ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ޙާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށްދިނުމާއި، ހޮސްޕިޓަލާއި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިއުމާއި، ރަށުގައި ގެސްޓްހައުސް ވިޔަފާރި ތަރައްޤީކުރުމާއި، ގައްދޫގެ ހިއްކި ބިން ސަރަޙައްދު ހިމާޔަތްކުރުމާއި، ރަށާއި ޖެހިގެން އޮންނަ އެއަތޮޅު ގަން، ދަނޑުވެރިކަމާއި ސިނާޢީ މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލާއި ހަވާލުކޮށްދެއްވުމާއި، ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުން ހިމެނެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ގައްދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި، ހުށަހެޅުއްވި ކަންކަމަށް، ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.