ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު މިއަދު ބޭއްވެވި ފުރަމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.
މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ސިންގަޕޫރަކީ ޒަމާނުއްސުރެ ދިވެހިން ތަޢުލީމު އުނގެނުމަށާއި، ޞިއްޙީ ފަރުވާ ހޯދުމަށާއި، ވިޔަފާރިއަށް ދަތުރުފަތުރުކުރަމުން އަންނަ ޤައުމެއްކަމަށާއި، ސިންގަޕޫރަކީ ރާއްޖޭގެ ވިޔަފާރީގެ ވަރުގަދަ ބައިވެރިއެއް ކަމަށާ އަދި މުހިންމު އެކުވެރިއެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ގިނަ އެއްގޮތް ގޮންޖެހުންތައް ކުރިމަތިވާ ދެޤައުމުކަމަށާއި، ދެ ޤައުމުން ގުޅިގެން އެކުގައި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މީގެތެރޭގައި، ވިޔަފާރިއާއި، އިންޑިޔާ ކަނޑުގެ ސަރަޙައްދީ ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމާއި، ޓެރަރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ކުދި ޤައުމުތައް ކުރިއެރުވުމަށްކުރާ މަސައްކަތް ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް، ރާއްޖެއަކީ އަބުރުވެރިކަމާއެކު ތާރީޚުން ޖާގަ ހޯދަން ބޭނުންވާ ޤައުމެއްކަން ފާހަގަކުރައްވައި، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިން މި ސަރުކާރު ހޮވީ ރައްޔިތުން ދެކެމުންއައި ހުވަފެން ހަޤީޤަތަކަށް ހެދުމަށްކަމުގައި ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ރައްޔިތުންނަށް އަބުރުވެރި، އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށާއި، ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި، އަދި ތާރީޚުގައި ރަންއަކުރުން ރާއްޖޭގެ ނަން ފަވާލުމަށްޓަކައި، ރާއްޖޭގެ އެކުވެރި ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކު ރައްވާކަމުގައި ވިދާޅުވެފައެވެ.
މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ރައީސަށް ފަސޭހަފުޅު ތާރީޚެއްގައި ރާއްޖެއަށް ވަޑައިގެންނެވުމަށް އެދިވަޑަގެން ދަޢުވަތު އަރުވާފައެވެ.