بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! މިއަދު އައްޑުއަތޮޅަށް އަޅުގަނޑު ކުރަން މި ފެށި ދަތުރުގައި، ފޭދުއަށް އައުމުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ފޭދޫ ރައްޔިތުންނަށާއި ފޭދޫގެ ވެރިންނަށާއި ކޮމިޓީތަކުގެ މެންބަރުންނަށާއި، ރަށުގެ ކުދިބޮޑު އަންހެން ފިރިހެން އެންމެންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.

މިފަހަރު އަޅުގަނޑު އައްޑުއަތޮޅަށް މި ކުރާ ދަތުރަކީ، އައްޑުއަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ހިންގަމުން ގެންދާ ވަރަށް މުހިންމު ދެ މަޝްރޫޢެއް އިފްތިތާޙުކޮށްދިނުމަށް ކުރާ ދަތުރެއް. އެނގިވަޑައިގަންނަވާނެ ފަދައިން، ގަމުގައި ޤާއިމުކުރެވުނު ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، މިއަދު މެންދުރު މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުވަނީ ރަސްމީގޮތުން އިފްތިތާޙުކޮށްދީފައި. އެއީ، މި ދެންނެވި ދެ މަޝްރޫޢުގެ ތެރެއިން އެއް މަޝްރޫޢު. އަނެއް މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ މާދަމާ އެ މަޝްރޫޢެއް އިފްތިތާޙު ކުރުން އޮންނަ ހެރެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢު. އާދެ، ހެރެތެރެއަކީ އައްޑުއަތޮޅުގައި ފުރަތަމަފަހަރަށް ތަރައްޤީ ކުރެވޭ ޓޫރިސްޓް ރިޒޯޓް.

އާދެ! ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުޅުވުމާއި، ހެރެތެރެ އައިލެންޑް ރިޒޯޓް ހުޅުވުމުގެ ސަބަބުން އައްޑުއަތޮޅުގެ ރައްޔިތުންނަށް އަދި އޭގެތެރެއިން ފޭދޫ ރައްޔިތުންނަށް ވަރަށްބޮޑު ކުރިއެރުމަކާއި ތަރައްޤީއެއް ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް. މިކަންތައްތަކުން ރައްޔިތުންނަށް އިތުރު ވަޒީފާ ލިބުމުގެ ފުރުޞަތު ލިބޭނެ. ރައްޔިތުންނަށް އާމްދަނީ އިތުރުވާނެ އިތުރުގޮތްތައް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ. އަދި އޭގެ ސަބަބުން އައްޑުއަތޮޅުގެ އިޤްތިޞާދީ ކުރިއެރުމަށް އަދި ފޭދޫގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށްބޮޑު ދިރުމެއް ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް.

އައްޑުއަތޮޅުގެ ތަރައްޤީއަށް ސަރުކާރުން އަބަދުވެސް މިގެންދަނީ ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން. އޭގެތެރެއިން އެއް ސަބަބަކީ، އެކަން ސަރުކާރުން ކުރަމުން މިގެންދާ އެއް ސަބަބަކީ، އައްޑުއަތޮޅަކީ ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އަތޮޅުކަމަށްވާކަން. ޝައްކެއްނެތް. ދިވެހިންގެ ގިނަބަޔަކަށް އިތުރު ފުރުޞަތުތަކާއި، އިތުރު ޚިދްމަތްތައް ލިބިގެން ދިޔުމަކީ، މުޅި ޤައުމަށް އޭގެ ހެޔޮ އަސަރު ކުރަމުންދާނެ ކަމެއް.

ފޭދޫގެ ތަރައްޤީއަށްވެސް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވަނީ މަސައްކަތްތަކެއް ކުރެވިފައި. ދެންމެ މި ރަށުގެ ބޮޑުކަތީބު އަލްފާޟިލް ޙަސަން ލަޠީފުގެ ވާހަކަފުޅުގައި، އެކަންކަމަށް އިޝާރަތް ކުރައްވައިފި. އޭނާ އެ ދެއްކެވި ވާހަކަފުޅާއި އަދި އޭނާ އަޅުގަނޑާމެދު އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، ބޮޑުކަތީބު އަލްފާޟިލް ޙަސަން ލަޠީފަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

މި ހިންގުނު ކަންތައްތަކުގެ ތެރޭގައި ފޭދޫގެ ބަނދަރުހެދުމާއި ބިންހިއްކުމުގެ މަޝްރޫޢުވެސް ހިމެނޭ. ބަނދަރު މިވަނީ ތަންކޮޅެއް ކުރިން ހެދިފައި. އެހެންނަމަވެސް، ދެންމެ ބޮޑުކަތީބު އެވިދާޅުވިފަދައިން ބަނދަރު ތިލަވެ، ކުޑަވެ، ބަނދަރުގެ ދަތިކަން މިހާރު ބޮޑުވުމުން އަލުން އެބަނދަރު ހަދައިދޭގޮތަށް ސަރުކާރުންވަނީ ހަމަޖައްސާފައި. މި ރަށަކީ، ސަރުކާރުގެ ކަރަންޓް އާދެ! ސްޓެލްކޯގެ ކަރަންޓް، ސައުވީސް ގަޑިއިރު ލިބެމުންދާ ރަށެއް. އެއީވެސް ޝައްކެއްނެތްގޮތުގައި، ރަށުގެ ތަރައްޤީއަށް ކުރެވިފައިވާ ވަރަށްބޮޑު މަސައްކަތެއް. ހަމައެހެންމެ، އަޅުގަނޑުމެން މި ޖަލްސާ ބާއްވަމުން މިގެންދާ މަދަރުސާގެ ވާހަކަ، ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. މި މަދަރުސާއަކީވެސް މިހާރު ސަރުކާރުން ހިންގާ މަދަރުސާއަކަށްވުމުން، އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފަސޭހަތައް ވަރަށް ތަނަވަސްވެފައިވާ މަދަރުސާއެއް. މީގެއިތުރުން، މި ރަށުގައި ސަރުކާރުން ހިންގާ ޞިއްޙީ މަރްކަޒެއްވެސް އެބަހުރި.

އާދެ! މިކަންތައްތައް މިހެން ހިނގުމުގެ އިތުރުން، ކުރިޔަށް އޮތްތަނަށްވެސް ފޭދުގޭ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ވަރަށްގިނަ ކަންތައްތައް އެބަހުރި. އޭގެތެރެއިން އެއްކަމަކީ، ކުރިން އަޅުގަނޑު މި އިޝާރަތްކުރި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް. މި މަސައްކަތް މި އަހަރު ފެށޭގޮތަށް ވަނީ ރޭވިފައި.

ދެން ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވި އަނެއްކަމަކީ، ރައްކާތެރި ބޯފެން، ރަށުގެ ރައްޔިތުންނަށް ލިބޭގޮތްވުމާއި، ނަރުދަމާ ނިޒާމު މި ރަށުގައި ޤާއިމުކުރެވުން. މިކަންވެސްވަނީ ރޭވިފައި. އަދި މި މަޝްރޫޢަށް އައި.ޑީ.ބީ.ގެ ލޯނު އެހީ ލިބޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. މިނުކުތާގައި ދަންނަވާލަން ބޭނުންވަނީ، އެ ލޯނުގެ ކަންތައް އަދި ހަމަޖެހިފައެއްނެތޭ. އެހެންނަމަވެސް، ސަރުކާރުން އައި.ޑީ.ބީ.އާ ގުޅައިގެން މަޝްވަރާ ކުރަމުން މިދަނީ، މި މަޝްރޫޢަށް އައި.ޑީ.ބީ.ގެ ލޯނެއް ލިބޭތޯ. އިރާދަކުރެއްވިއްޔާ ލިބުނުހާ އަވަހަކަށް އެ މަސައްކަތް ފެށޭނެ. ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ފޭދުއާއި ފޭދޫ ގުޅިފައިވާ އެހެން ރަށްރަށުގެ ނަރުދަމާ ނިޒާމު، ފަރުމާ ކުރުމުގެ މަސައްކަތް، ސަރުކާރުގެ ވުޒާރާތަކުން ސަރުކާރުގެ ކޮންޕޯނެންޓެއްގެ ގޮތުގައި ކުރިޔަށް ގެންދިޔުމަށް އައި.ޑީ.ބީ.އާ ވާހަކަދެކެވި މިހާރުވަނީ އެގޮތަށް އެއްބަސްވެވިފައި. އަދި ފަރުމާކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރުދަނީ ކުރަމުން.

ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުގެ ދަށުން، މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމުގެ ތައްޔާރުތައް މިހާރުދަނީ ވަމުން. ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ފަދައިން ފޭދުއަކީ ބިމަށް ވަރަށްބޮޑަށް ދަތިވެފައިވާ ރަށެއް. މިހާރުވެސް ގޯތިދޭނެ ބިން ނެތް ރަށެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި މިކަންވެސް ފެށޭނެ. މިހާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ވަނީ ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލައްވާފައި. މިރަށް އެކަންޏެއްނޫން. އެއީ އަޅުގަނޑުމެން މި ކިޔާ ޗެއިން ރިކްލަމޭޝަން ޕްރޮޖެކްޓް. އެއީ، މިރަށުން ފެށިގެން ހިތަދުއާ ހަމައަށް ބިން ހިއްކުމުގެ މަސައްކަތް ހިމެނިފައިވާ މަޝްރޫޢެއް. އެ މަޝްރޫޢުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިހާރުވަނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ބީލަމަށް ހުށަހަޅުއްވާފައި. އަދި މި އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެ ބީލަން ހުޅުވާގޮތަށްވަނީ ހަމަޖެހިފައި. މި ދެންނެވި މަޝްރޫޢުގެ ދަށުން ބިންހިއްކާ ނިމުމުން، ފޭދޫގައި ފެރީ ޓަރމިނަލެއް ސަރުކާރުން ގާއިމުކޮށްދޭގޮތަށްވެސް ވަނީ ރޭވިފައި. އެ ވާހަކައަށް ދެންމެ ބޮޑުކަތީބު އިޝާރާތް ކުރައްވައިފި.

އާދެ! އަޅުގަނޑު އިތުރަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ދިވެހިރައްޔިތުންނާއި ދިވެހި ސަރުކާރާ ގުޅިގެން މުޅި ރާއްޖެއަށް، މުޅި ރާއްޖޭގެ ތަރައްޤީއަށާއި، ކުރިއެރުމަށް މި ކުރާ މަސައްކަތްތައް ކާމިޔާބުވާނީ އެންމެން އެކަތިގަނޑަކަށްވެގެން އެއްބާރުލައިގެން މަސައްކަތްކޮށްގެންނޭ. އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙު ވަރުގަދައަށް އަށަގެންފައި އޮވެގެންނޭ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެމަތިން އަޚުންތަކެއް ކަމުގައި ވެގެންނޭ. އަޅުގަނޑުމެންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުއްޓަސް، އޭގެ ސަބަބުން، ރަށުގައި ބައިބައިވުން ނުވަތަ ފިތުނަ އުފެދޭގޮތްވުމަކީ، މި ދެންނެވި ކަންތައްތަކަށް ވަރަށްބޮޑަށް ބުރޫއަރާނެ ކަމެއްކަން، އަޅުގަނޑެކޭ އެއްފަދައިން ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ. ސަރުކާރުން މިގެންދަނީ ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރަމުން. މި ވޭތުވެދިޔަ ތިރީހަކަށް އަހަރުދުވަހުގެ ތެރޭގައި ކަން ހިނގާފައިވާ ގޮތަށް ބައްލަވައިލައްވައިފިނަމަ، އަދި ކުރީގެ ކަންތައްތައް ހުރިގޮތާ މިހާރު ކަންތައްތައް ތަރައްޤީވެފައިވާ މިންވަރާ އަޅުއްވައި ބައްލަވައިލައްވައިފިނަމަ، ސަރުކާރުން މިކުރަމުން ގެންދާ މަސައްކަތް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ.

އާދެ، އަޅުގަނޑަށްވެސް އެނގޭ، މިއަދުގެ ޒުވާނުންނަށް މިކަންކަން މާ ރަނގަޅަކަށް ނޭނގޭނެ. މިކަންކަމަކީ މީގެ ތިރީސް އަހަރު ނުވަތަ ފަންސަވީސް އަހަރު ކުރީގެ ކަންތައްތަކާ އަޅައިބަލަންޖެހޭ ކަންތައްތައް ކަމަށްވާއިރު، އެދުވަސްވަރުގެ ހަނދާންތަކެއް ޒުވާނުންނެއް ނުހުންނާނެ. އަދި އޭގެތެރެއިން ވަރަށްގިނަ ޒުވާނުންނަކީ، އޭގެފަހުން އައިސްތިބި ބައެއް ކަމުގައިވާނެ. އެހެންވީމާ، މިކަން ރަނގަޅަށް އެނގޭނީ އަޅުގަނޑުމެންގެ ތެރޭގައި ތިބި ހަރުމީހުންނަށް. އަޅުގަނޑުމެންގެ ތެރޭގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް. ކޮންމެއަކަސް ސާޅީސް އަހަރުން މަތީގެ މީހުންނަށް، ޝައްކެއްނެތްގޮތުގައި އަޅުގަނޑު މި ދެންނެވި ކަންތައްތައް ރަނގަޅަށް ވަޒަން ކުރެއްވޭނެ.

އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ކުދިންނަށް މިކަންތައްތައް އޮޅުންފިލުވައިދޭން. ރާއްޖެ ކުރިން އޮތްގޮތާއި މިހާރު އޮތްގޮތާ، ރާއްޖޭގެ ތަރައްޤީއަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އަދި އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ރައްޔިތުންނަށް ލިބިފައިވާ ތަނަވަސްކަމާއި ކުރިއެރުން. މިއީ، އަޅުގަނޑުމެން އެންމެންވެސް ދަންނަންޖެހޭނެ ޙަޤީޤަތެއް.

އެއްވެސް ޤައުމެއް ކުރިއަށް ދާނީ، އެ ޤައުމެއްގެ މާޒީ އެބަޔަކަށް ރަނގަޅަށް އެނގިގެން. މާޒީގައި ކަންތައްވެފައިވާ ގޮތާއި، އަދި މާޒީން ފެށިގެން މިއަދު ގިރާކޮށް، މާދަމާއާ ހަމައަށް ދިޔުމަށްޓަކައި ކުރަންޖެހެނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ދެނެގަނެގެން. އަދި އަޅުގަނޑުމެން ދާންޖެހެނީ ކޮން މިޞްރާބަކަށްކަންވެސް ރަނގަޅަށް އެނގިގެން.

އެހެންވީމާ، ސަރުކާރުން ތަރައްޤީގެ އެކި މަޝްރޫޢުތައް ރާއްވަވަމުން މިގެންދަނީ މިދެންނެވި މަޤްޞަދުތައް. އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކެއް، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރޭވެމުން އެބަދޭ. މިހާރުވެސް ތަރައްޤީގެ އާ މަޝްރޫޢެއްގެ ލަނޑުދަނޑިތައް ކަނޑައަޅައި، އެ މަޝްރޫޢުގެ ލަނޑުދަނޑިތައް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. މި ހުރިހާ ކަމެއްގެވެސް އަސްލަކީ، ރާއްޖެ ކުރިއަށް ދިޔުން. ރާއްޖޭގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަން ލިބިގެން ދިޔުން.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ފޭދޫގެ ރައްޔިތުންނަކީ، ވަރަށް ހިތާމަވެރި ދަތިގޮތްތަކެއް ދިމާވެފައިވާ ބަޔެއް. ގަމުން އެމީހުން ފައިބަން ޖެހުމާއި އަދި އޭގެފަހުން އެމީހުންނަށް ދިމާވި ހިތި ތަޖުރިބާތައް، މިތާ ތިއްބެވި ވަރަށްގިނަ ބޭފުޅުންގެ ހިތްޕުޅުގައި ހުންނާނެ. އެހެންނަމަވެސް، ރާއްޖެ ކުރިއަށްދާ ދިޔުމުގައި އަޅުގަނޑުމެންނަކަށް ނެތް ފަހަތަށް އެނބުރި ބަލައިލެވޭކަށް. އަޅުގަނޑުމެން ބަލަންޖެހޭނީ ކުރިއަށް. އަޅުގަނޑުމެން ދާން ބޭނުންވަނީ ކުރިއަށް. ހާސިލުކުރަން ބޭނުންވަނީ ތަރައްޤީގެ އިތުރު ލަނޑުދަނޑިތައް. އެހެންވެ މި ޢަޒުމުގައި އަޅުގަނޑުމެން އެންމެން މަސައްކަތް ކޮށްގެން، އިރާދަކުރެއްވިއްޔާ މާތްﷲ އަޅުގަނޑުމެންނަށް ކުރިއަށް ދިޔުމުގެ މަގު ފަހިކޮށްދެއްވާނީ.

އާދެ! ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރަނީ ހަމައެކަނި ސަރުކާރަކުން ނޫން. ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތައް ކުރޭ. އަދި ސަރުކާރުން ތަރައްޤީގެ ސިޔާސަތުތައް ކަނޑައަޅައި، ތަރައްޤީވުމަށް ބޭނުންވާ މާޙައުލު ފަހިކޮށްދެވޭތޯ މަސައްކަތް ކުރަމުން އެބަ ގެންދޭ. އެމާޙައުލުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަން މިޖެހެނީ އަޅުގަނޑުމެން އަމިއްލައަށް. އަމިއްލަ އަފުރާދުންނާއި، އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާތަކާ މި އެންމެން. މި އެންމެން ކުރާ މަސައްކަތުގެ ނަތީޖާ މި ދައްކަނީ ޤައުމުގެ ތަރައްޤީގެ ގޮތުގައި. މިއީ ހަމައެކަނި ރާއްޖެއަކު ނޫން. ރާއްޖެ ނޫން އެހެން ކޮންމެ ޤައުމެއްގައިވެސް މިކަން އޮންނަގޮތް.

އެހެންވީމާ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަމާތޯއޭ! މިހާރުވެސް އެހެން މި މަސައްކަތް ކުރަނީ، އަޅުގަނޑަށް އެނގޭ، ފޭދޫ ރައްޔިތުންނަކީ ވަރަށް އެކުވެރި ބައެއްކަން. ވަރަށްބޮޑު އެއްބާރުލެއްވުމެއް ސަރުކާރަށް ދެއްވާ ރައްޔިތެއްކަން. އެކަމަކު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އެ އެއްބާރުލެއްވުން، އެ އެކުވެރިކަން މިއަދުވެސް އޮންނަން ޖެހޭނެއޭ. މާދަމާވެސް އޮންނަންޖެހޭނެއޭ. އޭގެ އަނެއް ދުވަހުވެސް އޮންނަން ޖެހޭނެއޭ. އަދި އެ އެކުވެރިކަން އަޅުގަނޑުމެން ބަދަހިކޮށްގެން، ވަރުގަދަކޮށްގެން ނޫނީ، އަޅުގަނޑުމެން ބޭނުންވާ ކުރިއެރުމެއް އަޅުގަނޑުމެންނަކަށް ހާސިލެއް ނުކުރެވޭނެއޭ. މިއީ، އެއްވެސް ޝައްކެއްހުރި ކަމެއްނޫން.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ފޭދޫ ރައްޔިތުންވެސް މިކަން ގަބޫލުކުރެއްވުން. އައްޑުއަތޮޅުގެ ރައްޔިތުންވެސް މިކަން ގަބޫލުކުރެއްވުން. މާތްﷲގެ ވާގިފުޅާއެކު ސަރުކާރުން މަސައްކަތް ކުރަނީ، ރައްޔިތުންގެ ތަރައްޤީއަށްކަން ރާއްޖޭގެ އެންމެން ގަބޫލުކުރެއްވުން. އަދި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުވަމުންދާ މިންވަރު ރަނގަޅަށް ވަޒަން ކުރެއްވުން.

އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއްކަން. ވަސީލަތްތައް މަދު ޤައުމެއްކަން. އަޅުގަނޑުމެން ބޭނުންވާހާ ހަލުވިކޮށް ކަންތައްތައް ކުރިޔަކަށް ނުގެންދެވޭނެކަން. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަކުންކަން އަޅުގަނޑުމެން ކަންތައްތައް ކުރަންޖެހޭނީ. މިހާރު ސަރުކާރުގެ ބަޖެޓަކީ، އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިން ދުވަހަކުވެސް ސަރުކާރުގެ ބަޖެޓުގެ ގޮތުގައި ހަމަޖެހިފައިނެތްފަދަ ބޮޑު އަދަދެއް ހަމަޖެހިފައިވާ ބަޖެޓެއް. މި ބަޖެޓުންވެސް މިދައްކަނީ، ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދްމަތްތައް. ކޮށްދޭން ބޭނުންވާ ކަންތައްތައް. ކުރަން ބޭނުންވާ ޚަރަދު. އެހެންނަމަވެސް، އެކަންތައްތައް ކުރެވޭނީ، ސަރުކާރަށް ލިބޭ އާމްދަނީވެސް އިތުރުވެގެން. ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތްތައް ފެނިގެން. އަމުދުން ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށް އާމްދަނީ ލިބެން ހުންނަ ވަސީލަތްތައް ވަރަށް މަދުވާނެކަން ތިޔަބޭފުޅުން ގަބޫލުކުރައްވާނެ.

އެހެންވީމާ، އަޅުގަނޑުމެންނަށް މި ޖެހެނީ، އެ ވަސީލަތްތައް އިތުރުކުރަން. މިސާލަކަށް، ރާއްޖޭގައި ގިނަ އަދަދަކަށް ފަތުރުވެރިކަމުގެ މަންޒިލްތައް، ފަތުރުވެރިކަމުގެ ރިޒޯޓުތައް ހުޅުވަމުން ގެންދިޔުން. މިހާރުވެސް އީކްއޭޓަރ ވިލެޖް ހިނގަމުންދޭ. އޭގެފަހުން، އިރާދަކުރެއްވިއްޔާ މާދަމާ ހެރެތެރެ ރަސްމީގޮތުން ހުޅުވޭނެ. ހެރެތެރެ ރަސްމީ ގޮތުން ނުހުޅުވުނަސް، އެތަން ހިނގަމުންދާތާ ކުޑަދުވަސްކޮޅެއް މިހާރުވަނީ ވެފައި. މީގެއިތުރުން، އިތުރު ދެ ރިޒޯޓް މި އަތޮޅުގައި ހަދާގޮތަށްވަނީ ހަމަޖެހި އަދި ބީލަމަށްވެސް ވަނީ އެވޯޑް ކުރެވިފައި. އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ކުރިޔަށް އެބަދޭ. އަދި މާލަހެއްނުވެ އޭގެ ނަތީޖާ އައްޑުއަތޮޅުގެ ރައްޔިތުންވެސް، މި ސަރަޙައްދުގެ އެންމެންވެސް ދެކޭނެ. އެހެންވީމާ، އެކަންތައްތައް މިހެންވަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި އެއްބާރުލުން ބާއްވައިގެން، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑުކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

އާދެ! އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ނެތިން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަށް ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި މާތްﷲ އަޅުގަނޑުމެން ލެއްވުން. އަޅުގަނޑުމެންގެ މެދުގައި އިސްލާމީ އުޚުއްވަތްތެރިކަން ޤާއިމުވެފައިވާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުން. ރާއްޖެއަށް އިތުރުކުރިއެރުމާއި ތަރައްޤީއާއި، ތަނަވަސްކަމާއި، ސުލްހަމަސަލަސްކަމާއި އަމާންކަން އެކަލާނގެ މިންވަރު ކުރެއްވުން.

ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި، ހޯރަފުށްޓަށް އަޅުގަނޑު ކުރި ދަތުރުގައި އަޅުގަނޑާ ދިމާވި ހާދިސާގެ ވާހަކަ ވިދާޅުވި. އަދި އަޅުގަނޑާމެދު ފާޅުކުރެއްވި ހަމްދަރުދީއާއި ތާއީދުގެ ޝުޢޫރުތަކަށްޓަކައި، މި ނޭވާގައި ބޮޑުކަތީބަށާއި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! އޭނާ އިޝާރަތް ކުރެއްވި ކަހަލަ ޢަމަލުތައް ހިންގުމަކީ، އަޅުގަނޑުމެންގެ ހަމަ އެކަކުވެސް އެދޭނެ ކަމެއް ނޫން. އެއީ، ރާއްޖެ މީގެކުރިން ދުވަހަކުވެސް ދެކެފައި ނުވާފަދަ ނުރަނގަޅު ޢަމަލެއް. މިފަދަ ކަންތައްތައް ހުއްޓުވުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން ޖެހޭނެ. ރާއްޖެއަކީ އަބަދުވެސް އަމާން ޞުލްޙަވެރި ތަނަކަށް ހެދޭތޯ މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މާތްﷲ އަޅުގަނޑުމެންނަށް ތަނަވަސްކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުން. އެކަލާނގެ މަދަދާއި ތައުފީޤު އަޅުގަނޑުމެންނާ އެކީގައި ލެއްވުން އެދި ދުޢާކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه