بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

އައި.ޖީ.އެމް ހޮސްޕިޓަލްގެ ސީ.އީ.އޯ، ޓައިނީ ހާރޓްސް މޯލްޑިވްސްގެ ޗެއަރޕާރސަން އަދި އިސްވެރިން، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ޑޮކްޓަރުން އަދި ފެސިލިޓޭޓަރސް، ޕްރޮގްރާމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތައް؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، މިފަދަ ޕްރޮގްރާމެއް ފަށްޓަވައިގެން، ދިވެހި ރައްޔިތުންނާއި އަދި ކުޑަކުދިންގެ ޙައްޤުގައި މިފަދަ މަތިވެރި މަސައްކަތެއް ކުރައްވަމުން އަންނާތި، ޓައިނީ ހާރޓްސްގެ އިސްބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އާދެ، އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންނަށް މިކަމުން ފެނިގެން މިދަނީ، ވަރަށްބޮޑަށް އިންސާނިއްޔަތު ކަމަށްޓަކައި މަސައްކަތްތައް ކުރެވިގެންދާތަން. މިއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މި ހުރިހާ އެންމެންވެސް، މުޅި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންވެސް ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ ކަމެކޭ. އާދެ، ވަކިން ޚާއްޞަކޮށް، ކުޑަކުދިންނާ ގުޅުންހުރި ކަމެއްގައި މިފަދަ މަތިވެރި މަސައްކަތެއް، ގިނަ ދުވަސްތަކެއް ވަންދެން ކުރައްވަމުން ގެންދެވުމަކީ، އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް އެ ކަންތައް ފާހަގަކޮށް، އަދި މުޅި ސަރުކާރުން އެކަން ފާހަގަކޮށް، އެކަމުގެ އަގު ވަރަށްބޮޑަށް ވަޒަންކުރާ ކަމެއް.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ތެރޭގައި ހުރި ޗެލެންޖްތަކާއި، އަޅުގަނޑުމެންގެ ތެރޭގައި ހުރި ގޮންޖެހުންތައް، ދަތި އުނދަގޫ ކަންތައްތަކުން އަރައިގަނެވޭނީ ވަރަށްބޮޑަށް އެކުގައި މަސައްކަތް ކުރެވިގެން. އަދި ވަކިން ޚާއްޞަކޮށް، ކުޑަކުދިންގެ މިކަހަލަ ކަންތައްތަކެއްގެ ވާހަކަތައް އަޅުގަނޑުމެންނަށް އަޑުއިވުމުން، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް އެކަމުން އަސަރުތަކެއް ކުރޭ. އަޅުގަނޑުމެން އެންމެންވެސް، އެންމެ ލޯބިވަނީ އަޅުގަނޑުމެންގެ ތުއްތުކުދިން ދެކެ.

އެހެންވީމާ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ތުއްތުކުއްޖާގެ ޙައްޤުގައި މިފަދަ މަސައްކަތެއް ކުރެވުމަކީ، އެ ސަމާލުކަން ދިނުމަކީ، އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް ކުރަންޖެހޭނެ ކަމެއް. އަޅުގަނޑު އުއްމީދު ކުރަނީ، މި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ސަބަބުން އަދި މިއަދު މި ނިމިގެންދާ ޕްރޮގްރާމްވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި، ވަކިން ޚާއްޞަކޮށް، މައިންނާއި، ޢާއިލާތަކަށް މިކަމުގެ މުހިންމުކަން، އިޙްސާސް ކުރެވި، ކުރިއަށްވުރެވެސް ބޮޑަށް އިތުރު ސަމާލުކަމެއް މިކަމަށް ދެވިގެން، ތުއްތުކުއްޖާއަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ދެވެންޖެހޭ އަޅައިލުމާއި، ރައްކާތެރިކަމުން، އެ ފަރުވާ ދިނުމުގައި އަޅުގަނޑުމެންނަށް ވަރަށްބޮޑަށް އެކަމަށް އިސްކަމެއް ދެވޭނޭކަމަށް.

އާދެ، އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރުންވެސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ އިސް ސަމާލުކަމެއް، އެންމެ ބޮޑު ސަމާލުކަމެއް ދެއްވާ އެއް ކަމެއްގެ ގޮތުގައި މިއޮތީ، ނުވަތަ އެންމެ ބޮޑު ސަމާލުކަމެއް ދެއްވާކަމެއްގެ ގޮތުގައި މިއޮތީ، ދުޅަހެޔޮ ރައްޔިތެއް އުފެއްދުން. އާދެ، މި ދިވެހިރާއްޖޭގެ ހުރިހާ އެންމެންނަށްވެސް ހިތްހަމަޖެހިގެން، އާދެ، ޞިއްޙީ ފަރުވާ އެންމެ އެކަށޭނެގޮތަށް ލިބުން.

އާދެ، އެގޮތަށް ބަލާއިރުވެސް އަޅުގަނޑުމެން މިއަދު ފަށައިގަންނަން މިޖެހެނީ ޅަފަތުން. އެންމެ ތުއްތުކުދިން. އަދި އަޅުގަނޑު ކުރީގައި މި ދެންނެވިގޮތަށް، އެންމެ ފުރަތަމަ ދުވަހުން، މައިމީހާ އެކަމަށްޓަކައި ވަރަށްބޮޑަށް ސަމާލުވެ، އެ ހިސާބުން ފެށިގެން ތުއްތު ކުއްޖާގެ ޞިއްޙަތު، އެ ކަންތައް ކަށަވަރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެން އެބަޖެހޭ.

އާދެ، އަޅުގަނޑަށް ހަމަގައިމުވެސް އެ ވީޑިއޯ ފެނުމުން، އެ ޕްރެޒެންޓޭޝަން ފެނުމުންވެސް ހަމަ ވަރަށްގިނަ އިޙްސާސްތަކެއް ކުރެވުނު. އަޅުގަނޑަށް ޔަޤީންވާ ކަމަކީ، އެއީ މި ތަނުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް، އަދި ދިވެހިރާއްޖޭގެ ކޮންމެ މައެއް، ބަފަޔަކަށް އެ އިހްސާސް ކުރެއްވޭނެކަން. އެއީ އަޅުގަނޑުމެން އެންމެ ލޯބިވާ، ދުނިޔެމަތީގައި ލެއްވި އެންމެ ލޯބިވާ އެއްގޮތަކުންވަންޏާ، އަޅުގަނޑުމެންގެ ތުއްތުކުދިން.

އާދެ، އަޅުގަނޑުމެންނަށް މިއަދު މި ހުރިހާ ޕްރޮގްރާމްތަކަކާއެކު، މި ގިނަގުނަ މަސައްކަތްތަކަކާއެކު އަދިވެސް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. އަޅުގަނޑު މި ދައްކަނީ މުޅި ދިވެހިރާއްޖޭގެ ވާހަކަ. އަޅުގަނޑު މި ދައްކަނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވާހަކަ. ރަށްތަކުގެ ވާހަކަ. އަޅުގަނޑުމެންނަށް މިއަދުވެސް މި ރައްޔިތުން އެންމެ ބޭނުންވާ ކަމެއްގެ ވާހަކަ އަޅުގަނޑުމެން އަހައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެ ޖަވާބު ލިބިގެންދޭ، ވަރަށް ފަސޭހައިން. އާދެ، ޙަޤީޤަތަކީ، ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ވަކި ތަނެއްގައި ޞިއްޙީ ދާއިރާ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މުޅި ދިވެހިރާއްޖެއަށް އަޅުގަނޑުމެން ބަލައިލާއިރު ޚާއްޞަކޮށް، ރާއްޖޭގެ ރަށްތަކުގައި، ޞިއްޙީ ޚިދުމަތްތައް އޮތީ ވަރަށްބޮޑަށް ދުރަށް ޖައްސާލެވިފައި. ވަރަށް ފަހަތުގައި. އެއީ މިއަދު އަޅުގަނޑުމެންނަށް އޮތް ވަރަށްބޮޑު ގޮންޖެހުމެއް. އެއީ މިއަދު އަޅުގަނޑުމެންގެ ސަރުކާރުން އިސްކަމެއްދީގެން އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނެ ކަމެއް.

އާދެ، ރަށްތަކުގެ ޞިއްޙީ ކަންތައްތައް ރަނގަޅުކޮށް، ޞިއްޙީ މަރުކަޒުގައި، ހޮސްޕިޓަލްތަކުގައި ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުމަކީ، ހޭލުންތެރިކަމުގެ އިތުރު ޕްރޮގްރާމްތައް ހިންގުމަކީ، އެއީ މިއަދު އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އިރާދަކުރެއްވިއްޔާ، ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކަށްވެގެންދާނީ، ކުރިއަށް އޮތް ދުވަސްތަކުގައި މި ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމަށް އާދަޔާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެނެސް، ރައްޔިތުންނަށް ހިތްހަމަޖެހިގެން އެ ރަށްތަކުގައި، ރައްޔިތުން އެ އަތޮޅުތަކުގައި ދިރިއުޅެވޭނޭ ދުވަހެއް، އަވަސް މުސްތަޤްބަލެއްގައި ހޯދައިދިނުމަކީ، އެއީ ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅު. އިރާދަކުރެއްވިއްޔާ، އެ ކަންތައްތައް އެއްވެސްވަރަކަށް ފަރުވާކުޑަނުކޮށް، އަޅުގަނޑުމެން މުޅި ސަރުކާރުން އެ މަސައްކަތް ކުރަމުންދާނެކަމުގެ ޔަޤީންކަން، މިއަދުވެސް އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދެން.

އާދެ، ސަރުކާރުގެ ޢަމާޒެއްގެ ގޮތުގައި، ދުޅަހެޔޮ ޞިއްޙަތެއް ދިވެހި ރައްޔިތުންނަށް، މި މަސައްކަތް އެންމެން ކުރަން އެބަޖެހޭ. މިއީ ސްކޫލުތަކުން ފެށިގެން އާންމު ފަރުދުންނާއި، ހުރިހާ އެންމެން މި މަސައްކަތުގައި ބައިވެރިވާން އެބަޖެހޭ. އަޅުގަނޑުމެންނަށް މިއަދުވެސް، ފެނިގެން މިދަނީ ވޮލަންޓަރީ މަސައްކަތެއްގެ ގޮތުގައި، މި ކަންތައް ދިޔުމުން، މި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުންވެސް، އަޅުގަނޑުމެންނަށް އެނގިގެން މިދަނީ މިފަދަ މަސައްކަތްތައް ހައްލުކުރެވޭނީ، މުޅި ކޮމިއުނިޓީ ބައިވެރިވެގެންކަން. އެއްވެސް ޤައުމެއްގައި، ދުނިޔޭގެ އެއްވެސް ތަނެއްގައި، ހަމައެކަނި އެ ޤައުމެއްގެ ސަރުކާރުން ކުރާ މަސައްކަތަކުން ކަންތައްތައް ދުވަހަކުވެސް ކާމިޔާބުވެފައެއް ނެތް. ކަންތައްތައް ކާމިޔާބުވަނީ އެންމެން އެކުގައި ކަލެކްޓިވްކޮށް، ޔުނައިޓެޑްކޮށް ކުރެވޭ މަސައްކަތުން.

އެހެންވީމާ، މިއަދުވެސް އަޅުގަނޑު ވަކިން ޚާއްޞަކޮށް، އެންމެހައި ޑޮކްޓަރުންނާއި، އަދި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކާއި، ކޮމިއުނިޓީގައި ހިމެނޭ ފަރާތްތަކަށްވެސް އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، މި ކަންތައްތައް ހައްލުކުރުމުގައި ގޮންޖެހުންތަކުން އަރައިގަތުމަށް އަޅުގަނޑުމެން އަދި މިއަށްވުރެވެސް ބޮޑަށް ގިނަ މަސައްކަތްތަކެއް ކުރަމާ ހިނގާށޭ. އަޅުގަނޑުމެން ހެޔޮ ނިޔަތުގައި، ރަނގަޅު މިޞްރާބަކަށް އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުން އިރާދަކުރެއްވިއްޔާ، އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާނެ.

އާދެ، މި ފުރުޞަތުގައި، ހަމަ އަޅުގަނޑު ޚާއްޞަ ޝުކުރެއް ދަންނަވަން ބޭނުންވޭ، މިފަދަ ޕްރޮގްރާމްތައް ރާއްޖޭގައި ކުރިޔަށް ގެންދިޔުމުގައި އަބަދުވެސް އެ ޕްރޮގްރާމްތަކަށް އެހީވެދެއްވާ ފަރާތްތަކެއްވޭ. އަޅުގަނޑު ދަންނަވާނީ، އެއީވެސް އަޅުގަނޑުމެން މިގޮތަށް ވިސްނައިފި ކަމަށްވަންޏާ، ކުރެވޭ ވަރަށް މަތިވެރި، ވަރަށް މާތް މަސައްކަތްތަކެކޭ. ގިނަ ފަރާތްތަކެއްގެ އެހީތެރިކަން އަބަދުވެސް އަޅުގަނޑުމެންނަށް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްޓަކައި އެބަ ބޭނުންވޭ. އެހެންވީމާ، އެ ފަރާތްތަކުން، މެދުކެނޑުމެއްނެތި ދިވެހިރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތާއި އަދި ދުޅަހެޔޮކަމަށްޓަކައި އެ ކުރައްވާ ހޭދައަށް އަޅުގަނޑު އެންމެހައި ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ހަމަ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު އަޅުގަނޑު ހުރިހާ ޑޮކްޓަރުންނަށް، ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް އެނގިފައި ހުރި އެއްޗެއް، ވަކިން ޚާއްޞަކޮށް، ޑޮކްޓަރުންނަށް އެނގިފައި ހުރި އެއްޗެއް އަބަދުވެސް އަޅުގަނޑުމެން އެހެން ފަރާތްތަކަށް ކިޔައިދިނުމަކީ، އެހެން ފަރާތްތަކަށް އެ އަންގައިދިނުމަކީ، އެއީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކޭ. އަޅުގަނޑުމެން ހޭލުންތެރިކުރުމުގެ ގޮތުންނާއި އަދި ކަންކަމުގެ މަޢުލޫމާތު ބޮޑަށް ސާފުކޮށްދިނުމުގެ ގޮތުން މި ކަންތައްތައް ކުރިއަށްވުރެ ބޮޑަށް ކުރަން އެބަޖެހޭ. މިފަދަ ޕްރޮގްރާމެއް މާލޭގައި އަދި މިގޮތަށް ހިންގާއިރު، އޭގެ އެންމެ އެކަށޭނަ ފައިދާ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ދިވެހިރާއްޖޭގެ އެކި ރަށްތައް މިގޮތަށް އޮތުމުން ނުކޮށް ގޮސްދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް، ރާއްޖޭގެ ރަށްރަށަށްވެސް، އަޅުގަނޑަށް އެނގޭ ކުރީގައިވެސް ޕްރޮގްރާމްތަކެއް ހިންގިފައިވާކަން ރާއްޖޭގެ ރަށްރަށުގައިވެސް. އެހެންނަމަވެސް، އެ ފަރާތްތަކަށްވެސް ވީހާވެސް ބޮޑަކަށް މަޢުލޫމާތު ދެވޭނޭގޮތަކަށް އަޅުގަނޑުމެން ވިސްނައިގެން، ކުރިއަށްހުރި ޕްރޮގްރާމްތައް ގެންދެވޭ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ މިއަށްވުރެވެސް ބޮޑު ފައިދާއެއް ލިބިގެންދާނެހެން.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ތިޔަ އެންމެހައި ފަރާތްތަކަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، ޓައިނީ ހާރޓްސްގެ ފަރާތުން މެދުކެނޑުމެއްނެތި މި ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ތުއްތުކުދިންނަކީ، ﷲގެ ހެޔޮ ރަޙްމަތުން ރަނގަޅު ޞިއްޙަތެއް ލިބިފައިވާ ދަރިންތަކަކަށްވުން. އަދި ކުރިޔަށް އޮތް ތާނގައިވެސް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުދިންގެ ކަންތައްތައް ރަނގަޅަށް، އިތުރު ސަމާލުކަމެއްދީގެން ބެލެހެއްޓުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން.

ވަރަށްބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.