بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަދު އައްޑުއަތޮޅު ގަން އިންޓަރނޭޝަނަލް އެއަރޕޯޓް، ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ރަސްމީގޮތުން ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާ، އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުންނަށާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް މުޙަންމަދު ސަޢީދަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި، ގަމުގެ ވައިގެ ބަނދަރުގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނަށާއި، އައްޑުއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު ޢަބްދުﷲ އަށާއި، އަތޮޅުއޮފީހުގެ ވެރިންނަށާއި، އަތޮޅުގެ ރަށްރަށުގެ ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށް ދަންނަވަން. އަދި މިއަދު އަޅުގަނޑު މިއަތޮޅަށް އައުމުން، މިއަތޮޅުގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑަށާއި ނަސްރީނާއަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، މިފުރުޞަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހި ޤައުމުގައި ހުޅުވޭ ދެވަނަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު. ފުރަތަމަ ވައިގެ ބަނދަރު ހުޅުވުނީ، މީގެ 27 އަހަރު ކުރިން. އާދެ! 1981 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު. އެދުވަހު ހުޅުލޭގައި ޤާއިމުކުރެވުނު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، އާދެ! މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުޅުވައިދިނުމުގެ އުފާވެސްވަނީ، މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑަށް ލިބިފައި.

ކަންދިމާވިގޮތުން އޭރު އެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ ވަރަށްގިނަ މަސައްކަތްތަކެއްގައި އަޅުގަނޑަށް އޮތީ އުޅެންޖެހިފައި. އާދެ! 1976 ވަނަ އަހަރުން ފެށިގެން އެ މަޝްރޫޢަށް ފައިސާ ހޯދުމުގެ ގޮތުން، އެކުވެރި ޤައުމުތަކަށް ޒިޔާރަތްކޮށް، އެކުވެރި ޤައުމުތަކުގެ އެހީވެދޭ އެކިއެކި ފަންޑުތަކާ އެކީގައި ސޮއިކުރުމުގެ ކަންތައް އަޅުގަނޑު ކުރީ، އޭރުގެ ސަރުކާރުން އަޅުގަނޑާ އެކަން ހަވާލުކުރައްވާފައި އޮތީމާ.

މިގޮތުން އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާގެ މިކަމަށް އެހީވެދޭ ފަންޑް، އާދެ! ސަޢޫދީ ފަންޑާ އެކީގައި އެގްރީމެންޓެއްގައި ސޮއިކުރިން. ހަމައެހެންމެ، ކުވޭތަށް ގޮސް، ކުވޭތުގެ އެހީވެދޭ ފަންޑާ އެކީގައިވެސް އެގްރީމެންޓެއްގައި ސޮއިކުރިން. އަބޫދަބީއަށް ގޮސް، އެމިރޭޓްސްގެ މިކަހަލަ ކަންކަމަށް އެހީވެދޭ ފަންޑާ އެކީގައި އެގްރީމެންޓެއްގައިވެސް ސޮއިކުރިން. އަދި ވިއެނާއަށް ގޮސް، އޯޕެކް ސްޕެޝަލް ފަންޑުގެ ބޭފުޅުންނާ އެކީގައިވެސް ސޮއިކުރިން.

އާދެ! އޭރު ކަންތައްތައް ހުރިގޮތުން، ދަތުރުކުރަނީ ވަފްދެއް ނޫން. މީގެ ގިނަ ދަތުރުތަކުގައި އަޅުގަނޑު ދިޔައީ އެކަނި. އޭރު ރާއްޖޭގެ ޙާލަތު އޮތްގޮތަކީ އެއީ. އެދުވަސްވަރު އެޤައުމުތަކަށް ޒިޔާރަތްކޮށް، އެޤައުމުތަކުގެ މިދެންނެވި ފަންޑުތަކާ އެކީގައި އެގްރީމެންޓްގައި ސޮއިކޮށް، އެފަންޑުތަކުން ލިބުނު ފައިސާގެ އެހީގައި، އޭރު މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ޤާއިމުކުރެވުނީ. އެ ޕްރޮޖެކްޓް ހިންގުނީ.

ކޮންސަލްޓަންޓުން އެ ޕްރޮޖެކްޓަށް ފުރަތަމަ ލަފާކޮށްފައި އޮތްވަރަކީ ކިހާވަރެއްކަން އެނގިވަޑައިގަންނަވާތޯ؟ މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް، ކޮންސަލްޓަންޓުން ލަފާކޮށްފައި އޮތީ ތިން މިލިއަން ޑޮލަރު. އެހެންނަމަވެސް، އަޅުގަނޑުމެން ޓެންޑަރަށް ހުޅުވާލައިގެން، އޭގެ މަދަނީ މަސައްކަތްތަކަށް، ސިވިލް ވާރކްސްއަށް އެކަނިވެސް އެންމެކުޑަ އަގަކަށް ހުށަހެޅިފައި އޮތީ 11 މިލިއަން ޑޮލަރު. އެއީ އިންޓަރނޭޝަނަލް އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިޔާ. އައި.އޭ.އޭ.އައި އިން ހުށަހެޅި ހުށަހެޅުން. އޭގެއިތުރުން، އެހެން ވަސީލަތްތަކަށް، އާދެ! ނެވިގޭޝަން އެއިޑްސް އާއި އަދި އިލެކްޓްރޯނިކް އިކްވިޕްމަންޓާ، މިކަންތައްތަކަށް އިތުރު ފައިސާ ޚަރަދުކުރަން ޖެހުނު.

އެހެންވީމާ، އެންމެ ތިން މިލިއަން ޑޮލަރު ކަމަށް ބަލައިގެން، ސަރުކާރުން އޭރު ފެށި މަސައްކަތް ނިމުނުއިރު އޮތީ އޭގެ ފަސްގުނައަށް އިތުރުވެފައި. ދެންމެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވީ، މި ވައިގެ ބަނދަރު ކުރިއަށް އޮތް ތަނަށް ތަރައްޤީ ކުރެއްވުމަށްވެސް 60 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެއޭ. މިހިރީ އަގުތަކަށާއި ކަންތައްތަކަށް އައި ބޮޑު ބަދަލު.

އާދެ! އައްޑުއަތޮޅު މިއަދު ދެކެމުންމިދާ ތަރައްޤީއާއި ކުރިއެރުމަށް، މި ވައިގެ ބަނދަރުގެ ސަބަބުން އިތުރު ހަލުވިކަމަކާއި ދިރުމެއް ލިބޭނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. އާދެ! ޙަޤީޤަތުގައި ރާއްޖޭގެ ވައިގެ ބަނދަރަކީ، ރާއްޖެ ދެކެމުންމިދާ ތަރައްޤީ ވަރަށް ރަނގަޅަށް އަންގައިދޭ މިންގަނޑެއް. އެހެން މި ދެންނެވީ، 1981 ވަނަ އަހަރު ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުޅުވުނުއިރު، އޭރު އެ ވައިގެ ބަނދަރު ފަރުމާ ކުރެވިފައި އޮތީ، 150 ފަސިންޖަރުން ދަތުރުކުރާ މަތިންދާބޯޓެއްގެ ކަންތައްތައް ބެލެހެއްޓުމަށް. އޭރުގެ ގޮތުންވިއްޔާ، ބޮއިންގ 707، އެ މަތިންދާބޯޓު އެއީ ރެފަރެންސް މަތިންދާބޯޓެއް ކަމަށް ބަލައިގެން، އެއަށް ޚިދްމަތް ދިނުމަށް، އެ އެއަރޕޯޓް ތައްޔާރުކުރީ. ގަޑިއަކު 150 މީހުންނަށް ޚިދްމަތްދޭ ގޮތަށް.

އެހެންނަމަވެސް، މިހާރު އޭގެ 27 އަހަރު ފަހުން ބައްލަވައިލައްވާ. މިހާރު މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ގަޑިއެއްގެ ތެރޭގައި 4000 މީހުންނަށް ޚިދްމަތްދެވޭ. އޭރު އަންނާނީ ހަފްތާއަކު އެއް ފްލައިޓް ނުވަތަ ދޭއް ނުވަތަ ތިނެއް. މިހާރު އެވްރެޖްކޮށް، ދުވާލަކު އިންޓަރނޭޝަނަލް 27 ފްލައިޓް ހުޅުލޭގައި ޖައްސާ. އެހެންވީމާ، މިއިންވެސް މި ދައްކައިދެނީ، މިދިޔަ 27 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެއަށް މި އައި ކުރިއެރުމާއި ތަރައްޤީ.

އާދެ! މިއަދު މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން މި ހުޅުވުނު އައްޑުއަތޮޅު ގަން ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، ވަރަށް މުހިންމު ވައިގެ ބަނދަރެއް. މިއީ، ރާއްޖޭގެ ދެކުނުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނަށާއި އަދި ދެކުނުގެ އަތޮޅުތަކުގެ ތަރައްޤީއަށް ހުޅުވައިލެވޭ ވަރަށްބޮޑު ދޮރަކަށް ވެގެންދާނެ އެއަރޕޯޓެއް. މި ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް އެންމެފަހުން މި ކުރެވުނު މަސައްކަތުގައިވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، 17.95 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވޭ. މި މަޝްރޫޢުގެ މަސައްކަތް ފެށުނީ، ދެންމެ މިނިސްޓަރ ވިދާޅުވިފަދައިން، 2003 ވަނަ އަހަރު. އާދެ! އެ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު، މި މަޝްރޫޢު އިފްތިތާޙުކޮށްދިނުމުގެ އުފާވެސް އަޅުގަނޑަށްވަނީ ލިބިފައި.

ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން މި ގެންދަނީ ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން. އަދި އައްޑުއަތޮޅަކީ، ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށްވާތީ، މި އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ދެމުން އަންނަ އަހަންމިއްޔަތު ވަރަށްބޮޑު. މި ވާހަކަ އަޅުގަނޑު މި ދަންނަވާލަނީ، ރާއްޖޭގެ އެހެން އަތޮޅުތަކަށް ބޭއިންޞާފު ބަހެއް ދެންނެވުމުގެ ގޮތަކުން ނޫން.

އާދެ! އަޅުގަނޑު ރާއްޖޭގެ ވެރިކަމާ ޙަވާލުވިއިރު، މި އަތޮޅަށް ދިމާވެފައިވާ މައްސަލަތަކާއި، އަތޮޅުގެ މީހުންގެ ދިރިއުޅުމުގެ ޙާލަތު އޭރު އޮތްގޮތުން، އަތޮޅަށް ޚާއްޞަ ސަމާލުކަމެއް ސަރުކާރުން ދޭން ޖެހިގެން، އެ ވާހަކަ ދަންނަވައިލުމުގެ ގޮތުން އަޅުގަނޑު މިހެން މި ދެންނެވީ.

މީގެތެރެއިން ތަންކޮޅެއް ޢުމުރުން ދުވަސްވީ ބޭފުޅުން ހަނދުމަފުޅު ހުންނާނޭ ފަދައިން، 1976 ވަނަ އަހަރާ ހަމައަށް، އައްޑުއަތޮޅުގެ ވަރަށްގިނަ މީހުންނަކީ، އެތާނގައި އޭރު ތިބި އިނގިރޭސިންގެ އާރު.އޭ.އެފް.ގެ ވަޒީފާތަކުގައި ތިބި މީހުން. އޭރު އައްޑުއަތޮޅު އޮތީ، ރާއްޖޭގެ އެހެން އަތޮޅުތަކާ ޚިލާފަށް، ވިޔަފާރީގެ ގޮތުންވެސް ކުރިއަރާފައި. އެހެންނަމަވެސް، 1976 ވަނަ އަހަރު އިނގިރޭސިން ގަމުން ފޭބުމާ ގުޅިގެން، އައްޑުއަތޮޅު ކުރިމަތިލާންޖެހުނީ ވަރަށްދަތި އުނދަގޫ ދުވަސްތަކަކާ. އެތައް ބަޔެއްގެ ވަޒީފާ ގެއްލިގެން ދިޔައީ. އާމްދަނީ ލިބޭނެ ގޮތެއް ނެތިގެންދިޔައީ. ކުރިން އަތޮޅުގައި ކުރަމުން އައި މަސްވެރިކަންވެސް ކުރެވޭނެ ގޮތެއް އޮތީ ނެތިފައި. ދޯނިފަހަރުވަނީ ބާވެ ހަލާކުވެފައި.

މިފަދަ ޙާލަތެއްގައި އައްޑުއަތޮޅު އޮތުމުގެ ސަބަބުން، އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން އެންމެބޮޑު ސަމާލުކަމެއް ދޭންޖެހުނީ، އައްޑުއަތޮޅުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ލިބިދެވޭނެ ގޮތްތައް ހޯދުމަށް. އޭރު ގަމުގެ ވައިގެ ބަނދަރުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. މިއީ، އިނގިރޭސިން އެންމެ ފުރަތަމަ ހެދި ތަން. އޮތީ އޭރު ވަރަށް ބޮޑަށް ހަލާކުވެފައި. އެހެން އެކަން ވަނިކޮށް، 1984 ވަނަ އަހަރުގެ ތެރޭގައި، އޮސްޓްރޭލިޔާ ސަރުކާރުގެ އެހީއެއް، ދިވެހި ސަރުކާރުން ހޯދައިގެން، އެ އެއަރޕޯޓް އަލުން އޮޕަރޭޓް ކުރެވޭގޮތަށް ސަރުކާރުންވަނީ މަސައްކަތްކޮށް، އެކަން ކާމިޔާބުކޮށްފައި.

އެވަގުތު ގަމުގެ އެއަރޕޯޓް ބޭނުންކުރަން ފެށުމުން، ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާތަކެއް، ހޮންގކޮންގގެ ދެ ކުންފުންޏެއްގެ ފަރާތުން ގަމުގައި ހުޅުވި، އަދި އޭގެ ސަބަބުން އަތޮޅުގެ ގިނަ ބަޔަކަށް ވަޒީފާ ލިބޭނެގޮތް މެދުވެރިވެގެންދިޔަ.

މީގެއިތުރުން، އައްޑުއަތޮޅުގެ ތަރައްޤީއަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ވަރަށްގިނަ މަޝްރޫޢުތަކެއް ވަނީ ހިންގިފައި. މިގޮތުން، އައްޑުއަތޮޅުގައި މިހާރުވަނީ ސަރަޙައްދީ ބަނދަރެއް ހެދިފައި. އަދި އައްޑުއަތޮޅުގެ ލިންކްރޯޑުވެސް ވަނީ ޤާއިމުކުރެވިފައި. ހަމައެއާއެކީގައި، އައްޑުއަތޮޅުގެ ވައިގެ ބަނދަރު، ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް މިއަދު މިވަނީ ބަދަލުވެފައި.

އެހެންވީމާ، މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި އައްޑުއަތޮޅަށް ލިބުނު ވަރަށްބޮޑު ތަރައްޤީއެއްކަމާމެދަކު ޝައްކެއްނެތް. އަދި ސަރަޙައްދީ ދަތުރުފަތުރުގެ ނާރެހަކަށް މިތަން ވެގެންދިޔުމަކީ، އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުންވެސް އުންމީދު ކުރައްވާނެ ކަމެއްކަން ކަށަވަރު.

އާދެ! މިވަގުތު ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތައްޔާރުވެފައި މިއޮތީ، ބޮއިންގ 767ގެ މަތިންދާބޯޓު ޖެއްސޭވަރަށް. އެހެންނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާވެގެންދާއިރު، މިވަރަކުން ނުފުދޭނެ. މިއަށްވުރެ ބޮޑެތި ބޯޓުފަހަރު ޖެއްސޭގޮތަށް، މި ތަން ހަދަން އެބަޖެހޭ. މިސާލަކަށް، ބޮއިންގ 777. އެ ފެންވަރުގެ ބޯޓުފަހަރަށް ޖެއްސޭގޮތަށް، މި އެއަރޕޯޓް ތަރައްޤީ ކުރަން މިހާރުވަނީ ޖެހިފައި. އެހެންވީމާ، މިކަން ކުރެވޭނެ ގޮތަކާ ދޭތެރޭގައި ސަރުކާރުން ވިސްނައި، ކުރިއަށް އޮތްތާނގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ، އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކު އެކަން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވާލަން.

އާދެ! މި ވައިގެ ބަނދަރު މި ފެންވަރަށް ތަރައްޤީ ކުރުމުގައި، ވަރަށްގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި، އެހީތެރިކަމާއި އެއްބާރުލުން ވަނީ މީގެތެރޭގައި ހިމެނިފައި. އެހެންކަމުން، އެ ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް، ޖުމްލަ ގޮތެއްގައި ޝުކުރު ދަންނަވައިލުމަށް، އަޅުގަނޑު މި ފުރުޞަތުގެ ބޭނުންކުރަން. ޚާއްޞަކޮށް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް މުޙަންމަދު ސަޢީދު މިކަމަށް ދެއްވި އަހަންމިއްޔަތާއި، ކުރެއްވި މަސައްކަތްތައް އަޅުގަނޑަށް ރަނގަޅަށް އެނގޭ. ހަމައެޔާއެކީގައި، އޭނާގެ ބެއްލެވުމުގެ ދަށުން، އެ މިނިސްޓްރީގެ އިސްވެރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި ދިވެހިރާއްޖޭގެ ކުރީގެ އެއަރޕޯޓް އޮތޯރިޓީ، ފަހުން އެއަރޕޯޓް ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރެއްވި މަސައްކަތާއި، އަދި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި އަދި އޭނާގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގައި ޚާއްޞަކޮށް، ސިވިލްއޭވިއޭޝަން ބައިގައި ޚިދްމަތް ކުރައްވާ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި މިނޫންވެސް ވަރަށްގިނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ ފަންނީ އަދި އެހެނިހެން އެހީތައް، މިކަމުގައި ހިމެނިފައިވާތީ، މި ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް ޖުމްލަ ގޮތެއްގައި އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، ދެންމެ އަލްފާޟިލް މުޙަންމަދު ސަޢީދުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮބަސްފުޅުތަކަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިފަދަ މަސައްކަތްތަކަކީ ވަރަށްގިނަ ޒަމާންތަކެއް ވަންދެން ކޮށްގެން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭ މަސައްކަތްތަކެއް. އެހެންވީމާ، މިހާރު އަޅުގަނޑު މި ދެންނެވި ބޭފުޅުންގެ އިތުރުން، މި ދާއިރާގައި މަސައްކަތް ކުރެއްވި ވަރަށްގިނަ ބޭފުޅުންވެސް މިކަމުގައިވަނީ ބައިވެރިވެވަޑައިގެންދެއްވައި، އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ފުރިހަމަކޮށް އަދާކޮށްދެއްވާފައި. އޭގެތެރޭގައި، އެ މިނިސްޓްރީ ކުރިން ހިންގެވި ބޭފުޅުން، ޚާއްޞަކޮށް ދެންމެ މުޙަންމަދު ސަޢީދުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އަލްފާޟިލް އިލްޔާސް އިބްރާހީމް މިކަމަށް ދެއްވި އަހަންމިއްޔަތާއި، ކުރެއްވި މަސައްކަތްވެސް އަޅުގަނޑު ހަނދާންކޮށް، އޭނާއަށާއި އެހެން ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އާދެ! ވައިގެ ބަނދަރުތަކަކީ، ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ މޫނުމަތި. ޤައުމަށް ޒިޔާރަތްކުރާ މީހުންނަށް، އެ ޤައުމަކުން އެންމެ ފުރަތަމަ ފެންނަ ތަން. އެހެންވީމާ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ނުކުތާއެއް. ވައިގެ ބަނދަރުންދޭ ޚިދްމަތްތަކަކީ، އެއް ޚިދްމަތެއް އަނެއް ޚިދްމަތަކާ ތަފާތުވި ނަމަވެސް، ލާމެހި ގުޅިފައިވާ ޚިދްމަތްތަކެއް. އެ ޚިދްމަތްދޭ ދާއިރާތަކުންނާއި، އެދާއިރާތަކުގެ މުވައްޒަފުން އުޅެންޖެހޭނީ، ވަރަށް ބޮޑަށް އެއްބާރުލައިގެން، އެއްބައެއްގެ މަސައްކަތަށް، އަނެއްބަޔަކު އެހީތެރިވެދޭ ގޮތެއްގައި. އެފަދަ ގޮތަކަށް ގެންގޮސްގެން ނޫނީ، ވައިގެ ބަނދަރުގެ ޚިދްމަތްތައް، ފުރިހަމަގޮތެއްގައި އެ ބަނދަރު ބޭނުންކުރާ ބަޔަކަށް ލިބިއެއްނުދެވޭނެ.

ހަމައެހެންމެ، އަޅުގަނޑުމެންގެ ޤައުމަށް ޒިޔާރަތްކުރާ މީހުންނަށް މަރްޙަބާ ކިޔުމާއި، އެމީހުންނަށް އެކިގޮތްގޮތުން އެހީތެރިވެދިނުމާއި، އެމީހުންނަށް ކަމޭހިތުމާއި، މިކަންކަމަކީވެސް އަޅުގަނޑުމެން ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ޚާއްޞަކޮށް، ވައިގެ ބަނދަރުގައި ޚިދްމަތް ކުރައްވާ ސަރުކާރުގެ ތަފާތު ދާއިރާތަކުގެ ބޭފުޅުންނާއި އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންވެސް މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ. ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ މީހަކީ، އުފަލާއެކު ރާއްޖެއަށް އަންނަ އަދި އުފަލާއެކު ރާއްޖެއިން ފުރައިގެންދާ މީހަކަށް ހެދޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ.

އެހެންވީމާ، ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކުގަޔާއި އަދި އެހެން ވައިގެ ބަނދަރުތަކުގައި ޚިދްމަތް ކުރައްވާ ހުރިހާ ފަރާތްތަކަކަށް، މި މުނާސަބަތުގައި އަޅުގަނޑު މި ގޮވާލަނީ، އެބޭފުޅުންގެ ޚިދްމަތަކީ ވަރަށް މުހިންމު ޚިދްމަތެއް ކަމަށްވާތީ، ތިޔަ ހުރިހާ ބޭފުޅުންވެސް ރާއްޖެއަށް ރީތިނަން ލިބޭގޮތަކަށް އަދި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް އުފާ އިޙްސާސް ކުރެވޭ ގޮތަކަށް، ތިޔަބޭފުޅުންގެ މަސައްކަތްތައް ބައްޓަން ކުރައްވައިގެން ކުރިއަށް ގެންގޮސްދެއްވާށޭ.

އާދެ! މިއަދުގެ މި އުފާވެރި ޙަފްލާއަކީ، ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމު ޙަފްލާއެއް. މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަޑައިގެން އެ ތިއްބެވީ، ވަރަށް މުހިންމު މަޤްޞަދެއްގައި. އެހެންވީމާ، އަޅުގަނޑުވެސް ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަން. އަދި މިއަދު މި ހުޅުވުނު ވައިގެ ބަނދަރު ހުޅުވުމުގެ މުނާސަބަތުގައި، ތިޔަ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަބޭފުޅުންނަށާއި، އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން ކަމުގައި ދަންނަވާލަން. ހަމައެޔާއެކީގައި، ދިވެހިރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރު ކޮށްދެއްވައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރާއްޖެއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަކުން ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް މި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމުން، މާތްﷲގެ ތައުފީޤާއި މަދަދު އަޅުގަނޑުމެންނާ އެކީގައި ވާނެކަމަށް ޔަޤީން ކުރަމުން، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه