بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އައްޑުއަތޮޅުގައި ޤާއިމުކުރެވޭ ފުރަތަމަ ޓޫރިސްޓް ރިޒޯޓް، "ހެރަތެރަ" ރަސްމީގޮތުން ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މިއުފާވެރި މުނާސަބަތުގައި، އެންމެ ފުރަތަމަވެސް އަޅުގަނޑު އަވަސްވެގަންނާނީ، އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަށް. އެއަށްފަހު، މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީއަށާއި، އެމް.ޓީ.ޑީ.ސީ.ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް ޙުސައިން ޢަފީފަށާއި، މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ޞާލިޙަށާއި، އެބޯޑުގެ އެހެން މެންބަރުންނަށާއި، ހެރަތެރަ ރިޒޯޓުގައި ވަޒީފާ އަދާކުރައްވާ ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި ތަހުނިޔާ އަދާކުރަން.

އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން އައްޑުއަތޮޅު ރައްޔިތުންގެ ފަރާތުން އައްޑުއަތޮޅު އަތޮޅު ކޮމިޓީން އަޅުގަނޑަށް ތިޔަ ދެއްވި ހަނދާނީ ފިލައަށްޓަކައި އެކޮމިޓީގެ މެންބަރުންނަށާއި އަދި އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، ހެރަތެރަ ރިޒޯޓު ބިނާކޮށް، ފަތުރުވެރިންނަށް ހުޅުވައިލުމުގައި އެހީތެރިވެވަޑައިގެން ދެއްވައިގެން ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ހޫނު ތަހުނިޔާއަކާއި މަރްޙަބާއެއް ދަންނަވަން.

ހެރަތެރަ ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތުގައި އައްޑުއަތޮޅުގެ ރައްޔިތުން ވެދެއްވާފައިވާ އެހީތެރިކަމުގެ އަގު ވަޒަން ކުރައްވައި، އެމް.ޓީ.ޑީ.ސީ.ގެ ފަރާތުން އައްޑުއަތޮޅު ރައްޔިތުންނަށް ހަނދާނީ ފިލައެއް ދެއްވުމާ ގުޅިގެން، އައްޑުއަތޮޅުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން. އަދި މިއަދު ހަނދާނީ ފިލާ ލިބުނު ތޯމަސް ކުކަށާއި، ހޮޓެލް ޕްލޭނަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން.

ތޯމަސް ކުކަކީ އަޅުގަނޑު ވަރަށް ކުރިން ދަންނަ ކުންފުންޏެއް. އަޅުގަނޑު މިޞުރުގައި ތަޢުލީމު ޙާޞިލު ކުރަން އުޅުނުއިރު، މިދަންނަވަނީ 60 އެތައް އަހަރެއްގެ ކުރީގެ ވާހަކައެއް. އޭރު އަޅުގަނޑުމެންނަށް ދިވެހި ސަރުކާރުން ފޮނުއްވާ ސްކޮލަރޝިޕް ފައިސާ ލިބޭނެ ގޮތްތައް ވަރަށްމަދު. އޭރަކު ރާއްޖޭގައި ބޭންކެއް ނުހުރޭ. އަދި ބައިނަލްއަޤްވާމީ މުޢާމަލާތު ކުރުމުގެ އެހެން ވަސީލަތެއްވެސް ރާއްޖެއަކު ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް މަހަކު އެއްފަހަރު އެ ދެއްވާ ލާރިކޮޅު، އަޅުގަނޑުމެންނަށް ވާޞިލުކޮށްދޭ ފަރާތަކީ، މިޞުރުގައި ހުރި ތޯމަސްކުކްގެ ގޮފި. އޭރުއްސުރެ ފެށިގެން ތޯމަސްކުކަކީ، އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ކުންފުންޏެއް. އެހެންވީމާ، މިފުރުޞަތުގައި އެވާހަކަވެސް ދަންނަވާލީ.

ހެރަތެރަ ރިޒޯޓު ހުޅުވިގެން ދިޔުމަކީ، ދެކުނުގެ ފަތުރުވެރިކަމުގެ ޒޯނުގެ ފެށުން. އަދި މިރިޒޯޓު ހުޅުވުމުގެ ސަބަބުން، އިރާދަކުރެއްވިއްޔާ އައްޑުއަތޮޅުގެ އިޤްތިޞާދަށާއި، އައްޑުއަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. ހެރަތެރަ ރިޒޯޓުގެ ވަޒީފާތަކުގައި މިހާރު ދިވެހިންގެ 336 މީހުން އުޅޭކަމަށް، ދެންމެ ޗެއަރމަން ޗަމްޕާ ޙުސައިން ޢަފީފްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. ޝައްކެއްނެތް. އެއީ ދެން ވަރަށް ރަނގަޅު ކަމެއް. 336 މީހުންނަކީ ޙަޤީޤަތުގައި 336 ޢާއިލާ. އޭގެތެރޭގައި ގިނައީ ހަމަ އައްޑުއަތޮޅުގެ މީހުން. ފުވައްމުލަކުގެ މީހުން ކޮންމެވެސްވަރަކަށް ތިބި ކަމަށްވެސް ވިދާޅުވި. އެހެން ނަމަވެސް، މިހުރިހާ ދިވެހިންނަށް ވަޒީފާ ލިބުމަކީ، ޝައްކެއްނެތް، މުޅި އަތޮޅަށް އޭގެ އަސަރު ކުރާނެ ކަމެއް. އޭގެ ފައިދާ ލިބިގެންދާނެ ކަމެއް.

އާދެ! ދެންމެ އަލްފާޟިލް ޙުސައިން ޢަފީފް ދެއްކެވި ވާހަކަފުޅުގައި، ހެރަތެރާގައި ރިޒޯޓެއް ޤާއިމުކުރުމަށް ދިމާވި ދަތިތަކުގެ ވާހަކަ ވިދާޅުވެއްޖެ. އެހެންނަމަވެސް، އެދަތިތައް ތަޙައްމުލް ކުރައްވައި، އެހުރިހާ ދަތިތަކެއް ގިރާކުރައްވައި، ކާމިޔާބީއާ ހަމައަށް އެމް.ޓީ.ޑީ.ސީ.ގެ ފަރާތުން ވަޑައިގަތީ، އަދި ޙުސައިން ޢަފީފްގެ ޒަޢާމަތުގައި އެކަން އެކުރެއްވީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް. އެއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް ފުރިހަމަ ކާމިޔާބީއެއް. މަސައްކަތް ފެށުނު ތާރީޚުން ފެށިގެން އެންމެ 16 މަސް ދުވަހުގެ ތެރޭގައި، މިއަދާ ހަމައަށް އެކަންތައްތައް ނިންމަވައި، ރިޒޯޓު ހުޅުވުނުކަމީ، ޝައްކެއްނެތް، އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ދައްކައިދޭ ވަރުގަދަ ހެތްކެއް.

އާދެ! ތިޔަބޭފުޅުން ދެނެވަޑައިގަންނަވާނޭ ފަދައިން، ޗަމްޕާ ޙުސައިން ޢަފީފަކީ ވަރަށްމޮޅު ކްރިކެޓަރެއް. އަދި އޯޕަނިންގ ބެޓްސްމަނެއް. ޓީމެއްގެ އޯޕަނިންގ ބެޓްސްމަނަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއްކަން، ކްރިކެޓް ކުޅުއްވާ ބޭފުޅުންނަށް، ނުވަތަ އޭގެ ޝައުޤުވެރިކަން ހުންނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޯޕަނިންގ ބެޓްސްމަން އެބަ އޮންނަންޖެހޭ ވަރަށްގިނައިރު. ކުޅެންޖެހެނީ ވަރަށް ކެތްތެރިކަމާ އެކީގައި، ވަރަށް ވިސްނައިގެން. އަންނަ އެކިއެކި ބާރު ބޯޅަބޯޅައަށް ކުރިމަތިލާނެގޮތް އޭނާ ދަސްކުރަންޖެހޭ. އެއީ ސްވިންގ ބޯޅައަކަށްވިޔަސް، އެހެންކަހަލަ ބޯޅައަކަށްވިޔަސް، އެއިން ސަލާމަތްކަން ހޯދައި، އެ ބޯޅައިން ނުބައިނުވުމަށް ވަރަށް ވަރުގަދަ ހިތްވަރެއް ކުރަންޖެހޭ. ދިމާވާ ދަތިތައް ތަޙައްމަލް ކުރުމުގައި އަޅުގަނޑު ހިތުން އޯޕަނިންގ ބެޓްސްމަނެއްގެ ގޮތުން ޗަމްޕާ ޢަފީފް އެކުރެއްވި މަސައްކަތުން އޭނާއަށްވަނީ ވަރަށްބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައި. އެކަމުގެ ބޭނުން ހެޔޮގޮތުގައި ކުރައްވައިގެން، މި ރިޒޯޓު ކެތްތެރިކަމާއި ހިތްވަރާއެކީގައި މިއޮތީ ކާމިޔާބު ކުރައްވާފައި. އެހެންވީމާ، ޗަމްޕާ ޙުސައިން ޢަފީފަށް އައްސަރިބަހާއި ސާބަސް ދަންނަވަން.

އާދެ! މިކަމުގައި އުޅުއްވީ ހަމައެކަނި ޗަމްޕާ ޙުސައިން ޢަފީފެއް ނޫން. މިކަމުގެ ތެރޭގައި ވަރަށްގިނަ ބޭފުޅުން އުޅުއްވައިދެއްވައިފި. އެމް.ޓީ.ޑީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ޞާލިޙު ކުރެއްވި މަސައްކަތްތަކުގެ ވާހަކަ، ދެންމެ ޑޮކްޓަރ މަޙްމޫދު ޝައުޤީގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. އަދި އޭގެއިތުރުން، އެމް.ޓީ.ޑީ.ސީ.ގެ ބޯޑުގެ ޑިރެކްޓަރުން. ހުރިހާ ބޭފުޅުންވެސް މިކަމަށް ދެއްވި އަހަންމިއްޔަތާއި، ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން އޭނާ ފާހަގަކުރެއްވި. އަޅުގަނޑުވެސް އެކަންކަން ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ދެން ދަންނަވާލަން އޮތީ، އަނެއްކާވެސް މަޝްހޫރު އެހެން ކްރިކެޓަރެއްގެ ވާހަކަ. އިބްރާހީމް ނޫރުއްދީން. އިބްރާހީމް ނޫރުއްދީނަކީ ރާއްޖޭގައި އުފެދުނު ބާރަށް އުކާ އުކުންތެރިންގެ ތެރެއިން ވަރަށް މަޝްހޫރު ބޭފުޅެއް. އިބްރާހީމް ނޫރުއްދީންގެ ބާރު ބޯޅަތަކާ، ބައެއް މެޗުތަކުގައި އަޅުގަނޑުވެސް ކުރިމަތިލާންޖެހުނު. ވަރަށް މޮޅަށް އުއްކަވާ ބޭފުޅެއް. ވަރަށް ކާމިޔާބު ބޭފުޅެއް. އޭނާގެ އުއްކެވުމުގައިވެސް އެ ހުންނަނީ، ޢަފީފްގެ ބެޓްސްމަން ކަމުގައި ބެޓް ކުރައްވާއިރު، އެ ހުންނަ ހިތްވަރާއި ޢަޒުމާއި ކެތްތެރިކަން. އެހެންވީމާ، މިމަސައްކަތް ކާމިޔާބު ކުރެއްވުމުގައި، އިބްރާހީމް ނޫރުއްދީން އެކުރެއްވި މަސައްކަތަކީ، އަޅުގަނޑު ވަރަށް އުފަލާއެކު ގަބޫލުކޮށް، އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމެއް.

ދެންމެ ޗަމްޕާ ޙުސައިން ޢަފީފްގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން އުފައްދާ ފަތުރުވެރިކަމާބެހޭ ކުންފުންޏެއްގެ ޚިޔާލުގެ ވާހަކަ ވިދާޅުވެއްޖެ. އެ ވިދާޅުވީ ތެދުފުޅެއް. 1986 ވަނަ އަހަރު ސަރުކާރުން ގަސްދުކުރީ ފަތުރުވެރިކަމުގެ ފައިދާ، ވީހާގިނަ ދިވެހި ރައްޔިތުންނަށް ޙިއްޞާ ކުރެއްވޭނެ ގޮތަކީ ކޮބައިތޯ ބަލާފައި، އެގޮތަކީ ރައްޔިތުންގެ ގިނަބަޔަކު ޙިއްޞާވާ ކުންފުންޏެއް އުފެއްދުން ކަމަށް. އެގޮތަށް އެކަން ނިންމައި، 1986 ވަނަ އަހަރު ރައީސް އޮފީހުންވަނީ ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި. މީގެ 22 އަހަރު ކުރިން. އެހެން ނަމަވެސް، ބައެއް ކަންތައްތަކަށް ދިމާވާކަހަލަ ގޮތްތަކެއް ދިމާވެގެން، ތަފާތު ކަންތައްތަކެއް ދިމާވެގެން، އެކުންފުނި ވުޖޫދަށް އެއައީ، އެ ޚިޔާލު ސަރުކާރުން ކުރިތާ އަދި އެ ވާހަކަ، އެ ޚިޔާލު ތަންފީޒު ކުރެވުނީ، ކަމާބެހޭ ދާއިރާގައި ދެންނެވުނުތާ 20 އަހަރު ފަހުން. ކުންފުނި އުފެދުނީ 2006 ގައި.

އެހެންވީމާ، މިކަމަކީވެސް ސަރުކާރުން ވަރަށް ކުރިން ވިސްނައިގެން، އެއަށް ޢަމަލު ކުރެވޭތޯ ބަލަމުން އަންނަ ކަމެއް ކަމުގައި ދަންނަވާލަން. ބޭނުމަކީ ފަތުރުވެރިކަމުގެ ފައިދާ ވީހާގިނަ ބަޔަކަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން. ދިވެހި ރައްޔިތުންގެ އެންމެ އާދައިގެ މީހުން، މިފަދަ ކުންފުންޏެއްގައި ޙިއްޞާ ކޮށްގެން، އެ ކުންފުނިން ލިބޭ ފައިދާ، އެމީހުންނަށާއި އެމީހުންގެ ޢާއިލާތަކަށް ލިބޭގޮތްވުން. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވީތީ މިއޮތީ ފުރަތަމަފަހަރަށް ކާމިޔާބު ކުރެވިފައި.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީގެ ވާހަކަފުޅުގައި ވިދާޅުވި، 2006 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އައްޑުއަތޮޅުގައި ބޭއްވި ޖަލްސާއެއްގެ ވާހަކަ. އައްޑުއަތޮޅުގައި ރިޒޯޓެއް ޤާއިމުކުރަން ސަރުކާރުން ގަސްދުކުރި ވާހަކަ، އެ ޖަލްސާގައި ވިދާޅުވި ވާހަކަ. އެހެންނަމަވެސް، ވަޑައިގެން ތިއްބެވި ބޭފުޅުންގެ އިޖާބަ ލިބުނީ ޝައުޤީ މާ ހިތްޕުޅުހަމަޖެހޭ ގޮތަކަށް ނޫން ކަމުގައި ވިދާޅުވި. "ތިޔަކަމެއް ނުވާނެއޭ" ބައެއް މީހުން އެކަހަލަ ވާހަކަ ދައްކައިހަދާކަން އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރާއްޖޭގައި ހުންނަ އުނި ސިފައެއް.

މިސާލަކަށް، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ބޭރު ބަޔަކު ދިން ޢުދުވާނީ ޙަމަލަ ދިފާޢު ކުރުމުގައި ދިވެހި ސަރުކާރުން އިންޑިޔާ ސަރުކާރުގެ އެހީއަށް އެދުނު. ސީދާ އަޅުގަނޑު ފޯނުކޮށްފައި، އޭރު ހުންނެވި ބޮޑުވަޒީރު ރަޖީވް ގާނދީ އަރިހުގައި އެވާހަކަ ދެންނެވީ. އެވާހަކަ ދެންނެވިތާ މަދު ގަޑިކޮޅެއްގެ ތެރޭގައި، އާދެ! ދުވަސް ނުނިމެނީސް އިންޑިޔާ ސަރުކާރުން ރާއްޖެއަށް ޢަސްކަރީ އެހީ ފޮނުއްވައިދެއްވައިފި. އެއީ، އަޅުގަނޑު ހިތުން ވަރަށްގިނަ ބޭފުޅުން އަދި ހަނދުމަފުޅު ހުންނާނެ ކަމެއް. އެދުވަހު ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން ކުރި މަސައްކަތާއި، އަދި އިންޑިޔާ ސިފައިން އައިސްގެން އެ ކުރި މަސައްކަތްތަކާ، މި ކަންތައްތަކުގެ ސަބަބުން މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ނަޞްރާއި ކާމިޔާބީގެ މަތިން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން ޖެހޭނެ.

ދަންނަވަން މި އުޅޭ ވާހަކައަކީ، އިންޑިޔާ ސިފައިން އައުމާ ގުޅިގެން، ފެތުރުނު ވާހަކައަކީ، އިންޑިޔާ ސިފައިން އެ އައީ ދެން ދާއިމަށް ރާއްޖޭގައި ތިބޭށޭ. ރާއްޖެ ވިއްކާލީއޭ. ދެން އިންޑިޔާ ސިފައިން ރާއްޖެއަކުން ނުފައިބާނޭ. މިއީ ކޮން އަހަރެއްގައި ދެއްކި ވާހަކައެއްތޯ؟ 1988 ގައި. މީގެ 20 އަހަރު ކުރިން. އެކަމަކު އެމީހުން ރާއްޖެ އައިތާ ބަރާބަރު އެއް އަހަރުވި ދުވަހު، އާދެ! 1989 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އެމީހުން ފައިބައިގެން އެދިޔައީ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިންޑިޔާގެ ބޮޑުވަޒީރު އަޅުގަނޑު ގާތުގައި ވިދާޅުވެފައި އޮތީ، ރާއްޖެއިން އެދުނުހާ އަވަހަކަށް އެމީހުން ބާލައިދޭނަމޭ. މާދަން ފައިބާށޭ ބުންޏަސް، އެމީހުން ފައިބާނެއޭ. ދެން އަޅުގަނޑު ދެންނެވީ، އަޅުގަނޑު ބޭނުންވަނީ އިންޑިޔާ ސިފައިން އިހަށް ރާއްޖޭގައި މަޑުކޮށްލާށޭ. އެއީ އަޅުގަނޑުމެންނަކަށް އޭރަކު ނޭނގެ، އަޅުގަނޑުމެންނަށް އެ ޙަމަލާ ދިން ބަޔެއްގެ ފަހަތުގައި ތިބީ ކޮން ބަޔެއްކަން. ދެން އަންނާނީ ކޮން ކަމެއް ކަމެއް. އެހެންވީމާ، ދެން އެވަރު ކަމެއް އަންނައިރު، އިންޑިޔާ ސަރުކާރުގައި އަލުން އެދިގެން، އެ ސަރުކާރުން ދެވަނަފަހަރަށް ސިފައިން ފޮނުއްވައިދެއްވައި، މިކަހަލަ ކަމެއް ކުރުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން ދަންނަވާނަމޭ، އިހަށް އިންޑިޔާ ސިފައިން މަޑުކޮށްދެއްވާށޭ.

ދުވަސްކޮޅެއްފަހުން، އަޅުގަނޑު ކެބިނެޓުގައި ވާހަކަ ދައްކާފައި، ހުރިހާ ބޭފުޅުންގެ މަޝްވަރާ ހޯދައިގެން، ހުރިހާ ބޭފުޅުންވެސް ލަފާދެއްވީ، އެއް އަހަރު ދުވަހުގެ ތެރޭގައި އެމީހުން ފައިބަން ޖެހޭނެ ކަމަށް. އެމީހުންނަށް އޮންނާނީ އެއް އަހަރުގެ މުއްދަތެއްކަން. އޭގެކުރިން، އެވާހަކަ އިންޑިޔާ ސަރުކާރުގައި ދަންނަވައިގެން، ހަމަ އެއް އަހަރު ހަމަވި ދުވަހު، އިންޑިޔާ ސިފައިން ފައިބައިގެން ދިޔައީ. އޭގެކުރިން ދެއްކި ވާހަކަ މި ދެންނެވީ. އެގޮތަށް، މީހުންގެ ތެރޭގައި ޝައްކު އުފެދޭ ވާހަކަ ދެއްކުމަކީ ރާއްޖޭގައި ހިނގަމުންދާ އުނިކަމެއް. އަޅުގަނޑުމެން އުނި ކަންތައްތަކުގެ ވާހަކަވެސް ދައްކަންވާނެ. އެ ކަންތައްތައް އިޞްލާޙު ކުރެވޭތޯ ބަލަންވާނެ.

އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މީހުންގެ މަސައްކަތަށް ހުރަސްއެޅުން، އިޚްލާޞްތެރިކަމާއެކު ކަންތައްކުރާ ބަޔަކަށް ފުރައްސާރަ ކުރުން، އެބައިމީހުން މިވެނި ކަމެއް ކުރަނީ މިވެނި ގޮތަކަށޭ ކިޔައިގެން، ނުބައި ވާހަކަތައް ދެއްކުން މިއީ ވަރަށް ގިނައިން އަޅުގަނޑުމެންނަށް އާދަވެފައި އޮންނަ ކަމެއް. އެކަހަލަ ކަންތައްތައް ކުރުމުން، އަޅުގަނޑުމެންނަށް އޭގެ ނުރަނގަޅު ނަތީޖާ ލިބެނީ. މީގެ ނުރަނގަޅު އަސަރު ކުރަނީ މުޅި ޤައުމަށް. އެހެންވީމާ، އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑުމެން މިކަންތައްތަކާ ދޭތެރޭ ވިސްނާލާފައި، އަޅުގަނޑުމެން ކުރާ ކަންތައްތައް އިޞްލާޙު ކުރަން ވެއްޖެޔޭ. ދައްކާ ވާހަކައެއްވިއްޔާ ދައްކަންވާނީ ޙަޤީޤަތުގެ މައްޗަށް ބިނާކޮށް. ތޯތޯކޮށެއް ނޫން. މީހަކު ބުނާހާ އެއްޗަކަށް އާނ ކިޔައިގެނެއް ނުވާނެ. އަޅުގަނޑުމެންނަށް މާތްﷲ ވިސްނުމެއް ދެއްވާފައި އެބަހުރި. ސިކުނޑިއެއް ދެއްވާފައި އެބަހުރި. އެ ވިސްނުމާއި އެ ސިކުނޑީގެ ބޭނުން އަޅުގަނޑުމެން ކުރަންޖެހޭނެ. ދީނުގައިވެސް އަންގަވާފައިވަނީ އެހެން. ތިޔަބައިމީހުންގެ ގާތަށް ފާސިދަކު ޚަބަރަކައިގެން އަތުވެއްޖިއްޔާ، އެއީ ކޮންކަހަލަ ޚަބަރެއްތޯ ތިޔަބައިމީހުން ފުރަތަމަ ބަލާށޭ. އެއީ ރަނގަޅު ޚަބަރެއްތޯ؟ ޙަޤީޤަތެއްތޯ؟ ނޫންތޯ؟ ފުރަތަމަ ބަލާށޭ. އެހެން ނަހަދައިފީވިއްޔާ ތިޔަބައިމީހުން ހިތާމަކުރާ ދުވަހެއް އަންނާނެއޭ. އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ވިސްނައި ގަބޫލުކުރަން އެބަޖެހޭ.

އާދެ! އިއްޔެ ހުޅުވުނީ، ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު. މިއަދު މި ހުޅުވުނީ ހެރަތެރަ ރިޒޯޓު. މި ދެކަމަކީ ޝައްކެއްނެތްގޮތުގައި، ދިވެހިރާއްޖެއަށް ލިބުނު ކުރިއެރުމެއް. ދިވެހި ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް. ޚާއްޞަކޮށް، އައްޑުއަތޮޅާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. ދެންމެ މިނިސްޓަރ އޮފް ޓޫރިޒަމްގެ ވާހަކަފުޅުގައިވެސް އެވިދާޅުވި ފަދައިން، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ވިލިނގިލީގައިވެސް ރިޒޯޓެއް ޤާއިމުކުރެވޭނެ. މިހާރު މަސައްކަތް ހިނގަމުންދަނީ ވަރަށް ބާރަށް. އޭނާ ވިދާޅުވިގޮތުގައި މިއަހަރުގެ މެދެއްހާތާނގައި ނިމިގެން އެތަނަށް ފަތުރުވެރިން އަންނަން ފަށާނެ. އެއީވެސް އަނެއްކާ މި އަތޮޅަށް ލިބޭ، އަދި ދެކުނުގެ ސަރަޙައްދަށް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް ވެގެންދާނެ. އޭގެއިތުރަށް، ހަންކެޑޭގެ ވާހަކަވެސް ވިދާޅުވި. އެތާނގެ މަސައްކަތްވެސް ހިނގަމުންދާ ވާހަކަ.

އެހެންވީމާ، މި ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީމާ، އަޅުގަނޑު ހިތުން މީގެ ސަބަބުން މުޅި އަތޮޅުގެ އިޤްތިޞާދަށާއި، ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދަށް ވަރަށްބޮޑު ދިރުމެއް އަންނާނެ. ވަރަށްގިނަ ބަޔަކަށް އާމްދަނީ ލިބުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ. އެހެންވީމާ، މިކަންތައްތައް މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ހުރިހާ އެންމެންވެސް ވަރަށް ބޮޑަށް އެއްބާރުލައިގެން ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަންޖެހޭނެ ކަންތައްތަކެއް.

އާދެ! ރާއްޖޭގެ ފަތުރުވެރިކަން މާތްﷲގެ ވާގިފުޅާއެކު މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަށް. އަޅުގަނޑުމެންނަށް މި ލިބެނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް. އާދެ! ހަމައެކަނި މާއްދީ ކާމިޔާބީއެއް ނޫން. މާއްދީގޮތުން ރާއްޖެއަށް ވަރަށްބޮޑު ތަނަވަސްކަމެއް ގެނެސްދޭ ކަމަކީ ފަތުރުވެރިކަން. ފަތުރުވެރިކަމުން އަޅުގަނޑުމެންނަށް ލިބިގެންދަނީ އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަމުގެ ވަރަށްބޮޑު ނިސްބަތެއް. އަދި ބޭރު ފައިސާ އަޅުގަނޑުމެންނަށް ލިބެން އޮތް އެންމެ ފުޅާ، އެންމެ ތަނަވަސް މަގަކީ ފަތުރުވެރިކަން. މީގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖެ ވަރަށް ބޮޑަށް ކުރިއަށް ހިނގައްޖެ. މިއީވެސް އަޅުގަނޑުމެން ރަނގަޅަށް ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް.

އާދެ! 1978 ވަނަ އަހަރު ނިމުނުއިރު، އަޅުގަނޑު ރައީސްކަމާ ޙަވާލުވިއިރު، ރާއްޖޭގައި ހުރީ 17 ރިޒޯޓު. 1978 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 29325 ފަތުރުވެރިން. އޭރު ރާއްޖޭގައި ހުރީ 1300 އެނދު. 2007 ވަނަ އަހަރު، އާދެ! މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 91 ރިޒޯޓު އެބަހުރި. އަދި ރާއްޖޭގައި 18588 އެނދު އެބަހުރި. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލައިލާއިރު، މިދެންނެވީ މީގެ 30 އަހަރު ކުރި. 1978 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 29325 ފަތުރުވެރިންނޭ. މިދިޔަ އަހަރު ޒިޔާރަތްކުރި ޢަދަދު އެނގިވަޑައިގަންނަވާތޯ؟ އާދެ! ޓޫރިޒަމް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ. ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވާ ބައެއް އެހެން ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެކަމަކު ވަރަށްގިނަ އެހެން ބޭފުޅުންނަށް މިޢަދަދު އެނގިވަޑައިނުގަތުން އެކަށީގެންވޭ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ ޢަދަދަކީ، ހަލައްކަ ހަތްދިހަ ފަސްހާސް އަށްސަތޭކަ އަށްޑިހަ ނުވައެއް. ދިވެހިރާއްޖޭގެ އާބާދީގެ ދެގުނައަށްވުރެވެސް ގިނަ ޢަދަދެއް. އަޅުގަނޑުމެންގެ އާބާދީއަކީ ތިންލައްކަ ކޮންމެވެސްވަރެއް. އޭގެ ދެގުނައަށްވުރެވެސް ގިނަ ޢަދަދަކަށް، މިދިޔަ އަހަރު އެކަނި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި އެބައޮތް. މިއިންވެސް އެ ދައްކައިދެނީ އަޅުގަނޑުމެންގެ ފަތުރުވެރިކަން ކުރިއަށްދާ ހަލުވިކަން.

އޭގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް، މުޅި ދުނިޔޭގެ ނިސްބަތުގައި ރީތިނަން އެބަ ލިބޭ. ތަފާތު ތަންތާނގައި ބާއްވާ ނުވަތަ ތަފާތު މެގަޒިންތަކުން، މަޖައްލާތަކުން އެ ބާއްވާ ކަންތައްތަކުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެތައް މަންޒިލަކަށް އެންމެ މަތިން އިނާމު ލިބެމުން އެބަދޭ. ދުނިޔޭގައި މިހާރު ހިނގަމުންދާ މިފަދަ ރިޒޯޓުތަކުގެ ތެރެއިން ރާއްޖޭގެ ރިޒޯޓުތައް ހޯދަނީ ވަރަށް މަތީ ވަނައެއް. މިހާރު އެ ވަނަތައް ހޯދަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެ. މިކަން މިވަނީ ވަރަށްގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުން. އާދެ! ދިވެހި ސަރުކާރުން އެކަމުގެ ސިޔާސަތު އެބަ ކަނޑައަޅާ. ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބޭނުންވާ ކަންތައްތައް އެބަކޮށްދޭ. އެހެންނަމަވެސް، ޙަޤީޤަތުގައި އެމަސައްކަތް ކުރައްވާ ފަރާތަކީ، ރިޒޯޓުތައް ތަރައްޤީ ކުރައްވާ ފަރާތްތައް. އޭގެތެރޭގައި ރާއްޖޭގެ ވަރަށްގިނަ ބޭފުޅުން ހިމެނޭ. މިއަދުގެ މި ޖަލްސާގައި، މިތާނގައިވެސް އެބަ ތިއްބެވި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ރާއްޖޭގެ ބޭފުޅުން. އެބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް މި ކާމިޔާބުތައް މި ލިބެނީ. އެބޭފުޅުންނާއި އެބޭފުޅުންގެ އަރިހުގައި މަސައްކަތްކުރާ މީހުންނާއި، އަދި މިތާނގައި ވަޑައިގެން ނެތް ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ދިވެހި ކުންފުނިތަކާއި، ދިވެހި ބޭފުޅުންނާއި ޒުވާނުން އެ ކުރައްވާ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެން އަދު ދެކެމުން މިދަނީ.

އެހެންވީމާ، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއަރުވަން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޖުމްލަގޮތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ! އޭގެތެރޭގައި، ޓޫރިޒަމް މިނިސްޓަރ ޑޮކްޓަރ މަޙްމޫދު ޝައުޤީ އެ ކުރައްވާ މަސައްކަތްޕުޅު އަޅުގަނޑު ޚާއްޞަ ގޮތެއްގައި ހަނދާންކުރަން. އަދި އޭނާގެ ބެއްލެވުމުގެ ދަށުން ކުރީގެ މިނިސްޓަރުގެ ނައިބު ޢަބްދުލްޙަމީދު ޒަކަރިއްޔާ އާއި، އަދި އެ މިނިސްޓްރީގެ އިސް އެހެން ބޭފުޅުންނާއި، އަދި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ބޭފުޅުންނާއި، މިނިސްޓްރީގެ ދަށުގައިވާ ތަނަކަށް ނުވިޔަސް، މަޓީ، އާދެ! މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ވެރިންނާއި ބޭފުޅުންނާ، އަދި އޭގެއިތުރުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ އަމިއްލަ ބޭފުޅުން މި ކުރައްވާ މަސައްކަތް އަޅުގަނޑުމެން އެބަޖެހޭ ބަލައިގަންނަން. އެމަސައްކަތްތަކުގެ އިޚްލާޞްތެރިކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. އެއިން ރައްޔިތުންނަށް ލިބޭ ފައިދާ އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ދާއިރާ. އެހެންވީމާ، މި ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރުމުގައި، އިސްކަންދޭންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އާދެ! އޭގެތެރޭގައި، އެއް ކަމެއް، މާއްދީގޮތުން ތަން ތައްޔާރު ކުރުމަށް ފައިސާ ޚަރަދު ކޮށްގެން ރަނގަޅު ފެންވަރަކަށް ރިޒޯޓުތައް ތަރައްޤީ ކުރުން. އަދި ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދްމަތްތަކެއް، އެ ރިޒޯޓަކުން ލިބެން ހުންނަ ގޮތަށް ކަންތައްތައް ރާވައި ހިންގުން. މިއީ އޭގެ މާއްދީ ބައި. އަދި މިއަށްވުރެވެސް މުހިންމު ކަމެއް ނުވަތަ މިއާ އަހަންމިއްޔަތުގެ ގޮތުން އެއްވަރު އެހެން ކަމެއް އެބައޮތް. އެއީ އަޅުގަނޑުމެން މިކަން ދެކޭގޮތް. އަޅުގަނޑުމެން ފަތުރުވެރިންނާ ބައްދަލުކުރާގޮތް. އަޅުގަނޑުމެން އެމީހުންނާ ކުރާ މުޢާމަލާތް. މިއީ ފަހަރެއްގައިވެސް ކުރިން މި ދެންނެވި ފައިސާތައް ޚަރަދު ކުރުމަށްވުރެ ކުޑަ ކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިކަން ރަނގަޅަށް ދަންނަން. އަޅުގަނޑުމެން އެންމެންވެސް އެބަޖެހޭ، ފަތުރުވެރިންނަށް ކަމޭހިތަން. އިޙްތިރާމް ކުރަން. އެމީހުންގެ ހިތްހަމަޖެހުމާއި ސަލާމަތްކަން ދެމެހެއްޓޭ ގޮތަކަށް ކަންތައްތައް ކުރަން. ރާއްޖެއަށް އަންނަ އެއްވެސް ފަތުރުވެރިއަކަށް އިހާނެތި ގޮތެއް ނުވުން. އޭނާ ހިތްހަމަނުޖެހޭކަހަލަ ކަމެއް ދިމާނުވުން. އަމުދުން އެމީހެއްގެ ފުރާނައަށް، ހަށިގަނޑަށް ނުވަތަ މުދަލަކަށް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް ނުކުރުން. މިފަދަ ކަންތައްތައް ކޮށްފިއްޔާ އަޅުގަނޑު ހިތުން ރާއްޖޭގައި ފަތުރުވެރިކަން ދެމިއެއް ނޯންނާނެ.

މިދިޔަ އަހަރު ސަލްޓަންޕާކުގައި އެ ހިނގި ޙާދިސާ އެނގިވަޑައިގަންނަވާނެ. އޭގެ އަސަރު ވަރަށް ބޮޑަށް ކުރި. އެކަހަލަ ދެވަނަ ޙާދިސާއެއް ރާއްޖޭގައި ހިނގައިގެން ނުވާނެ. އެކަހަލައެއް ނޫން. އެއަށްވުރެ ކުޑަ ނަމަވެސް. ފަތުރުވެރިންނަށް ހިތްހަމަނުޖެހުން ލިބޭފަދަ، އެމީހުން ބިރުގަންނަކަހަލަ، އެމީހުންނަށް ނުރައްކަލެއް ދިމާވާކަހަލަ އެއްވެސް ކަމެއް، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ކޮށްގެނެއް ނުވާނެ. އެމީހުންގެ ސަބަބުން، އަޅުގަނޑުމެންނަށް މި ލިބޭ ފައިދާ، އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ގަބޫލުކުރަންޖެހޭނެ. އަޅުގަނޑުމެންނަށް މިހާރު ލިބިފައި މިވާ ތަނަވަސްކަން، އަޅުގަނޑުމެންގެ ރާއްޖޭގައި މި ހިންގާ ސްކޫލްތައް، މި ހިންގާ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރްކަޒުތައް، އަދި އެނޫންވެސް މި އަންނަ ތަރައްޤީތައް، އެއަރޕޯޓުތަކާއި ބަނދަރުތަކާއި، ކަރަންޓާ، މިހެންގޮސް ރާއްޖޭގައި މި ހުރި ހުރިހާ ވަސީލަތްތަކަކަށް ޚަރަދު ކުރާނެ ފައިސާގެ ބޮޑުބައި، އަޅުގަނޑުމެންނަށް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން. ފަތުރުވެރިކަން ނެތްނަމަ، މިއިން އެއްވެސް ކަމެއް ރާއްޖެއަކު ނުކުރެވޭނެ. ނޫނީ ކުރެވޭނީ މިހާރު ކުރެވޭވަރަށްވުރެ މާ ކުޑަކުޑަކޮށް.

އެހެންވީމާ، މިކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ. ފަތުރުވެރިންނަށް ކަމޭހިތަންޖެހޭނެ. އެމީހުންނަށް އިޙްތިރާމް ކުރަން ޖެހޭނެ. އެމީހުންގެ ސަލާމަތަށް އަޅުގަނޑުމެން ބަލަން އެބަޖެހޭ. އަދި މުޅި ޤައުމުގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދަމަހައްޓަން އެބަޖެހޭ. އެއީ ރާއްޖޭގައި މަގުމައްޗަށް މީހުން ނުކުމެ މުޒާހަރާކޮށް، ތަޅާފޮޅާ ގާއުކާ، ހަޅޭއްލަވާ ހަދާ ކަމަށްވަންޏާ، ދެން ކާކުތޯ ރާއްޖެއަށް ޒިޔާރަތް ކުރަން އަންނާނީ. އެމީހުން އެ އަންނަނީ، ހިތްހަމަޖެހުން ހޯދަން. މަޑުމައިތިރިކަމާއި ޞުލްޙަމަސަލަސްކަމާ އެކީގައި ދުވަސްކޮޅެއް ހޭދަކޮށްލާފައި ދާން. ކޮން ހިތްހަމަޖެހުމެއްތޯ އޮންނާނީ، މިކަހަލަ ތަނަކަށް އައިސްގެން މިކަހަލަ ކަމެއް ހިނގާ ކަމަށްވަންޏާ.

ބައްލަވާ އަޅުގަނޑުމެންގެ ކައިރީގައި އޮތް އޮޅުދޫކަރައަށް ވެގެންދިޔަގޮތް. 1984ން ފެށިގެން އެތާ އެ ހިނގަން ފެށި ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން، އެތާނގެ ފަތުރުވެރިކަން ދަށަށްދިޔަ މިންވަރު، ތިޔަބޭފުޅުން ވަޒަން ކުރައްވާ. އެކަން އެކަންޏެއް ނޫން. އެތާނގެ ވިޔަފާރިއާއި، މުޅި އިޤްތިޞާދު ހަލާކުވެގެންދިޔައީ. މިއީ އަޅުގަނޑުމެން ބަލަންޖެހޭނެ ކަންތައްތައް. ބުއްދިވެރިން ބުނޭ، ނުވަތަ އަޅުގަނޑުމެން ކިޔާގޮތުގައި ވިއްޔާ މުސްކުޅިން ބުނޭ. "ބުއްދިވެރިންނަކީ، އެހެން މީހުންނަށް ދިމާވާ ކަންތައްތަކުން ޢިބްރަތް ޙާޞިލުކުރާ މީހުންނޭ. ތިމާ އަމިއްލައަށް އެކަންތައްތަކާ ކުރިމަތިލާން ޖެހުމުގެ ކުރިން، އެހެން މީހަކަށް ދިމާވި ކަމަކުން ޢިބްރަތް ޙާޞިލުކޮށް، އޭނާއަށް އެކަން ދިމާވީ ކިހިނަކުންތޯ ބަލައި، އެކަމުން ރައްކާތެރިވާ މީހާއޭ."

އެހެންވީމާ، އަޅުގަނޑުމެން ބުއްދިވެރިން ކަމަށްވަންޏާ، ބަލަން އެބަޖެހޭ، މިކަހަލަ ކަންތައްތައް ހިނގާ ތަންތަނުގައި މިވާގޮތް. ހަމަނުޖެހުންތައް ހިނގާ ތަންތަނުގައި ކަންތައް ވަމުންދާގޮތް. އެތާނގެ އިޤްތިޞާދަށް މި އަންނަ ބޮޑެތި ބަދަލު. އެތާނގެ ރައްޔިތުންނަށް މި ލިބޭ ނިކަމެތިކަން. އެމީހުން އުޅެންޖެހޭ ބިރުވެރިކަން. މިކަންކަން އަޅުގަނޑުމެން އެބަޖެހޭ ރަނގަޅަށް ދަންނަން. އެކަހަލަ ކަމެއް ރާއްޖެއަށް އައުމުގެ ކުރިން، އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކޮށް، އެފަދަ ކަންތައް ނުވުމަށް އަޅުގަނޑުމެން ސަމާލުކަންދީ މަސައްކަތް ކުރަން އެބަޖެހޭ.

އަޅުގަނޑު ދަންނަވަން މިއުޅެނީ، ރާއްޖޭގެ އެންމެންނަކީ، ޤާނޫނުގެ ޙުކުމް ދަމަހައްޓާ ބަޔަކަށްވާންޖެހޭނެޔޭ. "ރޫލް އޮފް ލޯ" އެއީ އެންމެންގެ މައްޗަށް ހިނގަންޖެހޭނެ ކަމެއް. އެންމެންގެ މައްޗަށް ޤާނޫނުގެ ޙުކުމް ހިނގަންޖެހޭނެ. އެންމެން ޤާނޫނަށް އިޙްތިރާމް ކުރަން ޖެހޭނެ. ޤާނޫނަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ.

މިއީވެސް ވަރަށް ފުރިހަމަ، ވަރަށްރީތި ރިޒޯޓެއް. އެކަމަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. މި ފެންވަރަށް އަދި މިއަށްވުރެ މޮޅަށް ހުރި ތަންތަންވެސް ރާއްޖޭގައި އެބަހުރި. އެތައް މިލިޔަނެއް މި ޚަރަދު ކުރަނީ. ދެންމެ ވިދާޅުވިކަންނޭނގެ، ފަންސާސް މިލިޔަނޭ މިތަނަށް ޚަރަދުކުރީ. އަދި މިނިސްޓަރ ދެންމެ ވިދާޅުވި، ޝަންގްރިލާއަށް 132 މިލިޔަން ޚަރަދުވާނެކަމަށް ދޮގެއްތޯ. މިހިރަ މިހިރަ ބޮޑެތި ފައިސާތައް މި ޚަރަދު ކުރަނީ، މިތަންތަނަށް. މިހާގިނަ ފައިސާ ޚަރަދު ކުރިޔަސް، އަދި މިހާ މޮޅަށް އަދި މިއަށްވުރެ މޮޅަށް ތަންތަން ތައްޔާރު ކުރިޔަސް، ރާއްޖޭގައި ހަމަނުޖެހުން އުފެދިއްޖިއްޔާ، ކޮން ފައިދާއެއްތޯ ރާއްޖެއަށް އޮތީ. ފަތުރުވެރިން އައުން ހުއްޓިއްޖިއްޔާ، މިތަންތަނުގެ ކޮން ބޭނުމެއްތޯ އަޅުގަނޑުމެން ކުރާނީ؟ މިހިރީ އަޅުގަނޑުމެން ވިސްނަންވީ ކަންތައް. އަޅުގަނޑުމެންގެ ޒުވާނުން، ޅަކުދިން، ހަރުމީހުން، މިކަހަލަ ކަންތައް ވަރަށް ބޮޑަށް ވިސްނާފައި، އަޅުގަނޑުމެން ޢަމަލު ކުރަންވާނީ. އަޅުގަނޑުމެންގެ ސަލާމަތަށް އިސްކަންދޭންޖެހޭނެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ، އަޅުގަނޑުމެންގެ ހަމަޖެހުމަށް، އަޅުގަނޑުމެންގެ ސަލާމަތަށް، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށް ވިސްނައިގެން.

އާދެ! އަޅުގަނޑުގެ ވާހަކަ މިހާރު ތަންކޮޅެއް ދިގުވެއްޖެކަންނޭނގެ. ވާހަކަ ނިންމާލުމުގެ ކުރިން، ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. ހަމައެހެންމެ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، "މަޓީ"ގެ ވެރިންނަށާއި، ހިންގުންތެރިންނަށްވެސް ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް. ހަމައެހެންމެ، އެ ވުޒާރާ މީގެކުރިން ހިންގަވައިދެއްވި ހުރިހާ މިނިސްޓަރުންނަށްވެސް. އެބޭފުޅުންގެ ނަންފުޅުތައް ވަކިވަކިން ނުދެންނެވި ނަމަވެސް، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދައުރުގައި އެކުރައްވާފައިވާ ހިންމަތާއި ބުރަ މަސައްކަތަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ކުރަމުން. އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމުން. އަދި އަޅުގަނޑުމެންނަކީ އަބަދުވެސް ހެޔޮ ވިސްނޭ ބަޔަކު ކަމުގައި ލެއްވުމަށާއި، އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه