بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާހީމް ޢަމީރު، ހާޒިރުވެވަޑައިގެން ތިއްބެވި ކެބިނެޓްގެ އެހެން މިނިސްޓަރުން، ކުންފުނިތަކުގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ވަރަށް މުހިންމުވެސް ދުވަހެއް. ސަރުކާރުގެ، ދައުލަތުގެ ހުރިހާ ކުންފުނިތަކެއްގެ އިސް ވެރިންނާއެކު މިގޮތަށް ބައްދަލުކޮށްލަން އަޅުގަނޑަށް ލިބުނުކަމީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އެހެންކަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް މި ފުރްޞަތުގައި އަޅުގަނޑު މަރުޙަބާ ދަންނަވަން.


ސަރުކާރުގެ ކުންފުނިތަކަކީ، ވަރަށް މުހިންމު ދައުރެއް، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަދާކުރާ ބައެއް. އެއީ ވިޔަފާރީގެ އުޞޫލުން ހިންގާ ކުންފުނިތައް ކަމަށްވިޔަސް، ނުވަތަ ޚިދުމަތްދޭ ކުންފުނިތައް ކަމަށްވިޔަސް، ސަރުކާރުން އެއިން ކޮންމެ ކުންފުންޏެއް އުފައްދާފައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި.


އެހެންވީމާ، ކޮންމެ ކުންފުންޏެއްވެސް ވާންޖެހޭނީ ވަރަށް ޒިންމާދާރު، އަދި ރައްޔިތުންނަށް ޖަވާބުދާރީވާ ކުންފުންޏަކަށް. ކޮންމެ ކުންފުންޏެއްވެސް އަބަދުވެސް އޮންނަންވާނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި. ސަބަބަކީ ސަރުކާރުން އުފައްދާފައިވާ ކުންފުނިތަކަކީ، ރައްޔިތުންގެ ފައިސާއިން، ރައްޔިތުންގެ ޙިއްޞާ، އޭގައި އެކުލެވޭގޮތަށް އުފައްދާފައިވާ ކުންފުނިތައް ކަމަށްވާތީ.


އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވެފައިވަނީ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށްދީ، އެއްވެސް ތަފާތުކުރުމެއްނެތި، ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް. މި ދެންނެވި ވަޢުދުތައް ފުއްދައިދިނުމުގައި، ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށްބޮޑު.


ވިޔަފާރީގެ އުޞޫލުން ހިންގާ ކުންފުންޏެއް ކަމަށްވާނަމަ، އެ ކުންފުންޏެއްގެ ޒިންމާ އަދާކުރަންވާނީ، ވިޔަފާރީގެ ފައިދާ ޙާޞިލުކުރެވޭ ގޮތަށް. ޚިދުމަތްދޭ ކުންފުންޏެއްނަމަ، އެ ކުންފުންޏެއްގެ ޒިންމާތައް ބައްޓަންކުރަންވާނީ، ރައްޔިތުން ގަބޫލުކުރާފަދަ ރަނގަޅު ޚިދުމަތްތަކެއް ދެވޭ ކުންފުނިތަކެއްގެ ގޮތުގައި.


ތިޔަބޭފުޅުން ކުންފުނިތައް ހިންގުމަށްޓަކައި ޤާނޫނީ އިންތަކަކާއި އޮނިގަނޑުތަކެއް ކަނޑައެޅިފައި އެބަހުރިކަން އަބަދުވެސް ހަނދުމަފުޅުގައި ބަހައްޓަވަންވާނެ. އެންމެ މުހިއްމު ކަމަކީ، ދެންމެ ފިނޭންސް މިނިސްޓަރ އެ ވިދާޅުވިފަދައިން، އަލަށް މި ތަޢާރުފް ކުރެވުނު ކޯޕަރޭޓް ގަވަރނެންސްގެ އުޞޫލުތަކާ އެއްގޮތަށް ކުންފުނިތައް ހިންގުން ބައްޓަން ކުރުން. ފައިސާގެ އެންމެހައި މުޢާމަލާތްތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދި ޒިންމާދާރުކަމާ އެކުގައި ހިންގުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން.


މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން". ދެންމެ ތިޔަ ހުރިހާ ބޭފުޅުން އެ ސޮއިކުރެއްވީ، އެކަމަށް އާނއެކޭ ބުނެ، އެކަމަށްވީ ވަޢުދު. ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި ކޮންމެ ބޭފުޅެއް ކަމަށްވިޔަސް، ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް މި ސަރުކާރުން ކުޑަވެސް ފުރުޞަތެއް އަޅުގަނޑުމެން ނުދޭނެކަން މިއަދުވެސް ތިޔަބޭފުޅުންނަށް ހަނދުމަކޮށް އަރުވަން.


ހަމައެފަދައިން، މިއަދު ސަރުކާރުގަޔާއި އަދި ކުންފުނިތަކުގައިވެސް ކޮރަޕްޝަނަށް މަގުފަހިވުމަށް އޮތް އެންމެ ބޮޑު ދިމާއަކީ ޕްރޮކިއުމަންޓާއި އަދި ބިޑްތައް ހުޅުވައިލުމުގައި ދިމާވެފައި އޮތް މައްސަލަ. އެހެންވީމާ، ކުންފުނިތަކުގައި ޕްރޮކިއުމަންޓާއި ބިޑް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަންވާނީ، މިހާރަށްވުރެ ބޮޑަށް ހާމަކޮށް، ދެފުށް ފެންނަގޮތަށް، ނުފޫޒުން ބޭރުން އެއްކިބާވެފައި އޮތްގޮތަށް.


އަދި ކުންފުނިތަކަށް މުވައްޒަފުން ލެއްވުމުގައިވެސް، ކުންފުނީގެ ބޯޑުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އޮނިގަނޑާ އެއްގޮތަށް އެކަން ކުރުމަކީ، ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް. އަދި ކުންފުންޏަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ، ބޭނުންޖެހޭ ދާއިރާތަކުން، އެކަންކަމަށް އެންމެ ޤާބިލު މީހުން ވަޒީފާތަކަށް ހަމަޖައްސައިގެން.


މިހާރު ހުރި ކުންފުނިތަކަށް ބަލާއިރު، ބައެއް ކުންފުނިތަކުގެ މަޤްޞަދު އެންމެ ފުރިހަމަގޮތުގައި އަދާކުރަމުންދެއެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. އެހެންނަމަވެސް، ވަރަށް ރަނގަޅަށް، ވަރަށް ރަނގަޅަށް ހިނގާ ކުންފުނިތައްވެސް ހުރިކަން ހަމަ މި ފުރްޞަތުގައި އަޅުގަނޑު ހާމަކޮށްލަން.


މި ދެންނެވި ސަބަބުތަކަށްޓަކައި ކުންފުނިތަކުގެ ހިންގުން އިޞްލާޙުކޮށް، ކުންފުނީގެ މަޤްޞަދު ޙާޞިލުކުރެވޭނެ އީޖާދީ އަދި އުފެއްދުންތެރި ގޮތްތައް ހޯދައި، ކުންފުނިތަކުގެ މިޞްރާބު އަލުން ސީދާކުރުމަކީ، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތިޔަބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން.


އޭގެ އިތުރުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުންފުނިތަކުން ކުންފުނިތައް ހިނގަމުންދާ ގޮތުގެ ތަފްޞީލުތަކާއި، އެންމެ ރަނގަޅު މަޢުލޫމާތުތައް އަބަދުވެސް، ފިނޭންސް މިނިސްޓްރީއާ ޙިއްޞާ ކުރުމުގެ މުހިއްމުކަން. އެއީ، ތިޔަބޭފުޅުންގެ ކުންފުނިތައް ބަރާބަރަށް ހަރުދަނާކަމާ އެކުގައި ހިންގުމަށް ލިބޭނެ ވަރަށް ބޮޑު ފުރްޞަތަކަށް ވެގެންދާނެ.


ހަމައެފަދައިން، ކުންފުނިތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު، މިހާރަށްވުރެ ބޮޑަށް، ޢާންމު ރައްޔިތުންނާ ޙިއްޞާ ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީވެސް ތިޔަބޭފުޅުން އިސްކަން ދޭންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން. ސަބަބަކީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ތިޔަބޭފުޅުންގެ ކުންފުނިތަކަކީ، ދިވެހި ރައްޔިތުންގެ ޙިއްޞާ، އޭގައި އެކުލެވިފައި އޮތް ކުންފުނިތަކަކަށްވާތީ.


އަޅުގަނޑުގެ އުއްމީދަކީ، މިއަދު މި ބޭއްވޭ މަހާސިންތާއިން އަޅުގަނޑު މި ދެންނެވި ކަންތައްތަކާ ދޭތެރޭގައި ތިޔަބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެވި، ކުންފުނިތައް ހިންގުމުގައި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް.


އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް މިއަށްވުރެ އުފާވެރި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.