بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين

އާދެ! ދެންމެ ހަނިމާދޫ ބޮޑުކަތީބު އަލްފާޟިލް މުޙަންމަދު ޤާސިމްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ހަނިމާދުއަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށްބޮޑު އުފަލެއް. ވަކިން ޚާއްޞަކޮށް، ހަނިމާދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ އެއަށްވުރެވެސް ބޮޑު އުފަލެއް. އާދެ! ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މިދިޔަ އަހަރު ދެފަހަރެއްގެ މަތިން އަޅުގަނޑަށްވަނީ މިރަށަށް ޒިޔާރަތް ކުރެވިފައި. އެންމެފަހުން އަޅުގަނޑު މިރަށަށް އައީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު. އެއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ތިންވަނަ މައި މަޝްރޫޢު އިފްތިތާޙުކޮށްދިނުމަށްޓަކައި ކުރި ދަތުރެއްގައި. އަދި މިނޫނަސް ނުރަސްމީ ސިފައެއްގައި ޗުއްޓީ ހޭދަކޮށްލުމަށްވެސް އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް ހަނިމާދުއަށްވަނީ އެތައްފަހަރަކު ޒިޔާރަތް ކުރެވިފައި. ޝައްކެއްނެތް. ހަނިމާދުއަކީ ތަރައްޤީގެ މަގުގައި ކުރިއަރަމުން އަންނަ ރަށެއް. ވަރަށް ހިންމަތްތެރި ރައްޔިތަކު ދިރިއުޅެމުން ގެންދާ ރަށެއް. ސަރުކާރުންވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެމުން އަންނަ ރަށެއް.

އާދެ! އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، މިއަދު އިރުއޮއްސުނުއިރު އަޅުގަނޑު ހަނިމާދުއަށް އައުމުން، އަތޮޅުއޮފީހުގެ އިސްވެރިންނާއި، ހަނިމާދޫގެ ވެރިންނާއި، ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވި ވަރަށް ހޫނު ވަރަށް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، އެބޭފުޅުންނަށާއި، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ޝުކުރު ދެންނެވުމަށް އަޅުގަނޑު އަވަސްވެގަންނަން. އަދި މިރޭގެ މިއުފާވެރި ޖަލްސާގައިވެސް އެންމެ ފުރަތަމަ ހަނިމާދޫ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް ވަރަށް ހިތްހެޔޮ ޢިބާރާތްތަކެއް އަޅުގަނޑާ މުޚާޠަބު ކުރައްވައި ވިދާޅުވި. އޭގެފަހުން، ބޮޑުކަތީބުގެ ވާހަކަފުޅުގައިވެސް އެފަދަ ޢިބާރާތްތަކެއް ގެންނަވައިފި. އެހެންވީމާ، އެދެބޭފުޅުންނަށްވެސް މިފުރުޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ކުރިންވެސް އިޝާރާތްކުރި ފަދައިން، ހަނިމާދުއަކީ ވަރަށް ޚާއްޞަ ނަޒަރަކުން ސަރުކާރުން ބަލަމުން އަންނަ ރަށެއް. ހަނިމާދޫގެ ތަރައްޤީގައި މިހާރުވަނީ ތަފާތު މަޝްރޫޢުތަކެއް ހިންގިފައި. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ ހަނިމާދޫ ވައިގެ ބަނދަރު. މިއީ، ޝައްކެއްނެތްގޮތުގައި މުޅި ރަށަށް ވަރަށްބޮޑު ދިރުމެއް ގެނެސްދިން ކަމެއް. އަދި މިހާރުވެސް އެ ވައިގެ ބަނދަރު މިރަށުގައި އޮތުމުގެ ސަބަބުން، މިރަށުގެ ރައްޔިތުންނަށް ވަރަށްގިނަ ފައިދާތަކެއް ކުރަމުންދޭ. އަދި މިރަށުގައި ހެދިފައިވާ ބަނދަރުގެ ސަބަބުންވެސް ރައްޔިތުންނަށް ވަރަށްގިނަ ކުރިއެރުންތަކަކާއި ތަނަވަސްކަމެއް ލިބެމުން އެބަދޭ.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ހަނިމާދޫގައިވަނީ ޓޫރިސްޓް ހޮޓަލެއް އެޅުމަށް ހަމަޖެހިފައި. އެކަމުގެ އެގްރީމެންޓްގައި މިހާރުވަނީ ސޮއިކުރެވިފައި. އިރާދަކުރެއްވިއްޔާ އެ ހޮޓާ ނިމުމުން، ހަނިމާދޫ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ. މިރަށުގެ ނަރުދަމާގެ ނިޒާމުގެ ވާހަކަ، ބޮޑުކަތީބު ދެންމެ ވިދާޅުވެއްޖެ. ކުނި ނައްތާލުމުގެ ނިޒާމުގެ ވާހަކަވެސް ވިދާޅުވެއްޖެ. އަދި ރަށް ގިރާ ވާހަކަވެސް ވިދާޅުވެއްޖެ. މިހުރިހާ ކަމަކީ، ސަރުކާރުގެ ސަމާލުކަމުގެ ތެރޭގައި ހިމެނޭ ކަންތައްތައް. އެކަންތައްތައް ހިނގަމުން އެބަދޭ.

ދެން އޭނާ ވިދާޅުވީ، އެކަންތައްތައް އަވަސްކޮށްދިނުން ވަރަށް ބޭނުންފުޅޭ. އެއީ ތެދުފުޅެއް. ކަމަކަށް ބޭނުންވެފައިވާ ފަރާތަކުންނަމަ، އެކަމެއް އަވަސްވުމަކީ އެދޭނެ ކަމެއް. އެކަން އަޅުގަނޑުވެސް ވަޒަންކުރަން.

އޭގެތެރެއިން އެއްކަމަކީ، އެ ވިދާޅުވި މި ރަށަށް ބޭނުންވާ ހުކުރު މިސްކިތުގެ ވާހަކަ. ތަންކޮޅެއް ކުރިއްސުރެ ބިންގާ އެޅި، އެހެންނަމަވެސް އިމާރާތް ނުކުރެވި ހުރި މިސްކިތެއްގެ ވާހަކަ އޭނާ ވިދާޅުވި. އެއީ އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ނުތަނަވަސްކަމެއް ގެނެސްދިން ކަމެއް. އެހެންނަމަވެސް، ބައެއްފަހަރަށް ކަންތައްތައް އެހެންވެފައި އެބަހުރޭ. ތަފާތު ސަބަބުތައް ދިމާވެގެން، އިންސާނުން ގަސްދުކުރާ މިންވަރަށް ނުވަތަ ގަސްދުކުރާހާ ހަލުވިކޮށް ކަންތައް ނުހިނގާ އެބަހުރޭ. އެހެންނަމަވެސް، އެކަމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑުވެސް ގަބޫލުކުރަން. އަދި އޭނާ އެވިދާޅުވިފަދައިން، މިހާރު ހަނިމާދޫގައި މި ރަށުގެ އަޞްލު ރައްޔިތުންގެ އިތުރުން ދެ ރަށެއްގެ ރައްޔިތުން ދިރިއުޅުއްވަމުން އެބަގެންދަވާ. އާބާދީ ކުރިއަށްވުރެ މާބޮޑުވެއްޖެ. އެހެންވީމާ، އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ، މިސްކިތް ކަމަށްވާއިރު، އާދެ! އަޅުގަނޑުމެންގެ އެންމެ މުހިންމު އެއްތަނަކީ މިސްކިތް ކަމަށްވާއިރު، މިސްކިތްތައްވެސް އެކަށީގެންވާ ފެންވަރެއްގައި، އެކަށީގެންވާ ބޮޑުމިނެއްގައި ހުރުމަކީ، ހަމަ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުވެސް ގަބޫލުކުރަން. އެހެންވީމާ، އެކަމަށްވެސް ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއްދޭނެ ވާހަކަ ދަންނަވާލަން.

އާދެ! މި ދަންނަވާލި ފަދައިން، ހަނިމާދޫގައި އިތުރު އެހެން ދެ ރަށެއްގެ ރައްޔިތުން މިހާރު ދިރިއުޅުއްވަމުން އެބަ ގެންދަވާ. އެއީ ތިލަދުންމަތީ އުތުރުބުރީ ހަތިފުށީ ރައްޔިތުންނާއި އަދި މިއަތޮޅު ހޮނޑައިދޫ 34 ގެއެއްގެ މީހުން. ކަތީބު ވިދާޅުވިފަދައިން، އަލަށް ބަދަލުވި މީހުންނާއި ހަނިމާދޫ އަޞްލު ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއްނެތް. ހަމައެކަނި ތަފާތަކީ، އެއްބައިމީހުން ވަގުތީ ހިޔަލެއްގައި ތިބެން ޖެހިފައިވުން. ހަތިފުށީ މީހުން ކުއްލިއަކަށް މިރަށަށް ބަދަލުވީމާ، އެހެން ދިމާވެސްވާނެ. އެއީ އެމީހުންގެ އެދުމަކަށް ހަމަ ކުއްލިއަކަށް އެރަށަށް ދިމާވި ބައެއް ކަންތައްތަކުގެ ސަބަބުން މިދިޔަ އަހަރު ބަދަލުވާން އެދުނީމާ، އެގޮތަށް ސަރުކާރުން ހަމަޖައްސައިދިނީ. އެހެން ބަދަލުވާއިރަކު ދާއިމީ ހިޔާވަހިކަމެއް ހެދިފައެއް ނުހުންނާނެ. އެހެންނަމަވެސް، އެ ހިޔާވަހިކަމަކީ އެމީހުންނަށްވެސް ބޭނުންވާނެ ތަނެއްކަން ސަރުކާރުންވެސް ޤަބޫލުކުރޭ. އެކަމަށް ބޭނުންވާ މަސައްކަތް ސަރުކާރުން ކުރަމުން އެބަގެންދޭ.

ހަނިމާދުއަށް ބަދަލުވެފައިވާ މި ދެންނެވި ދެ ރަށުގެ ރައްޔިތުންނަށް، ހަނިމާދޫ ވެރިންނާއި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ހަނދާންކޮށް، އެކަމަށްޓަކައިވެސް ހަނިމާދޫގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ދާދި އިހަކަށް ދުވަހަކު އަޅުގަނޑުމެން މީލާދީ އާ އަހަރަކާ ކުރިމަތިލައިފިން. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، ހިޖުރީ އާ އަހަރެއްވެސް އެބަ ފެށޭ. އެހެންވީމާ، މިއުފާވެރި ދެ މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންވެސް ހަނިމާދޫގެ ލޮބުވެތި ރައްޔިތުންނަށާއި ވެރިންނަށް އަޅުގަނޑު ދަންނަވަން.

ތަރައްޤީގެ އުސްމިންތައް ޙާޞިލު ކުރުމަށް، ދިވެހި ރައްޔިތުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަޖެހުމާއި އެއްބާރުލެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންވެސް ގަބޫލުކުރަންވާނެ. ހަނިމާދޫ ރައްޔިތުންގެ މެދުގައި ކުރިއްސުރެ އޮންނަނީ، އެފަދަ ވަރަށް ގާތް އެކުވެރި ގުޅުމެއް. އެ ގުޅުން އެގޮތަށް ދެމެހެއްޓެވުމަކީ، މިރަށުގެ މުސްތަޤްބަލް އިތުރަށް އަލިވެގެންދާނެ ކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވާލަންޖެހޭ. ހަމައެހެންމެ، އަޅުގަނޑުމެން އެކިއެކި ރޮނގުރޮނގުން ތަރައްޤީވަމުންދާއިރުވެސް، މުޅި ޤައުމުގައި އޮންނަ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަކީ އެންމެ އިސްކަމެއްދޭންޖެހޭނެ ކަންތައް ކަމުގައި އަޅުގަނޑު ދަންނަވަން.

އާދެ! މިހާރު ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް ސަރުކާރުން އެބަ ހިންގާ. އޭގެ ކުރިއްސުރެ ފެށިގެން ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއާއި، އިޤްތިޞާދީ ތަރައްޤީގައި ތަފާތު މަޝްރޫޢުތަކާއި މަސައްކަތްތައް ސަރުކާރުންވަނީ މާލޭގަޔާއި އަދި އަތޮޅުތަކުގައި ހިންގާފައި. މިހާރުވެސް އެފަދަ ބޮޑެތި ކަންތައްތަކެއް ހިންގަމުން އެބަގެންދޭ. މި ހުރިހާ ކަމެއް މިހެން ހިނގަމުންދާއިރު، ރައްޔިތުންގެ މެދުގައި ހަމަޖެހުން އޮތުމަކީ، ވަރަށް މުހިންމު ކަމެއް. އެއްވެސް ހާލެއްގައި، ރައްޔިތުންގެ މެދުގައި ބައިބައިވުމެއް އުފެދުމަކީ ނުވަތަ އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭގައި ނުގުޅޭގޮތް ދިމާވުމަކީ، އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔައި، އެކިއެކި ދޮގު އިލްޒާމްތައް އަނެއް ބަޔެއްގެ ބޮލުގައި އަޅުވަމުން ގެންދިޔުމަކީ، ތަރައްޤީވަމުން އަންނަ ޤައުމަކަށް ނުވަތަ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރަން ބޭނުންވާ ޤައުމަކަށް އެއްގޮތަކަށްވެސް ބޭނުން ކަމެއް ނޫން. އެފަދަ ކަންކަމުން އަޅުގަނޑުމެން ތިބެންޖެހޭނީ ދުރުހެލިވެގެން، ރައްކާތެރިވެގެން.

އާދެ! ސިޔާސީ އިޞްލާޙު ޕްރޮގްރާމްގެ ވާހަކަ ކޮންމެހެން ތަފްޞީލުކޮށް މިރޭ އަޅުގަނޑު ދަންނަވާކަށް ނެތިން. އެކަން ހަނިމާދޫ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. މީގެކުރިން އަޅުގަނޑު މިތަނަށް އައިސް، ހަނިމާދޫ ރައްޔިތުންނާ ބައްދަލުކޮށް ދައްކާފައި ހުރި ވާހަކަތަކުގައިވެސް އެވާހަކައިގެ މައްޗަށް ބަލާލައިފައިވާނެ.

އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، އިރާދަކުރެއްވިއްޔާ އެކަންތައްތައް އެދަނީ ވަމުންނޭ. އިޞްލާޙީ ޕްރޮގްރާމް، އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ކާމިޔާބުވަމުންނޭ. އެއް މަރްޙަލާއަކަށްފަހު އަނެއް މަރްޙަލާއަކަށް ވާޞިލުވަމުންނޭ. އެހެންވީމާ، އަޅުގަނޑުމެން ޖެހޭނީ، މިފަދަ ދަނޑިވަޅެއްގައި، އަޅުގަނޑުމެންގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލަނބައި އަދި އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރާށޭ. އަޅުގަނޑުމެން ކުރާ އެއްވެސް ކަމެއްގެ ފައިދާ އަޅުގަނޑުމެންނަށް ލިބޭނީ، އަޅުގަނޑުމެންގެ ތެރޭގައި މިއޮންނަ އުޚުއްވަތްތެރިކަން، އެކުވެރިކަން، ޤައުމީ އެއްބައިވަންތަކަން ދަމަހައްޓައިގެންނޭ. އެކަން އެބަޖެހެޔޭ އަޅުގަނޑުމެން ގަބޫލުކުރަން. މިއާ ޚިލާފަށް މަސައްކަތްކުރާ ބަޔަކު، އެ މަސައްކަތް ކުރަނީކީ، ޤައުމުގެ ހެވާއި ލާބައަކަށް ނޫންކަން އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުންނަށްވެސް ގަބޫލުކުރެއްވޭނެ.

އާދެ! ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙީ ޕްރޮގްރާމްގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައިވޭ. އަދި އެކަންތައްތަކުގެ ތެރެއިން ވަރަށްގިނަ ކަންތައްތަކެއް މިހާރުވަނީ ޙާޞިލުވެފައި. ޙާޞިލުވެ ނިމިފައި. އަނެއްބައި ކަންތައްތައް މިދަނީ ޙާޞިލުވަމުން.

އެހެންވީމާ، މިފަދަ ދަނޑިވަޅެއްގައި އިޞްލާޙު ލަސްވެގެންނޭ ކިޔާފައި ނުވަތަ މިއަށްވުރެ ހަލުވިކުރާށޭ ކިޔާފައި ނުވަތަ މިއަށްވުރެ މޮޅު އެހެން ގޮތެއް ހޯދާށޭ ކިޔާފައި، އަޅުގަނޑުމެންގެ ތެރޭގައި ބަޔަކު ހަމަނުޖެހުން އުފައްދަންވީ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީގައިވެސް އެފަދަ ކަމަކަށް ތަނެއް ނުދޭ. އަދި އަޅުގަނޑުމެންގެ ޤާނޫނުތަކާއި ގަވާއިދުތަކުގައިވެސް އެފަދަ ކަންތައްތަކަށް ތަނެއް ނުދޭ. އަދި އެކަންތައްތައް ކީއްކުރަންތޯ؟ އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާއިރު، އަޅުގަނޑުމެންގެ އިސްލާމީ އުޞޫލުތަކާއި ޢަޤީދާގައިވެސް އެފަދަ ކަންތައްތަކަށް ޖާގައެއްނުދޭ.

اللّـه سبحـانـه وتعـالى ހުރިހާ މުސްލިމުން ލައްވާފައިވަނީ އަޚުންތަކެއްގެ ގޮތުގައި. އެކަލާނގެ ވަޙީ ކުރައްވަނީ، "إِنَّمَا الْمُؤْمِنُونَ إِخْوَةٌ" "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެއްކަން ކަށަވަރެވެ." ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކާއި އިރުޝާދުތަކުގައިވެސް ވަނީ ހަމަ އެގޮތަށް އަންގަވައި، އެގޮތަށް މުއުމިނުންގެ މެދުގައި އުޚުއްވަތްތެރިކަމާއި އަޚުވަންތަކަމާއި އެއްބަނޑުއެއްބަފާކަން ބަދަހިކުރުމަށް އަންގަވާފައި.

އެހެންވީމާ، މިކަންތައްތައް މިހެން ހުރުމާ އެކީގައި، އިސްލާމީ ޖަމާޢަތެއްގައި އެއްވެސްކަހަލަ ބައިބައިވުމަކަށް ތަން ދެވިގެނެއް ނުވާނެ. ހަމަޖެހިގެން ތިބެގެން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްގެން، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެއްބައިވަންތަކަން ދަމަހައްޓައިގެންވެސް، ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ހަމަ މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ކުރެވިދާނެ. އަޅުގަނޑުމެން ޙާޞިލު ކުރަން ބޭނުންވާ ކާމިޔާބީތައް ޙާޞިލު ކުރެވިދާނެ. އަޅުގަނޑުމެން ދާން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް އަޅުގަނޑުމެންނަށް ދެވިދާނެ. މިއީކީ ޝައްކެއްއޮތްކަމެއް ނޫން.

އެހެންވީމާ، ކުރުކޮށް ދަންނަވަންޏާ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ހަމައެކަނި ހަނިމާދޫ ރައްޔިތުންނަކަށް ނޫން، ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން ހުރިހާ ކަމެއްވެސް ކުރަންވާނީ، ޤާނޫނާއި ގަވާއިދުގެ ތެރެއިންނޭ. ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތައިގެންނޭ. ޤައުމުގެ މަޞްލަޙަތަށް އިސްކަންދީގެންނޭ. އަޅުގަނޑުމެންގެ މެދުގައި މިއޮތް އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމަށް އެއްވެސްކަހަލަ ބުރުލެއް ނާރާ ގޮތެއްގެ މަތިންނޭ. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަނީނަމަ، އަޅުގަނޑުމެންނަށް ޝައްކެއްނެތްގޮތުގައި، މާތްﷲ ހެޔޮ ރަޙްމަތް ލައްވާނެ. އެކަލާނގެ އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެޔޮ ތައުފީޤު އަވަސް މަގަކުން ދައްކަވައިދެއްވާނެ. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ، އަވަސް މަގަކުން އެކަލާނގެ ދައްކަވައިދެއްވާނެ.

އާދެ! އަޅުގަނޑުގެ ވާހަކަ ކޮންމެހެން މާދިގުކުރާކަށް ނެތިން. އަޅުގަނޑު ދަންނަވަން ބޭނުންހާވެސް ވާހަކައަކީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މިހާތަނަށް މިއައީވެސް އަދި ކުރިއަށް އޮތް ތާނގައި މަސައްކަތް ކުރާނީވެސް ރައްޔިތުންގެ ލާބައާއި މަޞްލަޙަތަށްޓަކައޭ. ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް، ރައްޔިތުންނަށް އަވަސް މަގަކުން ފޯރުކޮށްދެވޭތޯއޭ. އަދި ދިވެހިރާއްޖެ އިޖްތިމާޢީ ރޮނގުންނާއި އިޤްތިޞާދީ ރޮނގުން އިތުރު ކުރިއެރުންތައް ޙާޞިލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަޔޭ.

މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި! އަދި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރާ ގުޅިގެން، ތަރައްޤީގެ މަގުގައި މި ހިންގާ ކަންތައްތައް އެއީ ކާމިޔާބު ފައިދާހުރި، ހުރިހާ ރައްޔިތުންނަށް، އޭގެ މަންފާ ލިބިގެންވާ ކަންތައްތަކެއް ކަމުގައި ހިންމަވައިދެއްވާށި! އަދި ހަނިމާދޫ ރައްޔިތުންނަށާއި ވެރިންނަށާއި، ހދ. އަތޮޅުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތާއި ކުރިއެރުން މިންވަރު ކުރައްވާށި! ހަމައެހެންމެ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، މިއަދަށްވުރެ ތަނަވަސް އަދި މިއަދަށްވުރެ ބާއްޖަވެރި އުފާވެރި މާދަމައެއް މާތްﷲ ދައްކަވާށި!

والسّـلام عليـكم ورحـمة اللّـه وبـركاتـه.