ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޕްރިންސިޕްލުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، ސްކޫލުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ކަންތައްތައް އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން އެބޭފުޅުން ވަނީ އުގަންނައިދިނުމުގައި އިތުރަށް ބޭނުންވާ ވަޞީލަތްތައް ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖަޢާކޮށް އެކަށީގެންވާ ބަދަލެއް ގެނެސްދެއްވުމަށް ނައިބު ރައީސްގެ އަރިހުން އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ޕްރިންސިޕަލުން ވަނީ އެބޭފުޅުންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި، އިންޝުއަރެންސް ޕެކޭޖްތަކެއް ތަޢާރަފު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕްރިންސިޕަލުން އެދިވަޑައިގެންފައިވާ ކަންތައްތައް ވަރަށް ގާތުން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެކަންކަމަށް އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އެބޭފުޅުންނަށް ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޕްރިންސިޕަލުން އަދާކުރައްވާ މުހިންމު ޒިންމާގެ މައްޗަށް އަލިއަޅުއްވާލައްވައި އެބޭފުޅުންގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުދައްރިސުންނާއި، ދަރިވަރުންނާއި، އަދި ބެލެނިވެރިންނާ ޕްރިންސިޕްލުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އެބޭފުޅުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޕްރިންސިޕްލުންގެ އަރިހުން އެދިވަޑައިގެންފައެވެ.