بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْـدُ للهِ رَبِّ الْعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أشْرَفِ الأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَـى آلِـهِ وَصَحْبِــهِ أَجْمَـعِــيْن.

އެމް.ޑަބްލިއު.އެސް.ސީ.ގެ ޗެއަރމަން އަލްފާޟިލް އަޙުމަދު މަޢުޞޫމް، މެނޭޖިންގ ޑައިރެކްޓަރ ޢާދަމް ޢާޒިމް، އެމް.ޑަބްލިއު.އެސް.ސީ އަށް ކުރީގައި ޚިދުމަތް ކޮށްދެއްވާފައިވާ އެކިއެކި ބޭފުޅުން، އަދި މިހާރުގެ އެންމެހައި މުވައްޒަފުން، އަދި މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، 24 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެމް.ޑަބްލިއު.އެސް.ސީ.ގެ އެންމެހައި މުވައްޒަފުންނާއި، މެނޭޖްމަންޓާއި އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުން.

އާދެ، އެއްވެސް ޝައްކެއްނެތް. ތިޔަބޭފުޅުން ތިޔަ ކުރައްވަނީ ވަރަށް އަގުހުރި މަސައްކަތެއް. އާދެ، ފެނާއި ނަރުދަމާގެ ޚިދުމަތަކީ، އަދި ވަކިން ޚާއްޞަކޮށް، ފެނުގެ ޚިދުމަތަކީ، އެއީ ކިހާވަރެއްގެ ކަމެއްކަން އަޅުގަނޑަށް ހީވަނީ، އަޅުގަނޑު އެ ވާހަކަ ނުދެއްކިޔަސް، ހުރިހާ ބޭފުޅުންނަށް އެކަމުގެ އަގު ވަޒަންކުރެއްވޭނެހެން. އާދެ، މިފަދަ ޙަފްލާއެއްގައި ތިޔަބޭފުޅުން ކުރައްވާ މަސައްކަތް ހަމަ ފާހަގަކުރުމާއެކު، އަޅުގަނޑުމެންގެ ހަނދާނަށް ގެންނަން އެބަޖެހޭ، އާދެ، ފެނުގެ މުހިންމުކަން. އާދެ، ފެނަކީ އެއާ ނުލައި އަޅުގަނޑުމެންނަށް ނޫޅެވޭނެ އެއްޗެއް. އަޅުގަނޑުމެން އެބަޖެހޭ އަބަދުވެސް، އާދެ، އިސްރާފު ކުރުން މަދުކުރަން. އެއީ އަޅުގަނޑުމެން އަބަދުވެސް ޢަޒުމް ކަނޑައަޅައި އަދި އަޅުގަނޑުމެންގެ ދަރީންނަށް އަޅުގަނޑުމެން ނަމޫނާ ދައްކައިދޭންޖެހޭ ކަމެއް.

އާދެ، ހަމައެއާއެކު، ފެނާ ގުޅުންހުރި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ، ވަކިން ޚާއްޞަކޮށް، ތިމާވެށްޓަށް ގެއްލުންހުރި ކަންތައްތަކާ އަޅުގަނޑުމެން ދުރަށްދާން. އާދެ، ޕްލާސްޓިކް ގެންގުޅުން އަޅުގަނޑުމެން މަދުކުރަންޖެހޭ. ވަކިން ޚާއްޞަކޮށް، ސިންގަލް ޔޫސްޑް، މިއީ މިހާރު ސަރުކާރުން އަދި ސަރުކާރުގެ މުއައްސަސާތަކާއި، އަދި ކުންފުނިތަކުން ފަށްޓާފައިވާ މަސައްކަތެއް. އެހެންވީމާ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި އެ ކަންތައް އިތުރަށް ތިޔަބޭފުޅުންނަށް ހަނދުމަކޮށް އެރުވީ.

އާދެ، މެނޭޖިންގ ޑައިރެކްޓަރުގެ ވާހަކަފުޅުގައި ވަރަށްގިނަ ކަންތައްތަކެއް ފާހަގަކުރެއްވި. އަދި ވަރަށްގިނަ ނަޞޭހަތްތަކެއް ތިޔަބޭފުޅުންނަށް ދެއްވި. އަޅުގަނޑު ވާހަކަ ދައްކާ ކަމަށްވަންޏާ، އަޅުގަނޑުވެސް ޙަޤީޤަތުގައި މިރޭ ހަމަ އޮތީ އެ ކަންތަކުގެ މައްޗަށް އެއްޗެއް ތަކުރާރުކޮށް ދަންނަވާލުން.

އާދެ، އަޅުގަނޑުމެން އެބަ ދަންނަންޖެހޭ، ތަން ރަނގަޅަށް ހިންގުމަށް. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، ރަނގަޅަށް ކުންފުނި ހިންގުމަކީ އެއީ އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައް. އާދެ، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް. އެ ފަރާތްތަކަށްވެސް ހިތްހަމަޖެހުން ލިބޭނޭގޮތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެއީ މިއަދު މި ޒަމާނުގައި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ، ކުންފުނީގައި މަސައްކަތް ކުރަމުންދާއިރު، އެކަކު އަނެކަކާމެދު އެކުވެރިކަމާއި، ރަޙްމަތްތެރިކަމާއެކު ވީހާވެސް ރަނގަޅަކަށް މަސައްކަތްތައް ކުރަން އެބަޖެހޭ. އަޅުގަނޑުމެން ގިނަ ބަޔަކު އެއްތަނެއްގައި މަސައްކަތް ކުރާއިރު، ކޮންމެވެސް ކަހަލަ ކަންތައްތަކެއް ދިމާވާނެ. އެކަކު އަނެކަކުގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއްވެސް ދިމާވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ރަނގަޅަށް ގުޅިގެން މަސައްކަތް ކޮށްފި ކަމަށްވަންޏާ، މެނޭޖިންގ ޑައިރެކްޓަރ އެ ފާހަގަކުރިގޮތަށް، ޕްރޮޑަކްޓިވްކޮށް، އެފިޝަންޓްކޮށް މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ.

އާދެ، ރަނގަޅު ވާހަކަފުޅެއް، އަޅުގަނޑުމެންގެ މި ހުރިހާވެސް މަސައްކަތެއް އަޅުގަނޑުމެން ކުރަނީ، އަޅުގަނޑުމެންގެ ވަގުތުތައް ހޭދަކުރަންޖެހެނީ ހަމަ އެންމެ ބޭނުމަކު. އަޅުގަނޑުމެންގެ އާއިލާތަކަށް ރަނގަޅު ޙަޔާތެއް، ރަނގަޅު ދިރިއުޅުމެއް، ރަނގަޅު ވަގުތުތަކެއް އަދި އަޅުގަނޑުމެންގެ ދަރީންނަށް ރަނގަޅު ތަޢުލީމެއް، ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމުގެ ބޭނުމުގައި. އާދެ، އަޅުގަނޑުމެން އެގޮތަށް ވިސްނާއިރުވެސް، މަސައްކަތުގެ ވަގުތު ވީހާވެސް ހެޔޮގޮތުގައި ބޭނުން ހިފައި އަދި އެފިޝަންޓްކޮށް، ޕްރޮޑަކްޓިވްކޮށް، އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ، އާއިލާއަށް ގިނަ ވަގުތުތަކެއް އަޅުގަނޑުމެންނަށް ދެވިގެންދާނެ.

އާދެ، އަޅުގަނޑު ހަމަ އެމް.ޑަބްލިއު.އެސް.ސީ.ގެ އެންމެހައި މުވައްޒަފުންނަށް ދަންނަވާލަން އޮތީ، އާދެ، ތިޔަބޭފުޅުންނަކީ ޓެކްނިކަލް ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވާ ބޭފުޅުން. ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި، އަދި އެކި މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުރި. އާދެ، އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހޭނީ އަބަދުވެސް އެ ކުރާ މަސައްކަތެއްގައި ކޮލިޓީ ހިފެހެއްޓުމަށް. ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކޮށް، ރައްޔިތުން އެދޭފަދަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެން މި ކުރާ ކޮންމެ މަސައްކަތަކީ، އެއީ ރައްޔިތުންގެ ފައިސާއިން، ރައްޔިތުން ކުރާ ބުރަ މަސައްކަތުން ހޯދާ ފައިސާ ހޭދަކޮށްގެން ކުރާ ކަންތައްތައް. އަޅުގަނޑުމެން ވަރަށް ހިތާމަކުރަން. އަޅުގަނޑުމެން ޙަޤީޤަތުގައި ކޮންމެހެން ވަކި ބަޔަކު ކޮށްފައި އޮތީތީވެ، އެ ކަންތައް ފާހަގަކޮށް، އެއީ މާ އުފާވެރިކަމަކަށްވާތީވެ، އެ ވާހަކަ ދައްކާކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ އަދި މާލޭ، ގްރޭޓަރ މާލޭ އޭރިޔާގެ އެކި ސަރަޙައްދުތަކަށް ބަލައިލިނަމަވެސް، ނުއަގުގައި ކުރެވިފައި ހުންނަ ކަންތައްތައް އެބަފެނޭ.

އާދެ، ރައްޔިތުންނަށް އަޅުގަނޑުމެން އެއްވެސް މަސައްކަތެއް ކޮށްފައި، އެއްވެސް ކަމެއް ފޯރުކޮށްދޭއިރު، ހަވާލުކުރާއިރު އެއީ ރައްޔިތުންނަށް ބޭނުން ހިފޭނެ އެއްޗަކަށް ވާންޖެހޭނެ. އެއީ ފްލެޓް ޢިމާރާތަކަށްވިޔަސް، އަދި އެއީ މަގު ހެދުމުގެ މަސައްކަތަކަށްވިޔަސް، ނަރުދަމާގެ މަސައްކަތަކަށްވިޔަސް، ފެންހޮޅި އެޅުމުގެ މަސައްކަތަކަށްވިޔަސް، އެ އާޚިރުގައި އެ ބޭނުންކުރާނީ ދިވެހި ރައްޔިތުން. އެހެންވީމާ، އަޅުގަނޑުމެންގެ ކުންފުނިތައް ހިންގުމުގައި، މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި، އަޅުގަނޑުމެން އެއްކޮށް ކޮރަޕްޝަނާ ދުރަށްދާން އެބަޖެހޭ. ޕްރޮޑަކްޓް، ރަނގަޅު ޕްރޮޑަކްޓެއް އަޅުގަނޑުމެން އުފައްދާފައި، ރައްޔިތުންނާ ހަވާލުކުރަންޖެހޭނެ.

އާދެ، އަޅުގަނޑުމެން އަބަދުވެސް ބޭނުންވަނީ، ތަރައްޤީ. އަޅުގަނޑުމެން ބޭނުންވަނީ ކުރިއަރައިގެން ދާން. ދުނިޔޭގެ އެހެން ޤައުމުތަކާ އެއް ހިސާބަކަށް ދިޔުމުގެ ޢަޒުމަކީ އެއީ އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް ޢަޒުމް. އެގޮތަށް އަޅުގަނޑުމެން ގަބޫލުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން ޖެހޭނެ، އެ ކުރާ މަސައްކަތް، އާދެ، ކޮންމެ މީހަކުވެސް ކުރަން ހަވާލުކުރެވިފައި އޮތް ކަންތައްތައް ވީހާވެސް ރަނގަޅަކަށް ކުރަން.

އާދެ، އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން، މެނޭޖިންގ ޑައިރެކްޓަރުގެ ވާހަކަފުޅުގައި ތަކުރާރުކޮށް، ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވައިފި، މަސައްކަތުގެ މުހިންމުކަމުގެ ވާހަކަ. އާދެ، އަޅުގަނޑުމެން މިއަދު ދިވެހި ރައްޔިތުންގެ ބޮޑެތި ހުވަފެންތަކެއް އެބަވޭ. ދިވެހި ރައްޔިތުން ހާސިލުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަވޭ. މިއިން ކޮންމެ ކަމެއްވެސް އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ، އަޅުގަނޑުމެން ކުރާ އަޅުގަނޑުމެން ހެޔޮ ނިޔަތުގައި ކުރާ މަސައްކަތުން.

މިއަދު އަޅުގަނޑުމެންގެ ދިވެހި ކޮންމެ ދަރިޔަކުވެސް، ކޮންމެ ރައްޔިތަކުވެސް، އަޅުގަނޑުމެން ވިސްނަންވީ މިއަދުގެ ޤައުމު މި އޮތް ހާލަތުން އަޅުގަނޑުމެން ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ޚިދުމަތަކަށް. އެއްވެސް މީހަކީ، އެއްވެސް މުވައްޒަފަކީ، މަސައްކަތްކުރާ އެއްވެސް މީހަކީ، މުހިންމުކަން ކުޑަ ފަރާތެއް ނޫން. އަޅުގަނޑުމެންނަށް ކާމިޔާބު މި ލިބެނީ އަޅުގަނޑުމެން ކުރާ ކަމެއް ފުރިހަމަ މިވަނީ ހުރިހާ ވައްތަރެއްގެ މަސައްކަތްތައް އޭގައި ހިމެނިގެން. ދެންމެ އަޅުގަނޑުމެންނަށް ސްޓޭޖްމަތިން އެ ފެނިގެން ދިޔަގޮތަށް، ޓީމެއްގެ ގޮތުގައި އެއް އަމާޒަކަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކޮށްގެން.

އެހެންވީމާ، މިއަދު މި ފުރުޞަތުގައި އަޅުގަނޑު ތިޔަ އެންމެހައި ބޭފުޅުންގެ އަރިހުން ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެކުގައި އެއް އަމާޒަކަށް ވާސިލުވުމަށްޓަކައި، ޤައުމަށްޓަކައި މަސައްކަތް ކުރަމާ ހިނގާށޭ. ޤައުމުގެ އަޅުގަނޑުމެން ޙަޤީޤަތް ގަބޫލުކުރަންޖެހޭނެ. އަޅުގަނޑުމެން މިއަދު މިތިބި ހިސާބު، އަދި އަޅުގަނޑުމެން އައި މަގު އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. އަޅުގަނޑުމެންގެ ކުރިއަށް އޮތް ރާސްތާ، އަޅުގަނޑުމެންނަށް ސީދާކޮށްލެވޭނީ، އަޅުގަނޑުމެން މިއަދު މިތިބި ހިސާބާއި، އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވުނުގޮތް އަޅުގަނޑުމެން ގަބޫލުކޮށްގެން. އެހެންވީމާ، ޤައުމުގައި ހުރި މި މައްސަލަތައް ހައްލުކޮށް، އަޅުގަނޑުމެން ބޭނުންވާފަދަ ދުވަސްތަކެއް ހޯދުމަށްޓަކައި މި ދެންނެވި ގޮތަށް މަސައްކަތް ކުރެއްވުމަކީ އަޅުގަނޑު ނުހަނު އިޚްލާޞްތެރިކާމާއެކު، ތިޔަ އެންމެހައި ބޭފުޅުންގެ އަރިހުން އެދޭ ކަމެއް.

އާދެ، މިފަދަ ފުރުޞަތެއްގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ސީދާ މިކަމާ ގުޅުން ނެތަސް، ދެތިން ކަމެއް އެބައޮތް. އަޅުގަނޑުމެންގެ ތެރޭގައި މި ދެންނެވި އިޖުތިމާޢީ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް އެކަމުގައި ހިމެނޭ ކަންތައްތަކެއް އެބަވޭ. އާދެ، އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެންދާ ކަންތައްތައް އަޅުގަނޑުމެން، އަޅުގަނޑުމެންގެ ތެރެއަށް އަނބުރާ ގެންނަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެން ގޮސްފައިވާ ރީތި އާދަތަކަކީ އެއީ ތިޔައިން ކޮންމެ ބޭފުޅަކުވެސް، ތިޔަބޭފުޅުންގެ ދަރިންނަށް ހޯއްދަވައިދެއްވަން ބޭނުންވާނެ އެއްޗެއް. އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި ސޯޝަލް ވެލިއުސް، ފެމިލީ ވެލިއުސް، އަޅުގަނޑުމެން އަނބުރާ ގެންނަން އެބަޖެހޭ. އާދެ، ސްކޫލުތަކުން ނިމިގެން ނުކުންނަ ދަރިވަރުންނަކީ، އަޅުގަނޑުމެން ދެންމެ މި ދެއްކި ވާހަކަ، އާދެ، ޤައުމަށްޓަކައި މަސައްކަތް ކުރެވޭނޭފަދަ ބަޔަކަށް ހެދުމުގެ މަސައްކަތަކީ، އެއީ އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރަންޖެހޭ ކަންތައްތައް.

އާދެ، އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، އަޅުގަނޑުމެންގެ އިހްމާލުން، ބައެއްފަހަރަށް އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން ވަރަށް ހިތާމަވެރި ކަންތައްތައް އަޅުގަނޑުމެންނާ ކުރިމަތިވަމުން އެބަދޭ. މަގުމަތީގެ ހާދިސާތައް، ކަނޑުގައި ދިމާވާ ހާދިސާތައް. މިތިބަ ކަންތައްތަކަކީ މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަންތައްތައް.

އާދެ، އަޅުގަނޑު ހަމަ ތިޔަ ބޭފުޅުންނާ ބައްދަލުވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެން އެންމެ އިސްކަމެއް މިއަދު ދޭންޖެހޭ އެއްކަމަކީ، މަގުމަތީގައި ދިމާވާ ކަންތައްތައް. އެތައް ފުރާނަތަކެއް، މި ހިތާމަވެރި ހާދިސާތަކުގައި ވަނީ ދުނިޔެ ދޫކޮށްފައި. އެހެންވީމާ، ދުއްވުމުގަޔާއި، މަގުގައި ހިނގުމުގައި، މަގު ހުރަސްކުރުމުގައި، އަޅުގަނޑުމެން އިތުރު ސަމާލުކަމެއްދޭން އެބަޖެހޭ. ކަނޑު ދަތުރުފަތުރު ކުރުމުގައިވެސް އަޅުގަނޑުމެންނަކީ އަބަދުވެސް، ކޮންމެ ދުވަހަކުވެސް ކަނޑު ދަތުރުފަތުރު ކުރާ ބަޔަކަށްވީތީވެ، ސަމާލުކަންދޭން އެބަޖެހޭ. އަޅުގަނޑުމެން މި ރީތި އަދަބުތައް، އަޅުގަނޑުމެންގެ ދަރީންނަށް ދައްކުވައިދޭން އެބަޖެހޭ. އެނޫންގޮތަކަށް އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ބޭނުންވާ ދުވަހެއް، އަޅުގަނޑުމެން ބޭނުންވާ ޤައުމެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ.

އާދެ، އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙްތިރާމުކުރާ ބަޔަކަށްވާން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ހެދޭ މިސްޓޭކްތަކަކާއި، އެންމެ ރަނގަޅަށް ކުރެވިފައި ނޯންނަ ކަންތައް، އަޅުގަނޑުމެން ހަނދާން އާކޮށްދީ، އެކަންތައް ރަނގަޅު ކުރުމުގެ ފުރުޞަތުތައް އަޅުގަނޑުމެން ހޯދައިދޭން އެބަޖެހޭ.

އާދެ، އެއްވެސް ޝައްކެއްނެތް، ސައުވީސް އަހަރުގެ ޚިދުމަތްތަކެއް ކުންފުންޏަށް ކުރެވިފައި އޮތްއިރު، ވަރަށްގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ލިބިފައިވާނެ. އަޅުގަނޑު މި ފުރުޞަތުގައި ހަމަ އެމް.ޑަބްލިއު.އެސް.ސީ.ގައި މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތަކާއި، އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮންމެ ދުވަހަކުވެސް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ތިޔަ އެންމެހައި ބޭފުޅުންގެ ނަމުގައި އަޅުގަނޑު އެ މަނިކުފާނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އެއް ކަމެއް އިތުރަށް. އަބަދުވެސް، އަބަދުވެސް، ކޮންމެ ދުވަހަކުވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ބަހެއް. "ކަންތައްތައް ރަނގަޅަށް ކުރަން". އެއީ އަޅުގަނޑުމެންނަށް އަބަދުވެސް ދެއްވާ ނަޞޭހަތެއް. ކުރާކަމެއް ކުރަންވާނީ ރަނގަޅަށް ކަމަށް. އެހެންވީމާ، މިއަދު އަޅުގަނޑުމެން ފިލާވަޅު ނަގަންވީ، އަޅުގަނޑުމެންގެ ތެރޭގައި ވޭތުވެދިޔަ ދުވަސްތަކުގައި ރަނގަޅަށް ޕްލޭން ނުކުރެވި، ވަގުތު ނުދެވި، ކުރެވުނު ކަންތައްތަކުން އަޅުގަނޑުމެންނަށް މި ފެންނަ މަންޒަރުތައް، ލިބިފައި ހުރި ގެއްލުންތަކުގެ މައްޗަށް ވިސްނައި، ކުރީގައި އަޅުގަނޑު ދެންނެވި ގޮތަށް ކޮލިޓީކޮށް ސްޓޭންޑަޑްގައި ކަންތައްތައް ކުރުމުގެ ޢަޒުމް އަޅުގަނޑުމެން އާކުރަންޖެހޭނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ކުންފުނީގެ އެންމެހައި ފަރާތްތަކަށް އަދި ކުންފުނީގެ ޚިދުމަތް ހޯދާ ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އެމް.ޑަބްލިއު.އެސް.ސީ.ގެ ސައުވީސް ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމުން. އަދި ތިޔަ އެންމެހައި ބޭފުޅުން މެދުކެނޑުމެއްނެތި ދިވެހި ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތާއި، އެ ކުރައްވާ މަސައްކަތް ފާހަގަކޮށް، ތިޔަ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަމުން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ އެންމެހައި ބޭފުޅުން ކުރައްވާ މަސައްކަތްތައް ހަލުވިކަމާއި، ރަނގަޅު ގޮތުގައި ކުރިޔަށް ގެންދެވުމުގެ ހެޔޮ ތައުފީޤު اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އަދި މުޅި ދިވެހިރާއްޖެއަށް، މުޅި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.