بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް މަރްޙަބާ. އަދި ޝުކުރު ދަންނަވަން.


އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ ވަރަށްގިނަ ސުވާލުތަކެއް މިއަދު ހުރެދާނެކަން. އަދި ޖަވާބު ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއްވެސް ހުރެދާނެކަން.


އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ފުރްޞަތު އެރުވުމުގެ ކުރިން، ދެތިން ވާހަކައެއް އަޅުގަނޑު ދަންނަވާލާނަން. އެއަށްފަހު ގިނަ ވަގުތު އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރްޞަތު އަރުވާނަން.


އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ވެރިކަމަށް އައީ، ވަޢުދުތަކެއްވެގެން. އަޅުގަނޑުމެން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް އެވީ ވަޢުދުތައް ފުއްދައިދިނުމަށް. މިއަދުވެސް ޔަޤީންކަމާއެކީގައި، ތިޔަ ހުރިހާ ބޭފުޅުންނަށް މި ދަންނަވަނީ، އަޅުގަނޑުމެން ރައްޔިތުންނަށްވީ ވަޢުދުތައް، އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފުއްދައިދޭނެ ކަމުގައި. އަދި އެގޮތުން މި އަހަރުގެ ބަޖެޓުގައި، މި އަހަރު ކުރުމަށް އަޅުގަނޑުމެން ނިންމާފައިވާ ކަންތައްތައް، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ފެށި ކުރިއަށްދާނެ.


އަޅުގަނޑުމެން ވީ ވަޢުދުތަކުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދިނުމާއި، ބޯހިޔާވަހިކަން ނުލިބި ތިބި ފަރާތްތަކަށް، މާލެއާއި އަދި އަތޮޅުތަކުގެ ރަށްރަށުގައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމާއި، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރަންހުރި މަސައްކަތްތައް ކުރާނެ ވާހަކަ، މިއީ މައިގަނޑު ގޮތެއްގައި އެންމެ ބޮޑަށް އަޅުގަނޑުމެން ކެމްޕެއިން ތެރޭގައި ދެއްކި ވާހަކައަކީ.


އޭގެ އިތުރުން، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމާއި، ތަޢުލީމީ ދާއިރާއިން ދަރިވަރުންނަށް އިތުރު ލުއި ގޮތްތައް ހޯދައިދިނުން އެއީ އަޅުގަނޑުމެން ވީ ވަޢުދަކީ. އަޅުގަނޑުމެން މިދަނީ އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް އެކަން ކުރަމުން.


ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ރާއްޖޭގައި ޞުލްޙަ ޤާއިމުވެފައި އޮތުން. ހަމަޖެހުން ޤާއިމުވެފައި އޮތުން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތަރައްޤީއަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ، ރާއްޖޭގައި ހަމަޖެހުން އޮތްކަން، އިންވެސްޓަރުންނަށް އެބަ އެނގެންޖެހޭ. ޢާންމު ރައްޔިތުންނަށް ފަސޭހައިން ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮންނަންޖެހޭ. އިރާދަކުރެއްވިއްޔާ މިއަދު އެ ޔަޤީންކަން، ރައްޔިތުންނަށްވެސް، ވިޔަފާރިވެރިންނަށްވެސް އޮތްކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ކުރިއަށް މިއޮތް ތަނުގައިވެސް، ރާއްޖޭގެ ހަމަޖެހުން ނަގައިލުމަށްޓަކައި ކުރާ އެއްވެސް ކަމަކަށް، އިރާދަކުރެއްވިއްޔާ މި ސަރުކާރަކުންނެއް ޖާގައެއް ނުދޭނަން. އަދި ރާއްޖޭގެ މިނިވަންކަމާއި ޞުލްޙަ ގެއްލޭފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ވާހަކަ، އަޅުގަނޑު މި ފުރްޞަތުގައި ދަންނަވަން.


އަޅުގަނޑުމެން ވެރިކަމަށް އައީ، ރައްޔިތުންނަށް ޚިދުމަތް ކުރަން. އެގޮތުން، ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މި ގެންދަނީ އެކަން ކުރަމުން.


ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންވީ އެންމެ މުހިއްމު އެއް ވަޢުދަކީ، އަތްފޯރާފަށުގައި، އަތްފޯރާ އަގުގައި ހައުސިންގ ފޯރުކޮށްދިނުން. އެގޮތުން، އަޅުގަނޑު މިހާރު މި ދައްކާ ބައެއް ވާހަކަތަކަކީ، މިވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ވަޒީރުން އެކިއެކި ޕްރެސް ކޮންފަރެންސްތަކުގަޔާއި މީޑިއާތަކުގައި ޢާންމުކޮށްފައި ހުރި ވާހަކަތައް ކަމަށްވެދާނެ. އެހެންނަމަވެސް، ބައެއް ވާހަކަތައް ތަކުރާރުކޮށްލުމަށްފަހުގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރްޞަތު އަރުވާނަން.


މިހާތަނަށް އައިއިރުގައި، ހައުސިންގ ފޯރުކޮށްދިނުމަށްޓަކައި އަތޮޅުތަކުގައި ފަސްހާސް ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް ބިޑަށްލެވި، އެ މަޝްރޫޢު ފެށިގެން ކުރިއަށް އެބަދޭ. އަދި ޢަމަލީ މަސައްކަތް ނުފެށުނު ކަމަށްވިޔަސް، އެއާބެހޭ މަސައްކަތްތައް ކުރިއަށްދޭ. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި، އޭގެވެސް ޢަމަލީ މަސައްކަތް ފެށިގެންދާނެ.


ހުޅުމާލޭގައި 4200 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި ދެ ޕާޓީއަކާއެކު، ފްރޭމްވަރކް އެގްރީމެންޓެއްގައި ސޮއިކުރުމަށް ވަނީ އެއްބަސްވެވިފައި. މި މަޝްރޫޢުގެ ދަށުން ބިނާކުރެވޭ ދެ ކޮޓަރީގެ، އެއީ 7800 އަކަފޫޓުގެ، ފްލެޓެއްގެ މަހަކު ދައްކަންޖެހޭ އަގަކީ، -/6000 ރުފިޔާ ކަމުގައި އަޅުގަނޑުމެން ވަނީ ނިންމާފައި. ހަމަ އެގޮތަށް، ތިން ކޮޓަރީގެ، 900 އަކަފޫޓުގެ ފްލެޓެއްގެ އަގު، -/7000 ރުފިޔާއަށްވުރެ ބޮޑުނުވާގޮތަށް، އަގު ހަމަޖެހިގެންދާނެ.


އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ސަރުކާރުގައި، ހިޔާ މަޝްރޫޢުގެ ދަށުން 7000 ފްލެޓެއް އެޅުމުގެ މަސައްކަތް ކުރެވިފައި އެބައޮތް. އެތަނުގެ ޙާލަތު ހުރިގޮތް، އަޅުގަނޑު ކުރިން މިތަނުގައި ވާނީ ހާމަކޮށްފައި. އަދި ބައެއް ނޫސްވެރިން އެތަނަށް ކުރި ޒިޔާރަތުގައި، އެތަނުގެ ކަންތައްތައް ހުރިގޮތް، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް މިހާރުވާނީ ފެނިފައި. އެ 7000 ހައުސިންގ ޔުނިޓްގެ އަގަކީ، އޭރު ހަމަޖެހިފައި އޮތްގޮތަށް މަސައްކަތްކޮށް ނިމުނީމާ، އިތުރު ބަދަލެއް ނުގެނެސް ކުރީމާ، މި ޖެހެނީ މަހަކަށް -/11000 ރުފިޔާ. އެއީ އަޅުގަނޑުމެން ބަދަލެއްނުގެނެސް. އަޅުގަނޑު އޭރުވެސް ދެންނެވިން، އެއީ މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫނޭ. އެހެންވީމާ، އެތަންތަނަށް ބަދަލު ގެންނަންޖެހެޔޭ. އެ ބަދަލު ގެނައުމަށްޓަކައި އަޅުގަނޑުމެން ކުރި ދިރާސާގައި، އެ ބަދަލު ގެނައިމާ، އެ އޭރިޔާ ބޮޑުކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައިމާ، ދެ ރޫމްގެ، ދެ ކޮޓަރީގެ ފްލެޓަކަށް އެބަޖެހޭ، -/13000 ރުފިޔާ. އަދި ތިން ކޮޓަރީގެ ފްލެޓަކަށް -/23000 ރުފިޔާ އެބަޖެހޭ.


ސުވާލަކީ، އަޅުގަނޑުމެން މި ބަދަލު ގެންނާނީތޯ؟ ގެނައިމާ ރައްޔިތުންނަށް އަތްފޯރާފަށުގައި މި އެބަ ފޯރުކޮށްދެވޭތޯ. މި ސުވާލު އަޅުގަނޑުމެންގެ ކުރިމަތީގައި އެބައޮތް. ނޫނީވިއްޔާ މިހާރު ހުރިގޮތަށް ދޭނީތޯ؟ ދޭކަމަށްވަންޏާވެސް މި ދެވެނީ، -/11000 ރުފިޔާއަށް. އެކަމަކު އެއީކީއެއް އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަތްފޯރާފަށުގައި، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވޭނެ އަގެއް ނޫން. ރައްޔިތުންނަށް ދެއްކޭނެ އަގެއް ނޫން.


އެހެންކަމުން، ސަރުކާރުން މިހާރު މި ގެންދަނީ އެ ދިރާސާ ކުރުމަށްފަހުގައި، އެ އަގަށް ގެނެވޭނީ ކޮން ބަދަލުތަކެއްތޯ ބަލައި، ސަރުކާރުން އެ ސަބްސިޑައިޒްކޮށްގެން ރައްޔިތުންނަށް އެ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، މިކަމަށް ޙައްލެއް ގެނެވި، އަޅުގަނޑުމެން މިހާރު މި އަޅާ ހައުސިންގ ޔުނިޓްތަކުގެ އަގުގައި، އެ ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން މިގެންދަނީ މަސައްކަތް ކުރަމުން. އެކަން ހަމަޖެހުމާ އެކީގައި، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން އެކަން ހާމަކުރާނަން.


އެނގިވަޑައިގަންނަވާނެ، ގުޅީފަޅުން ރައްޔިތުންނަށް ހައުސިންގ ޔުނިޓްތަކެއް ވަނީ ދޫކޮށްފައި. އެކަމަކު ވޭތުވެދިޔަ ސަރުކާރުގައި އެތަނަށް ގެނައި ބަދަލުގެ ސަބަބުން އެމީހުންނަށް ވަނީ އެ ފުރްޞަތު ގެއްލިފައި. އޭގެތެރޭގައި މިހާރު 142 ފަރާތެއް އެބައުޅޭ، ހައުސިންގ ޔުނިޓް ނުލިބޭ. މިކަމުގެ މައްސަލައިގެ ތެރޭގައި އުޅޭ. އަޅުގަނޑުމެން އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މިހާރު ނިންމާފައި މިވަނީ ހުޅުމާލޭގައި އަޅުގަނޑުމެން އަލަށް މި އަޅާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން، ފުރަތަމަ ދޫކުރާ ފްލެޓްތަކުގެ ތެރެއިން 142 ދެ ޔުނިޓް، އެ ފަރާތްތަކަށް ދިނުމަށް. އަދި އެކަމަށް އެ ފަރާތްތަކުން ކުރިން ދައްކާފައިވާ ފައިސާ، އެއިން ކެނޑޭގޮތަށް އެކަން ހަމަޖެއްސުމަށް. އަޅުގަނޑު ހިތުން މިވަގުތު އެއަށް ގެނެވޭނެ އެންމެ ރަނގަޅު ޙައްލަކީ އެއީ.


ފެނާއި ނަރުދަމާއަކީ އަޅުގަނޑުމެންވީ އަނެއް ވަޢުދު. މި އަހަރުގެ ތެރޭގައި 29 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ. ވޭތުވެދިޔަ ސަރުކާރުގައި، ފަސް އަހަރު ދުވަހުގެ ތެރޭގައި ނިމިފައިވަނީ، 39 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް. އަޅުގަނޑުމެންގެ ފުރަތަމަ އަހަރު އިރާދަކުރެއްވިއްޔާ، މި 29 ރަށުގެ މަސައްކަތް ފެށިގެންދާނެ.


ކުރިންވެސް އަޅުގަނޑު ވަޢުދުވީ ގޮތަށް، އަޅުގަނޑުމެންގެ ފަސް އަހަރުގެ ދައުރުގެ ތެރެއިން ތިން އަހަރު ނިމޭއިރުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ، ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ.


މާލޭގެ ޕޯޓް، ކޮމާޝަލް ޕޯޓް، ގުޅީފަޅަށް ބަދަލުކުރުން އެއީ، މި ސަރަޙައްދުގައި ހިންގޭނެ އެންމެބޮޑު އެއް މަޝްރޫޢު. ހަމައެއާއެކީގައި، މާލެއާއި ތިލަފުށްޓާ ދޭތެރޭގައި ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް އެއީ ކުރެވޭނެ އެންމެބޮޑު އެއް މަސައްކަތް. މިހާރުވަނީ އެކަމުގެވެސް ޕްރޮޖެކްޓް ކޮންސަލްޓަންސީއަށް ހުޅުވައިލެވި، ޝޯޓްލިސްޓް ކުރެވިފައި. ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ނޮވެންބަރު މަހުގެ ތެރޭގައި ފަށައި، މި އަންނަ އަހަރުގެ ފެބުރުވަރީ މަހުގައި އެތަނުގެ ސްޓްރަކްޗަރގެ މަސައްކަތް ފެށިގެންދާނެ. މި މަޝްރޫޢަށް ގާތްގަނޑަކަށް ދެ އަހަރު ހޭދަވާނެ ކަމަށް އަޅުގަނޑުމެންނަށް މިހާރުވަނީ ލަފާކުރެވިފައި.


ވެލާނާ އެއަރޕޯޓުގެ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހުގައި، މިހާރުވަނީ އަލުން ސޮއިކުރެވި، އިރާދަކުރެއްވިއްޔާ މަސައްކަތް ފަށަން ތައްޔާރުވެފައި. މިކަމަށްވެސް 30 މަސް ދުވަސް ހޭދަވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ. އެހެންވީމާ، 2022 ވަނަ އަހަރުގެ މެދުތެރޭގައި، އެންމެ ލަސްވެގެން، އެއަރޕޯޓުގެ ޓަރމިނަލް ހުޅުވި، އެތަނުގެ ޚިދުމަތްތައް ލިބެން ފަށާނެ.


ފަތުރުވެރިކަމަށް ބަލާއިރުގައި، މި އަހަރުގެ ތެރޭގައި މިހާރު 12 ރިޒޯޓް ހުޅުވި، އަދި އިތުރަށް 9 ރިޒޯޓެއް ހުޅުވުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މި އަހަރު ޓޫރިޒަމްގެ ދާއިރާއިން 17000 ވަޒީފާ ބާޒާރަށް ނެރެވިއްޖެ. ސުވާލަކީ މި ވަޒީފާތަކަށް ބޭނުންވާނެ މީހުން އެބަތިބިތޯ؟ އަޅުގަނޑުމެން މިއަދު ވަނީ ޓޫރިޒަމް މިނިސްޓްރީން އެކަމުގެ މަޢުލޫމާތުތައް ހޯދައި، މިކަމަށް މީހުން ތައްޔާރުކުރުމުގެ މަސައްކަތް، އެޑިޔުކޭޝަން މިނިސްޓްރީއާ އެކީގައި ކުރުމުގެ މަސައްކަތް ފަށާފައި.


އަޅުގަނޑަށް މިދޭތެރެއިން ދިމާވި، ރާއްޖޭގައި އިންވެސްޓްކޮށްގެން އުޅޭ ބޭރުގެ އިންވެސްޓަރަކާ. އޭނާ ބުނި، ތިމަންނާ ރިޒޯޓް ހުޅުވަންވެގެން މިހާރު އިޢުލާނުކޮށްފީމޭ، 450 ވަޒީފާއަށް. ރާއްޖެއިން ކުރިމަތިލީ އެންމެ 42 ފަރާތެކޭ. ބޭރުން އެބައޮތޭ، 20000 މީހުން ކުރިމަތިލާފައި. އެހެންވީމާ، ރާއްޖޭގައި ވަޒީފާތަކަށް، ޚާއްޞަކޮށް، އަޅުގަނޑަށް މި ފެންނަނީ، ޓޫރިޒަމް ދާއިރާއަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ދަތިތަކެއް، ނޫނީވިއްޔާ އެކަމަށް ޓްރެއިންވެފައި ތިބި ބަޔަކު ނެތްކަމަށް. މިކަމަށް އޮތް އެންމެ ރަނގަޅު އެއް ޙައްލެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، މިނިމަމް ވެއިޖް ކަނޑައެޅުން. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި އެ ބިލް، މަޖިލީހަށް ފޮނުވި، އެކަން އަޅުގަނޑުމެން ކުރާނަން.


ޞިއްޙީ ދާއިރާ ތަރައްޤީ ކުރުން، އެއީވެސް އަޅުގަނޑުމެންވީ އެއް ވަޢުދު. އެގޮތުން، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، އައި.ޖީ.އެމް.އެޗް ކިތަންމެ ބޮޑުކޮށްފައި، ކިތަންމެ ޚިދުމަތްތަކެއް، އެތަނުގައި ފުޅާކުރިނަމަވެސް، ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ޞިއްޙީ ޚިދުމަތް ދިނުމުގައި އެއީކީ ދާއިމީ ޙައްލެއް އޮތް ކަމެއް ނޫންކަމުގައި. އެހެންކަމުން، ރާއްޖެއިން އެކި ކަންކޮޅުތަކުގައި ހުރި ދިހަ ދާއިރާއެއް ކަނޑައެޅުމަށްފަހު، ފުރަތަމަ އަޅުގަނޑުމެން ފަސް ހޮސްޕިޓަލެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. މި އަހަރުގެ ތެރޭގައި، އޭގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ. އަދި ނިމުމަކަށްވެސް ދާނެ.


މި ފަސް ހޮސްޕިޓަލަށް މި ގެނެވޭ ބަދަލުތަކާ އެކުގައި، އެ ދާއިރާތަކުގައި 1300 ވަޒީފާ އުފެދިގެންދާނެ. އެ ދާއިރާތަކަށްވެސް ޓްރެއިންޑް މުވައްޒަފުން ބޭނުންވާނެ. އެކަމަށް ޖެހޭ އެބަ މަސައްކަތް ކުރަން. އައި.ޖީ.އެމް.އެޗް. ގައި ތަރައްޤީ ކުރުމުގެ ގޮތުން އަޅުގަނޑުމެން ހުޅުވި އެއްތަނަކީ، މެންޓަލް ހެލްތް ޑިޕާޓްމަންޓް. މިހާތަނަށް އައިއިރުގައި، 1300 މީހުން ވަނީ އެތަނުން ޚިދުމަތް ލިބިގެންފައި.


އައްޑޫ ތަރައްޤީ ކުރުމުގެ މަޝްރޫޢު. އެއީ އެތަނުގެ މަގުތައް ހެދުމާއި، ޓޫރިޒަމާއި، އަދިވެސް ތަރައްޤީއަށް ބޭނުންވާނެ އިތުރު ކަންތައްތައް ކުރުމަށްޓަކައި މިހާރުވަނީ އަޅުގަނޑުމެންނަށް އިންޑިއަން އެގްޒިމް ބޭންކުން އެލް.އޯ.ސީ، ލައިން އޮފް ކްރެޑިޓުން އެ ފައިސާ ހަމަޖެއްސުމަށްޓަކައި ޕްރޮޕޯސަލް ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، އެކަން ނިމި، އޭގެ މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ.


ހަމައެއާއެކު، ފުވައްމުލަކަށް ދިމާވެފައި ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި އެތަނުގެ 31 މަގެއް، ގާތްގަނޑަކަށް 16 ކިލޯ މީޓަރުގެ މަގު ހެދުމަށް ނިންމި، މިހާރު ވަނީ ސޮއިކުރެވިފައި. އެއީ، ގާތްގަނޑަކަށް 279 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅުގަނޑުމެން ހިންގާ ކަމެއް. އަދި ފުވައްމުލަކު ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށްޓަކައި މިހާރުވަނީ އިންޓަރނޭޝަނަލް ބިޑަކަށް ލެވިފައި. ދާދި އަވަހަށް އެ ބިޑް ނިމި، އޭގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ. އަދި ފުވައްމުލަކުގެ ކުނީގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން އެ މަސައްކަތް މިހާރު ޚާއްޞަ ސަމާލުކަމެއްދީގެން ކުރިއަށް އެބަ ގެންދޭ.


ތަޢުލީމީ ދާއިރާއިން އަޅުގަނޑުމެން މިހާރު ވަނީ ހެނދުނުގެ ނާސްތާ، 213 ސްކޫލެއްގައި ފަށްޓާފައި. އެކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައި އޭރު އޮތީ 150 މިލިއަން ރުފިޔާ. އެހެންނަމަވެސް، މިހާރު އެ ނާސްތާ ދިނުމަށް ގެނެވުނު ބަދަލުތަކާ އެކީގައި، 184 މިލިއަން ރުފިޔާ ބަޖެޓުން ޚަރަދުކުރަން އެކަމަށް އެބަޖެހޭ. އެކަން ކުރަންޖެހުނީ، ދަރިވަރުންނަށްދޭ ނާސްތާއަކީ ރަނގަޅު ފެންވަރުގެ ތަކެއްޗަށް ހެދުމަށްޓަކައި ގެނެވުނު ބަދަލާ ގުޅިގެން.


ސްކޫލްތަކުގެ ކިޔެވުން، އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި 35 ރަށެއްގައި 245 ކްލާސްރޫމް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދޭ. އަދި އެކި ސްކޫލްތަކުގައި 21 މަލްޓި-ޕަރޕަސް ހޯލް، މި އަހަރުގެ ތެރޭގައި ޤާއިމުކުރެވިގެންދާނެ، އެޅިގެންދާނެ. ދައުރުގެ ފަސް އަހަރު ނިމޭއިރު، ސަރުކާރުން އަޅުގަނޑުމެންވީ ވަޢުދާ އެއްގޮތަށް، ހުރިހާ ސްކޫލެއްގައިވެސް އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބަދަލުކުރެވިގެންދާނެ.


ދިވެހިރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަކީ، އަޅުގަނޑުމެންވީ ވަޢުދެއް. އެކަމަށް 4685 ކުދިން ކުރިމަތިލާފައި އެބައޮތް. އޭގެތެރެއިން ތިންހާސް ނުވަ ކުއްޖަކަށް ކިޔަވައިދިނުމުގެ މަސައްކަތް މިހާރު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސަމުން އެބަގެންދޭ. އަދި ދަރިވަރުންނަށް ބޭރުގައި ކިޔަވައިދިނުމަށް ދޭ ލޯނު މި އަހަރުގެ ތެރޭގައި، ޖަނަވަރީ މަހުގެ ތެރޭގައި، 313 ދަރިވަރުންނަށް އަޅުގަނޑުމެންނަށް ވަނީ ފޯރުކޮށްދެވިފައި. އޭގެއިތުރުން، މާރިޗު މަހުގައި އިތުރު 79 ދަރިވަރަކަށް އެ ލޯނު ވަނީ ދެވިފައި. އަދި އޭގެފަހުން ޖޫންމަހު ހުޅުވާލި ހުޅުވާލުމަށް 960 ކުއްޖެއްގެ އެޕްލިކޭޝަން އޮތީ ލިބިފައި. މިހާރު އެ ގެންދަނީ އެކަންތައްތައް ދިރާސާ ކުރަމުން. އިރާދަކުރެއްވިއްޔާ، އެކަންވެސް ދާދި އަވަހަށް ހާމަކުރެވިގެންދާނެ.


ލޯނު ދިނުމުގައި މިއަށްވުރެ ލުއި ގޮތްތަކެއް ހަދަންޖެހޭ ކަމަށް އަޅުގަނޑަށް އެބަ ގަބޫލުކުރެވޭ ދަރިވަރުންނަށް. އެހެންވީމާ، އެ ބަދަލުތައް ގެނައުމަށްޓަކައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާ އަޅުގަނޑުމެން މިދަނީ ވާހަކަ ދައްކައި، އެ ލުއި ގޮތްތައް ހޯދައިދިނުމަށް.


ތިޔަބޭފުޅުންނަށް ސުވާލުތަކަށް ހުޅުވައިލުމުގެ ކުރިން، އަޅުގަނޑު ދަންނަވާލާނަން.


ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި އިތުރު 1000 މީހުންގެ ކޯޓާ މިހާރުވަނީ ހަމަޖެހިފައި. އެނގިވަޑައިގަންނަވާނެ، މި އަހަރު ޙައްޖަށް ދިޔުމަށްޓަކައި ޖަމުޢިއްޔާ، ޖަމާޢަތްތައް ހޮވުނުއިރުގައި، ރައްޔިތުން ކަންބޮޑުވާ، އަދި އެ ފަރާތްތައް ކަންބޮޑުވާ ކަންތައްތަކެއް ކުރިމަތިވެގެންދިޔަ. އެހެންނަމަވެސް، އޭ.ސީ.ސީ. އިން މިއަދު ނެރުނު ބަޔާނުގައި އެވަނީ ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް، އޭގެތެރޭގައި ހިނގާފައި ނެތް ކަމަށް. އެހެންނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވެނީ، މިއަށްވުރެ ހާމަކޮށް، ދެ ފުށް ފެންނަ ގޮތަށް އެކަން ކުރަންޖެހޭކަމަށް. އަޅުގަނޑު މިހާރުވާނީ އިސްލާމިކް މިނިސްޓްރީ އަށް އެކަން އަންގައި، އެ ބަދަލުތައް ގެންނަން ދަންނަވާފައި.


މިއާއެކުގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ފުރްޞަތު ހުޅުވާލާނަން.


ވަރަށް ބޮޑަށް ޝުކުރިއްޔާ!


ނަޒާހަތު – ސަންގު ޓީ.ވީ:


އަޅުގަނޑުގެ ފުރަތަމަ ސުވާލު. މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، އެންމެ ބޮޑަށް މީޑިއާގައިވެސް ދެކެވޭ ވާހަކައަކީ، ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީގެ ވާހަކަ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ އިސްކޮށްހުރި ފަރާތަކަށްވާއިރުގައި، ރާއްޖެއާއި ލަންކާއާ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއްކަން ސާފުވާ މިންވަރަށް އެބަ އެނގިގެންދޭ. އެއީ ލަންކާއިން ބޭރުގެ ފަރާތަކަށް ލަންކާގެ ޚާއްޞަ ދުވަހެއް ފާހަގަކުރައްވައި، ފަހުގެ ތާރީޚެއްގައި އިންވައިޓް ކުރެވުނު ހަމައެކަނި ބޭފުޅަކީ ހަމަ މަނިކުފާނުކަން ފާހަގަކޮށްލަންޖެހޭ. ދެން ހަމަ އެއާއެކުގައި، ލުޠުފީގެ މައްސަލައަށް ބަލައިލާއިރުގައި، އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. އެއް ސުވާލެއްގެ ގޮތުގައި އަޅުގަނޑު ހަމަ ކޮށްލަން ބޭނުންވަނީ އިނގޭތޯ. ދެން އަޅުގަނޑަށް ފަހަރުގައި ފުރްޞަތު ނުލިބުންވެސް އެކަށީގެންވުމާ އެކުގައި. އެއީ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް، ފަހުންވެސް ލުޠުފީއާ ބައްދަލުވެފައިވޭތޯ؟ އެއީ އެއް ސުވާލު އިނގޭތޯ. ދެން މިހާރު ފުލުހުންގެ ފަރާތުން ހާމަކޮށްފައިވާ ތާރީޚު އެއީ 1 މޭ، ލުޠުފީ އެމްބަސީއަށް ހާޒިރުވި ކަމަށް ބުނާ ތާރީޚާއި، ރައީސް ނަޝީދު ހާމަކުރައްވާފައިވާ ތާރީޚާ ވަރަށް ތަފާތު ދެ ތާރީޚެއް.


އެހެންވީމާ، މަނިކުފާނަކީ ހަމަ ދައުލަތުގެ އެންމެ އިސް ފަރާތަށް ވުމާއެކު، އަޅުގަނޑުމެން ގަބޫލުކުރަނީ، މަނިކުފާނަށް ރަނގަޅު ތާރީޚު އެނގިވަޑައިގަންނަވާނެ ކަމަށް. ކޮބައިތޯ އެ ރަނގަޅު ތާރީޚަކީ؟


ދެން ދެވަނަ ސުވާލެއްގެ ގޮތުން، އަޅުގަނޑު އަހާލަން ބޭނުންވޭ. ރައްޔިތުންގެ މަޖިލީހުގައި މަނިކުފާނުގެ ހަމަ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެއް މަނިކުފާނަކީ. ސުޕްރީމް ކޯޓުގެ ނިންމުމެއް އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް، ޞައްޙަ ނޫން ނިންމުމެއް ކަމަށް ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށް މަނިކުފާނު ގަބޫލުކުރައްވަންތޯ؟ އެއީ އަޅުގަނޑުގެ ދެވަނަ ސުވާލު.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.


ސްރީލަންކާއާއި އަޅުގަނޑުމެންނާ ވަރަށް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމެއް އެބައޮތް. އެއް ފަރާތުން އަނެއް ފަރާތަށް، އެއް ޤައުމުން އަނެއް ޤައުމަށް ގިނަ ކަންތައްތަކުގައި، ވަރަށްގިނަ ކަންތައްތަކުގައި އެއްބާރުލުން ދެމުން އަންނަނީ. މިދިޔަ ތަނުގައިވެސް، މިއަދުވެސް އެކަން އޮތީ އެހެން.


ތިޔަ ކުރެއްވި ސުވާލުގައި، ފުރަތަމަ ސުވާލަކަށް، ލުޠުފީއާއި އަޅުގަނޑާ މީގެކުރިން އެއްވެސް އިރެއްގައި ބައްދަލުވެފައި އޮތްތޯ، ނޫނީވިއްޔާ ފަހުންވެސް، ވެރިކަމަށް އައިފަހުންވެސް ބައްދަލުވެފައި އޮތްތޯ. އެއްވެސްއިރެއްގައި އަޅުގަނޑަކާ ނެތް ލުޠުފީއާ ބައްދަލުކުރެވިފައެއް. ކުރިއަކުންވެސް އަދި ވެރިކަމަށް އައިފަހުންވެސް. އަޅުގަނޑު އަނެއްހެން ދަންނަވެސް ބޭފުޅެއް ނޫން އެއީކީ އިނގޭތޯ.


ދެވަނަ ކަމަކަށް، ލުޠުފީ އެމްބަސީއަށް ވަނީ ކޮންއިރަކުތޯ؟ ލުޠުފީ އެމްބަސީއަށް ވަންކަމަށް، އަޅުގަނޑަށް ހަމަ އެ ދުވަހުން އެދުވަހަށް ޚަބަރު ލިބުނު. އެއީ މޭ 1 ވަނަ ދުވަހު. އަޅުގަނޑުމެން އެހިސާބުން މަސައްކަތްކުރީ، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި، ފުލުހުންނާއި އެމް.އެން.ޑީ.އެފް.އާވެސް ވާހަކަ ދައްކައިގެން، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ލުޠުފީ ބަހައްޓަން. ދެވަނަފަހަރަށް އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ފިލުމުގެ ފުރްޞަތެއް ލުޠުފީއަށް ނުދިނުމަށް. އެގޮތުން، ފުލުހުންގެ ލަފައާއި މަޝްވަރާއާ އެކީގައި، އަޅުގަނޑުމެން ލުޠުފީ ބަލަހައްޓަމުން ގެންދިޔައީ. އަދި ލުޠުފީ އެމްބަސީއަށް ވަނުމާއެކީގައި، އެމްބެސެޑަރު ހަމަ އެ ދުވަހު ފޮރިން މިނިސްޓްރީއަށާއި، ސްރީލަންކާގެ އެޓަރނީ ޖެނެރަލަށް އެ މައްސަލަ ހުށަހެޅި. ގެނައުމުގެ މައްސަލަ ކުރިއަށް ގެންދަން.


އަޅުގަނޑުމެންނަށް އޭރު ސިލޯނު ސަރުކާރުން ދިން ޖަވާބަކީ، ތިޔަކަން ކުރިއަށް ގެންދާނަމޭ. ތިޔަ އަދި ދުވަސްކޮޅެއް ނަގާނެއޭ. އެނގިވަޑައިގަންނަވާނެނޫންހޭ، މިވަގުތު ސިލޯނުގެ ޙާލަތު. އެއީ ސިލޯނުގައި ބޮން ގޮވައިގެން، އޭގެ ކަންތައްގަނޑު ކުރިއަށްދިޔަ ދުވަސްވަރު. އަދި ހަމަ އެހެންވެފައި އޮއްވައި، އޭގެ ދެ ދުވަހެއް ފަހުން އެ ތަނުގެ ބަންޑާރަ ނައިބު ވަޒީފާއިން ވަކިކުރި. ލިޔެކިޔުންތައް ބަދަލުކުރުމުގައިވެސް އުނދަގޫތަކެއް، ފޮރިން މިނިސްޓްރީން ބަންޑާރަ ނައިބު އޮފީހަށް ފޮނުވަންވީ ލިޔުންތަކުގައިވެސް މައްސަލަތަކެއްޖެހި، އެތައް ކަމެއްދިޔަ. މިއަދާ ހިސާބަށްވެސް އަޅުގަނޑުމެން މިއައީ ލުޠުފީ މާލެ ގެނައުމަށް، ވީހާވެސް އަވަހަކަށް މާލެ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން. އެކަމަކު އަޅުގަނޑުމެން ނިންމީ، އެކަންވެސް ކުރަންވާނީ އޮންނަ އުޞޫލުގެ ތެރެއިންނޭ. ޤާނޫނީ އިމުގެ ތެރެއިންނޭ. މީގެކުރިން ދިވެއްސަކު، އެނގިވަޑައިގަންނަވާނެ، ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއް، އަޝްރަފް، ޝުމްބާ. ސިލޯނުގައި ހުއްޓައި، ސަރުކާރުން ވަނީ ޖަހައިގަނެގެން މިކޮޅަށް ގެނެސްފައި. އެކަމާ ގުޅިގެން ސިލޯނު ސަރުކާރުން، އެއީ ތިމަންނާމެންގެ ހުއްދަނެތި ކުރި ކަމެއް ކަމަށް އޮތީ ސަރުކާރަށް އަންގާފައި. އެހެންނަމަވެސް، އޭރުގެ ސަރުކާރުން ސިލޯނުގެ ކޮންމެވެސް ބަޔަކާ ގުޅިގެން އެކަން ހިންގާފައި އޮތީ.


އެހެންވީމާ، އަޅުގަނޑުމެން ނިންމީ، މިކަން ކުރާނީ ސިލޯނުގެ ސަރުކާރާއި އެތަނުގެ ޤާނޫނާ އެއްގޮތަށޭ. މިސާލަކަށް، އެ ހުއްދަނެތި، އަޅުގަނޑުމެން ލުޠުފީ ގޮވައިގެން ސިލޯނުގެ އެއަރޕޯޓަށް ދާތަނުން ލުޠުފީ ފުރަން ދެކޮޅު ހަދައިފީވިއްޔާ، އަޅުގަނޑުމެންނަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. އޭރަށް ވަގަށް އަޅުގަނޑުމެން ގެންނަން އުޅޭ މީހަކަށްވާނީ. މިނިވަންވެގެން ދާނީ.


އެހެންވީމާ، އެ ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައި ނޫނީވިއްޔާ ނުގެންނަންވެގެން އަޅުގަނޑުމެން ނިންމީ.


ހަމައެއާއެކީގައި، އަޅުގަނޑުމެން ކަށަވަރު ކުރިން، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ދެވަނަ ފުރްޞަތެއް ފިލަން ނުދީ ހިފެހެއްޓުމަށް. އެއީ އެކަން މިހާތަނަށް ގޮސްފައި އޮތްގޮތަކީ.


ދެން ރައްޔިތުންގެ މަޖިލީހުން، ސުޕްރީމް ކޯޓުގެ ނިންމުމެއް އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ނިންމިދާނެތޯ. ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތް، ރައްޔިތުންގެ މަޖިލީހަށް ނިންމޭނެ އަބަދުވެސް. އަދި ކުރީގައި އޮންނަގޮތުން، ރައްޔިތުންގެ މަޖިލީހުގައި ހުރޭ، ޤަރާރުތައް ފާސްކުރަން، މިވެނި ކަމެއް ކުރަން އަންގާ، ސަރުކާރުގެ މިވެނި ތަނަކަށް މިކަން ކުރަން އަންގާށޭ ކިޔާފައި ފާސްކުރާ ޤަރާރުތައްވެސް ހުރޭ. އަދި ފެންނަގޮތް ހާމަކުރަންޖެހޭ ޤަރާރުތައްވެސް ހުރޭ. މިހާރަކު އެއެއް ނެތް ޤާނޫނުއަސާސީއަކުން ރައްޔިތުންގެ މަޖިލީހަށް ދީފައި. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ފެންނަގޮތް ނިންމޭނެ، ރައްޔިތުންގެ މަޖިލީހަށް ޤަރާރުން.


އެހެންވީމާ، އެގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްވެސް، އެއީ ރައްޔިތުންގެ މަޖިލީހަށް ކަމުނުދާ ކަމެއް ކަމަށްވަންޏާ، ރައްޔިތުންގެ މަޖިލީހަށް އެކަން ނިންމޭނެ.


ފަޒީނާ އަޙްމަދު – މިހާރު ނޫސް:


ސުވާލު، ލުޠުފީއާ ގުޅޭގޮތުން ހަމަ. ރައީސް ދެން ތަފްޞީލުތަކެއް ތިޔަ ވިދާޅުވެދެއްވީ. އަޅުގަނޑު ހިތަށްއަރަނީ، އެންމެބޮޑު މައްސަލައަކަށް މި ދިމާވީ، އެމްބަސީއަށް ލުޠުފީ ވަން ހިސާބުން، ކީއްވެގެންތޯއޭ ސަރުކާރުން އެކަން ސިއްރުކޮށްގެން ތިބީ؟ ނުވަތަ އެކަން ފަޅާއެރުމާ ހަމަޔަށް ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުނުވެ ތިބި ސަބަބު އަޅުގަނޑު އަހާލަން ބޭނުންވޭ.


ދެން ދެވަނަ ކަމަކަށް، މިހާރު ލަފާކުރެއްވޭ ގޮތުން ލުޠުފީ މާލެ ގެނެވޭނީ، ކޮން ދުވަހަކުތޯ؟ ދެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ، ލަންކާގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލިޔެކިޔުމެއް ނުވަތަ ލިޔުމެއް ނުލިބިގެން މިހާ ދުވަހު މަޑުކުރުން އެއީ ހަމަ ސަބަބުތޯ؟


ދެން އެއާއެކު އަޅުގަނޑު އަހާލަން ބޭނުންވޭ. މި މައްސަލަ ރައީސްގެ ސަމާލުކަމަށް އައި ހިސާބުން ކީއްވެގެންތޯ ރައްޔިތުންނަށް އެއްވެސް ވާހަކައެއް ވިދާޅުނުވެ މިއަދާ ހަމަޔަށް ހުންނެވީ؟


ދެން ހަމަ މި ސުވާލާ ގުޅޭ ހަމަ އިތުރު ކަމެއް ފާހަގަކޮށްލާނަން.


ރައްޔިތުންގެ މަޖިލީހުގައި ލުޠުފީއާ ގުޅޭ ބަޙުޘެއްގައި އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ، ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީ. އަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން، ލުޠުފީއަށް މާފު ދިނުމުގެ ރޫޙެއްގައި ވާހަކަ ދެއްކެވި މަންޒަރު.


ނޮވެންބަރު ތިނެއްގެ ހާދިސާއަކީ ފަހުގެ ތާރީޚެއްގައި އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވި އެންމެބޮޑު ޙަމަލާ. އެހެންވީމާ، ރައީސްގެ ވިސްނުންފުޅަކީ ކޮބައިތޯ، ލުޠުފީއަށް މާފުދިނުމާ ގުޅޭގޮތުން. އެކަހަލަ ގޮތަކަށް ސަރުކާރުން ޢަމަލުކުރައްވަފާނަންތޯ؟


ދެވަނަ ސުވާލު މިއީ އެމް.އޭ.ސީ.އެލް.އާ ގުޅޭގޮތުން އިނގޭތޯ. މި ސަރުކާރުންވެސް ޚާއްޞަ އިސްކަމެއް ދެއްވާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރަން. އެކަމަކު ސަރުކާރަށް 8 މަސް ވެގެންދިޔައިރު، އަޅުގަނޑުމެންނަކަށް ނުފެނޭ، މި ކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރަކު ޢައްޔަނު ކުރައްވާފައި ހުރި ތަނެއް. ދެން ކޮންއިރަކުތޯ، އެމް.ޑީ.އަކު ޢައްޔަނު ކުރެވެނީ؟


އެއާއެކު، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުގައި، އެމް.އޭ.ސީ.އެލް. އިން މިހާރު ހިންގާ ސީ ޕްލޭން ޓަރމިނަލް ބަޔަކަށް ކުއްޔަށް ދޭން، ޓީ.އެމް.އޭ އަށް ކުއްޔަށްދޭން ބޯޑުން ނިންމާފައި އޮތް ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ. ރައީސަށް އެކަން އެނގިވަޑައިގެންފައި އެބައޮތްތޯ؟ އޮތްނަމަ، އެކަން ހިނގާނަމަ، ބިޑަކަށްނުލައި، އެގޮތަށް ދިނުން އެއީ ރައީސް ގަބޫލުކުރައްވާނެ ގޮތެއްތޯ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


ލުޠުފީގެ ސުވާލު އަނެއްކާވެސް ތިޔައައީ ދޮގެއްތޯ. ފުރަތަމަ ކަމަކަށް، އެއްކަމަކަށް، ގެނެވޭނެ ދުވަހެއް. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ގެނެވޭނެ.


އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑު ބޭނުމެއްނުވި، އެތަނުގައި އެ އޮންނަ ޕްރޮސެސް، ޑިއު ޕްރޮސެސް ފުރިހަމަނުކޮށް ގެންނާކަށެއް. އިއްޔެއާ ހިސާބަށް އަދި އޭގެކުރީ ދުވަހާ ހިސާބަށްވެސް ބަންޑާރަ ނައިބުގެ އޮފީހަކުންނެއް އެ ލިޔުމެއް ނުލިބޭ އިނގޭތޯ. އެންމެފަހުން އަޅުގަނޑުމެން ވާހަކަ ދެއްކިއިރު، މީގެ ދެ ދުވަސް ކުރިން. އިއްޔެ ވާހަކަ ދެއްކިއިރުގައިވެސް، ސީ.އައި.ޑީ އިން ވަކިގޮތެއް ނުނިންމަނީސް ތިމަންނާމެންނަށް ލިޔުމެއް ދެވޭކަށް ނެތް ވާހަކަ އިއްޔެ ބުނެފައި އޮތީ. އެންމެފަހުން އިއްޔެ ލުޠުފީ ސީ.އައި.ޑީ ޑިޕާޓްމަންޓަށް ޙާޒިރުކޮށް ބަޔާނެއް ލުޠުފީގެ އަތުން ނަގާފައި ވަނީ. އަދި އެއަށްފަހުގައި މިހާރު ސިލޯނުން އަނބުރާ ގެނައުމާ ދޭތެރޭގައި އެއްވެސް މައްސަލައެއް ސަރުކާރުގެ ނެތް ކަމަށް ސީ.އައި.ޑީ އިން ވަނީ ބުނެފައި. ޕޮލިހުގެ އެއްވެސް މައްސަލައެއް ނެތް. ދެން މިހާރު މަޑުކޮށްގެން މިތިބީ ބަންޑާރަ ނައިބުގެ ލިޔުމެއް، ހުއްދަ ލިބެންދެން. އެ ހަމަ ކޮންމެ ގަޑިއެއްގައިވެސް އެކަން ހިނގާފާނެ. އެއާއެކީގައި ލުޠުފީ މިކޮޅަށް ގެނެވޭނެ.


މިހާތަނަށް އަޅުގަނޑަށް އެނގިފައި އޮތްގޮތުން، އެކަން ލަސްވެގެންދިޔަ އެއްވެސް ސަބަބަކީ، ލުޠުފީއަކީ ފިލައިގެން އުޅޭ މީހެއް. އެނގިވަޑައިގަންނަވާނެ، އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައި އޮތީ. އަދި ސިލޯނުގައި އެ ހިނގައިދިޔަ ކަންތައްތަކާ އެއްވެސް ކަހަލަ ގުޅުމެއް ލުޠުފީގެ އޮތްތޯ ބަލަން އެމީހުން ބޭނުންވި. އެ ހުރިހާ ކަމެއް ބަލައި ނިމުމަށްފަހުގައި، އަޅުގަނޑު ހިތުން މިއަދު އެކަމެއް އެ ނިމިގެން އެ ދިޔައީ. ހުއްދަ އެ ލިބުނީ. ދެން އެޓަރނީ ޖެނެރަލްގެ އެޕްރޫވަލްއާ އެކީގައި ހަމަ ކޮންމެ ގަޑިއެއްގައިވެސް، ކޮންމެ ދުވަހަކުވެސް އާދެވިދާނެ.


ލުޠުފީ އެހުރީ އެމްބަސީއަކު ނޫން. ލުޠުފީ އެހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި.


ދެން ލުޠުފީ އެމްބަސީއަށް ވަނީމާ، އެކަން ހާމަނުކުރީ ކީއްވެގެންތޯ. އަޅުގަނޑު ހިތަށްއެރީ ކޮންމެހެން ހާމަކުރާކަށް ނުޖެހެޔޭ އެ ގަޑީގައި. އެއަށްވުރެ ބޮޑަށް، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން، އޭނާ ގެނެސް ޖަލަށްލުމޭ އަޅުގަނޑުމެންގެ މުހިއްމު ކަމަކަށްވާނީ. އެނގިވަޑައިގަންނަވާނެ، ޑޮކްޓަރ ވަޙީދުގެ ވެރިކަމުގައިވެސް، ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އެތައް އިޢުލާނެއްކޮށް، ނުހޯދި، އަތުލައިނުގަނެވިފައިވާ މީހެއް.


އެހެންވީމާ، އަޅުގަނޑުގެ މަޤްޞަދަކަށްވީ އެ ފުރްޞަތު ލިބުނީމާ، ބަލަހައްޓައިގެން، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ގެނެސް ޖަލަށްލުން. ލުޠުފީއަކީ އަދިވެސް މި ދައުލަތުގެ،
މި ޤައުމުގެ އެންމެބޮޑު ކުށްވެރިޔާ. އެއަކަށް ނާދޭ ބަދަލެއް އިނގޭތޯ.


އެހެންވީމާ، ލުޠުފީއަށް މާފު ދިނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއްނޫން. ލުޠުފީއަށް ކޮށްފައި އޮތް ޙުކުމް ތަންފީޒު ކުރަން ލުޠުފީ ޖެހޭނެ. އެހެންވީމާ، އެއީ އަޅުގަނޑަށް ހަމައެކަނި، މި ވެރިކަމުގައި މިވަގުތު ހުރީމާ، އަޅުގަނޑަށް އެ ބާރު އޮތްނަމަވެސް، އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެއަށްވުރެ ބޮޑު ޚާއިނެއް، މި ޤައުމު ދުށް އެންމެބޮޑު ޚާއިނު އެއީ. މި ޒަމާނުގައި އެންމެބޮޑު ކުށްވެރިޔާ އެއީ. އެހެންވީމާ، އެކަން އޮންނާނީ އެހެން.


ދެވަނަ ކަމަކަށް އެމް.އޭ.ސީ.އެލް. އެމް.އޭ.ސީ.އެލް. އަށް އެމް.ޑީ.އެއް ނުލެވި އަޅުގަނޑުމެން މި މަޑުކުރީ، އަޅުގަނޑުމެން ބޭނުންވޭ އެތަން ރީ-ސްޓްރަކްޗަރ ކުރަން. އެމް.އޭ.ސީ.އެލް.އަކީ މިހާރު ވަރަށްބޮޑު ތަނެއް. އެއަރޕޯޓް، ޓެކްނިކަލް އެތައް މަސައްކަތްތަކެއް ކުރޭ. ވިޔަފާރިކުރާ ބައެއް. އެހެންވީމާ، އެއަށް ބަދަލުތަކެއް ގެނެސް އެތަނަށް ސީ.އޯ.އެއް ލާފައި، ސީ.އީ.އޯ.އަކާއި، ސީ.އޯ.އަކާ، މިހެން ކިޔާ މަޤާމުތަކެއް ހުރޭ. އެމް.ޑީ. އިންނާއި، މިހެން ގޮސް އެތައް އެތައް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ.


އެހެންވީމާ، އެ ދިރާސާ ކުރުމަށްފަހުގައި، އެމް.އޭ.ސީ.އެލް.އަށް ގެންނަންޖެހޭ ބަދަލު އަޅުގަނޑުމެން ގެންނާނީ. އެތަނަކީ އެކެއްގެ ދަށުގައި އޮވެ ހިންގާވަރަށްވުރެ ބޮޑު ތަނެއްކަން، އަޅުގަނޑަށް ގަބޫލުކުރެވޭ.


ސީ ޕްލޭން. މިހާރު ހިންގާ ސީ ޕްލޭންތޯ؟ ސީ ޕްލޭން ޓަރމިނަލްތޯ؟ އަޅުގަނޑަށް އެނގިފައެއް ނެތް ކުއްޔަށްދޭ ވާހަކައެއް.


ޢަބްދުﷲ މުޢާޒް - ޕީ.އެސް.އެމް:


އަޅުގަނޑު ފުރަތަމަ، މި ޕްރެސް ކޮންފަރެންސް ފެށިއިރު ފާހަގަކުރެއްވި، ފްލެޓްތަކުގެ ވާހަކަ. ދެން އަޅުގަނޑު ހިތުން ލުޠުފީގެ ކަންކަން، ވަރަށް ބޮޑަށް ތަފްޞީލަށް ވަޑައިގެންފިކަންނޭނގެ. ދެން އަޅުގަނޑު ލުޠުފީގެ ވާހަކައަކަށް ޖެހިލަން ބޭނުމެއްނުވޭ. ވަޢުދުފުޅެއް، ކުޑަ އަގެއްގައި ފްލެޓްތައް ދޫކުރުން. މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރުވެސް މަނިކުފާނު ވިދާޅުވި. ކުޑަ އުޖޫރައެއް ލިބޭ ފަރާތްތަކަށް ސަރުކާރުން ޚާއްޞަ ގޮތްތަކެއް ކަނޑައަޅުއްވާނެ ކަމަށް. އެ ފަރާތްތަކަށް ފްލެޓަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް. އެފަދަ ލުއިފަސޭހަ ގޮތްތަކެއް ވިދާޅުވަމުން ގެންދެވި. ޚާއްޞަ ގޮތެއްގައި، ހުޅުމާލޭގައި މިހާރު އެ ޢިމާރާތް ކުރަމުންދާ ހިޔާ މަޝްރޫޢުތަކާ ގުޅިގެންވެސް ރައީސް ވިދާޅުވެފައިވަނީ، އެތަން މިހާރު ހުރިގޮތުން ބަދަލުތަކެއް އާ ބަދަލުތަކެއް ގެންނަ ވާހަކަ. މިއަދުގެ ޕްރެސް ކޮންފަރެންސްގައިވެސް ވިދާޅުވެއްޖެ. ވަރަށްކުޑަ، ކުދިކުދި ގޮޅިތަކެއްގެ ވާހަކަ. އެހެންނަމަވެސް، އަނެއްކާވެސް އެޗް.ޑީ.ސީ. އިން ޕްރެސްގައި ވިދާޅުވެފައި ވަނީ އެތަނަށް މުޅިންވެސް ހުންނާނީ ދެ ރޫމްގެ އެޕާޓްމަންޓޭ. އެކަމަކު ރައީސް ވިދާޅުވަމުން ގެންދަވަނީ ތިން ރޫމް، ނުވަތަ ހަތަރު ރޫމްގެ އެޕާޓްމަންޓްތަކެއް ކަމަށް. އެހެންވީމާ، ދިމާނުވާކަހަލަ، ސަރުކާރުން ވިދާޅުވާ އެއްޗަކާއި އެޗް.ޑީ.ސީ. އިން ވިދާޅުވާ އެއްޗަކާ ފުށުއެރުންތަކެއް އެބަހުރިކަންނޭނގެ. ކޮބައިތޯއޭ މިކަމުގައި ރައީސް ވިދާޅުވާނެ ވާހަކަފުޅަކީ. މި ދެންނެވީ ކުޑަ އުޖޫރަ ލިބޭ ފަރާތްތަކަށް އެ ފުރްޞަތު ކިހިނެއްތޯއޭ. މި ދެންނެވީ އެޗް.ޑީ.ސީ. އިން ވިދާޅުވެއްޖެ، 11000 އަށް ފްލެޓެއްގެ އަގުއަރާނެ ކަމަށް. ފައިސާ ނުދެއްކޭ ފަރާތްތަކަށް، މިކަމުގައި ދެން މަނިކުފާނު ގެންގުޅުއްވާނެ ވިސްނުންފުޅަކީ ކޮބައިތޯއޭ؟


އަޅުގަނޑުގެ ދެވަނަ ސުވާލަކީވެސް ހަމަ ސަރުކާރުގެ ވަޢުދާ ގުޅޭ ސުވާލެއް. އެއީ ކަރަންޓްގެ އަގުހެޔޮކުރުމާ ގުޅޭގޮތުން. މަނިކުފާނު ވަނީ ކަރަންޓްގެ އަގުހެޔޮކުރައްވާފައިވާ ކަމަށް، މަޖިލީހުގެ އިންތިޚާބުގެ ތަންކޮޅެއް ކުރިން އިޢުލާނު ކުރައްވާފައި. ދެން ރައްޔިތުން އިންތިޒާރު ކުރަމުން އައީ، އަގުހެޔޮ ކަރަންޓް ބިލެއް ލިބޭނެކަމުގެ އިންތިޒާރުގައި. ވަރަށް ބޮޑު ޝަކުވާތަކެއް މިއަދާ ހަމަޔަށްވެސް، މީޑިއާއިންވެސް، މަނިކުފާނަށްވެސް ހަމަ ވަގުތުން ފެނިވަޑައިގަންނަވާނެކަންނޭނގެ. އަގުހެޔޮ ބިލެއް ނާންނަކަމުގެ ޝަކުވާ މިހާތަނަށް އައިއިރުގައިވެސް. އެހެންނަމަވެސް، ސްޓެލްކޯއިން ދާދިފަހުން ވަނީ މާލެއިން އަގުހެޔޮނުކުރާ ކަމާއި، ހުރިހާ އަތޮޅުތަކާ އެއްކޮށް އެއް އަގެއްގައި ގެނެވުނީ ކަމަށް ވިދާޅުވެފައި. ކޮންއިރަކުންތޯ، އެ ވިދާޅުވާ އަގުހެޔޮ ބިލެއް ނުވަތަ ކަރަންޓްގެ އަގުހެޔޮކޮށް ރައްޔިތުންނަށް ލިބިގެންދާނީ؟ އެއީ އަޅުގަނޑުގެ ސުވާލަކީ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:


ހިޔާ މަޝްރޫޢު، ކުރީ ސަރުކާރުން އަޅަން ފެށްޓި. އެ ތަނުގައި އެ އަޅާ 7000 ފްލެޓް. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މިހާރު 6820. ތިރިއަށް ގެންނަ، އެޗް.ޑީ.ސީ. އިން ގެނައި ކޮންމެވެސް ބަދަލުތަކަކާހެދި ފްލެޓްތައް ތަންކޮޅެއް މަދުވެގެން އެ ދިޔައީ އިނގޭތޯ. އެއީކީ އަޅުގަނޑުމެން ގެނައި ބަދަލެއްނޫން އަދި އިނގޭތޯ. އެތަނުގައި އެބަހުރި، ދެ ރޫމާއި، ތިން ރޫމްގެ ފްލެޓް އިނގޭތޯ. އަޅުގަނޑުމެން އޭރުވެސް ބުނަމުން މި ގެންދިޔައީ، 520 އަކަފޫޓުގެ ތެރޭގައި، ސިޓިންގރޫމަކާއި، ދެ ފާޚާނާއާއި، ދެ ކޮޓަރިލީމާ، އެތަން ކުޑައޭ. ދެން އަޅުގަނޑު ހިތުން، މީގެތެރޭގައި ތިއްބަވާނެކަންނޭނގެ، އެތަނަށް ވަޑައިގެންނެވި ނޫސްވެރިން. އެތަން ހުރިގޮތް ފެނިވަޑައިގަންނަވާނެ. އެ ސަބަބަށްޓަކައި އަޅުގަނޑުމެން ބޭނުންވީ، އެތަނަށް ބަދަލުގެންނަން އިނގޭތޯ. ބަދަލު ގެނެސްފީވިއްޔާ، މި ދެންނެވިހެން ދެ ރޫމް ތަނެއް 700 އަކަފޫޓަށް ބަދަލުކުރީމާ، އެތަނުގެ އަގުޖެހޭ -/13000 ރުފިޔާއަށް. ބަދަލުނުގެންނައިރުގައި، މިހާރު ހުރިގޮތަށް ގޮސް ނިންމައިފީވިއްޔާ -/11000 ރުފިޔާއަށް މި ޖެހެނީ އިނގޭތޯ. އެހެންވީމާ، ނިންމަންވީ އަޅުގަނޑުމެން އެ ބަދަލު ގެންނާނީތޯ، ނޫނީވިއްޔާ މިހާރު ހުރިގޮތަށް ދޭނީތޯ؟


ސަރުކާރުގެ ޒިންމާއެއް އޮތްކަމަށް އަޅުގަނޑު ގަބޫލުކުރަން އިނގޭތޯ. އެތަނަށް ސަރުކާރުގެ ގެރެންޓީގައި، 700 އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އެ އަޅަނީ. އަނެއްކާ ރައްޔިތުންނަށް އެ ފޯރުކޮށްދޭއިރުގައި، ރަނގަޅު ފެންވަރެއްގެ ތަނެއް، އުޅެވޭވަރުގެ ތަނެއް އެބަ ދޭންޖެހޭ ކަމަށް އަޅުގަނޑަށް އޭރު ގަބޫލުކުރެވުނީ. ކަމެއް ކޮށްދެންޏާ، ރަނގަޅަށް ކޮށްދޭންޖެހޭނެ ކަމަށް. އެހެންވެގެން އަޅުގަނޑު އޭރު ބަދަލުކުރަން ނިންމީ. އެހެންނަމަވެސް، ބަދަލުކުރީމާ އަގަށް މި އަންނަ ބަދަލު އަޅުގަނޑު ބޭނުންވީ ރައްޔިތުންނާ ޙިއްޞާކުރަން. އަގަށް، -/13000 ރުފިޔާއަށް އެބަ ބޮޑުވޭ. އެހެންވީމާ، ކިހިނެއްތޯއޭ މީގައި ހަދާނީ؟ -/23000 ރުފިޔާ އަށް އެއީ ތިން ބެޑްރޫމް. ދެ ބެޑްރޫމްގެ ތަނެއް -/13000 ރުފިޔާއަށް. އެހެންވީމާ، ކިހިނެއްތޯއޭ ހަދާނީ؟ އެއަށް ބަދަލުގެނައުމުގެ ކުރިން އަޅުގަނޑު ބޭނުންވީ ރައްޔިތުން އޭގައި ދެކޭގޮތް ބަލަން. ވަރަށް ސާފުކޮށް، އެ ޕްރެސް ކޮންފަރެންސަށްފަހު، އަޅުގަނޑަށް ހާމަވެގެން ހިނގައްޖެ، ރައްޔިތުންގެ ވިސްނުން އޭގައި ހުރިގޮތް. ވަރަށް ބޮޑަށް ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެތައް ބަޔަކު އެބަތިބި. މިހާރު އެހުރި ހާލުގައިވެސް ވަންނަން ބޭނުންވާ ބަޔަކު އެބަތިބިކަން. އެހެންވެއްޖިއްޔާ އެހުރިގޮތަށް އަޅުގަނޑުމެން ދޭންޖެހޭނީ. ދިނީމާ، އެކަމަކު އެތަނަށް ވަނީމާ ނުކުންނާނެ ދައްޗާއި އުނދަގުލުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.


ދެން -/11000 ރުފިޔާ، ކޮންމެ ކޮންމެ މީހަކަށް ދެއްކޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އާދެ، ސޯޝަލް ހައުސިންގއަކަށް އިނގޭތޯ.


އެހެންވީމާ، މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ސަރުކާރުން އެ ސަބްސިޑައިޒްކޮށްގެން، އެއަށް ބައެއްލައި، އެ އަގު -/6000 ރުފިޔާއަށް ކުޑަކުރެވޭނެގޮތެއް އޮތްތޯ. އިރާދަކުރެއްވިއްޔާ، އެގޮތް ފެންނާނެ. އޭގެ އެއްގޮތަކީ ލޯނު ދައްކަންވާ އަދަދު، ރައްޔިތުން ދައްކަންވާ އަދަދު، 15 އަހަރުން 20 އަހަރަށް، ނޫނީވިއްޔާ 22 އަހަރަށް ބަހައިލުން. ބަހައިލީމާ މަހަކު ދައްކަންޖެހޭ އަދަދު ކުޑަވެގެންދާނެ. އެހެންވިޔަސް އެހެން ހަދާފައި، ސަރުކާރުން އެ 15 އަހަރު ދުވަހުގެ ތެރޭގައި ލޯނު ދައްކައި ނިންމާނީ. އެހެން ހެދީމާ ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާވަރު ސަރުކާރުން އެއަށްލާންޖެހޭ އެބަ، 15 އަހަރު ދުވަހުގެ ތެރޭގައި.


އެހެންވީމާ، އެއަށް ވިސްނާފައި، ދެން ބަޖެޓުން އެ ޖާގަ ހޯދައިގެން އަޅުގަނޑުމެން ޖެހޭނީ، އަޅުގަނޑު ހިތުން އެކަން ރައްޔިތުންނަށް ކޮށްދޭން. އަޅުގަނޑު ދެކޭގޮތުގައި، ރައްޔިތުންނަށް އުފުލޭވަރުގެ ބުރައެއް، ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވަންޖެހޭނީ.


އަޅުގަނޑުމެން ވީ ވަޢުދެއް އެއީ. އެބަތިއްބޭ ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ދޭންޖެހޭ ބައެއް. އެ ދިރާސާކުރަމުން އެ ދަނީ. ކޮށްފައި، އަޅުގަނޑުމެންގެ ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ދޭންޖެހޭ ފަރާތްތަކަށް އެކަން އަޅުގަނޑުމެން ކޮށްދޭނަން. އެއްވެސް އުޖޫރައެއް، އެއްވެސް އެއްޗެއްނެތި.


އަދި އޭގެއިތުރުން، ސަރުކާރުން އެއަށް އެއްޗެއް ލައިގެން، އަގު ހެދުމަށްފަހުގައި، ފަހުން އެ ބަދަލުކުރެވޭގޮތަށް. ތިން ވައްތަރަކަށް އަޅުގަނޑުމެން އޮންނާނެ، އޭރުވެސް ކެމްޕެއިންގެ ތެރޭގައި ބުނެފައި. އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދާނީ. އެއަކަށް ބަދަލެއް ނުގެންނާނަން. ހިލޭ ދޭނަން. ލުއިގޮތުގައި ފްލެޓް ލިބޭގޮތް ހަދައިދޭނަން. އަދި އެއްފަހަރާ ދައްކައިގެން، ފްލެޓް ގަންނަން ލިބޭ ފަރާތްތަކަށް، އެކަންވެސް އަޅުގަނޑުމެން ކޮށްދޭނަން.


ކަރަންޓް ދޮގެއްތޯ. ކަރަންޓް އަޅުގަނޑުމެން އަގުހެޔޮކުރީ، ރަށްރަށުގައި ބޮޑަށް އިނގޭތޯ. މާލެއިން އަގުހެޔޮކުރީ ހަމައެކަނި ޑީސަލުން މިއައި ޑިއުޓީން ކަނޑާލި އެތިކޮޅު އެކަނި. އެހެންވީމާ، މާބޮޑު ބަދަލެއް ނާންނާނެ އިނގޭތޯ.


ދެން މިދިޔަ ދެ މަހުގެ ތެރޭގައި، ކަރަންޓް ބިލް ވަރަށްބޮޑުތަން ބޮޑުވިކަމުގެ ޝަކުވާ އަޅުގަނޑުމެންނާ ހިސާބަށް އައި. އަޅުގަނޑުވެސް ބެލިން، ބިލްތައް ކޮންމެވެސްވަރަކަށް. އަޅުގަނޑަށްވެސް ބައެއް މީހުންގެ ޝަކުވާ އައީމާ، ބިލް ފޮނުވާށޭ ބުނިން. ކުރީ މަހާއި ފަހުގެ މަހާ. ގިނަ ބިލްތަކުން އަޅުގަނޑަށް ފެނުނީ، ޔޫސޭޖް މަތިވެފައި ހުރިތަން. އިތުރަށް ކަރަންޓް ބޭނުންކޮށްފައި ހުރިތަން. އަޅުގަނޑުމެން ބަލަންވީ އެއީ ރަނގަޅަށް ވެފައި އޮތް ކަމެއްތޯ. ހަމަ ޙަޤީޤަތުގައިވެސް އިތުރަށް ކަރަންޓް ބޭނުންކޮށްފައިތޯ މިހުރީ، ނޫނީވިއްޔާ ކޮންމެވެސް އެހެން ގޮތަކުން އެ މީޓަރު އެނބުރެނީތޯ އިތުރަށް. އެއީ ޓެކްނިކަލް ކަމެއް. ސްޓެލްކޯ އިން އެއަށް ކޮންމެވެސްވަރެއްގެ ޖަވާބެއް ޕްރެސް ކޮންފަރެންސްގައި ދެއްވިކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، ރައްޔިތުންނަށް އެކަން ގަބޫލުކުރެވޭވަރަކަށް އަދިއެއް ސްޓެލްކޯއަކަށް އެކަން ކިޔައިދެވުނު ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ.


އެހެންވީމާ، އަދިވެސް ސްޓެލްކޯއާ އެކީގައި އިށީނދެ، އެ ވެގެންއުޅޭ އެއްޗެއް އަޅުގަނޑުމެން ސާފުކުރާނަން. ސާފުކޮށްފައި އެ ހާމަކޮށްދޭނަން. އަޅުގަނޑު ހިތުން ރަށްރަށަކުންނެއް ކަރަންޓް ބިލް ބޮޑުވެގެންނެއް ޝަކުވާއެއް އައި އަޑެއް އަޅުގަނޑު ނާހަން. އަގުހެޔޮވި ވާހަކަ ދައްކަނީ. އެ އަޅުގަނޑުމެންގެ ބޮޑު އަމާޒަކަށްވީ ރަށްރަށުގައި އަދި ފިހާރަތަކުގައި، ކަންމަތީ ފިހާރަތަކުގެ ބިލު ބޮޑުވާތީ، އެއަށް ލުއިގޮތެއް ހަދައިދޭން. އަޅުގަނޑު ހިތުން އެއަށް ބަދަލުއައީ. މާލޭގެ ކަރަންޓް ބިލަށް މިއުޅެނީ، އައިސްގެން މި އުޅޭ ބަދަލެއް.


ޒަހީން ޢަބްދުﷲ - ވަގުތު ނޫސް:


ވަރަށް ބޮޑަށް ޝުކުރިއްޔާ، ދެއްވި ފުރްޞަތަށް. އަޅުގަނޑުވެސް ހަމަ ފުރަތަމަ ސުވާލު މިއަދު ލުޠުފީއާ ގުޅޭގޮތުން އޮތީ އިނގޭތޯ. ލުޠުފީ ރާއްޖެ ގެނައުމަށްޓަކައި ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާ އެބަ ޚަރަދުވެޔޭ. އަދި އެ ފައިސާ ދައުލަތުން ޚަރަދު ކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށް، އެކަމުގެ މަޢުލޫމާތު ލިބިފައި އޮތް ކަމަށް އެބަ ވިދާޅުވޭ. ދެން އެއްވެސްވަރަކަށް އެބައޮތްތޯ، ލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އަންގާފައި، ލުޠުފީ ރާއްޖެ ގެންނަން ބޭނުންވާ ކަމަށްވަންޏާ، މި ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް. އެފަދަ ޙާލަތެއްގައި ކޮބައިތޯ ދައުލަތުގެ ނުވަތަ ސަރުކާރުގެ ވިސްނުން ގެންގުޅުއްވާނެ ގޮތަކީ. އަދި އެ ފައިސާ ދައްކަން ޖެހިއްޖެ ޙާލަތެއްގައި، ކޮބައިތޯ ޢަމަލުކުރައްވާނެ ގޮތަކީ؟ އެއީ އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ.


ދެވަނަ ސުވާލަކީ، މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެންނަށް އަޑުއިވުނު، މަޢުލޫމާތު ލިބުނު، ދިވެހިރާއްޖެއަށް ނިސްބަތްވާ ފަންސާހަކަށް ދިވެހި ރައްޔިތުން، ސީރިއާގެ އަލްހޯލް ކޭމްޕްގައި ރާއްޖެ ނާދެވިފައި، ތާށިވެފައި ތިބި ޚަބަރު އިނގޭތޯ. އޭގެތެރެއިން ގާތްގަނޑަކަށް ސަތާރަވަރަކަށް މި ހިމެނޭ ޢަދަދަކީ ކުޑަކުދިން ކަމަށް. އަންހެނުންނާއި ކުޑަކުދިން ކަމަށް. ދެން އެކުދިންނަށް ހަމަ ވަރަށް އަސާސީ ޚިދުމަތްތައްވެސް ނުލިބޭކަމަށް. ކެވޭނެގޮތެއް ނުވަތަ ބޭސްފަރުވާ ކުރެވޭނެ އެއްވެސް އިންތިޒާމެއް ނެތްކަމަށް.


ދެން މި ހަތަރުމަސް ދުވަހުގެ ތެރޭގައި، ސަރުކާރުގެ ކަމާގުޅޭ ހަމަ ހުރިހާ ވުޒާރާތަކާ އެ ޢާއިލާތަކުން ބައްދަލުކޮށްފައިވާ ކަމަށް. އަދި ރައީސް އޮފީހަށްވެސް މިކަމާ ގުޅޭގޮތުން ސިޓީތައް ހަމަ ފޮނުވާފައި ކަމަށް. ދެން އަޅުގަނޑުމެންނަށް ބައެއް ސިޓީތަކުގެ ޖަވާބުވެސް އެބަހުރި ލިބިފައި. ރައީސް އޮފީހުން ދެއްވާފައި ހުރި ޖަވާބުތައް.


އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، މި ކުދިން ރާއްޖެ ގެނައުމަށްޓަކައި ކޮބައިތޯ ސަރުކާރުގެ މައިގަނޑު ވިސްނުންފުޅަކީ؟ އަދި މިހާ ދުވަސް މިވީ ކީއްވެގެންތޯއޭ، މި ކުދިން ރާއްޖެ ނުގެނެވި. ނުވަތަ މި ކުދިން ރާއްޖެ ގެނައުމަށް ކުރެވިފައި ހުރި މަސައްކަތުގެ ތެރޭގައި، އެއްވެސް ކުރިއެރުމެއް ލިބިފައިވޭތޯ، ނުވަތަ މި ކުދިން ރާއްޖެ ގެނެވޭނެ ވަކި ތާރީޚެއް އެބައޮތްތޯ؟ އެއީ މިހެން މި ދެންނެވީ ކަމާގުޅޭ މުއައްސަސާތަކުން އެބަ ވިދާޅުވޭ، ޢާއިލާތަކާ ބައްދަލުކޮށްފައި، ވަރަށް އަވަހަށް އެކުދިން ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވާތީ، މި ސުވާލު އަޅުގަނޑު އަމާޒުކޮށްލީ. ވަރަށް ބޮޑަށް ޝުކުރިއްޔާ، ދެއްވި ފުރްޞަތަށް.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދެ ސުވާލެއް ދޮގެއްތޯ. ލުޠުފީއާ ބެހޭ ސުވާލަކާއި، ސީރިއާގައި ތިބި ދިވެހި ބަޔަކު ނުގެނެވިގެން އުޅޭ މައްސަލަ ދޮގެއްތޯ.


އާދެ، ލުޠުފީ ގެނައުމަށްޓަކައި 2.7 މިލިއަން ރުފިޔާ ޚަރަދުކުރާކަށް ނުޖެހޭ ފުރަތަމަ. އެހެންނަމަވެސް، ލުޠުފީ ސިލޯނުގައި އެހުރީ ވިސާއެއްނެތި އޯވަރސްޓޭގައި. އެހެންވީމާ، ވިސާއަށް ދައްކަންޖެހޭ 3000 ކޮންމެވެސް ޑޮލަރެއް އެބައުޅޭ. އެ ދައްކަން އެބަޖެހޭ. އަނެއްކާ ލުޠުފީ މާލެ ގެންނަން ޓިކެޓްވެސް ގަންނަންޖެހޭ އެބަ. އެ ޚަރަދުވެސް ހަމަ ސަރުކާރުން ކުރަންޖެހޭނީ އިނގޭތޯ. އެހެންވީމާ، ލުޠުފީ ގެނައުމަށްޓަކައި ވިސާއަށް އެ ދައްކަންޖެހޭ 3000 ޑޮލަރާއި، ޓިކެޓް ގަންނަންޖެހޭ ލާރި ދައްކާނީ ސަރުކާރުން. އެހެންނަމަވެސް، އޯވަރސްޓޭވެގެން އެ ދައްކަންޖެހޭ ފައިސާ އެއީ ލުޠުފީ ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި އޮންނާނީ. މި ވަގުތަކު ލުޠުފީ އަތުގައި އެއްވެސް ފައިސާއެއް ހުރިކަމަކަށް ލުޠުފީ ނުބުނޭ.


އެހެންވީމާ، އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަ ހުރިހާ ބޭފުޅުންވެސް ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، އެ ފައިސާވެސް ދައްކާފައި، ސަރުކާރުގެ ޚަރަދުގައި ޓިކެޓް ނަގައިގެން ލުޠުފީ ގެނެސް ޖަލަށްލުން.


ސީރިއާގައި އެއީ ޓެރަރިސްޓް ހަނގުރާމައެއް އެ ހިނގަނީ. ދުނިޔޭގެ އެއްވެސް ޤައުމަކުން ބަލައެއްނުގަނޭ، އެއީ ދާޚިލީ ހަނގުރާމައެއް ކަމަކަށް. އެ ހަނގުރާމައިގައި އައިސިސް ބަލިވެ، އެތާ ތިބި ހަނގުރާމަވެރިން ތިބީ މިހާރު އެކިއެކި ކޭމްޕްތަކުގައި. އެއީކީއެއް އެއްވެސް ޤައުމެއްގެ ސަރުކާރަކުން ބާރު ހިނގާ ތަންތަނެއް ނޫން. މި އޮއް ހުރިހާ ދުވަހަކު އެމީހުންނާ ކޮމިއުނިކޭޓް ކުރަމުން މިގެންދިޔައީ، ރާއްޖޭގައިވެސް އެ ޢާއިލާތަކާއި އެމީހުންނާ ފޯނުގެ ޒަރީޢާއިން. ސަރުކާރަކާ ނުގުޅޭ. ވަރަށްފަހުން ޢާއިލާތަކާ ތިޔަގޮތަށް ބައްދަލުވެގެން އަޅުގަނޑުމެން މަޢުލޫމާތު ހޯދުމުން، އެ ޢާއިލާތަކުން މަޢުލޫމާތު ދީފައި އެބަހުރި. އަދި އޭގެއިތުރުން، މިހާރު ދުނިޔޭގެ އެކިއެކި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ގުޅިގެން އަޅުގަނޑުމެންނަށް އެތާތިބި މީހުންގެ މަޢުލޫމާތު ކޮންމެވެސްވަރަކަށް އެބަހުރި ލިބިފައި. އަޞްލު ޢަދަދު ބުނެދޭކަށް އަޅުގަނޑަކަށް ނޭނގެ އަދިވެސް. ސަރުކާރަކަށްވެސް ނޭނގެ. އަދި އަޅުގަނޑު ހިތުން އެއްވެސް ޤައުމަކަށް ނޭނގެ އެކަމެއް. ބައެއް ޤައުމުތަކުން އެތާތިބި މީހުން ކޮންމެވެސް ގޮތަކުން އެބަ ގެންދޭ. އޭގެތެރޭގައި، ސްމަގްލް ކޮށްގެން ގެންދާ ޤައުމުތައްވެސް އެބަހުރި. ސީރިއާގައި އެބަތިބި އަންހެން ވެރިންނާއި ކުޑަކުދިން. އެބަތިބި މަޖުބޫރު ޙާލަތުގައި އެތަނަށް ގޮސްފައި ތިބި މީހުންވެސް. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭކަންނޭނގެ.


އެހެންވީމާ، އެމީހުން ގެނެވޭނެ ގޮތެއް ބަލައި، ގެނެވެން އޮތް އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން. އަދި ޔޫ.އެން. އިންވެސް، ޔޫ.އެން.އެޗް.ސީ.އާރުންވެސް އަދި އެހެން ޤައުމުތަކުންވެސް ބުނަނީ، އެމީހުން ގެނެސް މުޖުތަމަޢަށް ދޫކޮށްލުމަކީ، މުޅި މުޖުތަމަޢަށް އޮތް ވަރަށްބޮޑު ނުރައްކަލެކޭ. އަޅުގަނޑު ހިތުން ތިޔަބޭފުޅުން ގަބޫލުކުރައްވާނެ.


އެހެންވީމާ، ރާއްޖެއަށް އެމީހުން ގެނެސް، އެމީހުން އެބަޖެހޭ ޑީ-ރެޑިކަލައިޒް ކުރަން. އަދި އެމީހުންނަށް ވަރަށްބޮޑަށް ކިޔައިދީ، އޮޅުންފިލުވައިދީ، މުޖުތަމަޢުގެ ތެރެއަށް ނެރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެން މި ގެންދަނީ އެކަމަށްޓަކައި ތަނެއް ހަދައި، އެކަމަށް މީހުން ޓްރެއިންކޮށް، އެކަންތައްތައް ކުރަމުން.


ހަމަ އެއާއެކީގައި، އަޅުގަނޑު މި ދެންނެވިހެން، ޔޫ.އެން.ގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، އެތަނުން، ކޭމްޕުން އެމީހުން ނެރެ، އަދި އެހެން އަޅުގަނޑުމެންގެ ބާރު ހިނގާ، ނޫނީވިއްޔާ ގުޅުން އޮތް ހިސާބަކަށް ގެންގޮސް، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދޭ.


އަޅުގަނޑު އެ މަޢުލޫމާތުތައް ޢާއިލާތަކާ ޙިއްޞާކުރާނަން.


ޒަހީން ޢަބްދުﷲ - ވަގުތު ނޫސް:


ދެން ކޮބައިތޯ، ހަމަ އެއާއެކީ، މަނިކުފާނު ކުރިއަށް ގެންދެވި އޯލް ޕާޓީ ޓޯކްސް، މިހާރު ކުރިއަށް ނުގެންދެވެނީ ކީއްވެގެންތޯ؟


ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އިޤްތިޞާދީ ގޮތުން އެންމެބޮޑު އެއްބަޔަކީ، ކުދި ފަންތީގެ ވިޔަފާރި ކަމަށްވާއިރުގައި، މީގެތެރެއިން ބޮޑު ބައެއް މިހާރު ރާއްޖޭގައި މި ކޮންޓްރޯލް ކުރަމުން ގެންދަނީ ބިދޭސީން. ސަރުކާރުން މިކަމަށް އެޅުއްވި ފިޔަވަޅަކީ ކޮބައިތޯ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އާދެ، ކޯލިޝަން. އަޅުގަނޑުމެން ވެރިކަމަށް އައީ އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަން. ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއެކީ، ކޯލިޝަނެއްގެ ތެރެއިންނޭ. އެ ގުޅުން އިރާދަކުރެއްވިއްޔާ އެބައޮތް ރަނގަޅަށް. ދެން ބައްދަލުވުންތައް. އަޅުގަނޑު ހިތުން ކަމެއް ކުރާއިރު، އެއިން ނެރޭނެ ނަތީޖާއެއް އޮންނަންޖެހޭނެ. އެއިން ކުރެވޭނެ ފައިދާއެއް އޮންނަންޖެހޭނެ. މިދިޔަ އިންތިޚާބުގެ ތެރޭގައި، ކޯލިޝަންގެ ބައްދަލުވުމެއް އަޅުގަނޑު ނުބޭއްވީ، އަޅުގަނޑަށް އެއިން ކުރާނެ ފައިދާއެއް ނުފެންނާތީ. އެ ބައްދަލުވެގެން ކޯލިޝަނަށް އެކީގައި އޮންނަން ކުރެވޭނެ އިތުރު ފައިދާއެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ، އޭރު ބައްދަލުކުރުމަށްވުރެ ނުކުރުން އެއީ ކޯލިޝަނަށް އޮތް އެންމެ ފައިދާހުރި ގޮތް ކަމަށް އަޅުގަނޑަށް ފެންނާތީ، އަޅުގަނޑު އެގޮތަށް ނިންމީ.


އެނގިވަޑައިގަންނަވާނެ، މަޖިލިސް އިންތިޚާބަށް ދިޔައިރުގައި، އަޅުގަނޑުމެންނަކަށް އެއްބަހެއްނުވެވުނު، މަޖިލީހުގައި ދާނީ އެކީގައި ކަމެއް. އެހެން ކަމަށްވަންޏާ، އެ ގަޑީގައި ހަތަރު ލީޑަރުންނާއި އަޅުގަނޑާ އެކީގައި އިށީނދެގެން ކުރެވޭނެ މަޝްވަރާއެއް އޮތް ކަމަކަށް، އެއް ތަނެއްގައި ތިބެގެން ނިންމޭނެ ނިންމުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވުނު.


މިހާރު އަނެއްކާވެސް މިއޮތީ ފައްކާވެފައި. މަގު ފަހިވެފައި. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ހުރިހާ ލީޑަރުން މާލޭގައި ތިއްބަވާ ދުވަހަކުން ވަރަށް އަވަހަށް މީޓިންގއެއް ބާއްވާނަން. އަޅުގަނޑު ކުރިން ނިންމައިގެން ހުރީ ޖުލައި 7 ގައި ބާއްވަން ކަމަށް. އެހެންނަމަވެސް، އަޅުގަނޑުމެންގެ އެއް ލީޑަރަކު މިވަގުތަކު ނެތް ރާއްޖެއަކު. އެހެންވީމާ، ޖުލައި 10ގެ ފަހުގެ ތާރީޚެއްގައި އަޅުގަނޑުމެންގެ ލީޑަރުންގެ ބައްދަލުވުމަކަށް އަޅުގަނޑު ގޮވާލާނަން. އިރާދަކުރެއްވިއްޔާ ކޯލިޝަން އޮންނާނެ.


ތިޔަ ވިދާޅުވާހެން ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަރަށް ބޮޑަށް ބޭރު ފަރާތްތަކުގެ ނުފޫޒު އެބައޮތް. އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން މިހާރު ލޭބަރ ކަންތައް ބަލަހައްޓަމުން އެ ގެންދަނީ. ވަރަށް ރަނގަޅަށް ޕްލޭނެއް ރާވައިގެން، މިހާރު އެ މަސައްކަތް އެ ފަށްޓަނީ. ރާއްޖޭގައި ވިސާނެތި، ނޫނީވިއްޔާ ވަރކް ޕަރމިޓް ނެތި އުޅޭ މީހުން ހޯދައި، އެމީހުން ރާއްޖެއިން ފުރުވައިލުމާއި، އަދި އެމީހުން ވިސާ ހުއްދައިގެ ތެރެއަށް، ޤާނޫނީގޮތުން އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އަޅުގަނޑު ހިތުން މި މަސައްކަތް ފެށީމާ ބައެއް ފަރާތްތަކުން ނުގަބޫލުވެސްވާނެ. އެއީ އެމީހުން ބޭނުންކޮށްގެން ވިޔަފާރިކުރާ ދިވެހިން އެބައުޅޭ. މަސައްކަތްކުރާ ދިވެހިން އެބައުޅޭ. އެ ކަންތައްތައް ފެށީމާ އަދި އިންސާނީ ޙައްޤުތަކާ ބެހޭ ފަރާތްތަކުންވެސް އަޑުއުފުލަން ފަށްޓާނެ. އެހެންވީމާ، އެ ހުރިހާ އެއްޗެއްގެ އަލީގައި، އެ ހުރިހާ އެއްޗަކަށް ބަލާފައި، އަޅުގަނޑުމެން ކުރާ ކަމެއް ކުރާނީ އިނގޭތޯ.


އެހެންވީމާ، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން އެ ހިންގާ މަޝްރޫޢު ފެށީމާ، ބަދަލުތައް ފެނިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، ގަބޫލުކުރައްވައްޗޭ، މީގައި ތިޔަބޭފުޅުން ނުކުމެވަޑައިގެން އަނެއްކާވެސް އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި، ނޫނީވިއްޔާ އެމީހުން ބަންދުކޮށްގެން ގެންގުޅޭ ތަނެއްގެ ވާހަކަ ދައްކާނީ. އެހެންނަމަވެސް، ގުޅީފަޅުގައި މިހާރު އަޅުގަނޑުމެން އެބަ ހަދަން، އެހެން ބަންދުކުރާ މީހުން ބައިތިއްބާނެ ތަނެއް. އެއަށްފަހު އަޅުގަނޑުމެން އެ މަޝްރޫޢު ފަށްޓާނީ.


މޫސާ ރަޝީދު - އަވަސް ނޫސް:


އަޅުގަނޑުވެސް ހަމަ ލުޠުފީއާ ގުޅޭގޮތުން ފުރަތަމަ ސުވާލުތަކެއް ކޮށްލާނީ. ފުރަތަމަ ސުވާލަކަށް، މަނިކުފާނު ވަރަށް ސާފުކޮށް ވިދާޅުވެއްޖެ. ސަރުކާރުން ބޭނުމެއްނުވިއޭ، ފުރަތަމަ މިކަން ހާމަކުރާކަށް. އެންމެ ފުރަތަމަ ކަމަކަށް. ދެން މީގައި އިސްވެ މަޢުލޫމާތު ހާމަކޮށް، އެކަމެއް ގޯސްވުމުގެ، ނުވަތަ އެ ފަޅާއަރައިގެން ދިޔުމުގެ ކުރިން މަޢުލޫމާތު ހާމަކޮށް، އެކަން ރަނގަޅު އުޞޫލެއްގެ ގޮތުން ގެންދާނެ ކަމަށް. ނަމަވެސް، އެހެން ބޭފުޅެއްގެ ފަރާތުން އަޅުގަނޑުމެންނަށް މި މަޢުލޫމާތު ފުރަތަމަ މި އެނގިގެން ދިޔައީ. ކޮބައިތޯ މަޢުލޫމާތުތައް ހާމަނުކުރަން ނިންމެވި ސަބަބަކީ އަޞްލު؟ މިސާލަކަށް، އޭގެން ކޮންކަހަލަ ގެއްލުމެއް ލިބިދާނެތީތޯ؟ ނުވަތަ އަޞްލު އޭގެން، ލުޠުފީ ރާއްޖެ އަނބުރާ ގެނައުމަށް އެއްވެސްކަހަލަ ހުރަހެއް އެޅެނީތޯ؟ ކޮބައިތޯ، އެފަދަ ކޮންކްލޫޝަނަކާ ހަމަޔަށް މަނިކުފާނުގެ ސަރުކާރުން އައި ސަބަބަކީ؟


ދެން ދެވަނަ ސުވާލަކީ، ވިދާޅުވެއްޖެ، ލުޠުފީ ހުންނެވީ އެމްބަސީގައި ނޫންކަމަށް. ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް. ލަންކާގެ ކޮން ތަނެއްގައިތޯ ސީދާ ލުޠުފީ ހުރީ؟ ދެން މާފު ނުދޭނެކަމަށްވެސް ވިދާޅުވެއްޖެ. ފަޒީނާ ފާހަގަކުރެއްވިހެން، އެމް.ޑީ.ޕީ.ގެ ހަމަ ގިނަ މެންބަރުން އެބަ ބުނޭ، ވަރަށް ދުވަސްވީ ބޭފުޅެކޭ. މިހާރު ވަރަށް ޙާލުވެސް ދެރަކަމަށް އެބަ ބުނޭ. އެހެންވެއްޖިއްޔާ، އޭނާއަށް އެއްވެސްވަރެއްގެ ލުޔެއް ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާނަންތޯ؟ ގޭ ބަންދުވިޔަސް، ނުވަތަ އެހެން ގޮތަކަށްވިޔަސް، އެކަހަލަ ވިސްނުމެއް ގެންގުޅުއްވާފާނަންތޯ؟


ދެން އަޅުގަނޑު ދެވަނަ ކަމަކަށް، މަނިކުފާނު ވިދާޅުވެއްޖެ. ގުޅީފަޅު ފްލެޓް ލިބުނު ފަރާތްތަކަށް، ހުޅުމާލޭގައި އަލަށް ހަދާ ފްލެޓްތަކުން، އެ ފަރާތްތަކަށް އިސްކަންދީގެން ދޭނެ ވާހަކަ. ދެން ހަމަ އެގިވަޑައިގަންނަވާނޭ ފަދައިން، އެ މައްސަލައަކީ މިހާރު ގާތްގަނޑަކަށް ބުނާނަމަ، ދިހަވަރަކަށް އަހަރުވީ މައްސަލައެއް. އެމީހުންނަށް ފްލެޓް ނުލިބި ވަރަށް ޙާލުގައި އެމީހުން އެ އުޅެނީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެމީހުންގެ ފަރާތުން ކޮންމެވެސްވަރަކަށް އެދިފައިވަނީ، އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ސަރުކާރުން ދޭން. އެގޮތުން ބިމެއް ހޯދުމަށްވެސް އެމީހުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރިކަމަށް.


އެހެންވީމާ، އެމީހުންނަށްވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ދޭން ނުވަތަ އެއްވެސްކަހަލަ ވިސްނުންތަކެއް އެބައޮތްތޯ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


ގުޅީފަޅުގެ ފްލެޓް، އެ 142 ފަރާތާ މަޝްވަރާ ކުރެވި، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާރުވަނީ އެ އެއްބަސްވުމަކަށް އާދެވިފައި، އެ ފަރާތްތަކާއެކީ. އަޅުގަނޑު ހިތުން މިއީ އެބޭފުޅުންނަށްވެސް ގަބޫލުކުރެވޭ ބަދަލެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ފައިސާގެ ބަދަލުގައި، އަލަށް ހަދާ ފްލެޓްތަކުން އެކަށީގެންވާ ހަމަ އެވަރުގެ ފްލެޓެއް ދީފައި އަދި ކުރިން ދައްކާފައި އޮތް ފައިސާ، އެއީ މިހާރުގެ އަގުން ކެނޑޭގޮތަށް ބަދަލުކުރުން އެއީ ހަމަ އެއްބަސްވެވޭނެ ރަނގަޅު ކަމަކަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު ހިތުން އެ އަންޑަރސްޓޭންޑިންގ އަށް އާދެވިފައި މިހާރު އޮތީވެސް. އެހެންވީމާ، އެއީ ކުރިއަށް ގެންދިޔުން ދަތިކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން އިނގޭތޯ.


އަޅުގަނޑު ކުރިން ދެންނެވިހެން ލުޠުފީ ހުރީ އެމްބަސީއަކު ނޫން އިނގޭތޯ. އެހެންނަމަވެސް، ލުޠުފީ އަނބުރާ ގެނައުމަށްޓަކައި، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ގެނައުމަށްޓަކައި މިވަގުތު ލުޠުފީ ހުރިތަން ކޮންމެހެން ހާމަކުރުން އެއީ މުހިއްމު ކަމެއްތޯ؟


ދެން އަޅުގަނޑު ނެތިން ލުޠުފީއަށް މާފުދޭކަށް އިނގޭތޯ. އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ލުޠުފީ ހުރީ.


އަޅުގަނޑު ކުރިންވެސް ދެންނެވިން ދޮގެއްތޯ. އަޅުގަނޑުގެ ވިސްނުމަކަށް އޮތީ، އަޅުގަނޑުމެންގެ ވިސްނުމަކަށް އޮތީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ލުޠުފީ މާލެ ގެނައުމޭ. އެނގިވަޑައިގަންނަވާނެ، ލުޠުފީ ބޭރަށްދިޔައީ ގޭގެ ބަންދުގައި ހުރެގެން. ލުއި ދީފައި އޭރުވެސް އޮތީ ސަރުކާރުން. އެހެންނަމަވެސް، ލުޠުފީ ދެން އައިސް ހުންނާނީ އަނެއްކާވެސް ޖަލުގައި. އެހެންނަމަވެސް، އިންސާނިއްޔަތަށްޓަކައި ބޭސްފަރުވާއަކީ ކޮށްދޭންޖެހޭނެ ކަމެއް. އެގޮތުން، ޖަލުގައި ލުޠުފީ ހުއްޓަސް، ލުޠުފީއަށް ބޭނުންވާ ބޭސްފަރުވާގެ ކަންތައްތައް އަޅުގަނޑުމެން ފޯރުކޮށްދޭނަން.

 

ޙައްވާ މުޙައްމަދު – ރާއްޖެ ޓީ.ވީ:


އަޅުގަނޑުމެން މިހާގިނަ ދުވަސްވެފައި ބައްދަލުވުމާއެކު، ހަމަ ގިނަ ސުވާލުތަކެއް އެބަހުރި، މަނިކުފާނުވެސް ފަށްޓަވަމުން ވިދާޅުވިގޮތަށް.


އަޅުގަނޑުގެ ސުވާލަކީ، ދެތިން ސުވާލެއް އެބައުޅޭ ފުރަތަމަވެސް. ފުރަތަމަ ސުވާލަކީ، ޓްރިޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ މުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް. ދެން މި އެއްބަސްވުމާއި، މި ކުރެވޭ ސޮޔާ ގުޅޭގޮތުން، ކްރިމިނަލް، ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން މި ދެކެވޭ ވާހަކަތައް. ބައެއް މަޖިލިސް މެންބަރުންވެސް ދެކޮޅު.


އަޅުގަނޑުގެ ސުވާލަކީ، ދިވެހި ސަރުކާރުން މި އެއްބަސްވުން މިހާ އަވަހަށް ސޮއިކުރަން މި މަސައްކަތް ކުރަނީ ކީއްވެގެންތޯ؟ ދެން ދިވެއްސަކު ތަޙުޤީޤަށް އިންޑިއާއަށް ފޮނުވަން އެއްބަސްވެދާނަންތޯ، ދިވެހި ސަރުކާރުން.


އަނެއް ސުވާލަކީ މަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެއް. ކެމްޕެއިންގައިވެސް މަނިކުފާނު ވިދާޅުވި. ރައްޔިތުންނަށް އިންޞާފު ހޯދައިދޭ ވާހަކަ. މަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ކަންތަކުގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ. މިހާރު ސުޕްރީމް ކޯޓުގައި އެ ތިއްބެވި ފަނޑިޔާރުންނާ އެކުގައި، މަނިކުފާނު ތިޔަ ވިދާޅުވާ އިންޞާފު ލިބިދާނެ ކަމަށް މަނިކުފާނު ގަބޫލުފުޅު ކުރައްވަންތޯ؟


އަދި އެއް ސުވާލު އެބައޮތް. އެ ސުވާލަކީ، މަނިކުފާނު ވިދާޅުވެފައިވޭ. ސިޔާސީ މަޤާމުތަކުގެ ޢަދަދު، އަޅުގަނޑު ހަނދާންވާގޮތުން، ރާއްޖެ ޓީ.ވީ.ގެ ފަލަ ސުރުޚީ ޕްރޮގްރާމްގައިވެސް މަނިކުފާނު ވިދާޅުވެފައިވޭ. ރައީސް ޔާމީން ސަރުކާރުގައި 700 ސިޔާސީ މަޤާމު އޮތޭ. މަނިކުފާނު އެއަށްވުރެ ގިނަ ނުކުރައްވާނެ ކަމަށް. މަނިކުފާނު ވިދާޅުވެދެއްވަފާނަންތޯ، ސިޔާސީ މަޤާމުތަކުގެ ޢަދަދު މިހާތަނަށް އައިއިރު، ސަރުކާރުގެ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.


އާދެ، މިހާރު އިންޑިއާއާ އެކީގައި އަޅުގަނޑުމެން މި އެއްބަސްވާ ކުށްވެރިން ބަދަލުކުރުމާބެހޭ އެއްބަސްވުން ދޮގެއްތޯ. މިއީ އަވަސްއަރުވާލައިގެން އަޅުގަނޑުމެން ކުރާ ކަމެއްނޫން. މިއީ އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، މިތާ އޮތް އެއްބަސްވުމެއް. ހަމައެކަނި އަޅުގަނޑުމެން މި އޭގެ ޕްރޮސެސް މި ކުރިއަށް ގެންދަނީ. އޭރުގެ ސަރުކާރުންވެސް މަޖިލީހަށް އެ ނުފޮނުވިޔަސް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެވިފައި އޮތީ. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ އިނގޭތޯ. މިއީކީ ހަމައެކަނި އިންޑިއާއާ އެކީގައި އަޅުގަނޑުމެން ކުރާ އެއްބަސްވުމެއްވެސް ނޫން. މީގެކުރިން، ސްރީލަންކާއާ އެކީގައިވެސް އަޅުގަނޑު ހިތުން ވާހަކަ ދެކެވިފައި އޮތީ. އަދި ނިމުމަކަށް ނުދޭ. އެތައް ޤައުމަކާ އެކީގައި އެބަ ކުރަން. އަޅުގަނޑު ހިތުން މިއަދަކު އަޅުގަނޑުމެންނަކަށް ދުނިޔެއާ ވަތްކަކުން ނޯވެވޭނެ. ޓެރަރިސްޓުންނަކަށް ނެތް ބޯޑަރެއް. އެމީހުންނަކީ މުޅި ދުނިޔޭގައި ފެތުރިފައި އޮތް ބައެއް. މިއަދު އަޅުގަނޑުމެންނަށް ޓެރަރިސްޓަކު، އައިސިސް ޖަމާޢަތުގައި ހަނގުރާކޮށްގެން އަންނަ ޓެރަރިސްޓަކު ހިފެހެއްޓޭނެ ގޮތެއް ނެތް. ޤާނޫނު އޮތްގޮތުން. އެކަހަލަ ކިތަންމެ ދަތި އުނދަގޫތަކެއް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ، ނުރައްކާތެރި ވިސްނުމުގެ މީހުން. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް ނެތް، އެކަށީގެންވާ ފިޔަވަޅު އެޅޭކަށެއް. އަޅުގަނޑާ ސިންގަޕޯރގެ ޕްރައިމް މިނިސްޓަރ މިފަހަރު ބައްދަލުކުރެއްވިއިރުގައި، އެ ވާހަކަ ވަރަށް ރަނގަޅަށް ދެއްކި. ވިދާޅުވި، އެއްވެސް ފުރްޞަތެއް މީގައި ދީފިއްޔާ ވާނެ ގެއްލުން ވަރަށްބޮޑޭ ޤައުމުތަކަށް.


އެހެންވީމާ، މިކަމުގައި އެންމެން އެކީގައި މަސައްކަތްނުކޮށެއް މި ދުނިޔެއެއް ސަލާމަތެއް ނުކުރެވޭނެ. އެހެންވީމާ، އެ ވިސްނުމުގައި އަޅުގަނޑުމެން ކުރާ ކަމެއް މިއީ. ކޮންމެހެން ދިވެއްސަކު ޝަރީޢަތަށް އިންޑިއާއަށް ފޮނުވާކަށް ނޫން. އިންޑިއާގައި ހުރި މީހަކު މި ޤައުމަށް ގެނެސް ޝަރީޢަތް ކުރާކަށްނޫން ކޮންމެހެން ބޭނުމަކީ. އެހެންނަމަވެސް، ދުނިޔެއަށް މިވަގުތު ކުރިމަތިވެފައި މިއޮތް ވަބާއިން، ބިރުން ސަލާމަތްވުމަށްޓަކައި ހުރިހާ ޤައުމުތަކާ އެކީގައި އެބަޖެހޭ މިކަމުގައި މަސައްކަތް ކުރަން. މިއީ ޒާތީގޮތުން ވަކި މީހަކު ހައްޔަރު ކުރަން، ނޫނީ ވަކިބަޔަކަށް ކުރާ ކަމެއްނޫން. އެންމެންގެ ސަލާމަތަށް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެގޮތުން، ކުރާ ކަމެއް މިއީ.


ޙައްވާ މުޙައްމަދު – ރާއްޖެ ޓީ.ވީ:


އެއްބަސްވުމުގައި އޮންނަ ގޮތަށް ދިވެހި ސަރުކާރުން ފޮނުވަފާނެތޯ މީހަކު؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އެއްބަސްވުމުގައި އޮންނަގޮތަށް ޢަމަލުކުރަންޖެހޭނެ.


ދެން އިންޞާފު ހޯދައިދިނުމުގެ ވާހަކަ. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް އިނގޭތޯ. އެނގިވަޑައިގަންނަވާތޯ، މި ވަގުތުވެސް ކޯޓުތަކުންނާއި އަރބިޓްރޭޝަންގައި ހުރި ފައިނޭންޝަލް މައްސަލަތައް ނިމިފައި ހުރި ގޮތްތައް. އަޅުގަނޑުމެން މި ދައްކަނީ ބަދަލުދޭންޖެހޭ ކަންތައްތަކުގެ ވާހަކަ އެބަހުރި އިނގޭތޯ. އެގްރީމަންޓްތައް، ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ރޫޅާލައިގެން، މިއަދު ރާއްޖޭގެ ކޯޓުތަކުން ނިންމައިގެން، ސަރުކާރަށް 882 މިލިއަން ރުފިޔާ، އެކި ފަރާތްތަކަށް، ކޯޓުތަކުން ނިންމި ނިންމުމުން ދޭން އެބަޖެހޭ. އަރބިޓްރޭޝަނުން ނިންމައިގެން އެބައޮތް، 17.89 މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ބޭރު ފަރާތަކަށް ދޭން ނިންމާފައި. ކޯޓުތަކުގައި އަދި އެބަހުރި، މައްސަލަތަކަށް ބަލާއިރު، 216 މިލިއަން ރުފިޔާގެ މައްސަލަ. ކޯޓުތަކުގައި އެބަ ހިނގާ. އަރބިޓްރޭޝަންގައި އެބަހުރި، 350 މިލިއަން ޑޮލަރުގެ އަރބިޓްރޭޝަންގެ މައްސަލަ. މިއިން ގިނަ އެއްޗެއްސަކީ ލޯޔަރުން އަޅުގަނޑުމެންނަށް އެ ލަފާދެނީ ސަރުކާރަށް ގެއްލޭނެ އެއްޗެއްސޭ. ވިން ނުކުރެވޭނެ އެއްޗެތި ހުރީ. އެހިސާބުގައި ހުރީ.


އެހެންވީމާ، ބަދަލުދޭން މި ކުރާ މަސައްކަތުގައި، އިންޞާފު ހޯދައިދޭން ކުރާ މަސައްކަތުގައި، ގޮސްފައި ހުރި ހިސާބު މިއީ މި ކަންތައް. ހަމައެއާއެކީގައި، ބަދަލުދޭއިރުގައި އަޅުގަނޑުމެން ވިސްނަންޖެހޭ އެއްކަމެއް އެބައޮތް. މިކަން ކުރި ބަޔަކާ ދޭތެރޭގައި ކިހިނެއްތޯ ހަދާނީ. ހަމަ ކޯޓުތަކަށް ގޮސްވެސް، އަރބިޓްރޭޝަން ސެންޓަރުތަކަށް ގޮސްވެސް، ވަރަށް ސާފުކޮށް، އެކަންކުރި މީހުން އެބަ ބުނޭ، ތިމަންނާމެން އެކަންކުރީ ޤާނޫނާ ޚިލާފަށޭ. [ނޫމަޑި] މައްސަލައިގައިވެސް ސިންގަޕޯރ އަރބިޓްރޭޝަންގައި ކޮންމެވެސް ބޭފުޅަކު ވިދާޅުވިކަމަށް އެ ބުނަނީ، ތިމަންނާމެން އެ އެގްރީމަންޓް އުވާލީ ޤާނޫނާ ޚިލާފަށޭ. އުޞޫލުން ބޭރުންނޭ. އޭގެ ބަދަލުގައި އެމީހުން އެ ކްލެއިމް ކުރަނީ 350 މިލިއަން ޑޮލަރު. ވަކީލުން އަޅުގަނޑުމެންނަށް ލަފާ އެ ދެނީ، ސަރުކާރަށް މި ވިންވާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތޭ. ދެން އޭގައި މި ދާންޖެހެނީ ދާއިރުގައި އަޅުގަނޑުމެން ވަކިބަޔަކަށް އެހީވީކަމަށް، ވަކިބަޔަކަށް ލާރިތަކެއް ދިނީކަމަށް މި ނިންމަނީ. އެކަމަކު މިއީއެއް ނޫން އަޞްލު އިނގޭތޯ. ކަންތައްތައް ވަމުންދާގޮތް އަޅުގަނޑު މި ދަންނަވާލީ.


ސުޕްރީމް ކޯޓު އެކަންޏެއް ނޫން އިނގޭތޯ. މުޅި ޝަރުޢީ ދާއިރާ އިޞްލާޙު ކުރަންޖެހޭ އެބަ. އޭގެތެރޭގައި އެބަ ތިއްބެވި ރަނގަޅު ފަނޑިޔާރުން. ރަނގަޅު މެޖިސްޓްރޭޓުން. ޤާޒީން އެބަ ތިއްބެވި. ހަމައެއާއެކީގައި، ހަމަ އިންޞާފުން ބޭރުން ކަންތައްކުރާ ފަނޑިޔާރުންވެސް އެބަތިބި. އެހެންވީމާ، ސުޕްރީމް ކޯޓަށް އެކަނި ފޯކަސްކޮށްގެނެއް ނޫން ޝަރުޢީ ދާއިރާ އިޞްލާޙު ކުރެވޭނީކީ. މުޅި ސިސްޓަމް އެކީގައި ބަދަލުކުރަން އެބަޖެހޭ. އިޞްލާޙު ގެންނަންޖެހޭ. އަޅުގަނޑުމެން ކުރަމުން މިގެންދަނީ އެކަންތައް. އެގޮތުން، މިހާރުވަނީ ޖޭ.އެސް.ސީ. ކުރީގައި އޮތް ބާރުތައް ހޯދުމަށްޓަކައި އެ ޤާނޫނު އިޞްލާޙުކުރަން ލާފައި. ސުޕްރީމް ކޯޓުގެ ބެންޗް 5 ން 7 އަށް ބަދަލުކުރަން އަޅުގަނޑުމެން ވަނީ ލާފައި. އަދި އޭގެއިތުރުންވެސް، ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި.


އެހެންވީމާ، މުޅި ނިޒާމު އިޞްލާޙު ކުރެވޭނީ، އަޅުގަނޑުމެން މި ބޭނުންވާ އިންޞާފު، ރައްޔިތުންނަށް ހޯދައިދެވޭނީ ޝަރުޢީ މުޅި ނިޒާމު އަލުން އިޞްލާޙުކޮށްގެން.


ސިޔާސީ މަޤާމުތަކުގެ ޖުމްލަ އަޅުގަނޑު ހޯދާލާނަން އިނގޭތޯ. ޔަޤީނުންވެސް ދަންނަވާފާނަން. އަޅުގަނޑުމެން، ރައީސް ޔާމީނުގެ ސަރުކާރުގެ ސިޔާސީ މަޤާމުތަކަށްވުރެ އިތުރެއް ނުކުރާނަން. އެ ޔަޤީންކަން ބާއްވަވާ.


ކުރީގެ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ޢަދަދަކީ 465. އެއީ ރައީސް އޮފީހާއި ބައެއް ތަންތަން. އަޅުގަނޑުމެން މިއުޅެނީ 337. އަދި އެބަ ހިފެހެއްޓޭ ނޫންތޯ.


ކުރިއަށް ގެންދަވާ. އެބައޮތްތޯ އިތުރު ސުވާލެއް.


ރައްޔާން މުޙައްމަދު – ސީ.އެން.އެމް:


އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނުގެ ސަރުކާރުގައި ވަރަށް މުހިއްމު ސިޔާސަތެއް، މި ޒީރޯ ޓޮލަރެންސް ކޮރަޕްޝަން. އެހެން އެކަން އޮއްވައި، އަޅުގަނޑުމެންނަށް ދާދިފަހުން ފެނިގެން ހިނގައްޖެ. ކޮރަޕްޝަންގެ ވަރަށްގިނަ ތުހުމަތުތަކެއް ކުރެވޭ ބޭފުޅެއް، ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނު ކުރެވުނުތަން. މިކަން މިހެން އޮތީމާ ސަރުކާރުން އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅާނެތޯ، އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ.


ދެވަނަ ސުވާލަކީ، އިންޑިއާ ރާއްޖެ ޓްރީޓީގެ މި އެއްބަސްވުމުގައި ރާއްޖޭގެ ޤާނޫނާ ޚިލާފުވާ ބައެއް ކަންކަން އެބަހުރި ކަމަށްވެސް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ. މިއީ ކިހާވަރެއްގެ ޙަޤީޤަތެއް އޮތް ކަމެއްތޯ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ކަންނޭނގެ އަޅުގަނޑުމެން ބޭފުޅަކު މި ޢައްޔަނުކުރީ. އަޅުގަނޑުމެން މަޤާމަކަށް މީހަކު މި ލަނީ، ޢައްޔަނު ކުރަނީ، ޕޮލިހުންނާއި، އޭ.ސީ.ސީ އިންނާއި، ހުރިހާ ތަނަކުން ހޯދަންވާ މަޢުލޫމާތު ހޯދުމަށްފަހުގައި މިހާރު. އަޅުގަނޑުމެންނަށް އެ މަޤާމަށް އެ ބޭފުޅާ ޢައްޔަނުކުރިއިރުގައި، ހުރިހާ ތަނަކުން ކްލިއަރެންސް ލިބިފައި އޮތް. އެހެންނަމަވެސް، މިއަދު އަޅުގަނޑަށް އޭ.ސީ.ސީ އިން އެބައޮތް ސިޓީއެއް ފޮނުއްވާފައި. އޭނާގެ މައްސަލަތަކެއް ތަޙުޤީޤު ކުރަމުންދާ ވާހަކަ. އެހެންވީމާ، އަޅުގަނޑުމެން މިކަމުގައި ކުރީގައިވެސް ޢަމަލުކުރިގޮތަށް، އެކަން ނިމެންދެން ސަސްޕެންޑް ކުރަން އަޅުގަނޑު ނިންމާނަން. މިއަދު މީގެކުޑައިރުކޮޅެއް ކުރިން އަޅުގަނޑަށް އެ ސިޓީ ލިބުނީ. އެހެންވީމާ، އެއާ އެއްގޮތަށް އަޅުގަނޑުމެން އެ ޒީރޯ ޓޮލަރެންސް ހިފެހެއްޓުމަށްޓަކައި އޭ.ސީ.ސީ. އިން އެ އެންގި އެންގުމާ އެއްގޮތަށް، ލިބުނު މަޢުލޫމާތާ އެއްގޮތަށް އަޅުގަނޑު ކުރިއަށް ގެންދާނަން.


ރައްޔާން މުޙައްމަދު - ސީ.އެން.އެމް:


ޓްރިޓީގައި ރާއްޖޭގެ ޤާނޫނާ ޚިލާފުވާ ބައެއް ނުކުތާތައް ހުރިކަމަށް ބައެއް ބޭފުޅުން ވިދާޅުވޭ. އެއީ ކިހާވަރެއްގެ ޙަޤީޤަތެއް އޮތް ކަމެއްތޯ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އަޅުގަނޑަށް އެބައޮތް، ބަންޑާރަ ނައިބުގެ ލަފާ ލިބިފައި، އޭގައި ނެތް ކަމަށް. އެހެންވީމާ، އެ ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ. ދެން ރައްޔިތުންގެ މަޖިލީހުން އަދި ބައްލަވާނެތާ ދޮގެއްތޯ. ބައްލަވާފައި، އެ ނިންމަވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ.


ޝަފްނާ ޙުސައިން – ސަން މީޑިއާ:


އާދެ، ދެންމެވެސް މަނިކުފާނު ފާހަގަކުރައްވައިފި، ޝަރުޢީ ދާއިރާ އިޞްލާޙު ކުރަންޖެހޭ ކަމަށް. ދެން އަޅުގަނޑުގެ ސުވާލަކީ، ކުރީގައިވެސް ދެއްކީ ޖޭ.އެސް.ސީ.ގެ ފޯމޭޝަން މި އޮތްގޮތަށް އޮވެގެން، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ގޮތެއްގައި ޝަރުޢީ ދާއިރާ ކުރިއަށް ނުގެންދެވޭނެ ކަމަށް. އެމް.ޑީ.ޕީ. އިންވެސް ކުރިން ދެއްކި ވާހަކައެއް. އެކަމަކު ސަރުކާރުން ޢާންމުކުރި ލެޖިސްލެޓިވް އެޖެންޑާގައިވެސް ޖޭ.އެސް.ސީ.ގެ ފޯމޭޝަނަށް ބަދަލުގެންނަން އެއްވެސް ޕޮއިންޓެއް ހިމަނާފައެއްނުވޭ. އެހެންވީމާ، މިހާރު އެކަން ކިހާ ހިސާބެއްގައިތޯ އޮތީ. މިހާރު އެކަން ނުކުރަނީތޯ ސާފުކޮށްލަން ބޭނުން.


ދެން އަޅުގަނޑުގެ ސުވާލަކީ، އިންޓަރނެޓްގެ އަގު އިނގޭތޯ. އަޅުގަނޑުމެންނަށް މި ފަހުން ފެނިގެންދިޔައީ، 7000 އަށް އަރާފައި މިވަނީ. އެއީ ދުނިޔޭގެ އެއްވެސް ހިސާބެއްގައި އަގު ހުރި ހިސާބެއް ނޫން، ރާއްޖޭގައި އިންޓަރނެޓްގެ އަގު މި އުޅެނީ. އެހެންވީމާ، ސަރުކާރުން އެއްވެސްވަރަކަށް އިންޓަރނެޓްގެ އަގު ކޮންޓްރޯލް ކުރަން އެއްވެސްކަހަލަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދޭތޯ؟


އަދި އަޅުގަނޑުގެ އެއް ސުވާލު. އަޅުގަނޑަށް ފުރްޞަތު ދެއްވިއްޔާ ވަރަށް ރަނގަޅު އިނގޭތޯ.


އާދެ، މިއީ ސަރުކާރު އައިފަހުން ވަރަށް ބައިވަރު ކޮމިޝަންތަކެއް އުފެދިގެން ގޮސްފި. މަރުގެ މައްސަލަތައް ބަލާ ކޮމިޝަންތަކާއި، މިކަހަލަ. ދެން މި ކަހަލަ ކޮމިޝަންތަކަށް ޢައްޔަނު ކުރައްވާފައި ތިބޭ މެންބަރުންގެ މުސާރައާއި އެއްޗެތި ސާފުކޮށްލަން ކުރިންވެސް އަޅުގަނޑުމެން ވާނީ އެދިފައި. ނަމަވެސް، މިކަހަލަ އެއްވެސް މަޢުލޫމާތެއް އަޅުގަނޑުމެންނަކަށް ނުލިބޭ.


ދެން ވަރަށް ދެފުށް ފެންނަ ހާމަކަންބޮޑުގޮތެއްގައި ސަރުކާރު ކުރިއަށް ގެންދާކަމަށް ވިދާޅުވާތީ އަޅުގަނޑު ބޭނުން، އެ މެންބަރުންގެ މުސާރައާއި އެއްޗެތި ކަނޑައެޅިފައިވާގޮތް ސާފުކޮށްލަން އިނގޭތޯ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އަޅުގަނޑުގެ އަތަކު މިވަގުތަކު ނެތް ތިޔަ މަޢުލޫމާތެއް. އެކަމަކު އަޅުގަނޑު ޙިއްޞާކޮށްދޭނަން އިނގޭތޯ. މުސާރަތަކުގެ. ހަމަގައިމުވެސް ދައުލަތުގެ، ސަރުކާރުގެ ޕޭ ބިލް، ކުރިއަކަށްވުރެ ބޮޑެއްނުވާނެ. އެ ޔަޤީންކަން އަޅުގަނޑު ދޭނަން. ކުރީ ސަރުކާރުގެ ޕޭ ބިލަށްވުރެ އަޅުގަނޑުމެންގެ މުވައްޒަފުންނަށް މި ކުރާ ޚަރަދު ބޮޑެއްނުވާނެ އިނގޭތޯ. އެ ހިފަހައްޓާނަން އަޅުގަނޑުމެން.


ދެވަނަ ކަމަކަށް ޖޭ.އެސް.ސީ.ގެ ފޯމޭޝަން. އަޅުގަނޑު ކުރީ ދުވަހަކުވެސް ދެއްކިން މިތަނުގައި. ޖޭ.އެސް.ސީ.ގެ ފޯމޭޝަން ބަދަލުކުރުމަށް ވިސްނާއިރުގައި، އެތާ އެ ތިއްބެވީ ކޮން ބައެއްތޯ ވިސްނާލަން އެބަޖެހޭ. ބަންޑާރަ ނައިބު އެބަ އިންނަވައޭ އެތާ އިނގޭތޯ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަ އިންނަވައޭ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް އެބަ އިންނަވާ. ހައިކޯޓުގެ ފަނޑިޔާރެއް އެބަ އިންނެވި. ދަށު ކޯޓުގެ ފަނޑިޔާރެއް އެބަ އިންނެވި. ލޯޔަރުން އިންތިޚާބުކޮށްފައި އެތަނަށް ފޮނުވާ. ވަކީލެއް އެބަ އިންނަވާ. ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ތެރެއިން ހޮވާ މީހަކު އެބަ އިންނަވައޭ. މިއަށްވުރެ ނަޒާހަތްތެރި، މިއަށްވުރެ ރަނގަޅަށް ހޮވާލެވޭނެ ބަޔަކު ކޮބައިތޯއޭ؟ އެއާ ދޭތެރޭގައި، ފޯމޭޝަން ބަދަލުކުރަން ވިސްނާއިރުގައި، ވިސްނާލަން ރަނގަޅު ކަމެކޭ އެއީ އިނގޭތޯ. ކޮންތާކުންތޯއޭ މިވަރުގެ ބަޔަކު ހޯދާނީ އަޅުގަނޑުމެން. ދެން މިސާލަކަށް، އަޅުގަނޑު ޢައްޔަނު ކުރަންވީ. އަޅުގަނޑަށް ލިބޭނެތޯ އެއަށްވުރެ ރަނގަޅު ބައެއް ހޯދަން. މިސާލަކަށް އަޅުގަނޑު މި ދެންނެވީ އިނގޭތޯ. އެހެންނަމަވެސް، އެ ފޯމޭޝަންގައި، ޖޭ.އެސް.ސީ ފަންކްޝަންކުރި ތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު.


އެހެންވީމާ، މިހާރު ޖޭ.އެސް.ސީ އަށް ހުށަހަޅާފައި، ޤާނޫނަށް ހުށަހަޅާފައި އޮތް އިޞްލާޙަކީ ހަމައެކަނި އިހަށް ޖޭ.އެސް.ސީ، ޖޭ.އެސް.ސީ.ގެ ބާރުތައް، ކުރީގައި އެ އޮތްގޮތަށް ޖޭ.އެސް.ސީ އަށް ހޯދުން. އެނގިވަޑައިގަންނަވާނެ، ފެހި ޤާނޫނުއަސާސީ ތަޞްދީޤުކޮށްފައި، ޖޭ.އެސް.ސީ އަށް އަޅުގަނޑުމެން ވަރަށްގިނަ ބާރުތަކެއް ދިނީ، އެ ކޯޓުތައް މިނިވަންކަމާއެކީގައި މަސައްކަތް ކުރުމަށް ފުރްޞަތު ދޭންވެގެން. ޖުޑީޝަލް ސަރވިސް ކޮމިޝަން އޭރު އޮންނާނީ ޖޭ.އެސް.ސީ.ގެ ދަށުގައި. އެއީ ސުޕްރީމް ކޯޓުގެ ބާރުވެސް، ހައިކޯޓުގެ ބާރުވެސް ދަށު ކޯޓުތަކަށް ހިންގިޔަނުދޭންވެގެން. ކޮންމެ ކޯޓަކީ މިނިވަންކަމާއެކީގައި މަސައްކަތް ކުރެވޭ ތަންތަނަށް ހެދުމަށްޓަކައި. އެހެންނަމަވެސް، އޭރު ސުޕްރީމް ކޯޓުން ފުރަތަމަ ނިންމި ކަމަކީ ޤާނޫނުން އެ މާއްދާ އުވާލަން. އުވާލާފައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބާރު، ސުޕްރީމް ކޯޓުގެ ދަށަށް ނެގީ.


އަޅުގަނޑުމެން އޭރު މަޖިލީހުގައި ތިބެގެން އެ ބަދަލު ގެނައިމާ، ބަޖެޓު ނުދޭން ނިންމީމޭ. ފާސްކުރީ އެގޮތަށް. ސުޕްރީމް ކޯޓުގެ ދަށުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އޮތީމާ، ބަޖެޓެއް ނުދޭނަމޭ އަޅުގަނޑުމެން ނިންމީ. އެހެންނަމަވެސް، ސަރުކާރުން އެފަހަރު ބަޖެޓް ދޫކުރީ. އެއީ އަޅުގަނޑުމެން ބޭނުންވިގޮތަށް ނޫންގޮތަށް އެ ފޯމްކޮށްފައި އޮތީމާ. މިހާރު މި ގެންނަ ބަދަލުގެ ސަބަބުން، މިހާރު މި އޮންނަގޮތުން ވެއްޖިއްޔާ، ސުޕްރީމް ކޯޓަށް ދަށު ކޯޓުގެ ފަނޑިޔާރުން، އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ. އެ ބިރުގެ ތެރޭގައި އެމީހުން ތިބެންޖެހެނީ. ސުޕްރީމް ކޯޓުން އަންގަވާ ގޮތަށް ނޫން ގޮތަކަށް ކަމެއް ކޮށްފިއްޔާ، ބަދަލުކުރުމުގެ ފުރްޞަތު، ސުޕްރީމް ކޯޓަށް ލިބިގެން އެބަދޭ. އެހެންވީމާ، އަލުން އަނބުރާ ޖޭ.އެސް.ސީ އަށް އެ ބާރު މި ނަގަނީ. އެކަމަކު ޖޭ.އެސް.ސީ. އިންވެސް ހަމަ މިކަން ކުރަން ބޭނުމީވިއްޔާ ކުރެވިދާނެކަން އަޅުގަނޑަށް އެނގޭ.


އެހެންވީމާ، ޖޭ.އެސް.ސީ.ގެ ފޯމޭޝަނަށް ބަދަލެއް ގެނައުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާކޮށްފައި އަދި ޖޭ.އެސް.ސީ.ގެ ކޮމްޕޮޒިޝަން އޮންނަގޮތަށް ބަދަލުގެންނަން ޖެހޭތޯ، ނޫންތޯ ބަލައި، އެކަން އަޅުގަނޑުމެން ހުށަހަޅާނަން. އެ އެކަންޏެއް ނޫން ޝަރުޢީ ދާއިރާއަށް ގެންނަންޖެހޭ އިޞްލާޙަކީ އިނގޭތޯ.


އިންޓަރނެޓްގެ އަގުހެޔޮކުރުމަށް. އަޅުގަނޑަށް ގެނެސްދީފައި އެބައޮތް އޭގެ ޕްރޮޕޯޒަލެއް. އަގުހެޔޮކޮށްފައި ހުރީ. އެބަހުރި އެކިދިމަދިމާއިން. އެހެންނަމަވެސް، އަދި އެއީކީއެއް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް އަދި ގަބޫލުނުކުރެވޭތީ، އެ ވާހަކަ ދެކެވެމުން މިގެންދަނީ. ސައިންސް އެންޑް ޓެކްނޯލޮޖީން ވަރަށް މަސައްކަތް ކުރައްވާ އެބަ އެކަމުގައި ގޮތެއް ހޯދޭތޯ.


އެހެންވީމާ، މިހާރު އަޅުގަނޑާ ހިސާބަށް ގެނެސްފައި އޮތް ލިޔުމުގައިވެސް، އަގުތަކަށް އެބަހުރި ބަދަލުތަކެއް އައިސްފައި. ކުޑަކުރެވިފައި. އަދިވެސް އަޅުގަނޑު މި މަސައްކަތް ކުރަނީ އެއަށްވުރެ ރަނގަޅަށް އެއަށް ބަދަލުތަކެއް ގެނެވޭތޯ އިނގޭތޯ. އެއަށްފަހުގައި އަޅުގަނޑުމެން ޙިއްޞާކުރާނަން.


ނިމާ ޙަސަން – ދަ ޕްރެސް:


އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ސަރުކާރު ސްލޯކަމުގެ ވާހަކަތައް. ބައެއް މިނިސްޓަރުންގެ ޕަރފޯމަންސް ނެތް ވާހަކަ ކޮންމެވެސްވަރަކަށް އެބަ ދެކެވޭ. ސަރުކާރުގެ ސްޕީޑާއި މިނިސްޓަރުންގެ ސްޕީޑާމެދު މަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާތޯ؟


ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ސަރުކާރުން ވެފައިވާ ބައެއް ވަޢުދުތައް ފުއްދުމުގައި ލަސްތަކެއް އެބަވޭ. ބައެއް ވަޢުދުތައް ނުފުއްދި ލަސްތަކެއް ދިމާވާ ސަބަބުތައް ކަމުގައި މިވަނީ ކުރަންޖެހޭ ދިރާސާތައް ނުކޮށްހުރުން. ސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދި ގިނަދުވަސްވަނީ ދިރާސާތައް ނުކޮށްހުރުމުން ކަމަށްވަނީ. އެއީ އެމް.ޑީ.ޕީ. އިން އިންތިޚާބީ ވަޢުދުތައް ހެދިއިރު، ދިރާސާ ނުކޮށްތޯއޭ ވަޢުދުތައް ހެދީ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އަޅުގަނޑުމެން ވަޢުދުތައް ތައްޔާރުކުރީ ވަރަށް ބޮޑަށް ދިރާސާކޮށްފައި. ގެއިން ގެޔަށް ގޮސް ރައްޔިތުންނާ ވާހަކަ ދައްކާފައި މަޝްވަރާ ކުރުމަށްފަހުގައި، ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް، ޤައުމަށް މިވަގުތަށް އެންމެ ބޭނުންވާ ކަންތައްތައް އެހުރީ ކޮށްފައި. އެހެންނަމަވެސް، ވަގުތާއި ޙާލަތުން، ބައެއް ކުދިކުދި ބަދަލު އަތުވެދާނެ ކަމަށް ތިޔަބޭފުޅުން ގަބޫލުކުރައްވަންވާނެ. އެއީ މެނިފެސްޓޯ ފުރަތަމަ ތައްޔާރުކުރިއިރުގައި، އެއީ އެމް.ޑީ.ޕީ އިން އެކަނި ތައްޔާރުކުރި މެނިފެސްޓޯއެއް. ފަހުން އެއޮތީ ކޯލިޝަން ސަރުކާރަކަށްވެފައި. އެހެންވީމާ، އެއާ ގުޅިގެން ގެންނަންޖެހޭ ބައެއް ބަދަލުތައް، ފަހުން ހުންނާނެ މެނިފެސްޓޯއަށް ގެނެވިފައި. އެހެންވީމާ، އެކަހަލަ ކުދިކުދި ބަދަލު ހުންނާނެ.


ޕަރފޯމަންސްގެ ވާހަކަ ދޮގެއްތޯ. ލަސް ވާހަކަ. އަޅުގަނޑު ހިތުން ލަހެއްނޫން. އަޅުގަނޑު ޕްލޭންކޮށްފައި އޮތްގޮތަށް، އަޅުގަނޑުމެން ރާވާފައި އޮތްގޮތަށް މިގެންދަނީ.


އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި އޮތީ ބަޖެޓެއް ހަދައި ނިންމާފައި. އެ ޖެހުނީ އަޅުގަނޑުމެންނަށް ފާސްކުރަން. ވަރަށް ކުދިކުދި ބަދަލުތަކާ އެކީގައި ބަޖެޓް ފާސްކުރަންޖެހުނީ. އެއީ އަޅުގަނޑުމެންވީ ވަޢުދުތަކާ އެއްގޮތްނުވާ ބައެއް ކަންތައްތައް ބަޖެޓްގައި ހުރީ. ދެން އެއާ އެކީގައި ދެން އައީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. އަޅުގަނޑަކަށް ގަބޫލެއްނުކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފަށާކަށް. އެއިރަށް ނުފޫޒު ފޯރުވުމުގެ، ވަކި ދާއިރާއަކަށް ވަކިކަމެއް ކުރީމާ އޮންނާނީ ނުފޫޒު ފޯރުވީކަމަށް، ސަރުކާރު އޭގެތެރެއަށް ވަންކަމަށް.


އެހެންވީމާ، އަޅުގަނޑު ނިންމީ ޕްލޭނިންގ މިނިސްޓްރީއަށްވެސް، ހައުސިންގ މިނިސްޓްރީއަށްވެސް، ހުރިހާ ތަނެއްގައިވެސް އަޅުގަނޑު ދެންނެވީ، އެއްވެސް މަޝްރޫޢެއް، ބޮޑު އެއްވެސް މަޝްރޫޢެއް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނުނިމެނީސް ނުފެށްޓުމަށް. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން އެ ޕްރޮޖެކްޓްތައް މަޑުކުރީ.


މީގައި އެބަޖެހޭ، ޤާނޫނަށް ގެންނަންޖެހޭ، ޓޭބަލަށް ގެންނަންޖެހޭ ބަދަލުތަކެއް. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ އެކީގައިތޯ ދާނީ. ނޫނީވިއްޔާ ވަކިންތޯ ދާނީ؟ އެހެންނޫނީވިއްޔާ
މި މައްސަލަ ނުކުންނާނެ.


ދެން އެއަށްފަހުގައި އަޅުގަނޑު ޕްލޭނިންގ މިނިސްޓްރީގައިވެސް ދެންނެވިން. ޖޫން މަހުގައި ޖެހޭނެޔޭ، ޕްރޮޖެކްޓްތައް ބިޑްކޮށް، ނޫނީވިއްޔާ އެ ފަރާތްތައް އިޢުލާނުކުރަން. އެ މަސައްކަތް ޖޫންމަހުގެ ތެރޭގައި ހުރިހާ މިނިސްޓްރީއަކުން ފަށައިފި. ޖުލައި، އޮގަސްޓު، ސެޕްޓެންބަރުގައި މަސައްކަތްތައް ފަށްޓަންވާނެ. އަޅުގަނޑު ހިތުން އެ ޕްލޭނަށް އެ ދަނީ. ނޮވެންބަރުގައި ޖެހޭނެޔޭ، ބޮޑެތި މަޝްރޫޢުތައް ފަށްޓަން. އެހެންވީމާ، އަޅުގަނޑުމެން ރާވާފައި އޮތް ޕްލޭނާ އެއްގޮތަށް މިދަނީ.


އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންވީ ވަޢުދުތައްވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުއްދަން. އޭގެތެރެއިން މި އަހަރު ފުއްދަން ނިންމި ވަޢުދުތައް، މި އަހަރު ފުއްދުމުގެ މަސައްކަތް، އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނަން.


މިނިސްޓަރުންގެ މަސައްކަތް ރަނގަޅު. އަޅުގަނޑު ހިތްހަމަޖެހޭވަރަށް މިނިސްޓަރުން މަސައްކަތް އެބަ ކުރައްވާ.


މޫސާ ރަޝީދު - އަވަސް ނޫސް:


ހަމަ ކުއްލިއަކަށް ޝަރީޢަތުގައި ވަރަށް ބައިވަރު ކޭސްތަކެއް ހިންގައި، މިނިވަންވެގެން ދިޔަތަން. ނޫނީ ވަރަށް ބައިވަރު މައްސަލަތަކެއް ބާޠިލުވެގެންދިޔަތަން. އަދި މިހާރު ސަރުކާރުންވެސް ހުއްދަދީގެން ވަނީ ބޭސްފަރުވާއަށް ފުރާފައި. އަޅުގަނޑުގެ ސުވާލަކީ މިހާރު އަދީބަށް ވަރަށް ބައިވަރު ކަންކަން އެބަ ތުހުމަތު ކުރެވޭ. އަދި އަދީބާ ގުޅިގެން ވަރަށް ގިނަ ކޮމިޝަންތަކުން، މަރުގެ ކޮމިޝަނާއި، އެފަދަ ކޮމިޝަންތަކުން އެބަހުރި ހާޒިރުކޮށް ސުވާލުވެސް ކޮށްފައި. ސަރުކާރާއި އަދީބާ ނުވަތަ އެއްވެސްކަހަލަ މަޝްވަރާއެއް ނުވަތަ އެއްބަސްވުމެއް، އެކަހަލަ ގޮތަކަށް އެއްވެސްވަރެއްގެ، ދެން އަނެއްހެން ޢާންމު ބަހުން ބުނާނަމަ، އެއްވެސްވަރެއްގެ ޑީލެއް ހެދިފައިވޭތޯ، މިހާރު ހުރި ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެއްބާރުލުމެއް ދޭން. އަޅުގަނޑު މިހެން މި ދެންނެވީ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ފަނޑިޔާރު ޑީޑީ.ގެ މައްސަލައިގައިވެސް، ސަސްޕެކްޓް 1ގެ ނަމުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ހަމަ ފުދޭވަރަކަށް ކަންކަން ހާމަކޮށްފައި ހުރިތަން. ސަރުކާރާއި އަދީބާ އެއްވެސްކަހަލަ އަން އޮފިޝަލް ނުވަތަ އެކަހަލަ ގޮތަކަށް ވާހަކަ ދެކެވިފައި، ކަންކަން ހާމަކުރަން، ނުވަތަ އެއްބާރުލުމެއް ދޭން އެބައޮތްތޯ މަޝްވަރާކޮށްފައި؟


ދެވަނަ ކަމަކީ ޖަލުގެ ކަންތައް. އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، މި ފަހަކަށްއައިސް ވަރަށްބޮޑު ކަންތައްގަނޑެއް ހިންގައިގެން އުޅުނު ތަން. ޖަލުގެ ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން އަންނަނީ ކޮން މަސައްކަތެއްތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. މި ސަރުކާރަކުން އަދީބް މިނިވަނެއް ނުކުރޭ އިނގޭތޯ. އަދީބުގެ މައްޗަށް ކުށެއް ސާބިތުވިޔަސް، ސާބިތުނުވެ ދޫކޮށްލިޔަސް، ގޮސްފައި އޮތީ ކޯޓުތަކުގެ ތެރެއިން. ޝަރުޢީ ދާއިރާގެ ކަންތައްތައް ހުރިގޮތް، ތިޔަބޭފުޅުން ދެންމެ ތިޔަ ހާމަކުރެއްވީ.


އެހެންވީމާ، އެއީކީއެއް ސަރުކާރުން އޭގެތެރެއަށް ވަދެގެން ކުރި ކަމެއްނޫން. ސަރުކާރުން ކޮށްދިން ކަމަކީ، ބޭސްފަރުވާގެ ވަސީލަތްތައް ޤާއިމުކޮށްދިނުމަށްޓަކައި، އެކަން ކޮށްދިނުމަށްޓަކައި އަޅުގަނޑުމެންނަށް ލާޒިމުކުރާ ކަންތައްތަކެއް ކުރީ. ޑޮކްޓަރުންގެ ލަފަޔާ އެކީގައި އަޅުގަނޑުމެން އަދީބް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވީ. އަޅުގަނޑުމެން ޔަޤީންކުރީމު، އަދީބުވެސް ފިލައިގެން، ނޫނީވިއްޔާ އެނބުރި ނައިސް ނުހުންނާނެ ގޮތަކަށް އެކަން ކުރުމަށް. އިރާދަކުރެއްވިއްޔާ، އަދީބް ބޭސްފަރުވާގެ ކަންތައް ނިންމާފައި، މާދަމާ ޕޫނާއިން އެބަ ފުރާ. އޭގެ އެއްދުވަސް ފަހުން އިރާދަކުރެއްވިއްޔާ، އަދީބުވެސް ހުންނާނީ މިތަނުގައި. އަދީބާ ދޭތެރޭގައި ކުރެވިފައި ހުރި ތުހުމަތުތަކާ ދޭތެރޭގައި ތަޙުޤީޤު ކުރެވޭނެ އިނގޭތޯ. އަދި އެއީ ޝަރީޢަތަށް ފޮނުވަންޖެހޭ ކަމެއް ވެއްޖިއްޔާ، ޝަރީޢަތަށްވެސް ފޮނުވާނެ.


އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލައަކީ، ވަރަށްބޮޑު މައްސަލައެއް. ވަރަށް ވަރަށް ބޮޑު މައްސަލައެއް. އެކަމުގެ ތަޙުޤީޤުތަކުގައި، އެކަމުގައި އޭރު ޝައްކުކުރެވޭ ފަރާތްތަކުގެ އެއްބާރުލުން އެބަ ލިބޭ އަޅުގަނޑުމެންނަށް މިހާރު. ވަރަށްގިނަ މަޢުލޫމާތުތަކެއް، އެކި ފަރާތްތަކާބެހޭ މަޢުލޫމާތު އެބަހުރި ލިބިފައި. އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާ ދިޔަ ތަންތަނާއި، ވަން އެކައުންޓްތަކާއި، މީހުންނާބެހޭ މަޢުލޫމާތު އެބަހުރި. އެއީ ޞައްޙަ މަޢުލޫމާތުތޯ، ތެދުތޯ ބަލާނީ ތަޙުޤީޤުގެ މަރުޙަލާގައި. އެހެންވީމާ، އެމް.އެމް.ޕީ.އާރު.ސީ.ގެ އެ ތަޙުޤީޤު މަރުޙަލާ، މިހާރު ވަރަށް ބާރަށް ކުރިއަށް އެބަ ގެންދޭ.


ޖަލުގެ ޙާލަތު ބެލުމަށްޓަކައި ކޮމިޓީއެއް ނަގައި، އެ ކޮމިޓީން އެބަހުރި އަޅުގަނޑުމެންނަށް، އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއްގެ ވާހަކަ ކިޔައިދީފައި. އެއާ އެއްގޮތަށް އަޅުގަނޑުމެން މިގެންދަނީ އެ މަސައްކަތް ކުރަމުން.


ފަޒީނާ އަޙްމަދު - މިހާރު ނޫސް:


ރައީސް، ގުޅީފަޅުގެ ފްލެޓްތަކުގެ ވާހަކަ ދެއްކެވީމާ، އަޅުގަނޑުމެންނަށް ސުވާލު އެބަ އާދޭ އަހައިދިނުމަށް، ސީ ލައިފް މައްސަލައިގައި 200 މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ. ދެން ޓާޓާ ފްލެޓްތައް، ކޮމާޝަލް ރޭޓުގައި ގަތް މީހުންނަށްވެސް، ރައީސް ވަޢުދުތަކެއް ވެވަޑައިގެންފައި ވަނީ. އެހެންވީމާ، އެމީހުންނަށް ކިހާތަނެއްގައި ޙައްލު ލިބިދާނެތޯ، އެއީ ރައީސަށް އަމާޒުކޮށް އަޅުގަނޑުމެންނަށް ފޮނުވާފައި އޮތް ސުވާލެއް.


ދެން އަޅުގަނޑު ކުރިން ކުރި ސުވާލު. އެއަރޕޯޓް، ސީ ޕްލޭން މަޝްރޫޢުގައި، މިހާރު ތަރައްޤީ ކުރަމުން އަންނަ ސީ ޕްލޭން ޓަރމިނަލް ދިނުމުގެ އެއްވެސް ވިސްނުމެއް އެބައޮތްތޯ. އަޅުގަނޑު ހަމަ ޔަޤީންކޮށްލަން ބޭނުންވަނީ އެފަދަ ކަމެއް ނެތްކަން އިނގޭތޯ. ދެން އެއާއެކު އެނގިވަޑައިގަންނަވާނެ، ރައީސް ދެންމެ ތަފްޞީލު ދެއްވައިފި، ފްލެޓްތަކުގެ ވާހަކަ. މި ސަރުކާރުގެ ވިސްނުން ވަރަށް ރަނގަޅު. އެކަމަކު ކަންބޮޑުވުމެއް މިއީ، އިންޞާފުން ބޭރުން ފްލެޓްތައް ލިބުނު މީހުންނަށް، މި އިންޞާފު ނުލިބި އެބަ ލަސްތަކެއްވެޔޭ. އެހެންވީމާ، ކޮބައިތޯ، އެ ކޮމިޓީގެ މަސައްކަތްތައް ކިހާތާކު ނިމި، އިންޞާފު ލިބިދާނެތޯ. ދެން ކޮރަޕްޝަން ކޮމިޝަނެއްވެސް ރައީސް އެކުލަވައިލާފައި އޮތްއިރުގައި، އެ ކޮމިޝަންގެ މަސައްކަތުގެ ސްޕީޑާ ދޭތެރޭގައި ހިތްހަމަޖެހިވަޑައިގަންނަވާތޯ؟ އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ނަސަންދުރަ މައްސަލައިގައިވެސް، އެއީ ދައުލަތަށް 86 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައި އޮތް މައްސަލައަކަށްވާއިރުގައި، ޓޫރިޒަމް މިނިސްޓްރީންވެސް އެއޮތީ ނިންމާފައި، ރައީސް އޮފީހަށް ފޮނުވާފައި، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން. ގޮތެއް ނުނިމި ލަސްވަނީ ކީއްވެގެންތޯ އަހާލަން އަޅުގަނޑު ބޭނުންވޭ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


ފުރަތަމަ ކަމަކަށް، ސީ ލައިފް. ސީ ލައިފްގެ މައްސަލައިގައި، ތިޔަ ވިދާޅުވާހެން އެޑްވާންސަށް ބަޔަކު ފައިސާ ދައްކާފައި އެބަހުރި. ދެން އެ މައްސަލައިގައި ދެފަރާތުން އެބައުޅޭ ޝަރީޢަތުގައި. ސީ ލައިފުން އެބައުޅޭ ކޯޓުގައި، އެމީހުންނަށް ލިބެންޖެހޭ ޙައްޤުތަކަކާއި، އެގްރީމަންޓާ އެއްގޮތަށް އެޗް.ޑީ.ސީ. އިން މަސައްކަތް ނުކޮށްގެން، ޝަރީޢަތުގައި އެބައުޅޭ މައްސަލަ. ހަމައެގޮތަށް، ފްލެޓް ގަންނަން ސީ ލައިފަށް އެޑްވާންސަށް ފައިސާ ދައްކާފައި ހުރި ފަރާތުންވެސް ކޯޓުގައި މައްސަލަތަކެއް އެބަ ގެންދޭ. އެކަމާ ގުޅިގެން ސީ ލައިފާވެސް އަޅުގަނޑުމެން ނުރަސްމީކޮށް ވާހަކަ ދައްކަމުން އެބަ ގެންދަން. ނުރަސްމީކޮށެއް ނޫން. ހަމަ މިކަމުގައި ޙައްލެއް ހޯދުމަށްޓަކައި. ހުށަހަޅާފައި އޮތް ހުށަހެޅުމެއްވެސް އެބައޮތް. އެޗް.ޑީ.ސީ.އާ އެކީގައި އިރާދަކުރެއްވިއްޔާ، އާދީއްތަ ދުވަހު އަޅުގަނޑުމެން އިށީންނާނީ.


އޭގައި ހުށަހަޅާފައި އޮތް އެއްގޮތަކީ، ސީ ލައިފުން އެބަ ހުށަހަޅާ. އެޑްވާންސަށް ސީ ލައިފުން އެޗް.ޑީ.ސީ އަށް ދީފައި ހުންނާނޭ، އެތައް މިލިއަން ޑޮލަރެއް އެބަހުރި، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި. އެ ފައިސާ ސީ ލައިފަށް ފްލެޓް ގަތުމަށް ދިން ފަރާތަށް އެ ފައިސާ ދީފައި، މިކަން ނިންމާފައި، އަލުން ޕްރޮޖެކްޓް ކުރިއަށް ގެންދަން ތިމަންނާމެންނަށް ފުރްޞަތު ދޭށޭ. އެއީ ސީ ލައިފްގެ ހުށަހެޅުމެއް. އެޗް.ޑީ.ސީ.އާ އެކީގައި އަޅުގަނޑުމެން މަޝްވަރާކުރާނަން، އެއީ އެކަން ކުރެވިދާނެ ކަމެއްތޯ. އެހެން ވެއްޖިއްޔާ މިހާރު ފްލެޓް ގަންނަން ސީ ލައިފަށް އެޑްވާންސަށް ލާރި ދެއްކި ފަރާތަށް، އެޗް.ޑީ.ސީ މެދުވެރިކޮށް އެކަން ކުރެވިދާނެ. އެއީ ޤާނޫނީގޮތުން އެޗް.ޑީ.ސީ އަށް ކުރެވޭނެ ކަމެއްތޯ، ނޫންތޯ މިހާރު ބަލަމުން މިގެންދަނީ. އެހެންވީމާ، އޭގެ ޙައްލެއް ހޯދުމަށްޓަކައި މި ފެށޭ ހަފްތާގެ ތެރޭގައި، އަޅުގަނޑުމެން އިށީންނާނަން.


ރޭގައި އޮތް އަޅުގަނޑަށް މެސެޖެއް، އެތަނުގެ ބޯޑުގެ ބޭފުޅުން، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރަން، ތިމަންނާމެން ބައްދަލުކުރަން ބޭނުމޭ ކިޔާފައި. އެހެންވީމާ، އެ ބައްދަލުވުން ކުރިއަށް ގެންގޮސް، އޭގައި އަޅުގަނޑުމެން ގޮތެއް ހޯދަންވެފައި އޮތީ.


ޓާޓާ ފްލެޓްގައި އެބައުޅޭ މައްސަލަ. އޭގައި އަދި އަޅުގަނޑުމެންނަކަށް ގޮތެއް ނުނިންމޭ އިނގޭތޯ. އެކަމަކު އެވެސް އަވަސްކުރާނަން އަޅުގަނޑު. އޭގެ ޙައްލެއް ހޯދޭތޯ ބަލާނަން. ހަމަ ޔަޤީނުންވެސް އޭރު އެމް.ޑީ.ޕީ ސަރުކާރުން ދޭން ނިންމާފައި އޮތް އަގެއްގައެއް ނޫން ފަހުން ދީފައި އޮތީކީ. އަގުބޮޑުކޮށް ދީފައި އޮތީ. އެހެންވީމާ، އިންޞާފު ލިބެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.


ފްލެޓް ކޮމިޓީގެ ރިޕޯޓް. އެއީ 20,000 އެތައް ބަޔަކު އެދިފައި އޮތް އެދުމެއް. އެ ރިޕޯޓް އަޅުގަނޑަކަށް އަދިއެއް ނުލިބޭ. އެކަމަކު ޔަޤީން ކުރައްވަންވީ ކަމަކީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ފަސް އަހަރު ދުވަހުގެ ތެރޭގައި، ފްލެޓް ބޭނުންވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން އެކަން ކޮށްދޭނަން އިނގޭތޯ.


ނަސަންދުރާގެ ރިޕޯޓެއް ނުލިބޭ އަދި އަޅުގަނޑަކަށް. ރައީސް އޮފީހަކަށް. އަޅުގަނޑު ޗެކް ކޮށްލާނަން. އަޅުގަނޑު އަތަކު ނެތް އަދި މިތަނަށް އައިސްފައެއް.


ޢަބްދުﷲ މުޢާޒް - ޕީ.އެސް.އެމް:


ދެން އަޅުގަނޑު ވަރަށް ކުޑަކުޑަ ދެ ސުވާލު އިނގޭތޯ. އަޅުގަނޑުގެ އެއް ސުވާލަކީ، ކޮރަޕްޝަން ކޮމިޓީގެ ވާހަކަ ފަޒީނާ ފާހަގަވެސް ކުރައްވައިފި. މަނިކުފާނު ހަނދުމަފުޅުނެތުނީ ކަމަށް އަޅުގަނޑަށް ހީވަނީ.


އެސެޓް ރިކަވަރީ ކޮމިޓީގެ މަސައްކަތް މިހާތަނަށް އައިއިރުގައިވެސް އެއްވެސްވަރަކަށް ހާމަކޮށްފައެއްނުވޭ. އެ ކޮމިޓީއަށް އެއްވެސް ފައިންޑިންގްސްއެއް ފެނިފައި އެބައޮތްތޯ؟ ނުވަތަ އެއްވެސް ނިންމުމެއް މިހާތަނަށް މަނިކުފާނާ ހަމަޔަށް ގެންނަވާފައި އެބައޮތްތޯ؟ އޭގެ ތަފްޞީލެއް ލިބިގެން ގޮސްފާނެތޯ؟


އަޅުގަނޑުގެ ދެވަނަ ސުވާލަކީ ސްޓިކާރ ޖަހާ މައްސަލަ އިނގޭތޯ. މަނިކުފާނު ވިދާޅުވެފައިވަނީ، ޕާކް ކުރާނެ ތަން ނުދައްކައި ސްޓިކާރ ނުޖަހާނެ ކަމަށް. އެހެންނަމަވެސް، މިހާރު ހަފްތާއަކު އެތައް ވެހިކަލެއްގައި ސްޓިކާރ ޖަހާ. ދައުލަތަށް ވަރަށްބޮޑު އާމްދަނީއެއްވެސް އަޅުގަނޑު ހިތުން ލިބެމުން އެބަދޭކަންނޭނގެ. މިކަމުގައި މިހާރު ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯއޭ، އެކަން ޙައްލު ކުރުމަށްޓަކައި ކުރައްވާ މަސައްކަތުގައި.


ދެން މިހާރު ވަރަށް ބޮޑަށް ރައްޔިތުންނާ ވަރަށް ގުޅުންހުރި ކަމެއްކަންނޭނގެ، ޙައްޖަށް ދިޔުމުގެ ކަންތައްތަކުގައި ސަރުކާރުން ވަރަށްބޮޑު ލުއިފަސޭހަ ގޮތެއްކަންނޭނގެ މިހާރު ފަހިކޮށްދީފައި މިވަނީ. ޕެންޝަން ފަންޑުން ޙައްޖަށް ދިޔުމަށްޓަކައި. އަނެއްކާވެސް 80 ޕަސެންޓަށް ބަދަލުކުރުމަށްޓަކައި. އެހެންނަމަވެސް، ޕެންޝަން އޮފީހުން މިހާރު ހާމަކޮށްފައިވާ ގޮތުންނަމަ، އެ ކެޓަގަރީއަށް ފެތޭ ގާތްގަނޑަކަށް ހަހާހެއްހާ މީހުން ކަންނޭނގެ. އެއީ ތިންލައްކައެއްހާ ރުފިޔާ ފަންޑުގައި، ޕެންޝަން ސޭވިންގ ފަންޑުގައި ހުންނަން އެބަޖެހޭ. ރައްޔިތުންނަށް މިހާބޮޑު ފަސޭހައެއް ކޮށްދިނުމުގެ މަޤްޞަދުގައި މި ވަޢުދު މަނިކުފާނު ފުއްދަވަން ތިޔަ ނުކުމެވަޑައިގެން ހުންނެވިއިރުގައި، އަޅުގަނޑު ހިތުން އެ ޢަދަދަށް ފައިސާ ހުރީ ވަރަށްމަދު އެކައުންޓްތަކެއްގައި ކަންނޭނގެ. ވަރަށް ދުވަސް ވަންދެން ދައުލަތުގައި ވަޒީފާގައި ތިބި ފަރާތްތަކަށް. މީގައި އިތުރު ލުއި ގޮތްތަކެއް ގެނެސްދިނުމުގައި، ވިސްނުންފުޅުގައި ކިހިނެއްތޯއޭ ހުރީ. އެއީ އަޅުގަނޑުގެ ސުވާލަކީ. ޝުކުރިއްޔާ ވަރަށް ބޮޑަށް.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އެސެޓް ރިކަވަރީ ކޮމިޓީއާއި، މަރުތައް ބަލާ ކޮމިޓީ. ދެ ކޮމިޝަން އެބައޮތް އަޅުގަނޑު އުފައްދާފައި އިނގޭތޯ. އެ ދެ ކޮމިޝަނުގެވެސް މަސައްކަތްތަކެއް އަޅުގަނޑާ ޙިއްޞާކޮށްފައި އެބަހުރި. ޚާއްޞަކޮށް، މަރުތައް ބަލާ ކޮމިޓީގެ ވަރަށް ރަނގަޅު ދިރާސާ ރިޕޯޓެއް އެބައޮތް އަޅުގަނޑާ ހިސާބަށް ގެނެސްފައި. މިހާހިސާބަށް ކޮށްފައި އެބައޮތް، ޑޮކްޓަރ އަފްރާޝީމުގެ މަރުގެ މައްސަލައިގެ ވަރަށް ތަފްޞީލު. ހަމައެއާއެކީގައި، ރިޟްވާނުގެ މައްސަލައިގެ.


ދެން އެސެޓް ރިކަވަރީ ކޮމިޓީގެ. މި ދެ ކޮމިޓީގެވެސް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް، ވަރަށްބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި އިނގޭތޯ. އެއީ ޤާނޫނީގޮތުން ލިބެންޖެހޭ ބާރުތައް ނުލިބުމުގެ ސަބަބުން. އެހެންނަމަވެސް، އެ ދަތިތަކާ އެކީގައިވެސް އެސެޓް ރިކަވަރީ ކޮމިޓީންވެސް، ޚާއްޞަކޮށް، އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލައާ ބެހޭގޮތުން ވަރަށް ރަނގަޅު ދިރާސާއެއް ކޮށް، އަޅުގަނޑުމެންނާ އެބައޮތް ޙިއްޞާކޮށްފައި. ދެން އޭގެ މަޢުލޫމާތުތައް ޙިއްޞާނުކޮށް އެ މަޑުކުރައްވަނީ، އަދިވެސް އިތުރަށް ބޭނުންވާ ދިރާސާތަކެއް ކުރަންޖެހޭތީ. އެނގިވަޑައިގަންނަވާނެ، އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ، ޕޮލިހުންވެސް އެބަ ދިރާސާކުރޭ. އޭ.ސީ.ސީ. އިން އެބަ ކުރޭ. އަޅުގަނޑުމެން އޭރު އިތުރު ކޮމިޝަނެއް އުފައްދަން ޖެހުނީ، ބައެއް ފަރާތްތަކަށް ކުރެވޭ އިތުބާރު ކުޑަކަމުން. އެއްގޮތަކަށް ނުކުރެވޭ ފަރާތްތައްވެސް ހުރީމަޔާ އެކީގައި. އެހެންނަމަވެސް، މިހާރު ވަރަށް ރަނގަޅު މަސައްކަތްތަކެއް ހުރިހާ ދިމާއަކުންވެސް ކުރަމުންދާކަން އަޅުގަނޑަށް ގަބޫލުކުރެވޭ. އަދި މި ދެންނެވިހެން މިކަމުގައި މި އައި ޑިވެލޮޕްމަންޓާ އެކީގައި އެކަމުގައި ޝާމިލުވާ އިތުރު ފަރާތްތަކެއްގެ ވަރަށްގިނަ މަޢުލޫމާތުތަކެއް އަޅުގަނޑުމެންނަށް މިހާރު އަދީބުގެ ފަރާތުންވެސް، އަދިވެސް އޭގައި ހިމެނޭ އެތައް ބައެއްގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައި ހުރީމާ، އޭގެ އަލީގައި ފުރިހަމަ ރިޕޯޓެއް ހެދޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދި އަލުން އޭ.ސީ.ސީ އެކުލަވައިލުމާ އެކީގައި، އޭ.ސީ.ސީ.ގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރެވިގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އޭގެތެރެއިން ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް ނެރެވޭނެ.


ޕާކްކުރާ ތަންތަން. ކޮންމެވެސްވަރަކަށް ޕާކިންގ ސްޕޭސް އަޅުގަނޑުމެންނަށް މާލޭގައި ދެވިއްޖެ. އަޅުގަނޑަކަށް ކުއްލިއަކަށް ޢަދަދެއް ދަންނަވާކަށް ނޭނގެ. އެކަމަކު ގިނަ ތަންތަނަށް ދެވިއްޖެ. އެހެންނަމަވެސް، އަދިވެސް މާލޭގައި ޕާކްކުރުމަށް ދަތިތަކެއް އެބަހުރި. އެހެންވީމާ، ސްޓިކާރ ތިޔަޖަހާ މައްސަލަ އަޅުގަނޑު ސީރިއަސްކޮށް ބަލާނަން އިނގޭތޯ. ބަލާފައި، އަނެއްކާވެސް ޓްރާންސްޕޯޓް މިނިސްޓްރީއާ އެކީގައި ވާހަކަ ދައްކައި، ރައްޔިތުންނަށް އޭގައި އުނދަގުލެއްވާ ކަމަށްވަންޏާ، އޭގައި ލުއިގޮތެއް ހޯދައިދޭން އަޅުގަނޑު މަސައްކަތް ކުރާނަން.


ޕެންޝަން ފަންޑަކީ ޕެންޝަން އޮފީހުން ވަރަށް ބޮޑަށް ބަލަހައްޓާ އެއްޗެއް. އެއީ ފަހަށް ރައްކާކުރެވިފައި ހުރި ފައިސާއަކަށްވާތީ، އެބޭފުޅުންނާ ވަރަށް އުނދަގުލުން އަޅުގަނޑުމެން މި މަޝްވަރާކޮށްގެން ގޮތެއް ހޯދަން މި ޖެހެނީ. އެއީ އެއްގޮތެއްގައި ހަމަ ޕެންޝަން އޮފީހުން ކުރައްވާ ވަރަށް ރަނގަޅު ކަމެއް. އެއީ ޢުމުރުގެ ފަހުކޮޅުގައި ބޭނުންކުރާނެ ފައިސާ މިހާރު ރައްކާކުރެވިފައި ހުރުމަކީ، ހަމަ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންނަމަވެސް، ޙައްޖަށް ދިޔުމަށްޓަކައި މިހާރުވެސް މި ހޯދައިދިން ލުޔާއެކީގައި އަދިވެސް އިތުރު ލުއިތައް ހޯދައިދެވޭތޯ އަޅުގަނޑުމެން ޕެންޝަން އޮފީހާ އެކީގައި މަސައްކަތް ކުރާނަން. އަޅުގަނޑުމެންނަކީ ބަޔަކަށް މަޖުބޫރުކޮށްގެން ގަދަކަމުން ކަމެއް ކުރަން އުޅޭ ބައެއް ނޫން އިނގޭތޯ.


އެހެންވީމާ، ޕެންޝަން އޮފީހަށްވެސް ލިބިދީފައި އެއޮތް ޤާނޫނުގެ ތެރެއިން، އެބޭފުޅުން ހިފަހައްޓަވަންޖެހޭ އެއްޗެއް އެ ހިފަހައްޓަވަނީ. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން އައި ބަޔަކަށްވާތީ، އޭގެ ލުއި ގޮތްތައް ހޯދައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްތައް ކުރަމުން މިދަނީ އިނގޭތޯ.

 

ނަޒާޙަތު - ސަންގު ޓީ.ވީ:


އިންޞާފު ހޯދައިދިނުމުގެ ވާހަކަ. ދެން އިންތިޚާބުގެ ތެރޭގައިވެސް މަނިކުފާނު ގެންނެވުމަށްޓަކައި، މަނިކުފާނަށް ތާއީދު ކުރެއްވި ވަރަށް ބައިވަރު ވިޔަފާރިވެރިންވެސް އެބަ ތިއްބެވި. މީގެތެރޭގައި، ވެސްޓް ޕާކްވެސް ހިމެނޭގޮތަށް، ވަރަށް ބައިވަރު މައްސަލަތައް އެބަހުރި ކޯޓު މަރުޙަލާގައިވެސް. ދެން ހަމަ އެއާއެކުގައި ފާހަގަކޮށްލާނަން، ދީބާޖާ މައްސަލައިގައިވެސް. މަނިކުފާނުގެ ވާހަކައިގައިވެސް ފާހަގަކުރައްވައިފި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑު ޢަދަދެއް ދައްކަންޖެހޭ ވާހަކަ. 348 މިލިއަން ދެއްކުމަށް ސުޕްރީމް ކޯޓުން މިވަނީ އަމުރުކޮށްފައި. އެ ޙުކުމް ތަންފީޒު ކުރައްވާނަންތޯ؟ ދެން ހަމަ އެއާއެކުގައި، މިފަދަ މައްސަލަތަކުގައި، ވިޔަފާރިވެރިންނަށް ގެއްލުން މި ލިބޭފަދަ މައްސަލަތަކުގައި، ކޮބައިތޯ މަނިކުފާނު ގެންގުޅުއްވާ އުޞޫލަކީ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އާދެ، މިހާތަނަށް ބޮޑެތި ޢަދަދުތަކަކުން މިހުރީ:


1. އެއީ ދީބާޖާ އެބައުޅޭ. ނެކްސްބިޒް މައްސަލަ ނިމިފައި އޮތީ. އެއީ 17 މިލިއަން ޑޮލަރެއް، ނިއުޔޯރކްގެ އަރބިޓްރޭޝަނުން ނިންމައިގެން، އަޅުގަނޑުމެން އެ ނުދީފީވިއްޔާ، އަޅުގަނޑުމެންގެ ޓްރާންސެކްޝަންތައް، ބޭންކިންގ ޓްރާންސެކްޝަންތައް، ބޭރަށް ކުރާ މުޢާމަލާތްތައް ނިއުޔޯރކުން ހުއްޓާލާނެ ކަމަށް ބުނެގެން، އަޅުގަނޑުމެން އެ 17 މިލިއަން ޑޮލަރު ދައްކަންޖެހުނީ.


އޭގެއިތުރުން، ޓާޓާ ފްލެޓްގެ، ޓާޓާ މީހުންގެ މައްސަލައެއް އެބައުޅޭ އަރބިޓްރޭޝަންގައި. އެމީހުން 32 މިލިއަން ޑޮލަރަށް، ބޮމްބޭގެ އަރބިޓްރޭޝަންގައި މައްސަލަ ލައިގެން އެބައުޅޭ. ނޫމަޑި މީހުން އެބައުޅޭ، ސިންގަޕޯރ އަރބިޓްރޭޝަންގައި. ދީބާޖާ، ކޯޓުން އެ ނިންމީ. އޭގެއިތުރުން، ޑަބްލިޔޫ.އެލް.ޓީ ކިޔާ ބައެއް. އެއީ ކުރީގެ ސަރުކާރުން، މާކުރީގައި ހިނގާފައި އޮތް ކަމެއް. އެއީ ވިލާ ގްރޫޕްގެ ކުންފުންޏެއް. 16 މިލިއަން ޑޮލަރެއް ސަރުކާރަށް ދައްކައިގެން، އޭގެ ބަދަލުގައި ޙުކުމްކޮށްފައި އެބައޮތް، 29 މިލިއަން ޑޮލަރު ދައްކަން. އަޅުގަނޑުމެން ވިލާ ގްރޫޕާ އެކީގައިވެސް މަޝްވަރާކޮށްފައި، ކޯޓުން ބޭރުން އޭގެ އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް ދިޔުމަށްޓަކައި މިހާރު އެ 16 މިލިއަންގެ ތެރެއިން ސަރުކާރުން ދައްކަންޖެހޭ 15 މިލިއަން ޑޮލަރު، ވިލާއިން ސަރުކާރަށް ދައްކަންޖެހޭ ޓެކްސްއާއި ރެންޓްތައް ކަނޑައި، ދޭންވާ 5.6 މިލިއަން ޑޮލަރު ދިނުމަށް އަޅުގަނޑު މިއަދު ނިންމައިފިން. ފިނޭންސުން އެކަން ކުރިއަށް ގެންދާނެ.


ދެންއޮތީ ދީބާޖާ މައްސަލަ. ދީބާޖާ މައްސަލައިގައިވެސް އެ ޢަދަދަކީ ބޮޑު ޢަދަދެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ، ވަކިން ދީބާޖާއާ އެކީގައި އޭ.ޖީ މިހާރު މަޝްވަރާ ކުރަމުން އެބަގެންދޭ، އޭގައި ރަނގަޅު ޙައްލެއް ހޯދަން. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، ޑަބްލިޔޫ.އެލް.ޓީ. އަށްވެސް ދައްކަން ކޯޓުން އެ ނިންމި 29 މިލިއަން ޑޮލަރަކީ، ބޮޑު ޢަދަދެއް ކަމަށް. ދީބާޖާއަށް ދައްކަން އެ ނިންމި ޢަދަދަކީވެސް ބޮޑު ޢަދަދެއް ކަމަށް. އަދި ނެކްސްބިޒަށްވެސް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ޖެހުނީ ވިޔަފާރިވެރިންގެ ޙައްޤުގައި، ރައްޔިތުންގެ ޙައްޤުގައި، އެކަން ސަރުކާރުން ކޮށްދޭން. އެހެންވީމާ، އެ 17 މިލިއަން ޑޮލަރުވެސް ދައްކައި ނިންމާފައި ވަނީ. ޓާޓާއަށްވެސް މިހާރު އަޅުގަނޑުމެންނަށް އެއީ 30، 32 އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް، އަރބިޓްރޭޝަނުން ބޭރުން، އެހެން ގޮތްތަކަކަށް ވާހަކަ ދައްކައި، މިހާރު ނިމުމަކަށް އާދެވިފައި ވަނީ.


މުޙައްމަދު ޝާން - ވީ. މީޑިއާ:


އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު މިއަދު ޕްރެސް ފެށްޓެވިއިރުވެސް، އެކި ދާއިރާތަކުގެ ވާހަކަ މިވަނީ ދައްކަވާފައި. ފަތުރުވެރިކަމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާއާ. އެހެންނަމަވެސް، އަޅުގަނޑު މި ސުވާލު ހިތުގައި އުފެދުނީ ކުޅިވަރުގެ ދާއިރާ ފާހަގަކޮށްލާފައި ނުވާތީވެ. ކުރިއަށް މިއޮތީ މިނިވަންދުވަސް. މިނިވަންދުވަހުގެ ޙަރަކާތްތައް ބޭއްވުމަށް ސަރުކާރުން ނިންމަމުން މިދަނީ ގަލޮޅު ރަސްމީ ދަނޑުގައި ކަމަށް އަޅުގަނޑަށް މިއޮތީ މިހާރު ކޮންމެވެސްވަރަކަށް އެ މަޢުލޫމާތު ލިބިފައި. ހަމައެއާއެކުގައި ދަނޑުގައި މި ކުޅިވަރުތައް ބާއްވާއިރުގައި، 2015 ވަނަ އަހަރުގައި، މިނިވަންދުވަހުގެ ޙަރަކާތްތައް، ކުރީ ސަރުކާރުން ބޭއްވުމާ ގުޅިގެން، ދަނޑުގެ ވިނަގަނޑު، ހަމަ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެ، ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް މިވަނީ ގެއްލުމެއް ލިބިފައި އެފަހަރު. ވަރަށްގިނަ މުބާރާތްތައް ކެންސަލް ކުރަން ޖެހިފައި. ބައިނަލްއަޤްވާމީ މުބާރާތްތައްވެސް ނުކުޅެވި މިދިޔައީ. ހަމައެއާއެކުގައި، މިފަހަރުގެ މި މިނިވަންދުވަހުގެ ޙަރަކާތްތައް ދަނޑުގައި ބާއްވާއިރުގައި، ގަލޮޅު ދަނޑުވެސް މިވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށްވަނީ. އެގޮތުން، ޕްލޭނިންގ މިނިސްޓްރީން، ޔޫތު މިނިސްޓްރީ އަށް މިހާރު އަންގާފައި އެބައޮތް، ދަނޑުގެ ސިޑިބަރި ބޭނުންނުކުރަން. ހަމައެކަނި މިހާރު ކުރިއަށްދާ ފުޓްބޯޅަ ލީގްގެ މެޗްތައް ކުރިއަށްދާއިރުވެސް ދަނޑުގެ ބޮޑު ސަރަޙައްދެއްގައި މީހުން ނުވައްދަން މިވަނީ ޕްލޭނިންގ މިނިސްޓްރީން، ޔޫތު މިނިސްޓްރީ އަށް އަންގާފައި. ޔޫތު މިނިސްޓްރީން ވަނީ ޤައުމީ ފުޓްބޯޅަ އިދާރާއަށްވެސް އަންގާފައި. މަނިކުފާނަކީވެސް ކުޅިވަރަށް ލޯބިކުރާ މީހެއްކަން އަޅުގަނޑަށް މިވަނީ ވަރަށް ބޮޑަށް ފާހަގަވެފައި. މިގޮތުން، ކްރިކެޓުން، ދާދިފަހުން އިންޑިއާގެ ކްރިކެޓް ޓީމުން، ކްރިކެޓް ބެޓެއްވެސް އަރުވާފައި ވަނީ. ކުޅިވަރަށް ލޯބިކުރާ ރައީސެއްގެ ޙައިޘިއްޔަތުން މަނިކުފާނުގެ ވިސްނުން މިވަގުތު މިކަމާ ދޭތެރޭގައި ހުރީ ކޮން ގޮތަކަށްތޯ ވިދާޅުވެދެއްވަފާނަންތޯ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


ތިޔަކަން އަޅުގަނޑުގެ ސަމާލުކަމަށް އަތުވެއްޖެ އިނގޭތޯ. 26ގެ ކުޅިވަރުތައް ބާއްވަން މިހާރު ނިންމާފައި އޮތީ ދަނޑުގައި. އެހެންނަމަވެސް، ތިޔަކަން އަޅުގަނޑު ހޯމް މިނިސްޓްރީގެ ސަމާލުކަމަށް ގެންނާނަން އިނގޭތޯ. ގެނެސް، އޭގައި ކޮބައިތޯ އެންމެ ރަނގަޅު ގޮތަކީ. ކުޅިވަރަށްދޭ އަހަންމިއްޔަތު އަޅުގަނޑުގެ ކުޑައެއްނޫން. އެނގިވަޑައިގަންނަވާނެ، ރޭގައި ވޮލީ ޓީމް އެ ފުރީ ސަރބިއާ އަށް، ޓްރޭނިންގ އަށް. އެއީ އަދި ފުރަތަމަފަހަރު، ރާއްޖޭގެ ނޭޝަނަލް ޓީމެއް ޔޫރަޕްގައި ޓްރޭނިންގ ހަދާ. އޭގެއިތުރުން، މި އަހަރުވެސް އަޅުގަނޑުމެން މިއޮތީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، އެކި ރަށްރަށުގައި ޖުމްލަ، ބޮޑެތި ޓަރފް ދަނޑުގެ 30 ދަނޑު އެޅުމަށް ނިންމާފައި. އަދި އޭގެއިތުރުން، ފުޓްސަލް ދަނޑުގެ 30 ދަނޑު އެބަ އަޅާ. އެއީ އަދި ފުޓްބޯޅައަށް އެކަނި އަޅުގަނޑުމެން ކުރާ މަސައްކަތް.


އޭގެއިތުރުން، މިހާރު މަސައްކަތް ކުރަމުން އެބަދޭ، އިންޑޯ ސްޓޭޑިއަމެއް، ވޮލީއާއި ބާސްކެޓާ އެއްޗެތި ކުޅެވޭ ތަނެއް ހެދުމާއި، ސްވިމިންގ ޕޫލަކާއި، އަދި އިތުރުން ކްރިކެޓް ސްޓޭޑިއަމަކާއި އަދި ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް، އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް. އިރާދަކުރެއްވިއްޔާ، އެކަން ފެނިގެންދާނެ. އަޅުގަނޑުމެން ކްރިކެޓް ސްޓޭޑިއަމް އަޅަން ނިންމިއިރުގައި، އަޅުގަނޑު ހިތަށްއެރި، ފުޓްބޯޅަ ސްޓޭޑިއަމެއްގެ ވިސްނުން ނުގެނެސް އެކަން އަޅުގަނޑު ނުކުރާނަމޭ. މިހާރު ބޭނުންކަމަށްވަންޏާވެސް ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތް ފެށެން އެބައޮތް. އެހެންނަމަވެސް، މަޑުކޮށްލައިގެން މިގެންދަނީ އެއާ އެކީގައި ނޫނީވިއްޔާ އަޅުގަނޑު ގެންދަން ބޭނުންނުވާތީ. އެހެން ކުޅިވަރުތަކަށް ކުޅޭނެ ފުރްޞަތު ހޯދައިދިނުމާ އެކީގައި، އެއާ އެކީގައި ދާންވެގެން ކުޑަކޮށް މަޑުޖެހިފައި މިއޮތީ.


ޙައްވާ މުޙައްމަދު - ރާއްޖެ ޓީ.ވީ:


އާދެ، އަޅުގަނޑުގެ ސުވާލަކީ މަނިކުފާނު ވިދާޅުވެފައިވޭ، ކޯލިޝަނަށް ޤާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް މަނިކުފާނު ކުރައްވާނެ ކަމަށް. އެ މަސައްކަތް އޮތީ ކިހާ ހިސާބަކުތޯ؟


ދެން އަނެއް ސުވާލަކީ، ހަމަ މިއީ އަޅުގަނޑަށް އައިސްފައި އޮތް ޝަކުވާތަކެއް. ރައީސް ޔާމީނުގެ ވެރިކަމުގައި ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް މަނިކުފާނު ވިދާޅުވެފައިވޭ، އެ ފަރާތްތަކުގެ ޙައްޤުތައް ހޯއްދަވައިދެއްވާނެ ކަމަށް. ނަމަވެސް، އެ ފަރާތްތަކުން ކުރަމުން އަންނަ ޝަކުވާއެއް، އަދިވެސް ނުލިބޭ ކަމަށް.


އަނެއް ސުވާލަކީ، މަނިކުފާނު ދާދިފަހުން ނިންމަވައިލެއްވި ދަތުރުފުޅާ ބެހޭގޮތުން. އަޅުގަނޑުމެންނަށް ފެނިގެންދިޔަ، މަނިކުފާނު ސިންގަޕޫރުގެ އޯކިޑް ގާޑްން އަށް ވަޑައިގެން، ބޮޓެނިކަލް އަށް ވަޑައިގެން، އޯކިޑްތަކަށް ނަން ދެއްވި ކަމަށް ޚަބަރުތަކެއް އަޑުއިވޭ. ކޮންމެވެސްވަރަކަށް ޙިއްޞާކޮށްލައްވަދެއްވަފާނަންތޯ، މަނިކުފާނު އެއްވެސް އޯކިޑަކަށް ނަމެއް ދެއްވިންތޯ؟ ދެއްވި ކަމުގައި ވެއްޖިއްޔާ އެއީ ކޮން ނަމެއްތޯ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


ޖުޑީޝަލް ރިފޯމްގެ ތެރެއިން ފަސް އަހަރުގެ ތެރޭގައި، 201 ޤާނޫނު އިޞްލާޙުކޮށް، އަލަށް އެބަ ތަޢާރުފް ކުރަންޖެހޭ. އޭގެތެރޭގައި، ކޯލިޝަނަށް ބާރު ލިބޭ ޤާނޫނު އަޅުގަނޑުމެން ހިމަނާނަން އިނގޭތޯ.


ދެވަނަ ކަމަކަށް އޯކިޑް ގާޑްން. އޯކިޑަށް ނަންކިޔަން ޖެހުނޭ އަޅުގަނޑުމެންނަށް އިނގޭތޯ. އެތަނަށް ސްޓޭޓް ވިޒިޓްގައިދާ ކޮންމެ މީހަކަށް، ވެރިންނަށް އެމީހުން ކޮށްދޭ ކަމެއް އެއީ. އެގޮތުން، އޯކިޑަކަށް ނަމެއްދީފިން. އަޅުގަނޑުމެން ކިޔަން ބޭނުންވި ނަމެއް ނޫން، ސިންގަޕޯރ ސަރުކާރުން ބަލައިގަތީކީ. އެމީހުން ކިޔަނީ އެތަނަށްދާ ދެ މީހުންގެ ނަމުން ކަމަށްވަނީ. އެހެންވީމާ، އެ އޯކިޑަށް ނަންކީ އަޅުގަނޑުމެން ދެމީހުންގެ ނަމުގައި. ހަމަ ވަރަށް ދިގުކޮށް ޖަހާލީ. އަޅުގަނޑުމެން ގެނައިން. އަޅުގަނޑުމެންނަށް އެ ހަދިޔާކުރި. އަޅުގަނޑު ހަވާލުކޮށްފިން، އެ އޯކިޑް ހައްދަން ޒާހިރު ޙުސައިނާ. އެހެންވީމާ، ޒާހިރު އެ ބައްލަވައިގެން، ޒާހިރުގެ އޯކިޑް ހައްދާ ތަނުން އެކަން ކުރިއަށް ގެންދާނެ. އިރާދަކުރެއްވިއްޔާ، ރާއްޖެއިން އެ ފެންނަވަރު ކުރެވޭތޯ މިއުޅެނީ. އޯކިޑުގެ ނަމަކީ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަޒްނާ އަޙްމަދު. އަޅުގަނޑުމެން ކިޔަން އުޅުނީ އަޅުގަނޑުމެންގެ ދަރިންގެ ނަމުގައި. އެހެންނަމަވެސް، އެހެންނުވީ.


ޙައްވާ މުޙައްމަދު - ރާއްޖެ ޓީ.ވީ:


ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރެއިން ވަޒީފާދިން މީހުންގެ ޢަދަދު.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އޭގެ ތަފްޞީލުތައް ހުންނާނެ އިނގޭތޯ. 800 ކޮންމެވެސްވަރެއް އަޅުގަނޑުމެންނަށްވީ. އޭގެތެރެއިން 301 އަޅުގަނޑުމެންނާ ހިސާބަށް އައީ އަނބުރާ ވަޒީފާދޭން.


އެހެންވީމާ، އެ ކަންތައްތައް އަޅުގަނޑުމެން ވާނީ ކުންފުނިތަކަށާއި މިނިސްޓްރީތަކަށް އަންގާފައި. އޭގެތެރެއިން ބައެއް މީހުންނަށް މިހާރު ވަޒީފާ އަނބުރާ ލިބިއްޖެ. އަނެއްކާވެސް އެ ކުންފުނިތަކުން އެބަ އާދޭ އިތުރު ޝަކުވާ. އައިސްގެން އިތުރަށް ބަލަންވެގެން ހުއްޓިފައި އޮތީ ވަޒީފާ ދިނުން. އެކަން ކުރިއަށް އެބަދޭ އިނގޭތޯ. އެހެންވީމާ، 301 މީހުންނަށް އެބަޖެހޭ ވަޒީފާ އަނބުރާ ދޭން.


ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަދިވެސް ވަރަށް އަވަހަށް އަޅުގަނޑު ބައްދަލުކުރާނަން.


__________________