بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު މިއަތޮޅުގެ ބައެއް ރަށްރަށަށް މިކުރަމުން ގެންދާ ދަތުރުގައި، މިހާރު އައިސް މިހުރީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށުގައި. އާދެ! ހޯރަފުށީގައި. ހޯރަފުށްޓަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި މިއަދު އަޅުގަނޑު ހޯރަފުށްޓަށް އައުމުން، ހޯރަފުށީގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާއި، ސްކޫލް ކުދިންނާއި، ޙަޤީޤަތުގައި މިރަށުގައި ދިރިއުޅޭ ކުދިބޮޑު، އަންހެން، ފިރިހެން އެންމެންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު، ވަރަށް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ގޮތުން، ދެންމެ ހޯރަފުށީ ބޮޑުކަތީބު އަލްފާޟިލް ޢަލީ ނަޞީރު އާދަމް އެ ވިދާޅުވި އެއްޗަކާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، މިއަދު ހޯރަފުށީގެ ރައްޔިތުން އަޅުގަނޑަށް މަރްޙަބާ ކިޔަމުންދިޔަ ވަގުތުގެ ތެރޭގައި ކޮންމެވެސް މީހަކު އަޅުގަނޑުގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ޙަމަލާއެއް ދޭން މަސައްކަތްކުރި. އެހެންނަމަވެސް، މާތްﷲގެ ތަނަވަސް ރަޙްމަތުން އެމަސައްކަތް ކާމިޔާބެއްނުވި. އެހެންކަމުން، އެންމެ ފުރަތަމަވެސް اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް އަޅުގަނޑު ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ އަންގަވާފައިވާ ފަދައިން، ﷲ އަކީ މީސްތަކުން ރައްކާތެރިކޮށްދެއްވާ އެންމެ ހެޔޮ ފަރާތް. އަދި އެކަލާނގެއީ އޯގާވަންތަ ރަސްކަލާނގެ. މީސްތަކުންނަށް ރަޙުމްކުރާ ހުރިހާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙުމް ބޮޑު ރަސްކަލާނގެ. "فَاللّهُ خَيْرٌ حَافِظاً وَهُوَ أَرْحَمُ الرَّاحِمِينَ" (يوسف 64)

އެހެންވީމާ، މި ނުރައްކާތެރި ޙަމަލާއިން އަޅުގަނޑު ސަލާމަތްކޮށްދެއްވި ކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ތަކުރާރުކުރަން.

ހަމައެޔާއެކީގައި، މިއަދު އަޅުގަނޑު ސަލާމަތްވުމަށް އެހީތެރިވެދިން މިރަށުގެ ވަރަށް ހިތްވަރުގަދަ ސްކައުޓް ކުއްޖެއްގެ ވާހަކަވެސް ދަންނަވާލަން ބޭނުންވޭ. އޭނާއަށް ކިޔަނީ މުޙަންމަދު ޖައިޝަމް. އޭނާގެ އެޑްރެހަކީ ދިވެލި ހއ. ހޯރަފުށި. ޢުމުރުން އެންމެ 15 އަހަރުގެ ކުއްޖެއް. މިކަމުގެ ތެރޭގައި އޭނައަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު. އޭނަގެ އަތް ކަފައިގެންގޮސް ވަރަށް ބޮޑަށް ޒަޚަމްވެފައިވަނީ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން. އެވަރުގެ މަޢުޞޫމް، އެއްވެސް ކުށެއްނެތް ކުއްޖަކަށް މި މީހަކު ދިން ޙަމަލާއިން އެވަރު ބޮޑު އަނިޔާއެއްވިކަން، ޒަޚަމެއްވިކަން އެއީ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކޮށް ދެރަވާ ކަމެއް. މާތްﷲ އޭނާއަށް އަވަސް މަގަކުން ޝިފާ ދެއްވާށި! އަދި އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި، ހުރިހާ ހެޔޮގޮތްތަކެއް މިންވަރުކޮށްދެއްވާށި!

އާދެ! މިކަން ކުރި ބަޔަކީ ކޮންބަޔެއްކަން ނުވަތަ އަޑީގައި ތިބީ ކޮންބަޔެއްކަން، އެކަމުގެ ތަޙުޤީޤު މިހާރު ފެށިގެން ހިނގަމުން އެބަދޭ. ތަޙުޤީޤު ނިމުމުގެ ކުރިން އެކަމާ ބެހޭގޮތުން އަޅުގަނޑު ވަކި އެއްޗެއް ދަންނަވާކަށް ނެތިން. ދަންނަވާކަށް ނުވެސްވާނެ.

މިކަމުގެ އަޑީގައި ތިބި ބަޔަކަށް، އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ، ތިޔަބައިމީހުންނަކަށް މިޤައުމު ހަލާކުގެ ތެރެއަކަށް އެއްލައެއްނުލެވޭނެޔޭ. ތިޔަބައިމީހުންނަކަށް، ތިޔަބައިމީހުންގެ މަޤްޞަދު ކާމިޔާބެއް ނުވާނޭ. ތިޔަބައިމީހުން ތިޔަ މަސައްކަތް ކުރަނީ، އަޅުގަނޑުމެންގެ މި ދިވެހި މުޖްތަމަޢުގައި ހަމަނުޖެހުން އުފައްދާށޭ. ފިތުނަ އުފައްދާށޭ. ލޭ އޮހޮރުވާށޭ. މިކަމަކަށް ތިޔަބައިމީހުންނަކަށް އެއްވެސް ފަރާތަކުން ވާގިވެރިއެއްނުވާނޭ. ދިވެހިރާއްޖޭގެ ރައްޔިތުން ތިއްބެވީ، އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގައި ތިޔަބައިމީހުންގެ ތިޔަ މަސައްކަތްތައް ނާކާމިޔާބު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާށޭ. މާތްﷲގެ ވާގިފުޅާއެކު، ދިވެހި ޤައުމު އޮންނާނީ ސަލާމަތުންނޭ. ދިވެހިރާއްޖޭގައި އޮންނާނީ ހަމަހަމަކަމޭ. ހަމަހިމޭންކަމޭ. އިންޞާފުވެރިކަމޭ. ކަންތައްތައް އޮންނާނީ އެންމެންގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭގޮތަށޭ. ތިޔަބައިމީހުން ތިޔަކުރާ މަސައްކަތް ކާމިޔާބެއް ނުވާނޭ. އެހެންވީމާ، އެކަމަށްޓަކައި ތިޔަބައިމީހުން ކުރަން އޮތް ހިތާމައެއްވިއްޔާ ކުރާށޭ.

އާދެ! ބޮޑުކަތީބުގެ ވާހަކަފުޅުގައި އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިއަދު މިދިމާވި ޙާދިސާ ކުށްވެރި ކުރައްވައި، ތިޔަބައިމީހުންގެ ނަންފުޅުގައި އޭނާ އެ ދެއްކެވި ޖޯޝުން ފުރިގެންވާ ވާހަކަތަކަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުން، އޭނާގެ ވާހަކަފުޅަށް ތިޔަ ކުރެއްވި ތާއީދަށްވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ހަމަމިއާއެކުގައި، އަޅުގަނޑަށް މީހަކު ޙަމަލައެއްދިންކަން އެނގިވަޑައިގަތުމާ ގުޅިގެން، ރާއްޖޭގެ ވަރަށްގިނަ ބޭފުޅުން އަޅުގަނޑާ ގުޅުއްވައި، އެބޭފުޅުންގެ ތާއީދު އޮތްކަމާއި، އަޅުގަނޑަށް ގެއްލުމެއް ނުލިބުނީތީ، އެބޭފުޅުން ﷲ އަށް ޙަމްދު ކުރައްވާ ވާހަކަވަނީ ވިދާޅުވެފައި. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިއީ އަޅުގަނޑު ހޯރަފުށްޓަށް ކުރާ 7 ވަނަ ދަތުރު. މިރަށަށް އެންމެފަހުން އަޅުގަނޑު ޒިޔާރަތް ކޮށްފައިވަނީ، 2002 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު. ހޯރަފުށްޓަކީ ދެންމެ ކަތީބުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް ސަރުކާރުން ހިންގާފައިވާ ރަށެއް. މިހާތަނަށް ހިންގާފައިވާ ކަންތައްތަކުގެ ތެރޭގައި، ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ހަދައިދިނުން ހިމެނޭ. ކަރަންޓުގެ ޚިދްމަތް ދިނުމަށް ހިންގުނު މަޝްރޫޢު ހިމެނޭ. ރަށުއޮފީސް، ހުކުރު މިސްކިތް، އަތޮޅު މަދަރުސާ، ޞިއްޙީ މަރްކަޒު އިމާރާތްކޮށްދިނުން ހިމެނޭ. މިހާރުވެސް މަސައްކަތްތަކެއް ހިނގަމުން އެބަދޭ. އޭގެތެރެއިން އެންމެ މުހިންމު އެއް މަޝްރޫޢަކީ ނަރުދަމާ ތަރައްޤީ ކުރުމުގެ މަޝްރޫޢު. އެ ނަރުދަމާ ނިޒާމު ފަރުމާ ކުރުމުގެ މަސައްކަތް، ސަރުކާރުގެ ޚަރަދުގައި މިހާރު ކުރާގޮތަށްވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެ މަސައްކަތް ފެށޭނެ.

ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްވެސް މި އަހަރު ކުރީކޮޅު ވަނީ ފެށުމަށް ހަމަޖެހިފައި. މީގެއިތުރުން، ޞިއްޙީ މަރްކަޒަށް ބައެއް އިތުރުކުރުމާއި، އަދި ރަނގަޅު ފެންވަރެއްގެ ބޯޅަދަނޑެއް ހެދުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައި. މި މަޝްރޫޢުތައް ނިމުނީމާ އިރާދަކުރެއްވިއްޔާ މިރަށުގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެ.

އާދެ! ދެން އެއްޗެއް ދަންނަވާލަން ބޭނުންވަނީ، ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލަ ކަމަށްވާ، މަސްތުވާތަކެތީގެ މައްސަލައާ ބެހޭގޮތުން. އެނގިވަޑައިގެންފައިވާނެ ފަދައިން، ސަރުކާރުން މިހާރުވަނީ ވޭކްއަޕް ކެމްޕޭން – "ހޭލާށޭ" މިނަމުގައި ކެމްޕޭނެއް ފަށާފައި. އެއީ، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގޭ ވަރަށް ވަރުގަދަ މަސައްކަތެއް. އެމަސައްކަތް އިފްތިތާޙުކޮށްދިނުމުގެ އުފާ އަޅުގަނޑަށްވަނީ ދާދި އިހަކަށް ދުވަހަކު ލިބިފައި.

ތިޔަ ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާނެ ފަދައިން، މަސްތުވާތަކެއްޗަކީ އަޅުގަނޑުމެންގެ މުޖްތަމަޢަށް ދިމާވެފައިވާ އެންމެބޮޑު އެއް ނުރައްކާ. އެކަމުގެ ހިތާމަ ނުކުރާ ޢާއިލާއެއް މިހާރު ރާއްޖެއަކު ނެތް. އެކަމުގެ އަސަރު ނުފޯރާ ރަށެއްވެސް ނެތް. މިއީ ވަރަށް ހިތާމަހުރި ކަމެއް. މަސްތުވާތަކެތި ބޭނުންކުރުމަކީ އޭގެތެރެއިންލާފައި އެހެނިހެން ކުށްތައް ކުރުމަށް މަގުފަހިކޮށްދޭ ކަމެއް. ވައްކަންކުރުން، މާރާމާރީ ހިންގުން، އެހެންގޮސް ކިޔާފައި ނުކިޔާނެ ކުށެއް ނެތް. މި ހުރިހާ ކަމެއްގެ އަޞްލަކީ މަސްތުވާތަކެތީގެ ބޭނުންކުރުން.

އެހެންވީމާ، އެ ނުރައްކަލުން ހޯރަފުށި ސަލާމަތް ކުރެއްވުމަށްޓަކައި، ތިޔަބޭފުޅުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން އެބަޖެހޭ. ހޯރަފުށީގައިވެސް މަސްތުވާތަކެތީގެ ބޭނުންކުރަމުން ގެންދާކަމުގެ މަޢުލޫމާތު އަޅުގަނޑަށް ލިބޭ. އަޅުގަނޑުމެންނަށް ޖެހެނީ އެންމެން އެކަތިގަނޑަކަށްވެގެން، އަތުގުޅާލައިގެން މި ނުރައްކަލުން މުޅި ދިވެހި ޤައުމު ސަލާމަތް ކުރުމަށްޓަކައި އިޚްލާޞްތެރި މަސައްކަތްތަކެއް ކުރަން. އެހެންވީމާ، ހޯރަފުށީ ރައްޔިތުންވެސް މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އެންމެން އެންމެންނާ ގުޅިގެން އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިވަޑައިގެން، ހޯރަފުށިން މަސްތުވާތަކެތީގެ ވަބާ ނައްތާލެއްވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވުމަކީ، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދޭ ވަރަށްބޮޑު އެދުމެއް.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން އޮތީ، ދިވެހި ސަރުކާރުން ފަށައިގެން ހިންގަމުން މިގެންދާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމްގެ ވާހަކަ. 2004 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ސަރުކާރުން ހިންގަމުން މިގެންދަނީ، ވަރަށް ވަރުގަދަ ޢަޒުމަކާއި ސާބިތުކަމަކާ އެކީގައި. މާތްﷲގެ ވާގިފުޅުން މިޕްރޮގްރާމްގެ ވަރަށްގިނަ ކަންތައްތައް މިހާރުވަނީ ކާމިޔާބު ކުރެވިފައި. އެކަންތައްތައް ވަނީ ކޮށް ނިމިފައި. ބާކީހުރި ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ކޮށް ނިމޭނެ.

އާދެ! ބާކީހުރި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިންމުން. އެނގިވަޑައިގަންނަވާނެ ފަދައިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިމަސައްކަތް ކުރައްވަމުން ގެންދަވާތާ އަހަރުތަކެއްވެއްޖެ. އަދި ފަހަކަށްއައިސް ވަރަށް ބާރަށް މިމަސައްކަތް ކުރިއަށް ގެންދަވައި، މިހާރުވަނީ ނިމުމަކާ ވަރަށް ކައިރިއަށް ގެންދަވާފައި. އިރާދަކުރެއްވިއްޔާ، މިއަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާތައް އަލުން ފަށްޓަވާނެ. ފަށްޓަވައިގެން ކުރިއަށް ގެންދަވާ ގެންދެވުމުގައި، މާލަހެއްނުވެ ޤާނޫނުއަސާސީ އެކީ އިޞްލާޙު ކުރައްވައި ނިންމަވާނެ.

ޤާނޫނުއަސާސީ އިޞްލާޙުވީމާ، އެ ޤާނޫނުއަސާސީގެ މަތިން ހަދަންޖެހޭ އެހެން ޤާނޫނުތަކެއްވެސް ހުންނާނެ. ޤާއިމުކުރަންޖެހޭ އެހެން ނިޒާމުތަކަކާއި، އެހެން ވަސީލަތްތަކެއްވެސް ހުންނާނެ. ޚާއްޞަކޮށް، ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވުމަށް މިހާރު ޤަޞްދުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ މެދުގައި ވާދަކުރެވިގެން ބޭއްވޭ ރިޔާސީ އިންތިޚާބު، މި އަހަރު ބޭއްވުމަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް ކުރަން އެބަޖެހޭ. އެ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދޭތޯ ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނަން. އަދި މިހާރުވެސް މިގެންދަނީ ކުރަމުން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، ވަރަށް މިނިވަން، ވަރަށް އިންޞާފުވެރި، އެންމެންނަށް ކަން ހިނގާ ނުހިނގާގޮތް ފެންނަ ގޮތަކަށް ބޭއްވޭ އިންތިޚާބަކަށް ވެގެންދާނެ. އަދި އިންތިޚާބުގެ ކަންތައްތައް ބެލުމަށް، ދިވެހިރާއްޖެއިންވެސް މީހުން ތިބޭނެ. ރާއްޖޭގެ އެކި ޖަމާޢަތްތަކުންވެސް ތިބޭނެ. ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުންވެސް އެއިންތިޚާބުގެ ކަންތައްތައް ބައްލަވާނެ. އަދި އޭގެއިތުރުން ބޭރުން އަންނަ ބައެއް އެކްސްޕާޓުން، ތަޖުރިބާކާރުންވެސް ދިވެހި ސަރުކާރުން ދަޢުވަތުދީގެން ގެންނަ ބަޔަކު، މިއިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލާނެ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން މިކަން ގެންދާނީ އިރާދަކުރެއްވިއްޔާ ގެންދެވެން އޮތް އެންމެ ފުރިހަމަކޮށޭ. އެންމެ ރަނގަޅަކަށޭ. އެހެންނަމަވެސް، އެހެން ހުރިހާ ފަރާތަކުންވެސް މިކަމުގައި އެއްބާރުލައްވަން ޖެހޭނެޔޭ. އެހެން މިދެންނެވީ، އަޅުގަނޑުމެންގެ އިންތިޚާބުތަކަށް ފަހުން ވަމުންމިދާ ގޮތްތަކާ ދޭތެރޭގައި ވިސްނާއިރު، ވަރަށް ނުރަނގަޅު ކަންތައްތަކެއް ހިނގަމުން އެބަދާކަން ހޯރަފުށީ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ.

އިންތިޚާބަކީ ވަރަށް މިނިވަންކޮށް އޮންނަންޖެހޭނެ އެއްޗެއް. ކޮންމެ ރައްޔިތަކަށްވެސް، އެރައްޔިތަކަށް ފެންނަ ގޮތަށް ވޯޓު ދިނުމުގެ ޙައްޤާއި އިޚްތިޔާރު އެމީހަކަށް އޮންނަންވާނެ. އެއަށް އެއްވެސްކަހަލަ ހުރަހެއް އެއްވެސް މީހަކު އަޅައިގެން ނުވާނެ. އެކަންވަމުންދާ ގޮތަކީ، ސަރުކާރުން އެފަދަ ހުރަހެއް ނޭޅިނަމަވެސް، އަމިއްލަ ބައެއް ފަރާތްތަކުން ހުރަސްއަޅަނީ. މީސްމީހުންނަށް އެކިގޮތްގޮތުން ގަވާއިދާ ޚިލާފަށް އެކިއެކި އެހީތައްދީ، ފައިސާބަހާ، އެކަންތައްތައް ކޮށްގެން އިންތިޚާބުގެ ނަތީޖާ، އެބަޔަކު ބޭނުންވާ ގޮތަކަށް ގެންދެވޭތޯ މަސައްކަތް ކުރަނީ. މިއީ ވަރަށް ގޯސް ކަމެއް. މިއީ ޤާނޫނާއި ގަވާއިދާ ޚިލާފު ކަމެއް.

އެހެންވީމާ، ސަރުކާރު އަދި ކިތަންމެ ރަނގަޅަކަށް މަސައްކަތް ކުރިޔަސް، ރައްޔިތުން ހޭލުންތެރިވެގެން ނޫނީ މިދެންނެވި ނުރަނގަޅު ނުފޫޒުތަކުން އިންތިޚާބު ސަލާމަތެއް ނުކުރެވޭނެ. އެހެންވީމާ، ދިވެހި ރައްޔިތުން ހޭލުންތެރިވާންވީ މިފަހަރުގެ މި އިންތިޚާބުގައި އެކަހަލަ އެއްވެސް ނުފޫޒަކަށް ނުހެއްލެން. ކޮންމެ މީހެއްގެ ވޯޓަކީވެސް އެމީހެއްގެ ފުރާނަ ފަދައިން، އެމީހަކު ރައްކާތެރިކުރާ އެމީހެއްގެ އަމިއްލަ ޙައްޤެއް ކަމުގައި ކޮންމެ ރައްޔިތަކުވެސް ދުށުން. އަދި މީހަކު ކިތަންމެ ވަރަކަށް ފައިސާ ދިނަސް، އެމީހަކު ބޭނުންވާ ގޮތަށް ވޯޓު ނުގެންދިޔުން. ވޯޓުދޭ މީހާ ބޭނުންވާ ގޮތަށް ވޯޓުދިނުން. މިހެން ދީފީވިއްޔާ، އިންތިޚާބަކީ ވަރަށް ރަނގަޅު އިންތިޚާބަކަށް ވެގެންދާނެ. އެއީ ހަމައެކަނި އޮތް ކަމަކީ. އިރާދަކުރެއްވިއްޔާ ސަރުކާރުން ގެންދާނީ ވަރަށް ރަނގަޅަށް، ވަރަށް އޮމާންކޮށް. ގަވާއިދާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން. ހުރިހާ އެންމެންނަށް ފުރިހަމަ އިޚްތިޔާރު ދީގެން.

އެހެންނަމަވެސް، އަމިއްލައަށް މި އުޅޭ މީސްމީހުން، އޭގެތެރޭގައި އިންތިޚާބަށް ކުރިމަތިލާ މީހުންނާއި، އެމީހުންނަށް ތާއީދުކުރާ މީހުންނާއި، އެކި އެހެން ޖަމާޢަތްތަކާ، އެމީސްމީހުން މިކުރާ ނުރަނގަޅު ޢަމަލުތަކުން މި އިންތިޚާބު ސަލާމަތް ކުރެވިގެން ނޫނީ ކުރިއަށް އޮތް އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ނުވާނެ. އެހެންވީމާ، އެ ވާހަކަ އަޅުގަނޑު ހިތަށް އެރީ ދަންނަވާލާނީއޭ.

ދެން ވާހަކަ ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު މިރަށުގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ދެއްވި ވަރަށްބޮޑު ތާއީދަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އައި އިރުވެސް ވަރަށްގިނަ ލިޔުންތައްވެސް ހުރި. އަޅުގަނޑާ ބެހޭގޮތުން ލިޔުއްވާފައި. ”އަދިވެސް މައުމޫން ހޮވާނަމޭ“. ”ތިޔައީ ހަރުދަނާ ލީޑަރެކޭ“. އަޅުގަނޑަށް ވަރަށް ހިތްވަރު ލިބޭ ކަހަލަ ވަރަށް އިޚްލާޞްތެރި ލިޔުންތައް ފެނިގެންދިޔަ. އެކަމަށްޓަކައި މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މީގެ ކުޑައިރުކޮޅެއް ކުރިން ދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު އެއްޗެއް ދަންނަވާލިން. އެއީ ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ މޯލްޑިވްސް މެދުވެރިކޮށް. މިހިނގާދިޔަ ޙާދިސާއާ ބެހޭގޮތުން ރައްޔިތުންނަށް އެމަޢުލޫމާތު ދިނުމަށްޓަކައި. އަޅުގަނޑު ދަންނަވާލި ވާހަކައަކީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑު މިހިރީ ގަދަވެ ސަލާމަތުންނޭ. އިރާދަކުރެއްވީތީ އަޅުގަނޑަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބެޔޭ. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އިރާދަކުރެއްވީތީ އަޅުގަނޑު މިހިރީ ސަލާމަތުން. އެހެން ނަމަވެސް، މިރަށުގެ ވަރަށް ހިތްވަރުގަދަ ކުއްޖަކަށް ވަރަށްބޮޑު ގެއްލުން ލިބިއްޖެޔޭ. އެއީ ކުރިން ދެންނެވި މުޙަންމަދު ޖައިޝަމް. އެކަމާ އަޅުގަނޑު ވަރަށް ހިތާމަކުރަމޭ. ވަރަށް ދެރަވަމޭ. އެހެންނަމަވެސް، އޭނާއަކީ ޙަޤީޤަތުގައި ވަރަށް ހިތްވަރުގަދަ ކުއްޖެއް. ބަޠަލެއް. އެހެންވީމާ، އޭނާއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. އޭނަގެ ޢާއިލާއަށްވެސް. އަދި اللّـه سبحـانـه وتعـالى އަވަސް މަގަކުން އޭނައަށް ޝިފާ ދެއްވުން އެދި އަޅުގަނޑު ދުޢާ ދަންނަވަން.

އަޅުގަނޑު އަދި އިތުރަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލިން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުންނާނީ ސާބިތުކަމާއެކީގައޭ. އިރާދަކުރެއްވިއްޔާ މިކަހަލަ ކަމަކުން އަދި އެނޫން ކަމަކުންވެސް އަޅުގަނޑުގެ ޢަޒުމަކަށް ގުޑުމެއް ނާރާނެއޭ. ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑާ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތް، އިރާދަކުރެއްވިއްޔާ ﷲގެ ވާގިފުޅާއެކު ފުރިހަމަކޮށްދެވޭތޯ ބަލާނަމޭ. އަދި ކުރިއަށް އޮތް ތާނގައިވެސް ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑު މިމަގާމަށް އިންތިޚާބު ކޮށްދެއްވައިފިއްޔާ، އިރާދަކުރެއްވިއްޔާ ވަރުގަދަ ޢަޒުމަކާއި ސާބިތުކަމަކާ އެކީގައި މާތްﷲގެ މަދަދާއި ތައުފީޤާ އެކީގައި ކުރިއަށްދާނަމޭ. އާދެ! ތިޔަބޭފުޅުން ތިޔަދެއްވި ތަރުޙީބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ޤައުމު އެކިއެކި ނުރައްކާތަކުން ސަލާމަތްކޮށްދެއްވުން. އެކިއެކި ނުރަނގަޅު ގޯސް މީހުން ރާވާ ރޭވުންތައް، ދިވެހި ރައްޔިތުންނާއި ދިވެހި ވަޠަން، އެކަންތައްތަކުން ސަލާމަތްކޮށްދެއްވައި، އަޅުގަނޑުމެންނަށް ހުރިހާ ކަމެއްގައިވެސް ހެޔޮ ތައުފީޤު ދެއްވުން. އަދި ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުން މިގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އެމަސައްކަތްތަކުގެ ހެޔޮނަތީޖާ އެކަލާނގެ ދެއްކެވުން. ރާއްޖެއަކީ އަބަދުވެސް ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން. އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، އެބައިމީހުންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ޤާއިމުވެފައިވާ ބަޔަކު ކަމުގައި އަބަދުމެ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.