ހެރެތެރޭގައި ހިނގަމުންދާ ހަނދުފުށީ ރިޒޯޓުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން، އެއްވެސް އިންޒާރެއްނުދީ ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެކަމާ ގުޅޭގޮތުން ޢަމަލު ކުރެއްވޭނެ ގޮތްތަކަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިއީ ވަރަށް އަވަސް ގޮތެއްގައި ޙައްލެއް ހޯދަން ޖެހިފައިވާ ވަރަށް މުހިންމު މައްސަލައެއްކަން ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ވާހަކަފުޅު ދެއްކެވުމަށްފަހު، މި މައްސަލައާމެދު ޢަމަލު ކުރައްވާނެ ގޮތްތަކެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހަށް ލަފާދޭ ކޮމިޓީއެއް ހޮއްވެވިއެވެ. އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ރަޝީދެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، މިކޮމިޓީގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަގުތުން ބައްދަލުކުރައްވައި، މިކަމުގެ މަޝްވަރާތައް ބޭއްވެވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީފާއިން ވަކިކުރެއްވި މުވައްޒަފުންގެ މައްސަލައަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ މެދުވެރި ކުރައްވައިގެން، ވެވަޑައިގެންހާ އަވަހަކަށް ޙައްލެއް ހޯއްދެވުމަށް ނިންމެވިއެވެ. އަދި ހެރެތެރެއަކީ އެމް.ޓީ.ޑީ.ސީ.ގެ ޕްރޮޕަޓީއަކަށްވާތީ، ސަބްލީޒް ކުރެވިފައިވާ ފަރާތުގެ ބެލުމުގެ ދަށުގައި މިވަގުތު އޮތް ނަމަވެސް، މި ޕްރޮޕަޓީ ބެލެހެއްޓުމަށްޓަކައި އެމް.ޓީ.ޑީ.ސީ.ގެ ފަރާތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ ފަރާތްތަކުގެ އެހީއާއެކު އެޅުއްވުމަށްވެސް މިކޮމިޓީން ނިންމެވިއެވެ.