1. ސުވާލު: ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައި މިވަނީ އިނގޭތޯ. ހޯރަފުށްޓަށް ފައިބާވަޑައިގެން، މަނިކުފާނު ގިނަ ޢަދަދެއްގެ ރައްޔިތުންނާ ސަލާން ކުރައްވަމުން ގެންދަވަނިކޮށް، ޒުވާނަކު މަނިކުފާނަށް ވަޅިއަކުން ހަށިކޮޅަށް ޙަމަލާ ދިނުމަށް މަސައްކަތްކުރި ކަމަށް. މިކަންތައް ހިނގާދިޔަގޮތަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

އެންމެ ފުރަތަމަ އަޅުގަނޑު ﷲގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. އެއީ، އެކަލާނގެ އަޅުގަނޑު ރައްކާތެރިކޮށްދެއްވީތީ. ހަމައެޔާއެކީގައި، މިރަށުގެ ވަރަށް ޒުވާން ކުއްޖެއް އިނގޭތޯ. 16 އަހަރުގެ ކުއްޖެއް. އޭނަ ކުރި މަސައްކަތުން، އެ ޙަމަލަ ދިން މީހާގެ އެ ޙަމަލަ ނާކާމިޔާބުވެގެންދިޔައީ. މިދެންނެވި ކުއްޖާއަށް ކިޔަނީ ޖައިޝަމް އިބްރާހީމް. އޭނާ ވަޅީގައި ހިފީމާ އޭނާގެ އަތަށް ގެއްލުން ލިބިފައި ހުރީ. އެހެން ނަމަވެސް، އިރާދަކުރެއްވީތީ އޭނާއަށްވެސް ލިބުނު ގެއްލުން މާބޮޑެއް ނޫނޭ ދަންނަވަން ޖެހެނީ. މިހާރު އޭނާއަށް ފަރުވާ ކުރެވެމުން އެދަނީ. މިތާނގެ ހެލްތް ސެންޓަރުންނާއި ޑަކްޓަރުން އޭނާއަށް ފަރުވާ އެބަދެއްވާ. އިރާދަކުރެއްވިއްޔާ އޭނާގެ ޙާލުވެސް ރަނގަޅު. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޙާލު ހަމަ ވަރަށް ރަނގަޅު. އެއްވެސްކަހަލަ ގެއްލުމެއް އަޅުގަނޑުގެ ހަށިގަނޑަކަށް ނުލިބޭ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން.

2. ސުވާލު: ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

ބަޔަކު ރާވައިގެން، ފަހަތުގައި ތިބެގެން ކުރި ކަމެއް ކަމަށް މަނިކުފާނަށް ލަފާކުރެއްވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑަށް ތިޔާ ދޭތެރޭގައި އެއްވެސް އެއްޗެއް ދަންނަވާކަށް ނޭނގެ. ތަޙުޤީޤު ކުރީމާ އެނގޭނީ ދޮގެއްތޯ. އޭގެ ކުރިއަކުން އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނާނަން.

3. ސުވާލު: ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

ކުރިއަށް އަދި މިކަމުގެ އެއްވެސްކަހަލަ ނުރައްކަލެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ހިތުން ނެތް އިނގޭތޯ. އިރާދަކުރެއްވިއްޔާ، ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށްދިޔަ އިނގޭތޯ. ޚާއްޞަކޮށް، މި ހޯރަފުށީގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނީ ވަރަށް ހޫނު މަރްޙަބާއެއް. ވަރަށްގިނަ ޢަދަދަކަށް ފިރިހެނުންނާއި އަދި އަންހެނުންނާއި، ކުޑަކުދިންނާއި، ސްކޫލް ކުދިންނާ ވަރަށްގިނަ ޢަދަދަކަށް ފާލަންދޮށަށް އެއްވެފައި އޮތީ. ހުރިހާ އެންމެން، އަޅުގަނޑު ހަމަ ވަކިވަކިން އެ އެންމެންނާ ސަލާން ކުރަމުންދިޔައީ. ވަރަށް އަޑުހަރުކޮށް އެމީހުން އަޅުގަނޑަށް މަރްޙަބާ ކިޔާ. އަނެއްކާ މަރްޙަބާގެ ލިޔުންތައް ލިޔެފައި ހުރި. ”އަދިވެސް ހޮވާނީ މައުމޫން“ އެހެންވެސް ލިޔެފައި އޮތް. ”ތިޔައީ ހަރުދަނާ ލީޑަރެކޭ“ ވެސް އޮތް. ތިމަންނާމެން ތާއީދު ކުރަނީ މައުމޫނަށޭ، ލިޔެފައި އޮތް. ވަރަށް އިޚްލާޞްތެރިކަމާއެކު، އެ އެންމެން މަރްޙަބާކީ. މިފުރުޞަތުގެ ބޭނުން، ގޯސް މީހަކު ކޮށްގެން، މިކަން ކުރަން އެ މަސައްކަތް ކުރީ. އެހެންނަމަވެސް، މާތްﷲގެ ރަޙްމަތްފުޅުން އޭނާގެ މަސައްކަތް އެއްގޮތަކަށްވެސް ކާމިޔާބެއްނުވި.

އަޅުގަނޑު ވަރަށް ދެރަވޭ، މި ދެންނެވި ކިޔަވާ ކުއްޖާއަށް ލިބުނު ގެއްލުމުގެ ސަބަބުން. އިރާދަކުރެއްވިއްޔާ މާތްﷲ، އޭނާއަށް އަވަސް މަގަކުން ޝިފާ ދެއްވާނެ. އަދި އޭނާއަށް ހެޔޮ ޖަޒާ ދެއްވާނެ.

4. ސުވާލު: ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

ތިލަދުންމަތީ އުތުރުބުރިއަށް މަނިކުފާނު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅު، މިޙާދިސާއާ ގުޅިގެން، ކުރިއަށް ހުރި ޕްރޮގްރާމްތައް، ހަމަ ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށްދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ

އާދެ! އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ އިނގޭތޯ. މިކަހަލަ ޙަމަލައަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޢަޒުމަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑަށް އެނގޭ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ވަރަށްގިނަ ބަޔަކު، އަޅުގަނޑަށް ތާއީދު ކުރައްވާކަން. އަދި ތިއްބެވީ އަޅުގަނޑުގެ ފަހަތުގައިކަން. ކިތަންމެ ގޯސްކޮށް ބަޔަކު ވާހަކަތަކެއް ދެއްކިޔަސް، އެވާހަކަތަކެއް ދިވެހިރާއްޖޭގެ ރައްޔިތުންގެ ބޮޑުބައި، އަޣުލަބިއްޔަތު ނުވަދިހަ ޕަސެންޓް ގަބޫލެއްނުކުރޭ. އެމީހުން އެތިބީ އަޅުގަނޑުގެ ފަހަތުގައި. އެހެންވީމާ، ރާއްޖޭގެ ރައްޔިތުން އެހާ އިޚްލާޞްތެރިކޮށް އަޅުގަނޑަށް ތާއީދު ކުރައްވާއިރު، އަޅުގަނޑުގެ ޢަޒުމުގައި ސާބިތުކަމާއެކު ހުންނަންޖެހޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ މިދަތުރުވެސް ކުރިއަށް ގެންދާނަން. އަދި ކުރިއަށް އޮތް ތާނގައި ހަމަ ވަރުގަދަ ޢަޒުމަކާއި ސާބިތުކަމާ އެކީގައި ހަމަ ރައީސް ކަމުގެ މަގާމުގައި މާތްﷲ ބެހެއްޓެވިހާ ދުވަހަކު ހުންނާނަން.

5. ސުވާލު: ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

އާދެ! މިފަދަ ޙާދިސާއެއް ހިނގައިދިޔުމާ ގުޅިގެން، މިފުރުޞަތުގައި ޓީ.ވީ އާއި އަދި ރޭޑިޔޯ މެދުވެރިކުރައްވައި، ދިވެހި ރައްޔިތުންނަށް މަނިކުފާނު ދަންނަވާލަން ބޭނުންފުޅުވަނީ ކޮން ވާހަކަފުޅެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ޤައުމަކީ ޒަމާނުއްސުރެ އަބަދުވެސް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމިއޮންނަ ޤައުމެކޭ. އެގޮތުގައި ދަމަހައްޓަވައިދެއްވާށޭ. އެއްވެސް ސަބަބަކާހުރެ މިކަހަލަ ނުރަނގަޅު ޙާދިސާތައް ރާއްޖޭގައި ހިނގިޔަނުދެއްވާށޭ. އެއީ ރައްޔިތުންގެ އެންމެންގެ މަސްއޫލިއްޔަތެކޭ. ސަރުކާރު އެކަންޏެއް ނޫނޭ. އަޅުގަނޑުމެން އަދި ޚިޔާލު ތަފާތުވިޔަކަސް ނުޖެހޭ، އެކަކު އަނެކަކަށް ޙަމަލަދޭކަށް. އެކަކު އަނެކަކު މަރާލާކަށް އުޅޭކަށް ނުޖެހޭ. އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތައްވެސް އެއަށްވުރެ ބޮޑަށް ތަޞައްރުފު ފުދެންވާނެ އިނގޭތޯ. ހުރިހާ އެންމެންވެސް ވާހަކަ ދައްކައިގެން ކަންތައް ޙައްލު ކުރެވޭތޯ ބަލަންވާނީ. މިއީކީ އަޅުގަނޑުވެސް އަދި ރާއްޖޭގެ ރައްޔިތުންވެސް ދެކެން ބޭނުންވާނެ ކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހިރާއްޖޭގެ ރައްޔިތުން، ޒަމާނުއްސުރެ ރާއްޖޭގައި އޮތް އެކުވެރިކަމާއި އެއްބާރުލެއްވުން ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވައި، ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ޖާގަ ނުދެއްވުން. އެއީ، އަޅުގަނޑުގެ އިލްތިމާސަކީ.

ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑުމެންނަށް މިފަދަ ފުރުޞަތެއް ދެއްވި ކަމަށްޓަކައި.