بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالىގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި، އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޔުނިވަރސަލް ގުރޫޕްގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކު، ވިލާ ކޮލެޖްގެ ރެކްޓަރ ޑޮކްޓަރ އަޙުމަދު އަންވަރު، ޔުނިވަރސަލް ގުރޫޕާއި އަދި ވިލާ ކޮލެޖުގެ އިސްވެރިން، ޔުނިވަރސަލް ގްރޫޕްގެ ރިޒޯޓްތަކުގެ ޖެނެރަލް މެނޭޖަރުން، މި ޙަފްލާގައި ބައިވެރިވާ އެންމެހައި ބޭފުޅުން، އަދި ޑިސްކަވަރ ހޮސްޕިޓާލިޓީ ޕްރޮގްރާމްގެ ހުރިހާ ބައިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަން. އާދެ، އެއްވެސް ޝައްކެއްނެތް، ދެންމެ ޗެއަރމަންގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި، މީހުން ބިނާކުރުމުގެ މުހިންމުކަން. އާދެ، މުޅި ދިވެހިރާއްޖެއަށް ވިސްނައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ފެންނަނީ ޓޫރިޒަމް. އާދެ، ހޮސްޕިޓާލިޓީ އިންޑަސްޓްރީ. ވަރަށްގިނަ އަދަދަކަށް މަސައްކަތް ކުރާނެ ރަނގަޅު މީހުން ބޭނުން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ބޭނުންވާ ކަހަލަ މޯލްޑިވިއަން ހޮސްޕިޓާލިޓީ. އެ ޚިދުމަތް، އާދެ، ހިނިތުންވުމާއެކު އެ ދޭ ޚިދުމަތް ދެވެންއޮތީ ގިނަ އަދަދަކަށް ދިވެހިން މި ދާއިރާއިން ތައްޔާރުކޮށްގެން. އެހެންވީމާ، މިކަމަށްޓަކައި ޔުނިވަރސަލް ގްރޫޕުން، ޔުނިވަރސަލް ފައުންޑޭޝަނުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް، މުޅި ދިވެހި ސަރުކާރުގެ ނަމުގައި އަދި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ޗެއަރމަން މުޙައްމަދު ޢުމަރު މަނިކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއަދު ތިޔަ ކުދިންނަށް، ތިޔަ ކުދިންގެ ވިސްނުމަކަށްވެސް ޙަޤީޤަތުގައި ނުގެނެވޭނެ، އާދެ، ޓޫރިޒަމްގެ މަސައްކަތް ފެށްޓިއިރު، 1970ގެ ތެރޭގައި. އާދެ، ދިވެހިރާއްޖެއަށް މި ޓޫރިޒަމް ތަޢާރުފުކޮށް، މި ކަންތައް އަޅުގަނޑުމެންނާ ހަމައަށް ގެނައުމަށްޓަކައި އެންމެ ބުރަކޮށް އެ މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އާދެ، ޔުނިވަރސަލް ގްރޫޕްގެ ޗެއަރމަން. 

އާދެ، އަޅުގަނޑުމެން ފާހަގަކޮށްލަން އެބަޖެހޭ، ދަތި އުނދަގޫތަކަކާއި ބުރަ ކަންތައްތަކަކާއެކު އެ ދުވަހު މި ސަރވައިވް ކުރުމަށްޓަކައި، ޓޫރިޒަމް ދިވެހިރާއްޖޭގައި އާލާކުރުމަށްޓަކައި، ފައްކާ ކުރުމަށްޓަކައި އެ ކުރެއްވި މަސައްކަތް. އާދެ، ވަރަށް ވަރުގަދަ ހިތްވަރަކާއި ޢަޒުމެއް ހުރެގެން އެ މަސައްކަތް ކުރެވިގެންދިޔައީ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން އެ ކަންތައް ހަނދާންކުރަންޖެހޭ. އަޅުގަނޑުމެން މިއަދު އެ ބޭފުޅުން އެ ކުރެއްވި މަސައްކަތް ފާހަގަކުރަންޖެހޭ. އެއްވެސް ޝައްކެއްނެތްގޮތުގައި، އެ ދުވަހު ތިޔަބޭފުޅުން އެ ބުރަ މަސައްކަތް ނުކުރެއްވިނަމަ، މިއަދު މި ޓޫރިޒަމެއް ދިވެހިރާއްޖޭގައި މިގޮތަކަށް ނޯންނާނެ. ދިވެހިރާއްޖެއަށް ލިބުނު ކޮންމެ ކުރިއެރުމަކީ، ދިވެހިރާއްޖެ ހޯދި ކޮންމެ ކާމިޔާބަކީ، ދިވެހިރާއްޖެއަށް ލިބުނު ކޮންމެ ރީތި ނަމަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިފައިވާ ކަމެއް.

އެހެންވީމާ، އަޅުގަނޑު މިއަދު ޓޫރިޒަމް ދާއިރާގައި ގިނަ ދުވަހު ވަޒީފާ އަދާކުރި މީހެއްގެ ހައިސިއްޔަތުންނާއި އަދި މުޅި ދިވެހި ސަރުކާރުގެ ފަރާތުން އެކަންތައް ފާހަގަކޮށް، ދިވެހިރާއްޖޭގައި އެ މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށާއި އަދި ޔުނިވަރސަލް ގްރޫޕްގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އާދެ، މިއަދު ތިޔަ ކުދިން ކަންތައްތަކެއް ދަސްކުރުމަށްޓަކައި ކުރިމަތިލާއިރު، ވަރުގަދަ ޢަޒުމެއް ހިތުގައި ބަހައްޓަން އެބަޖެހޭ. ޢަޒުމް ކަނޑައަޅަން އެބަޖެހޭ. ތިޔަ ކުދިންނާމެދު ތިޔަ ކުދިންގެ މައިންބަފައިންގެ އުއްމީދުތަކެއްވާކަން ތިޔަ ކުދިން ގަބޫލުކުރަންޖެހޭ. އެއްވެސް ކަމަކީ އެކަމަށް ދޭންޖެހޭ އަހަންމިއްޔަތުކަން، ސަމާލުކަން، ކޮންސެންޓްރޭޝަން ނުދެއްވިއްޖެ ކަމަށްވަންޏާ، އެކަމެއްގެ ކާމިޔާބާ ހަމައަކަށް ނުދެވޭ.

އާދެ، އަޅުގަނޑު ހަމަ ތިޔަ ކުދިންނަށް ވަރަށް ކުރުގޮތަކަށް ދަންނަވައިލާނަން. އާދެ، އަޅުގަނޑު ޓޫރިޒަމް ދާއިރާއަށް ނުކުތީ އަޅުގަނޑުވެސް ހަމަ ތިޔަ ޢުމުރުގައި. ތިޔަ ކުދިންގެ ތެރޭގައި 16، 17 އަހަރަށްވުރެ ދޮށީ ކުއްޖެއް ހުރިކަމަކަށް އަޅުގަނޑަކަށް ފާހަގައެއްނުކުރެވޭ. އާދެ، ދަންނަވަން މި އުޅޭ ވާހަކައަކީ، ވަރަށް ޒުވާން ކުދިންތަކެކޭ. ދެން އިއްތިފާޤަކަށްވެސް ވެދާނެ، އަޅުގަނޑުވެސް އެ ޢުމުރުގައި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އަޅުގަނޑަށް އެންމެ ފުރަތަމަ ވަޒީފާއެއް އަދާކުރުމަށްޓަކައި ދެވުނީ، އާދެ، ޔުނިވަރސަލްގެ ރަށަކަށް. ދެން އެހެންނަމަވެސް، އޭގެފަހުން އަޅުގަނޑުގެ މަސައްކަތް ފެށިގެން ދިޔައީ މުޅިން އެހެން ގޮތަކަށް. އާދެ، ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރު، އެއް ކުންފުޏެއްގައި އަޅުގަނޑު ވަޒީފާ އަދާކުރިއިރު، އަޅުގަނޑުގެ އެ ކަންތައް ފެށިގެން ދިޔައީވެސް އަޅުގަނޑުގެ އުމުރުން 17 އަހަރުގައި. އަޅުގަނޑު އެއް ބަހެއް، އެއް ނަޞޭހަތެއް އަޅުގަނޑުގެ ހިތުގައި އަދި މިއަދުވެސް އެބަހުރި. އެއީ އަޅުގަނޑު އެއް ނަންބަރު ފާލަމުން ވަޒީފާ އަދާކުރުމަށްޓަކައި، އަޅުގަނޑުގެ 17 އަހަރުގައި އަޅުގަނޑު ފުރިއިރު އަޅުގަނޑުގެ ކޮނޑުގައި ޖަހާލާފައި، އަޅުގަނޑުގެ ބައްޕަ ވިދާޅުވި، "އެނބުރި ނާންނައްޗޭ". "އެނބުރި ނާންނާށޭ". އެއީ ވަރަށްގިނަ ވާހަކަ. ދެން އެ ހުރިހާ ވާހަކައެއް މިއަދު އަޅުގަނޑު ދައްކާކަށް ވަގުތެއް ނެތް. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ، ކީކޭކަން އެ ވިދާޅުވީ. މަސައްކަތް ކުރަންޖެހޭކަމާއި، އެހެން މީހުންނާ ގުޅިގެން އުޅެންޖެހޭނެކަމާއި، ކަންކަން ދަސްކުރަންޖެހޭނެކަމާއި، މީހުންނަށް އިޙްތިރާމުކުރަން ޖެހޭނެކަމާއި، ހިނިތުންވުން ދައްކަންޖެހޭނެކަމާއި، ކާމިޔާބު މީހަކަށް ވުމަށްޓަކައި މީހާ ހަރުދަނާވާން ޖެހޭނެކަމާއި، އެހެން މީހުންނަށް ނަމޫނާ ދައްކަންޖެހޭނެކަމާއި، އެތައް މެސެޖްތަކެއް އަޅުގަނޑަށް އެ ކުރު ބަހުން ލިބިގެންދިޔަ.

އާދެ، އަޅުގަނޑު އުފާކުރަނީ، ﷲ އިރާދަކުރެއްވީތީ، އަޅުގަނޑުގެ ވަޒީފާގެ އެންމެފަހު ދުވަހާ ހަމައަށްވެސް އަޅުގަނޑު އެ ފިޔަވަޅުމަތީގައި ހުރިން. އަޅުގަނޑުގެ ކޮންމެ ދުވަހެއް ވެގެންދިޔައީ، 17 އަހަރުން ފެށިގެން ގޮސްފައި، އަޅުގަނޑުގެ ވަޒީފާގައި ސައްބީހަކަށް އަހަރު އުޅުނުއިރު، ކޮންމެ ދުވަހަކީވެސް، ކޮންމެވެސް އާ ކަމެއް އަޅުގަނޑު ދަސްކުރި ދުވަހެއް. އާދެ، އަދިވެސް އެކަމަކަށް ނިމުމެއް ނާދޭ. މިއަދަކީވެސް އަޅުގަނޑުމެން ފިލާވަޅުތަކެއް ހާސިލުކުރި ދުވަހެއް. އަޅުގަނޑު ދަންނަވަން މިއުޅެނީ ތިޔަކުދިންނަށް މިއީ ރަނުގެ ފުރުޞަތެކޭ. އަޅުގަނޑުމެން ވަޒީފާ އަދާކުރި ދުވަސްތަކާ ޚިލާފަށް މިއަދު ދިވެހިރާއްޖޭގެ ރިޒޯޓްތައްވެސް މިހުރީ ހާ އަލިފުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު ހުރިހާ އަތޮޅެއްގައި. އާދެ، ކައިރީގައި، ރަށުގައި ތިބެގެންވެސް ވަޒިފާއަށް ގޮސްފައި އަންނަން އެ ފުރުޞަތު މިއަދު އެބައޮތް. އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމުގެ، ހަމަ އެންމެ ހިތްހަމަޖެހިގެން، އެންމެ ރަނގަޅަށް އެ މާޙައުލު އޮތް އެއް ތަނަކީ ރިޒޯޓްތަކޭ. ޙަޤީޤަތަކީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރުމުން ވަރަށް ގިނަގުނަ ފިޅާވަޅުތަކެއް ލިބިގެންދޭ. އަޅުގަނޑުމެން މި އޮންނަނީ ގުޅިފައި. އެތައް ކަންތައްތަކެއް އަޅުގަނޑުމެންނަށް ދަސްވެގެން އެބަދޭ.

އާދެ، އަޅުގަނޑު ހަމަ ތިޔަ ކުދިންނަށް ދަންނަވާލަން އޮތީ. ތިޔަ ކުދިންގެ މަސައްކަތާއިގެން ކުރިޔަށް ތިޔަ ކުދިން ވަޑައިގަންނަވާށޭ. ކުރިޔަށްދާށޭ. ދިވެހި ޤައުމަށް ހަރުދަނާ ޒުވާނުން ބޭނުންވޭ. މާދަމާ ޤައުމު މިއަށްވުރެ ރަނގަޅަށް ހިންގުމަށްޓަކައި، މަސައްކަތްތެރި ޒުވާނުން، ހުނަރުވެރި ޒުވާނުން، އެކި ފަންނުތަކުގެ ޒުވާނުން ބޭނުންވޭ. މިއަދު އަޅުގަނޑުމެން ތިއްބަސް، މާދަމާ ތިބޭނީ ތިޔަ ޒުވާނުން.

އެހެންވީމާ، މިއަދު މި ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ވަރަށް ރަނގަޅަށް ތިޔަ ކުދިން ހިފާށޭ. އަޚްލާޤު ރަނގަޅު، ހިތްހެޔޮ، އޯގާތެރި ބައެއްގެ ގޮތުގައި މަސައްކަތް ކުރާށޭ. އެކަކު އަނެކަކަށް އެހީތެރިވުމަކީ އެއީ އެންމެ ހެޔޮ އެއް ކަންތައްތައް.

އެހެންވީމާ، އަޅުގަނޑު މި ފުރުޞަތުގައި ވަކިން ޚާއްޞަކޮށް، މި ތަމްރީނު ދެވޭ ރިޒޯޓްތަކުގެ މެނޭޖްމަންޓްގެ އިސްބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ކަންތައްތައް ދަސްކޮށްދިނުމުގައި ކުދިން ގައިޑް ކޮށްދިނުމުގައި، ކުދިންނަށް ޑައިރެކްޝަން ދެއްވުމުގައި އިޚްލާޞްތެރިކަމާއެކު، ވީހާވެސް އޯގާތެރިކަމާއެކު، އެ މަސައްކަތް ރަނގަޅަށް ކުރައްވާށޭ. އާދެ، ދިވެހި ސަރުކާރުން އަބަދުވެސް ބަލަމުންދާނީ ވަކިން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާ އަދި މަސައްކަތްތެރިން އުފެއްދުމުގެ ދާއިރާއަށް ހުޅުވެން ހުރި ހުރިހާ ދޮރުތަކެއް ހުޅުވުމަށް. އާދެ، ތަޢުލީމީ ދާއިރާއަށް ދުވަހަކުވެސް ހޭދަނުކުރާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުން ހޭދަތަކެއް އެބަ ކުރޭ. އާދެ، އެއީ އެއްވެސް ޝައްކެއްނެތްގޮތުގައި އަޅުގަނޑު ކުރިން މި ދެންނެވިގޮތަށް، ދިވެހިރާއްޖޭގެ ތިޔަފަދަ ޒުވާނުން، ދިވެހި ޤައުމު އެހެން ހަރުފަތްތަކަކަށް ގެންދިޔުމަށްޓަކައި ބޭނުންވާތީވެ. ސަރުކާރުން ތަޢުލީމީ ގޮތުން ތަޢުލީމީ ދާއިރާގައި ޒުވާނުންނާއި ދިވެހި ރައްޔިތުންނަށް ހުޅުވާފައި ހުރި އެއްވެސް ދޮރެއް ބަންދެއް ނުކުރާނެ. އިރާދަކުރެއްވިއްޔާ ފުޅާ ދާއިރާއެއްގައި، އެ ކަންތައްތައް ކުރަމުންދާނެ. އަދި އަމިއްލަ ފަރާތްތަކަށް ދިމާވެފައި ހުރި ގޮންޖެހުންތައް، ތަޢުލީމު ދިނުމުގައި، ތަމްރީނު ދިނުމުގައި ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ދިވެހި ސަރުކާރުން އިރާދަކުރެއްވިއްޔާ، އެ ފަރާތްތަކާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު، އަޅުގަނޑު މިހާ ހިސާބުން ކުރުކޮށްލާނަން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑު ދަންނަވާލަން އޮތީ ދިވެހިރާއްޖޭގައި ވަކިން ޚާއްޞަކޮށް، ވިޔަފާރިވެރިން ދިވެހި ޤައުމު ކުރިއެރުވުމަށްޓަކައި، ތަރައްޤީ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވޭ. އާދެ، ޔުނިވަރސަލް އެންޓަރޕްރައިޒް، ޔުނިވަރސަލް ފައުންޑޭޝަނުން ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައި. އަދި މިހާރުވެސް އެ ކަންތައްތައް ކުރައްވަމުން އެބަ ގެންދަވާ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، ޔުނިވަރސަލް ގްރޫޕްގެ ޗެއަރމަނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އެންމެފަހު ބަހެއްގެ ގޮތުންވެސް އަޅުގަނޑު ތިޔަ ޒުވާނުންނަށް ދަންނަވާލަން އޮތީ އެކުވެރިކަމާއެކު ތިޔަ ހުރިހާ ކުދިން މަސައްކަތުގައި ދެމިތިބޭށޭ. މި ދިވެހި ޤައުމު އަމާން ތަނަކަށް، އެންމެންނަށް ހިތްގައިމު ތަނަކަށް ބަދަލުކުރެވޭނީ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުންނޭ. ދިވެހި ސަރުކާރަކީ އެއީ މުޅި ރައްޔިތުން ހިމެނޭގޮތަށް އޮންނަ އެއްޗެއް ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނޭ. ޤައުމަށް ދިމާވާ، ޤައުމުގެ އެއްވެސް ދިމާއަކަށް ދިމާވާ ގެއްލުމަކީ ނުވަތަ ދިމާވާ އެއްވެސް ކަމަކީ އެއީ އެންމެންގެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިގެން ނޫނީ އަޅުގަނޑުމެންނަށް ޤައުމައިގެން ކުރިޔަކަށް ނުދެވޭނޭ. އަޅުގަނޑުމެން އިންސާނުންވީތީވެ، އަޅުގަނޑުމެން ކުރާ ކަންތައްތަކުގައި އުނި ކަންތައްތަކެއް ހުރެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް އެކުވެރިކަމަކީ، ހެޔޮއެދޭ މީހުންނަކީ، ޤައުމަށްޓަކައި ހެޔޮއެދޭ މީހަކު އަބަދުވެސް އެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރާނެ. އެ ނަޞޭހަތް ދޭނެ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ދިވެހި ސަރުކާރުންވެސް ބޭނުންވަނީ އެންމެން ގުޅިގެން އަޅުގަނޑުމެން ބޭނުންވާ ފަދަ ޤައުމެއް ހޯދަން. ދިވެހި ޒުވާނުންނާއި އެންމެން ގުޅިގެން ކުރާ މަސައްކަތުން، މާ އުޖާލާ މާދަމާއެއް ހޯދުމަށްޓަކައި އެ މަސައްކަތް ކުރުން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ކުދިންނަށް މި ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ހިފައިގެން، ދިވެހި ޤައުމައިގެން މާދަމާ ތިޔަ ކުދިން ކުރިޔަށް ދިޔުމުގެ ހެޔޮ ތައުފީޤު اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން އެންމެން އެއްކޮށް މި ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރު ކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.