޙަޤީޤީ ޢަދަދެއް ކަމެއްނޭނގެ. މިއީ، އަޅުގަނޑަށް މިއަދު ލިބުނު ޢަދަދު. އެއިން ދައްކާ އެއްޗަކީ، އަޅުގަނޑުމެން މިހާރު ދެ ޖިންސުގެ ހަމަހަމަކަމަށް އިސްކަންދޭ މިންވަރު. ތަޢްލީމަކީ ފިރިހެން ކުދިންނަށް ބޭނުންވާ ފަދައިން، އަންހެނުން ކުދިންނަށްވެސް ބޭނުންވާ އެއްޗެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ފެންވަރު.

ދުނިޔޭގައި ކުރިއަށްދާނީ ތަޢުލީމު ލިބިގެން. ފިރިހެނަކަސް، އަންހެނަކަސް، އަދި އާމްދަނީ ހޯދަން މަސައްކަތެއް ކުރެވޭނީވެސް ތަޢުލީމު ލިބިގެން. އަދި މުޖްތަމަޢުގައި އަގުހުރި ޤަދަރުހުރި މީހަކަށްވާނީވެސް ތަޢުލީމު ލިބިގެން. މީހުންގެ އިޙްތިރާމް ލިބޭ މީހަކަށްވާނީވެސް ތަޢުލީމު ލިބިގެން. ތަންދޮރު އޮޅުންފިލާ މީހަކަށްވާނީވެސް ތަޢުލީމު ލިބިގެން. އެހެންވީމާ، މިއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. މިރަށުގެ އަންހެން ކުދިންނަށް، ފިރިހެން ކުދިންނެކޭ އެއްފަދައިން، ކިޔެވުމުގެ ނުވަތަ ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުޞަތު ތިޔަބޭފުޅުން ތަނަވަސްކޮށްދެއްވާކަން އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެކަމަށްޓަކައި އިހަވަންދޫ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ތަޢުލީމުގެ ވާހަކަ ދައްކާއިރު، ކުދިން ހަރުދަނާ ތަރުބިއްޔަތެއްގެ މަތީގައި ބޮޑެތި ކުރެއްވުމަކީވެސް މައިންބަފައިންނާއި ބެލެނިވެރިންގެ ވަރަށްބޮޑު ޒިންމާއެއް ކަމުގައި އަޅުގަނޑު ދަންނަވާލަންޖެހޭ. އާދެ! އެއީ ސްކޫލް ހިންގަވާ ފަރާތުގެވެސް ޒިންމާއެއް. ޓީޗަރުންގެވެސް ޒިންމާއެއް. އެހެންނަމަވެސް، އޭގެ އެންމެބޮޑު ޒިންމާ މި އެޅެނީ މައިންބަފައިންގެ ބޮލުގައި. ބެލެނިވެރިންގެ ބޮލުގައި. އަޅުގަނޑުމެންގެ ދަރިންނަކީ، ދީނަށް ޙުރްމަތްތެރިކޮށްހިތާ، އަޚްލާޤު ރަނގަޅު ބަޔަކު ކަމުގައި ހެދުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެކުދިންނަށް ދެވޭނެ އެންމެ މުހިންމު ފުރްޞަތަކީ އެއީ. ދީނަށް ޙުރްމަތްތެރިކޮށްހިތުމާއި، މާތް އަޚްލާޤެއްގެ ވެރިބަޔެއް ކަމުގައިވުން. މި ދެއަސާސް ނެތް އެއްވެސް މީހަކީ، މުޖްތަމަޢުގައި ޤަދަރު ކުރެވޭ މީހަކަށް ނުވާނެ. ކާމިޔާބު ކުރެވޭ މީހަކަށްވެސް ނުވާނެ. މިދެންނެވި މާތް ސިފަތައް އެމީހެއްގައި ހުންނަންޖެހޭނެ. އެހެންވީމާ، އެސިފަތައް ކުދިންގެ ހިތްތަކުގައި އަށަގެންނެވުމަކީ، މައިންބަފައިން އެންމެ ފުރަތަމަވެސް ކުރައްވަންޖެހޭނެ ކަމެއް ކަމަށްވާތީ، އެވާހަކަ މިދަންނަވާލީ.

ކުދިންގެ ތަރުބިއްޔަތު ފެށެނީ ގެއިން. ގޭތެރެއިން ފެށިގެން ބޭރަށްދަނީ. މަދަރުސާގެ ދައުރު އަންނަނީވެސް އޭގެފަހުން. މުޖްތަމަޢުގެ ދައުރު އަންނަނީވެސް އޭގެފަހުން. އެހެންވީމާ، އެންމެ ފުރަތަމަ ކުއްޖާ ތަރުބިއްޔަތު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު، ކޮނޑުގައި އަޅަންޖެހޭ ބަޔަކީ އެކުއްޖާގެ މަންމައާއި ބައްޕަ. މިކަމުގައި އެދެމީހުންގެ މަސްއޫލިއްޔަތު ހަމަހަމަވެގެންވޭ. ދަރިން ތަރުބިއްޔަތު ކުރުމަކީ، ހަމައެކަނި އަނބިމީހާގެ ކަމެއް ކަމަށް ބަލާފައި، ފިރިމީހާ އެކަން ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން. އާމްދަނީ ހޯދުމަށް ނަމަވެސް، އެހެން ކަމެއް ކުރުމަށް ނަމަވެސް، އަބަދު ގެއިން ބޭރުގައި އުޅެ ކުދިންގެ އަޙުވާލު ނުބަލައި، ކުދިންގެ ކަންތައްތައް ނުބަލާ ބައްޕަ ހުރުމަކީ، އޭގެ ސަބަބުން ނޭދެވޭ ކަންތައްތައް ނޫން އެހެން ކަމެއް ދިމާވާނެ ކަމެއް ނޫން.

ތެދުފުޅެއް. އާމްދަނީ ހޯދުމަށް ބައްޕަ ވަރަށް ގިނައިރު ގެއިން ބޭރުގައި އުޅެން ޖެހިދާނެ. ޚާއްޞަކޮށް، މަސްވެރިކަންކުރާ ބަޔަކުވިއްޔާ، އެހެން އެކަންވާނީ. އެހެންނަމަވެސް، މައިންބަފައިން ނުވަތަ ބައްޕަ ގެޔަށް އައުމާ އެކީގައި، ކުދިންގެ ޙާލަތު ބަލަންޖެހޭނެ. ކުދިންނަށް ވާނުވާގޮތް އޮޅުންފިލުވަންޖެހޭނެ. މަދަރުސާއަށްދޭތޯ، ފިލާވަޅު ދަސްކުރޭތޯ، އުޅެނީ ރަނގަޅަށްތޯ، ގޯސްކޮށްތޯ، މިކަންތައްތައް ބައްޕަވެސް ބަލަންޖެހޭނެ. ބައްޕަވެސް ކުދިންނަށް ނަޞޭޙަތްދޭންޖެހޭނެ. އިރުޝާދު ދޭންޖެހޭނެ. އެކަންތައްތަކަކީ ހަމައެކަނި މަންމަ ކުރާނެ ކަމަށް ބަލައިގެން، ބައްޕަ ދޫކޮށްލައިގެންވާނެ ކަމެއް ނޫން. ކުދިންނަށް ލޯތްބާއެކު އަޅައިލުމަކީ، މަންމައެކޭ އެއްފަދައިން، ބައްޕަގެވެސް ވަރަށްބޮޑު މަސްއޫލިއްޔަތެއް. މިކަން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ހަނދާންކުރަންވާނެ.

ހަމައެހެންމެ ކުދިން، ދީނީ ފަރުޟުތަކަށް ރައްކާތެރިވޭތޯ، ނަމާދުކުރަން ދަނޭތޯ، ނަމާދު ކުރޭތޯ، ރޯދަ ހިފާތޯ، މިކަންކަން ބައްޕަވެސް، މަންމަވެސް ބަލަންވެސް ޖެހޭނެ. ކުދިންނަށް ދަސްވެސްކޮށްދޭންޖެހޭނެ. ހަމައެކަނި މަދަރުސާއިން ދަސްކޮށްދޭނެ ކަމަށް ހިތަށްއަރުވާފައި، މަންމައާއި ބައްޕަ މިކަން ދޫކޮށްލައިގެންވާކަށް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑު މިދަންނަވާލީ ގްރޭޑް 12 އަށް ކިޔަވައިދޭއިރު، އަދި އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑުމެން އެންމެންނަށް ފެނިގެން، އެކަމާ އުފާ ފާޅުކުރަމުންދާއިރު، 12ވަނަ ގްރޭޑާ ހަމައަށްދާ ކުދިންގެ ތަރުބިއްޔަތު އޮތީ ކިހިނެއްތޯވެސް ބަލައިލާން ޖެހޭނެ. އެކުދިންނަކީ ހަރުދަނާ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތުވަމުންދާ ކުދިބައެއްތޯ، އެކުދިން ދީނަށް ޙުރްމަތްތެރިކޮށްހިތާތޯ، ދީނީ އުޞޫލުތަކަށް ކަމޭހިތާތޯ، އެކުދިންނަކީ އިޚްލާޞްތެރި، ޤައުމަށް ވަފާތެރި ބައެއްތޯ، އެކުދިންނަކީ އަޚްލާޤު ރަނގަޅު ބައެއްތޯ، މިކަންކަންވެސް އަޅުގަނޑުމެން ބަލަންޖެހޭނެ.

ދެން ދަންނަވާލަން އޮތީ، އަޅުގަނޑުމެން މިހާރު ދެކެމުންމިދާ ސިޔާސީ އިޞްލާޙީ ބަދަލުތަކުގެ ވާހަކަ. އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުން އިސްނަގައިގެން، ރާއްޖޭގައި ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް ހިންގަމުން ގެންދާތާ އަހަރުތަކެއްވެއްޖެ. އަދި އެ ޕްރޮގްރާމްގެ ތެރެއިން ވަރަށްގިނަ ކަންތައްތަކެއް މިހާރުވަނީ މާތްﷲގެ ވާގިފުޅާއެކު ކާމިޔާބު ކުރެވިފައި. ބައެއް އެހެން ކަންތައްތައް މިވަނީ ކާމިޔާބު ކުރުމުގެ މަގުމަތީގައި. އެކަމަށްދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުން.

މިކަން މިހެން ވަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަން އޮތުމަކީ ވަރަށް މުހިންމު ކަމެއް. ހޭލުންތެރިކަން އޮތުމަކީ ވަރަށް މުހިންމު ކަމެއް. ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން. އެހެންނަމަވެސް، ޚިޔާލު ތަފާތުވުމުގެ ސަބަބުން ބައިބައިވުން އުފެދުމަކީ މައްސަލައެއް. ޚިޔާލު ތަފާތުވުމުގެ ސަބަބުން ފިތުނަ އުފެދުމަކީ މައްސަލައެއް. ޚިޔާލު ތަފާތުވުމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުމެއް އުފެދުމަކީ މައްސަލައެއް. މިކަންތައްތައް ޖެހޭނެ އަޅުގަނޑުމެން ރަނގަޅަށް ވަޒަން ކުރަން. ކޮންމެ މީހަކަށްވެސް ހަމަ ފުރިހަމަ އިޚްތިޔާރު ލިބިގެންވޭ، އެމީހެއްގެ ޚިޔާލު މިނިވަންކަމާއެކު ފާޅުކުރަން. އެކަމަށް ސަރުކާރުން މަރްޙަބާ ކިޔަން.

މިއަދު އަޅުގަނޑު މިރަށަށް އައިސް ހިނގާލި ހިނގާލުމުގައި ނުވަތަ ބަލައިލި ބަލައިލުމުގައިވެސް މިކަންތައް އަޅުގަނޑަށް ފެނުނު. އަޅުގަނޑަށް ތާއީދު ކުރައްވާފައި ލިޔުއްވާފައި ހުރި އަދި އަޅުގަނޑަށް މަރްޙަބާ ވިދާޅުވެފައި ލިޔުއްވާފައި ހުރި ވަރަށް ގިނަ ލިޔުންތައް އެބަހުރި. އަދި އަމާނާތް ފުރިހަމަކުރުމަކީ ވަރަށް މުހިންމު ވާޖިބެކޭ ލިޔުއްވާފައި ހުރި ލިޔުންތަންވެސް އެބަހުރި. މާނައަކީ އަޅުގަނޑު މިހުރީ ރައްޔިތުންގެ ވަރަށްބޮޑު އަމާނާތަކާ ހަވާލުވެގެން ކަމަށްވާތީ، އެ އަމާނާތް ފުރިހަމަކޮށްދޭން ޖެހޭނެ ކަމަށް ދެކެވަޑައިގެން ލިޔުއްވާފައިވާ ޢިބާރާތްތަކެއްވެސް އެބަހުރި. އެ ޢިބާރާތްތައް އެހެން ލިޔުއްވާފައި ހުރުމުން، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ހަމައެޔާއެކީގައި، މިނޫން ޢިބާރާތްތައްވެސް އެބަހުރި. "ތިމަންނާމެން ބޭނުންވަނީ އާ ރައީސެކޭ" އެހެންވެސް އެބައޮތް ލިޔެފައި. އަދި "އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމަށްޓަކައި ބޭނުންވަނީ އާ ރައީސެކޭ". މިހެންވެސް އެބަހުރި ލިޔެފައި.

މިހެން ލިޔެފައި ހުރުމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް އިޢުތިރާޒެއް ނުކުރަން. އަޅުގަނޑު ބުނަން ބޭނުންވާ އޮތީ ހަމަ އެންމެ ވާހަކައެއް. އެއީ، އެ ޢިބާރާތް އެ ލިޔުނު މީހަކު އެ ލިޔުނީ، އޭނަގެ އަމިއްލަ ޚިޔާލަށް، އޭނާގެ ޙަޤީޤީ ޝުޢޫރަށް ކަމަށްވަންޏާ، އަޅުގަނޑު އެކަމަށް މަރްޙަބާ ކިޔަން. އެއީ އޭނާގެ ޚިޔާލު. އޭނާގެ ޝުޢޫރު. އެއާ ޚިލާފަށް، އެ ލިޔުނު މީހަކު ނުވަތަ ބަޔަކު އެ ލިޔުނީ، އެހެން ބަޔަކު ބުނެގެން، އެހެން ބަޔަކު ނަޞޭޙަތްތެރިވެގެން، އެހެން ބަޔަކު ފައިސާތަކެއްދީގެން ކަމަށްވަންޏާ، އެއީކީ އަޅުގަނޑު ހިތުން އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫން.

މިހެން މިދެންނެވީ، އަޅުގަނޑަށްވެސް އެނގޭ، ރާއްޖޭގައި ކަންތައްތައް ހިނގަމުންދާގޮތް. އެއްބަޔަކު ބޭނުންވާ ގޮތަށް ކަންތައްތައް ގެންދިޔުމަށްޓަކައި، ގިނައަދަދަކަށް ފައިސާ ބަހަމުންދާކަންވެސް އެނގޭ. އެއީ އެބަޔަކު ކަންތައްކުރާގޮތް. އަދި އެފައިސާ އަންނަނީ ކޮންދިމާއަކުންކަންވެސް އެނގޭ. މީގެތެރެއިން، ބައެއް ފައިސާއަކީ ރާއްޖެއިން ބޭރުން އަންނަ ފައިސާ. އަންނަނީ ވަރަށް އެހެންކަހަލަ ނުރަނގަޅު ދިމަދިމާއިން. ބޭނުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުން. ހަމަނުޖެހުން އުފެއްދުން.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވާތީ، އެކަމާ ހިތްހަމަނުޖެހޭ ބޭރުގެ ކިތަންމެ ފަރާތެއް އެބަތިބި. އެމީހުން ބޭނުންވޭ، ރާއްޖޭގައި މިއޮތް އިސްލާމީ ވަޙުދަތު އެކިގޮތްގޮތުން ނަގާލަން. ރާއްޖޭގައި އެހެން ދީންދީނަށް ޖާގަ ހޯދައިދޭން. އެމީހުންނަށް އެނގޭ، މިހާރުގެ ސަރުކާރު މިއޮތްގޮތަށް އޮވެގެން، އެއީ އެއްވެސް ހާލެއްގައި ހުއްދަކުރާނެ ކަމެއް ނޫންކަން. ރާއްޖޭގައި މި ސަރުކާރަކުން އެހެން އެއްވެސް ދީނަކަށް ޖާގައެއް ނުދޭނެ. އެހެން އެއްވެސް ދީނެއްގެ އަޅުކަންކުރާ ތަނެއް ހެދުމުގެ ހުއްދައެއް ނުދޭނެ. މިއީ ބައެއް މީހުންނަށް، ބޭރުގެ ފަރާތްތަކަށް ވަރަށްބޮޑު ކަމަކަށްވަނީ.

އެހެންވީމާ، މި ލިޔުންތައް ލިޔާއިރު، މިވާހަކަތައް ދައްކާއިރު، އޭގެ އަޑީގައި މުގުލުގައި ތިބީ ކޮންބަޔެއްތޯ ބައްލަވައިލެއްވުމަކީ، މިރަށުގެ ރައްޔިތުންނަށްވެސް ކުރައްވަންޖެހޭނެ ކަމެއް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، 1980 ވަނަ އަހަރުގެ ބަޣާވަތް. 1988ގެ ޢުދުވާނީ ޙަމަލާ. އަދި އޭގެފަހުން، 1990ގެ ކުރީކޮޅުގައި މާލޭގައި ހިންގި އަލިފާނުގެ ޙާދިޘާތައް. މިހުރިހާ ކަމެއްގެ އަޑީގައި ތިބީ ކޮންބައެއްތޯ ބައްލަވާއިރު، ވަރަށްބޮޑު ޙަޤީޤަތެއް އޮޅުންފިލާނެ. އަދި މިހާރު މިއުޅޭ މީހުންވެސް، އެމީހުންނާ ގުޅިފައި ހުރިވަރު ރަނގަޅަށް ދޭހަވާނެ.

މިހިރީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންތައްތައް. ހަމައެކަނި މީހަކު ބުނާ ބުނުމަކަށް، ސަރުކާރުން މިވެނި ކަމެއް ކޮށެއްނުދެޔޭ، މިވެނި ކަމެއް އޮތީ މިހެންނޭ ބުނާ ބުނުމަކަށް އަޅުގަނޑުމެން ހެއްލިގެނެއް ނުވާނެ. އެބަޔެއްގެ މަޤްޞަދަކީ ކޮބައިކަން އަޅުގަނޑުމެން ރަނގަޅަށް ދިރާސާކޮށް ދެނެގަންނަންވާނެ.

އާދެ! އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މިވާހަކަ ދަންނަވާލާނަމޭ. ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން. އެކަމަކު އޭގެ ސަބަބުން، އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުމެއް އުފެދިގެނެއް ނުވާނެ. އަޅުގަނޑުމެން އެކަކު އަނެކެއްގެ ގަޔަށް އަތްލައި، މާރާމާރީ ހިންގައި، ތަޅާފޮޅާ، ތަންތަން ހަލާކުކޮށް، މިހެން ހަދައިގެނެއް ނުވާނެ. ކޮންމެ މީހަކުވެސް، އަނެކެއްގެ ރަޢުޔަށް، ޚިޔާލަށް އިޙްތިރާމް ކުރަންވާނެ. އަޅުގަނޑުވެސް، ތިމަންނާ ބޭނުމީ އާ ރައީސެކޭ ބުނާ މީހަކަށް އިޙްތިރާމް ކުރާނަން. ތިމަންނާ ބޭނުމީ އާ ވެރިޔެކޭ ބުނާ މީހަކަށް އިޙްތިރާމް ކުރާނަން. އެއީ އޭނާގެ ރައުޔު. އޭނާގެ ޚިޔާލު. އެހެން ބުނަން އޭނާއަށް ޙައްޤު އެބައޮތް. އެކަމަކު އެހެން ބުނަންވާނީ، އެއީ އޭނާގެ ހިތުގެ ޙަޤީޤީ ޝުޢޫރު ކަމަށްވަންޏާ. އެހެން މީހަކު ބުނެގެން ނުވަތަ އެހެން މީހެއްގެ ހެއްލުމުގެ ދަށުވެގެން ނުވަތަ އެހެން މީހަކު ފައިސާދީގެން ބުނާ ބުނުމަކަށް، އެކަން ވެގެނެއް ނުވާނެ.

އާދެ! އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ، މި،ދެންނެވި ގޮތަށް ކަންތައްތައް ހިނގަމުންދާތީ، އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ހޭލުންތެރިވާންޖެހޭނެލެއް ބޮޑުކަމުން.

އަދި ހަމަ އެއް ވާހަކަ ދަންނަވާލާނަން. "އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމަށްޓަކައި އަހަރުމެން ބޭނުންވަނީ އާ ރައީސެކޭ." އެހެން އެބަހުރި ލިޔެފައި. ދެން އަޅުގަނޑު ހިތުގައި ސުވާލު އެފުދުނު. ކީއްވެބާވައޭ އެހެން ލިޔެފައި އެއޮތީ. އެ ލިޔުނު މީހަކަށް ނުވަތަ ބަޔަކަށް ނޭނގެނީބާވައޭ، ރާއްޖޭގައި އޮތް އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމަށްޓަކައި މި ސަރުކާރުން ކޮށްފައިވާހާ މަސައްކަތްތައް. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަކަށް އެނގިވަޑައެއްނުގަންނަވާނެކަންނޭނގެ. އެކަމަކު އަޅުގަނޑު ދަންނަވާލާނަން.

އަޅުގަނޑު ވެރިކަމާ ހަވާލުވީ، 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު. 1979 ވަނަ އަހަރު، އަޅުގަނޑުގެ ވެރިކަމަށް އަހަރުވެސް ނުވަނީސް، އަޅުގަނޑު އޮންނާނެ ރާއްޖޭގައި އުޅުއްވާ، އޭރު ތިއްބެވި ހުރިހާ ޢިލްމުވެރިންނަށް ސިޓީއެއް ފޮނުވާފައި. އަދި އެބޭފުޅުންނާ ބައްދަލުވެސް ކޮށްފައި. އެބޭފުޅުންނަށް އަޅުގަނޑު ދެންނެވި ވާހަކައަކީ، "މިހާރު ރާއްޖޭގައި ބައެއް ކަންކަމުގައި، ދީނުގެ ބައެއް ކަންތައްތަކުގައި ޚިޔާލު ތަފާތުވާން ފަށައިފިޔޭ. މިއީކީ ރާއްޖެއަށް ރަނގަޅު ގޮތެއް ނޫނޭ. ތިޔަބޭފުޅުން މިކަންތައްތައް ހުއްޓުވައިލައްވާށޭ. ތަފާތު ގޮތްގޮތަށް ފަތުވާ ނުދެއްވާށޭ. އަޅުގަނޑުމެން މިތިބީ މާތްވެގެންވާ އިސްލާމްދީނުގަޔޭ. އަދި ސުންނަތް ޖަމާޢަތުގެ މަޒްހަބެއްގެ ތެރެއިން މަޒްހަބެއްގައިވާ ގޮތުގަޔޭ. الإمام الشّافعى رضى الله عنه، އެކަލޭގެފާނަކީ ކީރިތި ޤުރްއާނާއި ސުންނަތުން އެކަލޭގެފާނުގެ މަޒްހަބުގެ ޙުކުމްތައް ނަންގަވާފައިވާ ބޭކަލެކޭ. އެހެންވީމާ، އެއީ ޞައްޙަ ގޮތެކޭ. ޞައްޙަ ގޮތެއް އޮއްވައި، އެގޮތް ދޫކޮށްލާފައި އެހެން ގޮތަކަށް ދާކަށް ނުޖެހޭނެޔޭ."

މިވާހަކަ އަޅުގަނޑު ދައްކަން ފެށީ، 1979 ވަނަ އަހަރުން ފެށިގެން. މިހާތަނާ ޖެހެންދެން މިވާހަކަ މިދައްކަނީ. އެކިއެކި މުނާސަބަތުތަކުގައި އަޅުގަނޑު ދައްކާ ވާހަކަ ތިޔަބޭފުޅުން އަޑުއައްސަވައިފިއްޔާ، އެކިއެކި ދީނީ ތަޤްރީރުތަކުގައި ނުވަތަ ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޖަލްސާތަކުގައި ނުވަތަ ހުކުރު ޚުޠުބާތަކުގައި ނުވަތަ ދީނުގެ މަގުގައި އަޅުގަނޑު ލިޔާ ލިޔުންތަކަށް ބައްލަވައިލައްވައިފިއްޔާ، އިސްލާމީ ވަޙުދަތު ރާއްޖޭގައި ރައްކާތެރިކުރަން އަޅުގަނޑު ކޮށްފައިވަނީ ކިހާވަރެއްގެ މަސައްކަތެއްކަން އެނގިވަޑައިގަންނަވާނެ. އިތުރަކަށް ދަންނަވާކަށް ނުޖެހޭނެ.

ދެން އެހެން ބުނާ މީހަކު އެހެން އެ ބުނަނީ ކީއްވެގެންތޯ؟ އެހެން ބުނާ މީހުންގެ ތެރޭގައި، އެކަމުގެ އަޑީގައި ތިބި މީހުންގެ ތެރޭގައި ތިބީ، މާބޮޑަށް ދީނަށް ޙުރްމަތްތެރިކޮށްހިއްތަވާ ބޭފުޅުންނޭ ދެންނެވޭކަށް ނެތް. އެބޭފުޅުންގެ އަޚްލާޤާއި ސުލޫކާއި، ވިދާޅުވާ އެއްޗިއްސާ، މިކަންތައް ހުންނަގޮތުން، އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިއްތަވާކަން ވަރަށް ޝައްކުކުރެވޭ ބަޔަކު، މީގެ އަޑީގައި އެބަތިބި. އެމީހުން މި ބުނަނީ، އިސްލާމީ ވަޙުދަތު ރައްކާތެރި ކުރުމަށް ބޭނުންވަނީ އާ ރައީސެކޭ. މިހިރީ ކަންތައް ހުރިގޮތް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ ތިޔަ ހުރިހާ ބޭފުޅުން ޖެހޭނެޔޭ، މިކަހަލަ ކަންތައްތަކަށް ވިސްނާވަޑައިގަންނަވަން. އަޅުގަނޑު ހިތަށްއެރީ އެވާހަކަ ހަމަ ދަންނަވާލާނަމޭ.

އަޅުގަނޑުގެ ވާޖިބެއްކަންނޭނގެ، މިމަގާމުގައި ހުރެގެން، ރައްޔިތުންނަށް ކަންތައްތައް އޮޅުންފިލުވައިދިނުން އެއީ. ކަމުގެ ޙަޤީޤަތް އޮޅުންފިލުވައިދިނުން. ކޮބައިތޯ ޙަޤީޤަތަކީ. ކޮބައިތޯ ކަންތައް ހިނގަމުންދާ ގޮތަކީ. ކޮބައިތޯ ރައްޔިތުންނަށް ރަނގަޅުގޮތަކީ. އެހެންވީމާ، އެ ބޭނުމުގައި އަޅުގަނޑު މިވާހަކަ މި ދެންނެވީ. އެހެންވީމާ، މި ދެއްކި ވާހަކަ، އިހަވަންދޫ ރައްޔިތުން ހެޔޮހިތުން ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އާދެ! ކުރިންވެސް ދެންނެވި ފަދައިން، މިއަދު މެންދުރުފަހުން އަދި އެހެން ވަރަށް މުހިންމު ރަސްމީ ކަމެއްވެސް އެބައޮތް. އެތަނަށް އަޅުގަނޑު ދާންވެސް އެބަޖެހޭ. އެހެންވީމާ، ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

އަޅުގަނޑު އެދެނީ، اللّـه سبحـانـه وتعـالى އިހަވަންދޫ ރައްޔިތުންނަށާއި، ޢާންމުކޮށް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހުރިހާވެސް ހެޔޮގޮތްތަކެއް މިންވަރު ކޮށްދެއްވުން. އެކަލާނގެ ފޮނުއްވި މާތް ހިދާޔަތުގައި، ފައިތިލަ ސާބިތު ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެން ބޭނުންވާ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމުގެ މަގު، އެކަލާނގެ ފަހިކޮށްދެއްވުން. އަދި އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވައި، އަޅުގަނޑުމެން އެންމެންނަކީ ބުއްދީގެ ބޭނުންކުރާ، ޙަޤީޤަތް އޮޅުންފިލުވާ، ހެޔޮބަސްއަހާ، ހެޔޮ ގޮތްގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައި މާތް ﷲ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.