بســم اللّـه الرّحمـن الرّحيــم

اَلحمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަދުގެ މިއުފާވެރި ޖަލްސާގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، އާބާދީއާއި ތަރައްޤީގެ އައްޑަނަ ޙާޞިލުކުރި ރަށްތައް ކަމަށްވާ، ހދ. ވައިކަރަދުއާއި، ރ. މީދުއާއި، ހއ.އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނަށާއި ވެރިންނަށާއި އަދި އާބާދީ ކޮމިޓީތަކަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން.

ޝައްކެއްނެތް. އެ ތިން ރަށުން މިވަނީ 2006 ވަނަ އަހަރު ވަރަށްމަތީ ކާމިޔާބީއެއް ޙާޞިލުކޮށްފައި. އެއީ އާބާދީއާއި ތަރައްޤީގެ އައްޑަނަ ޙާޞިލު ކުރެވޭ ފެންވަރަށް، އެރަށްރަށުގެ މަސައްކަތްތަކާއި އާބާދީގެ ކަންތައްތައް ތަރައްޤީ ކުރެއްވުން. އެކަން އެހެން ވެފައި އެވަނީ އެރަށްރަށުގެ ވެރިންނާއި ރައްޔިތުންނާއި އަދި އާބާދީ ކޮމިޓީތަކުގެ މެންބަރުން ކުރެއްވި ބުރަ އަދި އިޚްލާޞްތެރި މަސައްކަތްތަކުން ކަމަށްވާތީ، އެހުރިހާ ފަރާތްތަކަކަށް މިފުރުޞަތުގައި އަޅުގަނޑު އަދިވެސް އެއްފަހަރު މަރްޙަބާއާއި ތަހުނިޔާ ދަންނަވަން.

އާދެ! އާބާދީއާއި ތަރައްޤީގެ އައްޑަނަ ސަރުކާރުން މި ދެނީ ވަރަށް މުހިންމު މަޤްޞަދެއްގައި. ދެންމެ މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އަލްފާޟިލް ޙަމްދޫން ޙަމީދުގެ ވާހަކަފުޅުގައި، އެ މަޤްޞަދު ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވައިފި.

ތަރައްޤީވަމުން އަންނަ ޤައުމަކަށް އާބާދީގެ މައްސަލަތަކަކީ ވަރަށް މުހިންމު މައްސަލަތަކެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ކުޑަކުދިން ވިހާވަރާއި، އަދި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކާއި، ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި، ފަސް އަހަރުން ދަށުގެ ކުޑަކުދިން މަރުވާ މިންވަރާއި، ކުދިން ސްކޫލަށްދާ މިންވަރާއި، ހަމައެހެންމެ ރަށުގައި ކުށްކުރެވޭ މިންވަރާއި، އަދި އަލަތު ކައިވެނިކުރާ މިންވަރާ، މިހުރިހާ ކަމަކީ، އޭގެ ސަބަބުން އަޅުގަނޑުމެންގެ މުޖްތަމަޢަށް އަސަރުތަކެއް ކުރާނެ ކަންތައްތަކެއް. އެކަންތައްތައް ރަނގަޅު ކުރެވިއްޖިއްޔާ މުޖްތަމަޢަށް ކުރާ އަސަރު ވަރަށް ރަނގަޅުވާނެ. މިދެންނެވި ކަންތައްތައް ނުރަނގަޅު ގޮތަކަށް ހިނގައްޖިއްޔާ، އެއިން ކުރާ ނޭދެވޭ އަސަރުވެސް އެހާބޮޑުވާނެ. އެހެންވީމާ، މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް، އާބާދީއާއި ތަރައްޤީގެ އައްޑަނަ ލިބޭ މިންގަނޑަށް މިބަދަލުގެނައީ، އެ ގެނައި ބަދަލުގެ ސަބަބުން މިދެންނެވި ކަންތައްތަކަށް ރައްޔިތުންގެ ސަމާލުކަން އިތުރުވެ، އެކަންތައްތައް ރަނގަޅު ކުރުމަށް ވަރަށްބޮޑު ހިތްވަރަކަށް އެކަންވާނެތީ.

އާދެ! މިފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ޒުވާނުންނޭ. އާދެ! 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން. ނުވަތަ ޒުވާނުން. އެހެންވީމާ، ރާއްޖޭގެ ޒުވާނުންނަކީ، އުފެއްދުންތެރި، މަސައްކަތްތެރި ބަޔަކަށް ހެދުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ރާއްޖޭގެ ޒުވާނުންނަކީ، މަސައްކަތްތެރި، އުފެއްދުންތެރި ބަޔަކަށް ވެއްޖެނަމަ، އެމީހުންގެ ފަރާތުން ޤައުމަށް ލިބޭނެ ފައިދާއާއި މަންފާ ވަރަށްބޮޑުވާނެ. ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި، ހަރުދަނާކަމާއެކު ކުރިއަށް ދިޔުމުގެ މަގު ޤައުމަށް ފަހިވެގެންދާނެ. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން މިއަދު ވަރަށްބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް. އަދި މިކަމަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ 7 ވަނަ ޤައުމީ މަޝްރޫޢުގައިވެސް ފާހަގަކޮށްފައިވާ ކަމެއް.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިހާރު ޒުވާނުންނަށް ހުޅުވިފައިވާ ފުރުޞަތުތައް ވަރަށްގިނަ. އެހެންވީމާ، ރާއްޖޭގެ ޒުވާނުން ވަޒީފާއަށް ކުރިމަތިލާ މިންވަރު އިތުރުކުރުމަކީ މިވަގުތު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގައި މި ހުޅުވެމުންދާ ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ދިވެހި ޒުވާނުން ހިފުން. އަދި އަޅުގަނޑުމެންގެ ގިނަ ޒުވާނުންތަކެއް މަސައްކަތުގެ ދާއިރާގައި ޝާމިލުވުން. ހަމައެޔާއެކު، ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުން، ހަމަހަމަކަމާއެކު ފުރުޞަތުތައް ބޭނުންކުރަމުން ގެންދިޔުން.

ކުރިއަށް އޮތް ފަސް އަހަރު އެވްރެޖްކޮށް، އަހަރަކު 8000 ކުދިން ސާނަވީ ތަޢުލީމު ޙާޞިލުކޮށް ނިންމާނެ ކަމަށް، ތަފާސް ހިސާބުތަކުން ދައްކާ. އަދި އެވްރެޖްކޮށް އަހަރަކު 4000 ކުދިން، ވަޒީފާގެ ބާޒާރަށް ނުކުންނާނެ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކާ. މިއީ ވަރަށްބޮޑު އަދަދެއް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ކޮންމެ އަހަރަކު ވަޒީފާގެ ބާޒާރަށް ނުކުންނާނެ ކަމަށް މި ލަފާކުރެވޭ އަދަދަށް، އާދެ! ސާނަވީ ތަޢުލީމު ޙާޞިލުކޮށްގެން ނިންމާ 4000 ކުދިންނަށް އެކަށީގެންވާ ރަނގަޅު ވަޒީފާތަކެއް ހޯދައިދޭން. އެއީ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާއި، ރާއްޖޭގައި އެކިއެކި އިޖްތިމާޢީ އަދި އިޤްތިޞާދީ މަސައްކަތްތައް ކުރައްވާ ފަރާތްތަކުގެ ވަރަށްބޮޑު ޒިންމާއެއް ކަމުގައި އަޅުގަނޑު ދެކެން.

އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގެ ޒުވާނުންނަކީ އުފެއްދުންތެރި، މަސައްކަތްތެރި ބަޔަކަށްވާން. އެމީހުންގެ ފަރާތުން ރާއްޖެއަށް ގިނަގުނަ ޚިދްމަތްތަކެއް ލިބިގެންދިޔުން. އަދި ރާއްޖޭގެ ތަރައްޤީ ހަރުދަނާކޮށް ހަލުވިކުރުމުގައި ޒުވާނުންގެ ޙިއްޞާކުރުން ބޮޑުވެގެންދިޔުން. މިކަން މިހެންވާނީ، ރާއްޖޭގެ ޒުވާނުންނަށް ވަޒީފާ ލިބިގެން. ރާއްޖޭގެ ޒުވާނުންނަކީ ވަޒީފާގައި ދެމިތިބޭ ބަޔަކަށްވެގެން. ހަރުދަނާކަމާއެކު ވަޒީފާ އަދާކުރާ ބަޔަކަށްވެގެން. އެމީހުންގެ ސަބަބުން މުޖްތަމަޢުގެ ތަރައްޤީއަށް އިތުރު އެހީތަކެއް ލިބެމުންދާ ބަޔަކަށްވެގެން.

އެހެންވީމާ، މިއަދުގެ މުނާސަބަތުގައި، އަޅުގަނޑު ރާއްޖޭގެ ޒުވާނުންނަށް މި ގޮވާލަނީ، ތިޔަކުދިން، ތިޔަ ޒުވާނުން ރާއްޖޭގައި ހުޅުވިފައި މިވާ ވަޒީފާތަކަށް ކުރިމަތިލާ މިންވަރު އިތުރުކުރާށޭ. ވަޒީފާއަށް ތިޔަ ބަހައްޓާ ޝައުޤުވެރިކަން މިހާރަށްވުރެ ބޮޑުކުރާށޭ. ހަމައެހެންމެ، ސަރުކާރުގެ ދާއިރާތަކަށާއި، ރާއްޖޭގައި އެކިއެކި މަސައްކަތްތަކާއި، އިޤްތިޞާދީ ކަންތައްތައް ކުރައްވާ އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށްވެސް އަޅުގަނޑު މި ގޮވާލަނީ، ތިޔަ ފަރާތްތަކުން ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ހުޅުވާލަދެއްވާށޭ. ޒުވާނުން ވަޒީފާއަށް ގެންނެވުމުގައި އިތުރު ބުރައެއް އުފުއްލަވައި، އިތުރު މަސައްކަތްތަކެއް ކޮށްދެއްވާށޭ. އޭރުންނޭ ރާއްޖޭގެ ޒުވާނުންނަކީ ހަރުދަނާ އަދި ޤައުމަށް ފައިދާހުރި މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށްވާނީ.

އާދެ! ޝައްކެއްނެތް. މިކަމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. ރާއްޖޭގެ ޒުވާނުންނަކީ ހަރުދަނާ ބަޔަކަށްވާން އެބަޖެހޭ. މަސައްކަތްތެރި ބަޔަކަށްވާން އެބަޖެހޭ. އެހެން ނޫންނަމަ، މުޖްތަމަޢުގައި ތަފާތު ގިނަގުނަ މައްސަލަތައް ނުކުމެގެންދާނެ. މިހާރުވެސް އަޅުގަނޑުމެންނަށް އެކަހަލަ މައްސަލަތައް ފާހަގަކުރެވޭ. އާދެ! ރާއްޖޭގައި ކުށްކުރުން ގިނަވުން. މަސްތުވާތަކެތީގެ ބޭނުންކުރުން ގިނަވުން. މިހެންގޮސް އަޅުގަނޑުމެން ކަންބޮޑުވާ ވަރަށްގިނަ ކަންތައްތަކެއް ރާއްޖޭގެ މުޖްތަމަޢުގައި މިއަދު އެބަހުރި. މި ހުރިހާ ކަމަކަށްވެސް ޙައްލެއް ހޯދޭނީ، ޒުވާނުންނަކީ ތަޢުލީމު ލިބިފައިވާ އަދި ޤައުމަށް ވަފާތެރި، އިޚްލާޞްތެރި އަދި މަސައްކަތުގައި ހަރުދަނާކަމާއެކު ކުރިއަށްދާ ބަޔަކަށްވެގެން. މިކަމަށް އަޅުގަނޑުމެން އެންމެން ދޭންޖެހޭ ސަމާލުކަން މިވަގުތު ވަނީ ވަރަށްބޮޑުވެފައި.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުން، އާދެ އެމިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް ޙަމްދޫން ޙަމީދާއި، އަދި އާބާދީއާއި ތަރައްޤީގެ ޕްރޮގްރާމްތައް ވިލަރެސް ކުރައްވާ ކޮމިޓީގެ މެންބަރުންނާއި، ސަރުކާރުގެ ދާއިރާތަކުން ރާއްޖޭގެ އާބާދީގެ މައްސަލަތައް ޙައްލު ކުރައްވައި ތަރައްޤީ ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى، ދިވެހިރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އަދި ޤައުމަށް ފައިދާކުރާ އާބާދީއެއް ކަމުގައި ލެއްވުން. އާބާދީގެ މައްސަލަތައް ޙައްލުކުރުމުގައި، ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގައި މަސައްކަތްތައް ހިންގާ ފަރާތްތަކަށް ހެޔޮވިސްނުމާއި، އެކަންކަން ކުރިއަށް ގެންދިޔުމުގެ ތައުފީޤު ދެއްވުން. އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގެ ސަބަބުން، ދިވެހިރާއްޖެއަށް ތަނަވަސްކަމާއި، އުފާފާގަތިކަމާއި ޞުލްޙަމަސަލަސްކަމާއި ތަރައްޤީ ﷲ މިންވަރު ކުރެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.