ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކޮޅުމަޑުލު ވަންދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ކައުންސިލުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރަން ކުރަންހުރި ކަންކަމާއި، ރަށުގެ ގިރާ ސަރަހައްދު ޙިމާޔަތްކުރުމަށް ރިވެޓްމަންޓެއް ޖެހުމާއި، ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ބޭނުންވާ ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަންދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެންމެބޮޑަށް ބޭނުންވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކޫލާއި ބެލެނިވެރިންނާ އަދި ކައުންސިލު ގުޅިގެން ސްކޫލު ކުދިންގެ ކިބައިގައި ރިވެތި އަޚްލާޤު އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ ކުރައްވާފައެވެ.