ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލުކުރައްވައިފިއެވެ.

ސިންގަޕޫރުގެ އިސްތާނާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރެއްވެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ދެ ޤައުމުންވެސް ވަނީ އެކިދާއިރާތަކުން ދިމާވާ ގޮންގެހުންތަކާއި މައްސަލަތައް ހިއްޞާކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގެ މަޝްވަރާތައް އަމާޒުކުރައްވާފައިވަނީ ވިޔަފާރީގެ ދާއިރާއާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ޓެރެރިޜަމްއާ ދެކޮޅަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަލަދުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

މީގެއިތުރުންވެސް މި ބައްދަލުކުރެއްވުން ތަކުގައި ދެޤައުމުން ޚިޔާލުއެއްގޮތްވާ ބައިނަލްއަޤްވާމީ ކަންކަމުގައި އެކުގައި މަސައްކަތްކޮށް ކަންކަން ހައްލުކުރުމަށް ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެ ތަރައްޤީކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސިންގަޕޫރު ސަރުކާރުން ދެ އަހަރު ދުވަހުގެ ޓެކްނިކަލް ކޯޕަރޭޝަން ޕެކޭޖެއް ދިނުމަށް ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން، ސިންގަޕޫރު ސަރުކާރުން ބައެއް ކަންކަން ފަސޭހަކޮށްދީ ތަމުރީންދިނުމަށާއި، އިންސާނީ ވަޞީލަތް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ފެނުގެ ނިޒާމު ޤާއިމު ކުރުމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމުގެ ތަޖުރިބާ ޙިއްޞާކޮށް ފަންނީ ގޮތުން އެހީތެރިވެދިނުމާއި ގެދޮރު އިމާރާތްކުރުމާއި ބޯހިޔާވަހިކަން ތަރައްޤީކުރުމުގެ ތަޖުރިބާ ޙިއްޞާ ކުރުމަށް ނިންމަވާފައިވާތީ ދިވެހި ސަރުކާރުން މަރުހަބާ ވިދާޅުވެ މިކަންކަން ދިވެހިސަރުކާރުން ބަލައިގަނަނަކަން ހާމަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުންވެސް ވަނީ ސަލާމަތީ ކަންކަމާއި ގުޅުންހުރި މައްސަލަތަކާއި، ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ރައީސަށާއި ބޮޑުވަޒީރަށް ފަސޭހަފުޅު ތާރީޚެއްގައި ރާއްޖެއަށް ވަޑައިގެންނެވުމަށް އެދިވަޑަގެން ދެބޭފުޅުންނަށް ދަޢުވަތު އަރުވާފައެވެ.