بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ވަޒީރުން، އެމް.ޓީ.ސީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ، އަދި ހޯރަފުށީގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑަށް މިއީ މި ރަށަށް އާދެވުނު ފުރަތަމަ ފަހަރު. މިއަދު އަޅުގަނޑު އައުމުން، ރައްޔިތުންގެ ފަރާތުން މި ފެނިގެންދަނީ، ރައްޔިތުން ބޭނުންވާ، ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެމުންދާއިރު، އެ ކަންތައްތައް ބަލައިގަންނަ މިންވަރާއި، އަދި ރައްޔިތުންގެ އުންމީދުތަކެއްވާކަން.

އާދެ، އަޅުގަނޑު ހަމަ ވަރަށްކުޑަގޮތަކަށް ދަންނަވާލާނީ، އަޅުގަނޑުމެންގެ މި ދަތުރުތަކަކީ، ދިވެހި ރައްޔިތުން، ރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ވީހާވެސް ގާތުން ބަލައި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ކުރާ ދަތުރުތަކެއް. އަޅުގަނޑުމެންގެ މި ސަރުކާރު، ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުން. އަޅުގަނޑުމެން މި ނަގަނީ އެ ނަމޫނާ. އަޅުގަނޑުމެން މުޅި ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކުންވެސް ބޭނުންވަނީ އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ، ރައްޔިތުން ބޭނުންވާ ކަންތައްތަކަށްވާން. އެއްވެސް ހާލެއްގައި ރައްޔިތުން ބޭނުންނުވާ ކަންތައްތަކެއް އަޅުގަނޑުމެން ބޭކާރުވާގޮތަށް، މި ސަރުކާރުން ދުވަހަކުވެސް ނުކުރާނެ.

ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު އެއް ތަރައްޤީއަކަށް ވެގެންދާނީ ދަތުރުފަތުރުގެ ކަންތައްތައް. ރަށުގައި ބަންދުވެފައި ތިބޭ ތިބުމުން ވީއްލި، ބޭނުންވާ ތަންތަނަށް ފަސޭހަކަމާއެކު ދަތުރުކުރެވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. މިއަދުގެ ސަރުކާރުންވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ކަންތަކަކީ، ދަތުރުފަތުރުގެ ކަންތައް. އާދެ، އަޅުގަނޑު މި ފުރުޞަތުގައި ހަމަ ފާހަގަކޮށްލަން، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން އަޅުގަނޑުމެންނަށް މިކަމާ ގުޅިގެން އެންމެ ފުރަތަމަ ޢިއްޒަތްތެރި މެންބަރާ ދެކެވުނު ވާހަކައިގައި، ވަރަށް ފަސޭހަކަމާއެކު އަޅުގަނޑުމެން މިކަންތައްތައް ފަށްޓައިދިނުމަށްޓަކައި އެކަމާ އެއްބަސްވެ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި ކަންތައްތައް ނިންމަވައިދެއްވި ކަމަށްޓަކައި އަޅުގަނޑު އެމް.ޓީ.ސީ.ސީ އަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިއަދު މިރަށުގެ ރައްޔިތުންނަށް ފަސޭހަތަކެއް ހޯދައިދިނުމަށްޓަކައި އެކަމުގައި އަޅުގަނޑަށް ބައިވެރިވެވޭތީ، އެކަންތައް ފެށިގެންދާ ވަގުތު އަޅުގަނޑަށް މިރަށު ފަސްގަނޑުގައި ހުރެވޭތީ، އެކަމާވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވަން.

އާދެ، ވަރަށް ކުރުގޮތަކަށް އަޅުގަނޑު ދަންނަވާލާނީ، އިރާދަކުރެއްވިއްޔާ މި ސަރުކާރުން އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނީ. އެއީ ޞިއްޙީ ކަންތައްތައް ރަނގަޅު ކުރުމާއި، ތަޢުލީމީ ނިޒާމު ވަރުގަދަކޮށް، އުފެދިގެން އަންނަ ޖީލަކީ ޤައުމަށް ބޭނުންތެރި، ޤައުމުގެ ތަރައްޤީ ކުރިއަށް ގެންދާނެ، މައިންބަފައިންނާ އަޅައިލާނެ، ރަނގަޅު ދިރިއުޅުމެއް ލިބޭނެ ބަޔަކަށް ހެދުމަށްޓަކައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ކުރިއަށް ގެންދާނަން. ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން، އަޅުގަނޑުމެން އެއްވެސްބަޔަކު ބާކީނުކޮށް، މަސައްކަތްތައް ކުރިއަށް ގެންދާނަން. މީގެ ތެރޭގައި ދޮށީ ޢުމުރުގެ ބޭފުޅުންނަށް ބޭނުންވާ ޙައްޤުތައް ކަށަވަރުކޮށް، ކުޑަކުދިންނަށް ޙިމާޔަތްތެރިކަން ހޯދައިދީ، އެކުދިންގެ މުސްތަޤްބަލް އާރާސްތު ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރަމުން ގެންދާނަން.

އާދެ، އަޅުގަނޑު ހަމަ މިރަށު ފަސްގަނޑުގައި ހުރެފައި ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންގެ ކެބިނެޓުގައިވެސް އަޅުގަނޑުމެން މި ދެއްކި ވާހަކަ އާދެ، ދަތުރުފަތުރުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، ދަތުރުފަތުރުގެ ކަންތައްތަކުގައި ޒިންމާ ނަންގަވާ ބޭފުޅަކަށް، އާދެ، ވަރަށް ހީވާގި ކަނބަލެއް، އެއީ މިރަށަށް ނިސްބަތްވާ ބޭފުޅެއް. އެހެންވީމާ، އަޅުގަނޑު މިއަދު މި ފަސްގަނޑުގައި ހުންނައިރު، އެކަމަށްޓަކައިވެސް އަޅުގަނޑުވެސް ހަމަ ފަޚުރުވެރިވާ ވާހަކަ  އެންމެހާ ބޭފުޅުންނަށް ދަންނަވާލަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެން އެކުގައި ކުރާ މަސައްކަތުން އަޅުގަނޑުމެންނަށް ޔަޤީންކަން ލިބިގެންދަނީ، ޤައުމުގައި ހުރި މައްސަލަތައް އަޅުގަނޑުމެންނަށް ޙައްލުކުރެވިގެންދާނެކަން. މުޅި ޤައުމުގައި ހުރި ކަންތައްތަކަކީވެސް ހުރިހާ ރައްޔިތުން ގުޅިގެން ކުރަންޖެހޭނެ ކަންތައްތައް. މިއަދު އަޅުގަނޑުމެންނަށް އިޖުތިމާޢީގޮތުން ތަފާތު ކަންތައްތައް ހުރިއިރު، އެ ކަންތައްތައް ޙައްލުކުރުމަށްޓަކައި ޓީޗަރުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި މަސައްކަތްތެރިންނާއި، ތަފާތު އެކި ކަންތައްތަކުގައި އުޅުއްވާ ބޭފުޅުން، އެންމެން އެކުގައި މަސައްކަތްކުރަން އެބަޖެހޭ. ސަރުކާރަކަށް މިވަނީވެސް މުޅި އެންމެން އެކުވީމާ. އަޅުގަނޑުމެން ގަބޫލުކުރާ ސަރުކާރަކީ، މުޅި ދިވެހި ރައްޔިތުންނާއި، ދިވެހިރާއްޖޭގެ 187 ރަށުގައި އުޅޭ މުޅި ހުރިހާ ރައްޔިތުން ހިމެނިގެން.

އެހެންވީމާ، އަބަދުވެސް ތިޔަބޭފުޅުން މިއަދު ގަބޫލުކުރަންވީ، މިއަދުގެ ސަރުކާރަކީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީވެސް ތަފާތު. އެއީ، އަބަދުވެސް ތިޔަބޭފުޅުންގެ އަޑުއައްސަވާނެ ބޭފުޅެއް. އަޅުގަނޑުމެން ކުރީގައިވެސް މި ދެންނެވީ، ރަށަށް މި އަންނަނީ، ގިނަގިނައިން މި އަންނަނީ ތިޔަބޭފުޅުންގެ އަޑުއަހައި، ތިޔަބޭފުޅުން ބޭނުންވާ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ތަރައްޤީ ހޯދާނީ ތިޔަބޭފުޅުން އެންމެ ބޭނުންވާގޮތަށް. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ގެއްލިގެންދާގޮތަށް، އިސްރާފުވެގެންދާގޮތަށް އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދެމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން އެކުގައި ޤައުމު އާރާސްތު ކުރުމަށްޓަކައި، ޤައުމު ތަރައްޤީ ކުރުމަށްޓަކައި،  ރަނގަޅު މުޖުތަމަޢެއް އަޅުގަނޑުމެން ޤާއިމުކުރުމަށްޓަކައި މިކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލެއްވުން. އަޅުގަނޑުގެ ހުރިހާވެސް ހެޔޮ ދުޢާއެއް، ހޯރަފުށީ ރައްޔިތުންނާއި، އަދި މުޅި ހާ އަލިފުގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ ހުރިހާ ހެޔޮއެދުންތަކެއް އަޅުގަނޑު ފޮނުވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.