بســم اللّـه الرّحمـن الرّحيــم

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ދައުލަތުގެ ވަޒީރުން، އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ، ކައުންސިލުގެ މެންބަރުން، އަދި އިހަވަންދޫގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް، މިގޮތަށް ރަށްރަށަށް ދަތުރުކުރެވި، ރައްޔިތުންނާ ގާތުން ބައްދަލުކުރެވޭކަމީ. އަޅުގަނޑުމެން އުފާކުރާކަމަކީ، އަޅުގަނޑުމެންގެ މަސައްކަތް ރަނގަޅަށް ކުރުމަށްޓަކައި މިގޮތަށް ކުރާ ދަތުރުތަކުން މަގުފަހިކޮށްދޭކަން.

އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ، ރާއްޖޭގައި ހިންގޭ ތަރައްޤީގެ ކޮންމެ މަސައްކަތަކީ، ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެންމެ އެދޭގޮތަށް ކުރެވޭ ކަމެއްގެ ގޮތުގައި އެ ކަންތައް ކުރަން. އެހެންވީމާ، އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަރިހަށް، ތިޔަބޭފުޅުންނާ ގާތަށް ދަތުރުތައް ކުރަން މި ޖެހެނީ.

އާދެ، އަޅުގަނޑުމެން މިއަދު ރަށުގެ ވަރަށްގިނަ ތަންތަނަށް ގޮސްފިން. ރަށުގެ ސްކޫލާއި، އަދި ފެނަކަ، ޞިއްޙީ މަރުކަޒު، އަދި އެނޫން ތަންތަނަށްވެސް އަޅުގަނޑުމެން ގޮސްފިން. އަޅުގަނޑުމެން ގަބޫލުކުރަން، ބަދަލުގެންނަންޖެހޭ، ރަނގަޅުކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރިކަން. އިރާދަކުރެއްވިއްޔާ، ދެންމެ މެންބަރުވެސް އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެންގެ މި ސަރުކާރު ދެމިއޮންނާނީ ހަމަ އެންމެ ބޭނުމެއްގައި. އެއީ ރައްޔިތުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގައި.

ދިވެހި ސަރުކާރުގެ ވަރަށްބޮޑު ވަޢުދެއް، ދަތުރުފަތުރު ކަންތައްތައް ވީހާވެސް ލުއި ފަސޭހަކޮށްދިނުން އެއީ. އެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިދަނީ. އަޅުގަނޑު އުއްމީދު ކުރަނީ، މާދަމާ ފެށިގެންދާ އެމް.ޓީ.ސީ.ސީ.ގެ މި ފެރީގެ ޚިދުމަތުން، ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް. އާދެ، ގިނަ ރަށްތަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ.

އާދެ، އަޅުގަނޑު މިވަގުތު އަޅުގަނޑުގެ ވާހަކަ އެހާ ދިގުނުކޮށް ނިންމާލާނީ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ރައްޔިތުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، ސްކޫލަށް މިހާރު ދިމާވެފައި ހުރި ދަތި ކަންތައްތަކުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ލަސްތަކެއްނުވެ، އެ ކަންތަކުގެ އަމަލީ މަސައްކަތް ފަށްޓާނެކަން. ހަމައެއާއެކު، ދެންމެ މެންބަރު އެ ވިދާޅުވިގޮތަށް، ޒުވާނުންނަކީ ވަރަށް މުހިންމު ބައެއް. އަޅުގަނޑުމެން ވަރަށް ގިނަގުނަ މަސައްކަތްތަކެއް މިއަދު ކުރަން އެބަޖެހޭ، ޒުވާނުންނަކީ، އެންމެ ބޭނުންތެރި، ޤައުމުގެ ތަރައްޤީގައި މަސައްކަތް ކުރެވޭނެފަދަ ބަޔަކަށް ހެދުމަށްޓަކައި. އެގޮތުން ޒުވާނުންނަށް ބޭނުންވާ، އާދެ، މުނިފޫހިފިލުވުމަށްޓަކައިވެސް އަދި ކަސްރަތުގެ ކަންތައްތަކާ، މި ކަންތައްތަކަށް ބޭނުންވާ ކަންތައްތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފުރިހަމަކުރާނަން. އެ ވާހަކަ އަޅުގަނޑު ހަމަ އެންމެހައި ބޭފުޅުންނަށް މި ދަންނަވާލީ.

އަޅުގަނޑުމެންގެ ހުރިހާވެސް އެދުމަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރުން. އަޅުގަނޑުމެންނަށް ކާމިޔާބާއި، އަޅުގަނޑުމެންނަށް ހަމަޖެހުން ލިބޭނެ ހަމައެކަނި ގޮތަކީ، އަޅުގަނޑުމެން އެންމެން އެކުގައި ކުރެވޭ މަސައްކަތުން.

އެހެންނަމަވެސް، މި ސަރުކާރުން އިރާދަކުރެއްވިއްޔާ ކަންތައްތައް ކުރިޔަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ދެމުން، އަދި މިއަދު މިކަމުގައި އަޅުގަނޑަށް ބައިވެރިވެވޭތީ އެކަމާ އުފާކުރަމުން، އެމް.ޓީ.ސީ.ސީ އިން މިއަދު މި ފަށްޓާ ކަންތައް ފެށްޓުމުގައި އަޅުގަނޑަށް ބައިވެރިވެވޭކަމީވެސް، މިއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއްކަން، އަނެއްކާވެސް ދަންނަވާލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.