ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. މާރަންދޫއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ބަނދަރުމަތީގައި ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކަމެއްގައި ވަކި ރަށެއް ތަފާތު ނުކުރުންކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުން ތަޢުލީމާއި، ޞިއްޙީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށާއި، އެކަންކަމުގައި ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ފެންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި މާރަންދޫ ސްކޫލަށާއި ޞިއްޙީ މަރުކަޒާއި އިންޖީނުގެއަށް
ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެރަށުގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.