بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على أشرف المرسـلين، سيدنا محـمَّدٍ وَعلى آلـه وأصـحَابِه أجمـعـين.

އާދެ! މިރޭ އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ، މިރޭގެ މި ޙަފްލާގައި ގެލެންޓްރީ ރަން އެވޯޑް ޙާޞިލުކުރި ހިތްވަރުގަދަ ސްކައުޓް މުޙަންމަދު ޖައިޝަމް އިބްރާހީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން. މި ތަހުނިޔާގައި މުޙަންމަދު ޖައިޝަމް އިބްރާހީމްގެ ލޮބުވެތި ބައްޕައާއި ލޮބުވެތި މަންމަ އަދި ޢާއިލާގެ މެންބަރުން އަޅުގަނޑު ހިމަނަން. ހަމައެޔާއެކީގައި، ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނާއި، ހއ. އަތޮޅު މަދަރުސާގެ ވެރިންނާއި، މުދައްރިސުންނާއި ދަރިވަރުންނާއި، ރާއްޖޭގެ ސްކައުޓް ކައުންސިލްގެ ރައީސް ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރާއި، ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އަލްފާޟިލް އަޙްމަދު ޢަލިމަނިކާއި، ސްކައުޓް ކައުންސިލްގެ މެންބަރުންނާއި، ރާއްޖޭގެ ހުރިހާ ސްކައުޓުން ޝާމިލުކުރަން.

ސްކައުޓް މުޙަންމަދު ޖައިޝަމް އިބްރާހީމް، މިރޭ މި ޙާޞިލުކުރި އިނާމަކީ، ސްކައުޓުންނަށް ދެވޭ ވަރަށް މަތީ ޝަރަފެއް. ވަރަށް ޝަރަފުވެރި އިނާމެއް. އެ އިނާމުގެ ތަޢާރުފެއް، ދެންމެ ސްކައުޓް ކައުންސިލްގެ މެންބަރު އަލްފާޟިލް އިބްރާހީމް ޒަމީރު ދެއްވައިފި.

ހޯރަފުށީގައި މިމަހުގެ 8 ވަނަ ދުވަހު ހިނގައިދިޔަ ނުރައްކާތެރި ޙާދިސާގެ ވާހަކަ، ދެންމެ ސްކައުޓް ކައުންސިލްގެ ރައީސް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީ ވިދާޅުވެއްޖެ. އޭނާގެ ވާހަކަފުޅުގައި، އެކަން ވެގެންދިޔަގޮތާއި، ޖައިޝަމް ސާބިތުކޮށްދިން ހިތްވަރާއި، މިކަމުގައި އަޅުގަނޑު ސަލާމަތްވުމުގައި މާތްﷲ މެދުވެރިކުރެއްވި ހުރިހާ ފަރާތްތަކެއްގެ ވާހަކައާއި، އަދި މިޢަމަލަކީ ދިވެހި ހުރިހާ ރައްޔިތުންނާއި، ބޭރުގެ ފަރާތްތަކުންވެސް ވަރަށް ބޮޑަށް ކުށްވެރި ކުރެއްވި ޙާދިސާއެއްކަމާއި، މިފަދަ ކަމެއް ރާއްޖޭގައި ހިނގިޔަނުދިނުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭނެ ކަމަށްވަނީ ވިދާޅުވެފައި. ޝައްކެއްނެތްގޮތުގައި އޭނާ އެ ދެއްކެވި ހުރިހާ ވާހަކަފުޅަކީވެސް، ވަރަށް ޤަބޫލުކުރެވޭ، އަޅުގަނޑުމެން އެންމެންގެ ހިތުން އެކަމަށް ދޭންޖެހޭ ތަރުޙީބެއް ދޭންޖެހޭ ވާހަކަފުޅެއް.

އާދެ! ހޯރަފުށީގައި މީހަކު ވަޅިން އަޅުގަނޑަށް ޙަމަލާދޭން އުޅުމުން، ނުވަތަ ޙަމަލަ ދިނުމުން، އެކަމުގެ ނުރައްކަލުން އަޅުގަނޑު ސަލާމަތްވީ، މާތްﷲގެ ތަނަވަސް ރަޙްމަތާއި މިންވަރުފުޅުން. އެހެންކަމުން، މިފުރްޞަތުގައިވެސް اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް އަޅުގަނޑު ޙަމްދާއި ޝުކުރު ދަންނަވަން.

އެ ޙަމަލާއިން އަޅުގަނޑު ސަލާމަތްވުމުގައި، މާތްﷲ މެދުވެރިކުރެއްވި އެއް ފަރާތަކީ، މުޙަންމަދު ޖައިޝަމް އިބްރާހީމް. އާދެ! އެ މީހަކު އަޅުގަނޑު ޙަމަލަ ދިނުމުގެ ކުރިންވެސް، އޭނާ ކުރީ ސަފަށް ޖެހެން އުޅުނު އުޅުން މަނާކޮށް، އޭނާއަށް އެއްވެސް ފުރްޞަތެއް ނުދީ ހިފެހެއްޓީ ޖައިޝަމް. ހަމައެހެންމެ، އޭނާ ވަޅިން އެ ދޭން އުޅުނު ޙަމަލާގެ ދިފާޢުގައި އޭނާގެ އަތުން ޙަރަކާތްތެރި ކުރީވެސް ހަމަ ޖައިޝަމް. އެހެންވީމާ، އެދުވަހު ޖައިޝަމް އެ ސާބިތުކޮށްދިން ހިތްވަރަށާއި، ކުޅަދާނަ ކަމަށާއި، ޢަޒުމަށްޓަކައި، އޭނާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އޭނާ ސްކައުޓަކަށްވީތީ، ސްކައުޓް ޙަރަކާތަށްވެސް ތަހުނިޔާ ދަންނަވަން.

މިކަން މިހެން އޮތުމާއެކު، މިރޭގެ މި ޙަފްލާގައި، ޖައިޝަމަށް ގެލެންޓްރީ ރަން އެވޯޑް ޙަވާލުކުރުމަކީ، ޗީފް ސްކައުޓްގެ ޙައިޘިއްޔަތުންނާއި، އަޅުގަނޑުގެ އަމިއްލަ ޙައިޘިއްޔަތުން އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށް ދަންނަވަން.

ޝައްކެއްނެތް. ޖައިޝަމް އެ ދުވަހު އެ ދެއްކި ހިތްވަރާއި، އޭނާގެ ސާބިތުކަމަށްޓަކައި، ސްކައުޓް ހުރިހާ ކުދިން ފަޚްރުވެރިވާނެ. އަދި ހަމައެހެންމެ، ދިވެހި ރައްޔިތުންވެސް ފަޚްރުވެރިވާނެ. އެހެންކަމުން، އޭނާ އެ ކުރި ޢަމަލަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ވަރަށްބޮޑު ރީތި ނަމެއް ލިބިގެންދިޔަ ޢަމަލެއް ކަމުގައި ވެގެން ހިނގައްޖެ.

އާދެ! އެ ދުވަހުގެ އެ ނުރައްކާތެރި ޙަމަލާއިން އަޅުގަނޑު ސަލާމަތްވުމުގައި މާތްﷲ މެދުވެރިކުރެއްވި އަނެއް ފަރާތަކީ، އެމް.އެން.ޑީ.އެފް.ގެ ކްލޯޒް ޕްރޮޓެކްޝަން ޓީމް. އެހެންވީމާ، އެދުވަހު އެޓީމުގެ މެންބަރުން ސާބިތުކޮށްދެއްވި ހުނަރުވެރިކަމާއި ޤާބިލުކަމަށްޓަކައި، އެ ޓީމުގެ ހުރިހާ މެންބަރުންނަށްވެސް އަޅުގަނޑު ސާބަސްދީ ޝުކުރު އަދާކުރަން. ހަމައެހެންމެ، އެ ދުވަހުގެ އެ ޙާދިސާ ވަގުތުން ކޮންޓްރޯލްކޮށް އަދި ކުރަންޖެހޭ ތަޙުޤީޤުތައް ކުރުމުގައި، ދިވެހި ފުލުހުން އެ ދުވަހުވެސް އަދާކުރި އަދި މިހާރުވެސް އަދާކުރަމުން އެ ގެންދާ ޚިދްމަތަށްޓަކައި، ފުލުހުންގެ އިސް ފަރާތްތަކަށާއި، ފުލުހުންގެ އެންމެންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

ޝައްކެއްނެތް. ޖައިޝަމްގެ ހިތްވަރުގަދަ ޢަމަލުން އެ ދައްކައިދިނީ، ސްކައުޓްގެ ތަމްރީނުން އޭނާއަށް ލިބިފައިވާ ޢަޒުމާއި ކުޅަދާނަކަން. ޖައިޝަމް މި ހޯދައިދިން ރީތި ނަމުން، އޭނާގެ ނަން ސްކައުޓުންގެ އެންމެކުރީ ސަފުގައި ހިމެނިގެން ހިނގައްޖެ. ދުނިޔޭގެ ތަފާތު ސްކައުޓް އެސޯސިއޭޝަންތަކުންނާއި، ރީޖަނަލް އޮފީސްތަކުން ޖައިޝަމްގެ ހިތްވަރުގަދަ ޢަމަލަށް ތަޢުރީފުކޮށްފި. މިއީ އަޅުގަނޑުމެންގެ ރާއްޖެއަށް ސްކައުޓް ދަރިވަރަކު ހޯދައިދިން ވަރަށްރީތި ނަމެއް. ވަރަށް މަތިވެރި ޝަރަފެއް. އަދި އެ ދުވަހު އެ ޙާދިސާގައި ޖައިޝަމްގެ ހަށިގަނޑަށް ވަނީ ގެއްލުންތަކެއް ލިބިފައި. އޭނާގެ އަތްވަނީ ޒަޚަމްވެފައި. އެހެންވީމާ، އެއީވެސް އަޅުގަނޑުމެން މިރޭ ވިސްނާލަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް.

މިރޭ އަޅުގަނޑަށް ލިބުނު އެންމެބޮޑު އެއް އުފަލަކީ، މިހާރު އޭނާގެ އަތް ސަލާމަތުން އޮތްކަން ފެންނަން އޮތް އޮތުން. ކުރިން އޭނައާ އަޅުގަނޑު ބައްދަލުކުރި ހުރިހާ ފަހަރެއްގައިވެސް އޭނާގެ އަތް އޮތީ ބެންޑޭޖްކޮށްފައި. އެކަމުގެ ފަރުވާ ލިބެމުންދިޔައީ. އެހެންނަމަވެސް، މިރޭ ފެންނައިރު، މިހާރު އޭނާ އެ އިނީ އިރާދަކުރެއްވިއްޔާ، އެކަމުން ސަލާމަތްވެފައި. ވަރަށް ރީތިކޮށް އެ އިނީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރަން. އަދި ޖައިޝަމަށް ލިބުނު ޒަޚަމަށް ދިވެހި ސަރުކާރުން މިހާރުވެސް މި ގެންދަނީ ފަރުވާކޮށްދެމުން. އަދި އެ ފަރުވާ ފުރިހަމަކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވާލަން.

އޭގެއިތުރުން، ޖައިޝަމަކީ ސްކޫލް ކުއްޖަކަށްވާތީ، އޭނާގެ ތަޢުލީމުގެ ކަންތައްތައްވެސް މިހާރުވަނީ ސަރުކާރުން ހަމަޖައްސައިދީފައި. އާދެ! ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާރުން ފެށިގެން ޖައިޝަމްގެ ތަޢުލީމުގެ ހުރިހާ ކަމެއް ހަމަޖައްސައިދޭގޮތަށް ވަނީ ނިންމާފައި.

އާދެ! މިރޭ މިތާނގައި ވަރަށްގިނަ ސްކައުޓް ކުދިން އެބަތިބި. އެހެންވީމާ، އެކުދިންނާ މުޚާޠަބުކޮށް، އަޅުގަނޑު އެއްޗެއް ބުނެލަން ބޭނުންވޭ. އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައަކީ، ކޮންމެ ސްކައުޓަކީވެސް ޖައިޝަމްފަދަ ޤައުމަށް ތެދުވެރި، ވަފާތެރި، އިޚްލާޞްތެރި ސްކައުޓަކަށްވާށޭ. އަދި ކޮންމެ ކިޔަވާ ކުއްޖަކީ، އަދި ކޮންމެ ޒުވާނަކީ، ޤައުމަށް ވަފާތެރި، ހިތްވަރުގަދަ ކުއްޖަކަށް ނުވަތަ ޒުވާނަކަށްވުމަށް މަސައްކަތް ކުރާށޭ. އެ ކުއްޖަކަށް ލިބިގެންވާ ޤާބިލުކަމާއި ހުނަރުވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތްކުރާ ކުއްޖަކަށް ނުވަތަ ޒުވާނަކަށްވާށޭ. އަދި އެ ކުދިންނަށާއި އެ ޒުވާނުންނަށް ދެއްވަންޖެހޭ އަހަންމިއްޔަތާއި ސަމާލުކަން، މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި މުޅި މުޖްތަމަޢުން ދެއްވާށޭ.

އާދެ! ދެންމެ ސްކައުޓް ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވި ފަދައިން، މިފަދަ ނުރައްކާތެރި ޢަމަލުތަކަކީ ރާއްޖޭގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫން. މިކަން ހަމަ ހިނގުމާ އެކީގައި ރާއްޖޭގެ ހުރިހާ ފަރާތްތަކަކުންވެސް މިކަން ވަނީ ކުށްވެރި ކުރައްވާފައި. އާދެ! އަޅުގަނޑަށް ލިބުނު މެސެޖްތަކުންނާއި، ލިބުނު ސިޓީތަކުން މިކަން ވަރަށް ރަނގަޅަށް އެނގޭ. ޤައުމުގެ ހުރިހާ ޖަމާޢަތްތަކުން، ޤައުމުގެ ހުރިހާ އަފްރާދުން މިކަންވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައި. އަދި މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢުވެސް ވަނީ މިކަން ކުށްވެރިކޮށްފައި. ހަމައެޔާއެކީގައި، މިފަދަ ނުރައްކާތެރި ބިރުވެރި ޢަމަލެއް، ރާއްޖޭގައި ހިނގައި ނުދިޔުމަށް އަޅުގަނޑުމެން އެންމެން ޢަޒުމް ކަނޑައަޅަން ޖެހޭނެކަން އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ހަމަ ގަބޫލުކުރާނެ.

އާދެ! ޝައްކެއްނެތްގޮތުގައި، ޓެރަރިޒަމްގެ ޢަމަލުތަކަކީ، ނުވަތަ އެކިއެކި ބޭނުންތަކުގައި މީހުންގެ ފުރާނައަށާއި، ހަށިގަނޑަށާއި، ގޯތިގެދޮރަށް ގެއްލުން ދިނުމަށް ކުރާ ހަރުކަށި ޢަމަލުތަކަކީ، ދުނިޔޭގެ އެއްވެސް ޤައުމަކުން ބަލައިގަންނާނެ ޢަމަލުތަކެއް ނޫން. އެއީ އެއްވެސް ޤައުމަކުން ހުއްދަކުރާނެ ނުވަތަ އެއްވެސް ޤައުމަކުން އަޅައިނުލާ ދޫކޮށްލާނެ ކަމެއް ނޫން. އެކަމަކީ ރާއްޖޭގައިވެސް އެއްވެސް ޙާލެއްގައި އަޅުގަނޑުމެން އެކަން ހުއްޓުވަން މަސައްކަތް ނުކޮށް ތިބެންވީ ކަމެއް ނޫން. އަޅުގަނޑުމެންގެ މުޖްތަމަޢަކީ، އަމާން، ޞުލްޙަވެރި މުޖްތަމަޢަކަށް ހެދޭތޯ އެންމެންވަނީ މަސައްކަތް ކުރަން ޖެހިފައި. ރާއްޖޭގައި މިހާރު ކޮންމެވެސްވަރަކަށް ޞުލްޙަމަސަލަސްކަން މިދަނީ ގެއްލެމުން. މާރާމާރީ ހިންގުމާއި، މީހުންގެ ހަށިތަކަށާއި، ފުރާނަތަކަށް ނުވަތަ ގޯތިގެދޮރަށް ގެއްލުން ދިނުމުގެ ޢަމަލުތައް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. މިއީ މުޅި ޤައުމު ކަންބޮޑުވާންޖެހޭނެ ކަމެއް.

މިހެން މިކަން އޮއްވާ، ބައެއް ސިޔާސީ ޙަރަކާތްތަކުގެ ސަބަބުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެކިބާވަތުގެ ހަމަނުޖެހުން އުފެދެމުންދާކަން، އަޅުގަނޑުމެންނަށް މިއަދު ފެނޭ. މިއީ އެއްގޮތަކަށްވެސް ސިޔާސީ އިޞްލާޙުގެ ތެރޭގައިވާ ކަމެއް ނޫން. ސިޔާސީ އިޞްލާޙަކީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގޭ ދީމުޤްރާޠީ ޕްރޮގްރާމެއް. އެ ޕްރޮގްރާމަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އިންޞާފު ޤާއިމުކޮށް، ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެއް. އެއީ ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ތެރޭގައި ފިތުނަވެރިކަމާއި، ދެކޮޅުވެރިކަމާއި، ރުޅިވެރިކަމާއި، ހަމަނުޖެހުމަށް މަގުފަހިކޮށްދޭން ހިންގާ ޕްރޮގްރާމެއް ނޫން. މިކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ވަޒަންކުރަންވާނެ.

ރާއްޖޭގެ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމް ކާމިޔާބުވުމަކީ، ރާއްޖެއަކީ އަމަންއަމާން، ޞުލްޙަވެރި ތަނަކަށްވުން. ރާއްޖޭގެ ރައްޔިތުންނަކީ، އެއްވެސް ބިރެއްނެތި، މިނިވަންކަމާއެކު މުޖްތަމަޢުގައި ޙަރަކާތްތެރިވެވޭ ބަޔަކަށްވުން. އެމީހުންގެ ގޯތިގެދޮރުގައިވެސް ސަލާމަތްކަންމަތީ ތިބެވޭ ބަޔަކަށްވުން. މަގުމައްޗަށް ނުކުންނަހިނދުވެސް އަދި މުޖްތަމަޢުގައި ޙަރަކާތްތެރިވާ ޙަރަކާތްތެރިވުމުގައިވެސް، އެއްވެސް ފަރާތަކުން އެ ބަޔަކާ ދޭތެރޭގައި ނުވަތަ އެ މީހަކާ ދޭތެރޭގައި އަނިޔާވެރި ޢަމަލެއް ކޮށްފާނެ ކަމުގެ ބިރެއް ނެތް ބަޔަކު ކަމުގައި ރާއްޖޭގެ މުޅި ރައްޔިތުންވުން.

ޝައްކެއްނެތް. މިއީ، އިޞްލާޙީ ޕްރޮގްރާމްގެވެސް އެންމެ މުހިންމު މަޤްޞަދަކީ. އެހެންވީމާ، މިރޭވެސް އަދި މީގެފަހުންވެސް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެންގެ ރާއްޖެއަކީ އަމާން ތަނަކަށް ހެދުމަށް. ޞުލްޙަވެރި ތަނަކަށް ހެދުމަށް. އެންމެން ހިތްހަމަޖެހިގެން ދިރިއުޅެވޭ ތަނަކަށް ހެދުމަށް. އެ މަސްއޫލިއްޔަތަކީ، ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް، އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަންޖެހޭނެ.

އޭގެއިތުރުން، އަޅުގަނޑުމެންގެ ޢާންމު ރައްޔިތުންވެސް، ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ އެކިއެކި ޖަމުޢިއްޔާތައްވެސް، ޖަމާޢަތްތައްވެސް، ޕާޓީތައްވެސް، ހުރިހާ ފަރާތަކުންވެސް މަސައްކަތް ކުރައްވަންޖެހޭނީ، ރާއްޖޭގައި ހަމަޖެހުން ޤާއިމުކުރެއްވުމަށް. ރާއްޖޭގެ ރައްޔިތުންނަކީ ޞުލްޙައަށް ލޯބިކުރާ، ޞުލްޙަވެރި ބަޔަކަށް ހެއްދެވުމަށް. ރާއްޖޭގައި އަނިޔާވެރި، ދެކޮޅުވެރި، ހަރުކަށި ޢަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކުން ފުރުޞަތު ނުދެއްވުމަށް. އަޅުގަނޑު ހިތުން މިގޮތަށް އަޅުގަނޑުމެން އެންމެން ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑުމެން އެންމެން އެދޭގޮތަށް، ރާއްޖެއަކީ ވަރަށް ބާއްޖަވެރި، އުފާވެރި، އެ ތަނެއްގައި މީހުން ދިރިއުޅެން ބޭނުންވާކަހަލަ ހިތްހަމަޖެހުން ލިބޭފަދަ ޤައުމަކަށް ބަދަލުވެގެންދާނެ. އެ މުހިންމު ލަނޑުދަނޑި ޙާޞިލު ކުރުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަންވެއްޖެ.

އެހެންވީމާ، މިރޭ މިތަނަށް ޙާޒިރުވެ މި ތިބި ސްކައުޓް ކުދިންނަށާއި އަދި ޒުވާނުންނަށާއި، އެނޫން ފަރާތްތަކަށް އަޅުގަނޑު ގޮވާލަނީ، ރާއްޖެއަކީ އަމަންއަމާންކަން ލިބިފައިވާ، ޞުލްޙަމަސަލަސްކަން ޤާއިމުވެފައިވާ، އެންމެން އެންމެންނާ އެކުވެރި، އެއްވެސް މީހެއްގެ ސަބަބުން އަނެކަކަށް ގެއްލުމެއް، އަނިޔާއެއް ނުލިބޭފަދަ ޤައުމަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަމާ ހިނގާށޭ. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކޮށްފިއްޔާ، މާތްﷲގެ ތައުފީޤާއި، އެކަލާނގެ ބަރަކާތާ އެކުގައި އަޅުގަނޑުމެންނަށް އެ މަސައްކަތް ކާމިޔާބު ކުރެވޭނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު މުޙަންމަދު ޖައިޝަމް އިބްރާހީމަށް، މިރޭ އޭނާ އެ ޙާޞިލުކުރި ގެލެންޓްރީ ރަން އެވޯޑު ލިބުމުގެ މުނާސަބަތުގައި، ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަމުން. އަދި މިކަމުގައި ސްކައުޓް ޙަރަކާތަށްވެސް ލިބުނު ފަޚްރަށްޓަކައި އުފާކުރަމުން. އަދި ދިވެހިރާއްޖެއަކީ އަބަދުވެސް އަމަންއަމާންކަން ޤާއިމުވެފައިވާ، ޞުލްޙަމަސަލަސްކަން ޤާއިމުވެފައިވާ، އެކުވެރި އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ޤައުމެއް ކަމުގައި ލެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން،

والسلام عليكم ورحمة اللّـه وبركاته.