بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް، ދައުލަތުގެ ވަޒީރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ ރައީސް އަޙްމަދު ޢާޠިފް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދުގެ މި ޙަފްލާ އެ ބަޔަކަށް ޚާއްޞަ ކުރެވިފައިވާ ބޭފުޅުންނަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް މަތީ ދަރަޖައަކަށް ލޯތްބާއި ކުލުނު އުފެދިފައިވާ ބައެއް. އަދި އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޚާއްޞަ މަޤާމަކާއި ޤަދަރެއް ދެވިފައިވާ ބައެއް. އެފަދަ މުހިންމު ބޭފުޅުންކޮޅަކަށް ޚާއްޞަކުރެވޭ ޙަފްލާއެއްގައި ބައިވެރިވެވޭކަމީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މި ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، ދެންމެ އެވޯޑް ޙާޞިލު ކުރެއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މަރުޙަބާ ދަންނަވަން. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމުގަޔާއި، އެމީހުންގެ ޙައްޤުތައް ހޯދައިދިނުމުގައި އަވަދިނެތި އުޅުއްވާ ބޭފުޅުން، އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް، އައްސަރިބަހާއި ސާބަސް ދަންނަވަން.

ދެންމެ އެވޯޑް ޙާޞިލު ކުރެއްވި ފަރާތްތަކަށް ވިސްނައިލާއިރު، އަޅުގަނޑުމެންނަށް ސާބިތުވެގެން މިދަނީ، އަބަދުވެސް އަޅުގަނޑުމެން މި ދައްކާ ވާހަކައިގެ ތެދުކަން. އެއީ، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީ، ނާޤާބިލު ނުވަތަ ނުކުޅެދޭ މީހެއް ނޫންކަން. އެމީހުންގެ ކިބައިގައިވެސް ޤާބިލު އެތައް ހުނަރަކާއި ފަންނުވެރިކަން އެބަހުރިކަން، އެބަ ސާބިތުވޭ.

އޭގެ ތެރެއިން އަޅުގަނޑުމެންނަށް ފެނުނު ބައެއް ބޭފުޅުންނަކީ، އެ ބޭފުޅުންގެ އެ ޙާލަތުގައިވެސް، ރާއްޖެއަށް ރީތި ނަންތައް ހޯއްދަވައިދެއްވަމުން ގެންދަވާ ބޭފުޅުން. އެ ބޭފުޅުންނަކީ، ހިތްވަރާއެކު ގޮންޖެހުންތަކާ ކުރިމަތިލައްވައި، އަބުރުވެރިކަމާއެކު މުޅި މުޖުތަމަޢަށް ނަމޫނާ ދައްކަވަމުން ގެންދަވާ ބޭފުޅުން. އަދިވެސް އެއްފަހަރު އެ ބޭފުޅުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން.

ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ދައުލަތް ހިންގުމާ ޙަވާލުވީ، ވަރަށް ގިނަ ވަޢުދުތަކަކާއެކު. އޭގެތެރެއިން އެންމެ މުހިންމު ވަޢުދަކީ، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި ޚިދުމަތް ދިނުން. މީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ބަލައި، އެމީހަކު ހަވާސާ ކޮށްލުމަކީ، އަޅުގަނޑުމެންގެ މުޖުތަމަޢު ޤަބޫލުކުރާ އުޞޫލެއް ނޫން.

އޭގެ ބަދަލުގައި، މި ސަރުކާރުގެ ސިޔާސަތަކީ، އެފަދަ މީހުންނަށް ޚާއްސަ ރައްކާތެރިކަމާއި އަޅައިލުން ދިނުން. މި އަހަރުގެ ކުރީކޮޅު އައި.ޖީއެމް.އެޗް.ގައި ހުޅުވި ސެންޓަރ ފޮރ މެންޓަލް ހެލްތަކީ، އެ ސިޔާސަތުގެ ތެރެއިން ޤާއިމުކުރި މަރުކަޒެއް. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް، އައި.ޖީ.އެމް.އެޗް.ގައި މިހާރު ވާނީ އެންސްޕާ އާއި، އާސަންދައިގެ ޚާއްސަ ކައުންޓަރެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައި.

ތަފާސް ހިސާބަށް ބަލާއިރު، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މިހާރުގެ ޢަދަދަކީ، 15360. އޭގެތެރެއިން އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީކޮށްގެން ދައުލަތުން މިހާރު ޢިނާޔަތް ދެމުން އަންނަނީ 7771 މީހަކަށް. އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީނުވެ ތިބި މީހުން ދެނެގަނެ، އެ މީހުންނަށް ދެވެންހުރި ޢިނާޔަތްތައް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ނިސްބަތްވާ ގިނަ ޢާއިލާތަކަކީ، ދިރިއުޅުމުގެ އަސާސީ ކަންކަން ހަމަޖެއްސުމުގައި، ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ބައެއް. އޭގެތެރޭގައި ދިރިއުޅުމުގެ ޚަރަދުތައް ފުއްދުމާއި، ބޯހިޔާވަހިކަން ލިބުމުގައިވެސް، ވަރަށް ގިނަ ހުރަސްތައް އެބަހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ.

އެފަދަ ޢާއިލާތަކަށް މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ. އެމީހުންގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމަކީ، މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެއް. އެހެންކަމުން، އެފަދަ ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް، އިތުރު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި.

އަމިއްލައަށް އާމްދަނީ ހޯދައިގެން ދިރިއުޅުމެއް ބިނާކުރުމަކީވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުން ކުރިމަތިލާން ޖެހިފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. އެފަދަ މީހުންނަށް ވަޒީފާ ދިނުމަށް، ބައެއް ފަރާތްތަކުން ފަސްޖެހޭކަން، އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން. ނަމަވެސް ޙަޤީޤަތުގައި އެމީހުންނަކީ، މުޖުތަމަޢަށް އެމީހުންގެ ފަރާތުން އެތައް ބޭނުމެއް ހިފޭނެ ބައެއް.

ހަމަޤައިމުވެސް އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ކުރިއަށްދާނީ، ހުރިހާ ދިވެހި ރައްޔިތުންނަކީ، އެއް ޢާއިލާއެއް ކަމުގައި ބަލައިގެން. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ އާމްދަނީއެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުގެ އޮފީސްތަކުންނާއި، ސަރުކާރުގެ ކުންފުނިތަކުން މިހާރުވެސް ވަޒީފާގެ ފުރުޞަތުތައް މި އަންނަނީ ފަހިކޮށްދެމުން.

އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ، ހުރިހާ ކަމެއް މުޅިން ފުރިހަމަ، މުޅިން ބަރާބަރު މީހެއް ނޫން. މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް، އޭނާގެ ކިބައިގައި ޤާބިލް އެތައް ހުނަރެއް ހުރެދާނެ. އެ ހުނަރުވެރިކަމާއި އެމީހުންގެ ޤާބިލުކަން ދެނެނުގަނެވޭނަމަ، އެއީ ސަލާމަތުން ތިބި މީހުންގެ އުނިކަމެއް.

އެހެންކަމުން، އެފަދަ މީހުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ތަޢުލީމާއި މަސައްކަތް އުނގަންނައިދިނުމުގެ ދާއިރާއިން، ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން މިހާރުވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައި. އަދި އެފަދަ މީހުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް، އިންޓްރެސްޓް ކުޑަ ލޯނު ލިބޭނެ މަގު، ސަރުކާރުން މި އަންނަނީ ތަނަވަސްކޮށްދެމުން.

މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ، އެމީހެއްގެ ބަދުނަސީބު ކަމުގައި އަޅުގަނޑުމެން ގަބޫލެއްނުކުރަން. އޭގެ ބަދަލުގައި އަޅުގަނޑުމެން، މުޅި މުޖުތަމަޢު އަތުގުޅާލައިގެން މަސައްކަތް ކުރަންވީ، އެފަދަ މީހުންގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަމުގެ ބޭނުންހިފޭނެ މަގު ފަހިކޮށްދީ، އެމީހުންނަކީ ނަސީބުވެރިން ކަމުގައި ހަދައިދޭން.

އެފަދަ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް، އެމީހުން އަމިއްލައަށް އާމްދަނީ ހޯދުމަށް އެހީތެރިވެދިނުން. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ދާއިރާތަކުންވެސް ޚާއްޞަ ކޯޓާއެއް ހަމަޖައްސައި، ފަސޭހައިން ވަޒީފާ ލިބޭނެ އުޞޫލެއް ކަނޑައެޅުމަށްވެސް މި އަންނަނީ މަސައްކަތް ކުރަމުން.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި، ވަރަށް ތަފާތު ބާވަތްތަކުގެ ނުކުޅެދުންތެރިކަން، އަދި ތަފާތު މިންވަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން އެބަތިބި. ގޮންޖެހުމަކަށް ވަނީ އެފަދަ މީހުން މުޖުތަމަޢުގައި ތިބުމެއް ނޫން. ޙަޤީޤީ ގޮންޖެހުމަކީ، މުޖުތަމަޢުގައި ތިބި އެފަދަ މީހުންނާ އެކަށީގެންވާ ގޮތަށް، މުޖުތަމަޢުގެ ކަންކަން ފަހިވެފައި ނެތުން.

އެފަދަ މީހަކު މާލޭގެ މަގެއް ހުރަސްކޮށްލުމަކީވެސް ފަސޭހަ ކަމެއް ނޫން. އެންމެ ކުޑަމިނުން މަގުތަކުގެ ދުވާރުތައް ހުރީވެސް، އެފަދަ މީހުންނަށް އެންމެ ފަސޭހައިން ބޭނުންކުރެވޭފަދަ ގޮތަކަށް ނޫން. ޢިމާރާތްތަކަށް ވަދެ ނުކުމެ އުޅުމާއި، ޢިމާރާތްތަކަށް އަރައި ފޭބުމަކީވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫން.

މި ދެންނެވި ފަދަ ކިތަންމެ ކަމެއް، އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް، 2010 ވަނަ އަހަރު ޤާނޫނެއް އެކުލަވައިލައި ޢަމަލުކުރަމުން އަންނަތާވެސް އެތައް އަހަރެއް ވެއްޖެ. ނަމަވެސް، އެމީހުންގެ ޙައްޤުތައް ލިބިދިނުމުގައި އަދިވެސް އެތައް މައްސަލަތަކެއް އެބަހުރި.

ވަކިން ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތަކާއި، ރިހެބިލިޓޭޓް ކުރުމުގެ ވަސީލަތްތަކާއި ޚިދުމަތްތައް ރާއްޖެއިން ލިބެން ހުރީ ވަރަށް މަދު މިންވަރަކަށް. އަދި އެ ޚިދުމަތްތަކުގެ އަގުވެސް އެހާމެ ބޮޑު. މިކަމަށްވެސް، ޞިއްޙީ ދާއިރާގެ ތެރެއިން އަވަސް ޙައްލެއް ހޯދުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން.

އެކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ސަރުކާރުން މިހާރު ނިންމާފައިވަނީ، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް ޤާއިމުކުރުމަށް. އޭގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް، އަމިއްލަ ރަށުގައި ތިބެގެން ތަފާތު ތެރަޕީތަކާއި، ތަޢުލީމާއި ތަމްރީނުތައް ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމެއް ހަމަޖެއްސުން.

މި ދެންނެވި ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން ވިޔަސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިވުމުގައި، ވަރަށް ފާހަގަކޮށްލެވޭ، ވަރަށް ނަމޫނާ ބޭފުޅުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވި. މިއަދުވެސް އެފަދަ ބައެއް ބޭފުޅުންގެ ޚިދުމަތުގެ އަގު، މި ޙަފްލާގައި ވަޒަން ކުރެވިގެން ހިނގައްޖެ.

މި ދާއިރާގައި މަސައްކަތް ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޚިދުމަތަށް ބޭނުންޖެހިފައިވާ މީހުންގެ ނިސްބަތުން ބަލާއިރު، މި ދާއިރާގެ ފަންނީ މީހުން މާބޮޑަށް މަދުކަން. އެހެންކަމުން، މި ދާއިރާގެ ފަންނީ މީހުން ތަމްރީނުކޮށް އުފެއްދުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އަޅުގަނޑުމެން އެބަ ވިސްނަން.

މާތް ﷲގެ ވާގިފުޅާއެކު، އެކަން އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ވެގެންދާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މިހާރަށްވުރެ މާ އުފާވެރި، މާ ހިތްފަސޭހަ ދިރިއުޅުމެއް ފެނިގެންދާނެ. އަދި އެފަދަ މީހުންނާމެދު މުޖުތަމަޢުން ދެކޭގޮތްވެސް ރަނގަޅުވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން. ހުރިހާ ބޭފުޅުންނަށްވެސް އުފާވެރި އަދި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.