بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން، ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި، ހައި އެޗީވަރސް ސްކޮލަޝިޕް ޙާޞިލުކުރާ ލޮބުވެތި ދަރިވަރުންނާއި، އެ ދަރިވަރުންގެ ޢިއްޒަތްތެރި ބެލެނިވެރިން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއަދުގެ މި އުފާވެރި ޙަފްލާގެ ޙަޤީޤީ ޝަރަފުވެރިންނަކީ، މި ޤައުމުގެ ކުރިމަގުގެ އުންމީދު ކަމުގައިވާ މިތިބަ ދަރިވަރުން. އެއީ، މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެންމެ މަތީ ދަރަޖައިގައި ފާސްވެ، ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލުކުރާ ދަރިވަރުން. އެހެންކަމުން، ތިޔަ ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔައި، އައްސަރިބަހާއި ސާބަސް ރައްދުކުރަން.


ތިޔަ ދަރިވަރުން ތިޔަ ޙާޞިލުކުރި ފުރިހަމަ ކާމިޔާބީގައި، އެންމެ ބޮޑު އެހީތެރިކަމެއް ވެދިން ބަޔަކަށް ވާނީ، ހަމަގައިމުވެސް ތިޔަ ދަރިވަރުންގެ ލޯބިވާ މައިންބަފައިންނާއި ބެލެނިވެރިން. އަދި އެކި މަރުޙަލާތަކުގައި، ތިޔަ ދަރިވަރުންނަށް ކިޔަވައިދެއްވި މުދައްރިސުންނާއި، ސްކޫލްތަކުގެ ވެރިން. އެހެންކަމުން، އެ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރުވެރިކަމާއެކު ތަހުނިޔާ ދަންނަވަން.


ތިޔަ ދަރިވަރުން މިއަދު ތިޔަ ޙާޞިލުކުރާ ސްކޮލަރޝިޕަކީ، ދަރިވަރުން ކުރި ބުރަ އަދި މިންނަތް މަސައްކަތުގެ ނަތީޖާ. އަދި ޓީޗަރުންނާއި، މައިންބަފައިންނާއި، ބެލެނިވެރިން ވެދިން އެހީތެރިކަމުގެ ފޮނި މޭވާ. މިއަދުން ފެށިގެން ތިޔަ ދަރިވަރުން ދެން ކުރިމަތިލާންވީ ޤައުމު ބިނާކޮށް އާރާސްތު ކުރުމުގެ މަރުޙަލާއާ.


ޤައުމީ ތަރައްޤީގައި އަޅުގަނޑުމެން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ، މީހުން ބިނާކުރުން. ރައްޔިތުން އެދޭފަދަ ކުރިއެރުން ޙާޞިލުކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލު ޖީލެއް ބިނާކުރުން. މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު އަމާޒު ކުރެވިފައިވަނީ މި ދެންނެވި މިޞްރާބަށް.


މީގެކުރިން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުން ކިޔަވަންޖެހެނީ، ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުން. ނަމަވެސް އަޅުގަނޑުމެން މިހާރުވާނީ އެ އުޞޫލު ބަދަލުކޮށްފައި. މި އަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ.

ދެން ސަރުކާރުން ބަދަލުގެނައީ، ހައި އެޗީވަރސް ސްކޮލަރޝިޕްގެ އުޞޫލުތަކަށް. މީގެކުރިން ހައި އެޗީވަރސް ސްކޮލަރޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށްމަދު ޤައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ޤައުމުތަކުންވެސް އެ ދަރިވަރުންނަށް ކިޔެވޭގޮތަށް.


ސަރުކާރުން މި ގެނައި ބަދަލާ ގުޅިގެން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލުކުރާ ދަރިވަރުންނަށް، އިތުރު 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ. އޭގެ ތެރޭގައިވެސް ގިނައީ، ޔޫރަޕްގެ ޤައުމުތަކާއި، އެމެރިކާ އާއި، އޭޝިޔާގެ ކުރިއަރާފައިވާ އެހެން ބައެއް ޤައުމުތައް.


މި ދެ ބަދަލަކީވެސް އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ޒުވާން ޖީލު ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. އަދި ތިޔަ ދަރިވަރުންނަކީ ކިޔަވާކުދިން ކަމުގައިވިޔަސް، ޤައުމު ބިނާކުރުމުގައި، ތިޔަ ކުދިންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ. ތަޢުލީމީ ޙަޔާތް ފުރިހަމަކުރުމަށްފަހު، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި، ތިޔަ ކުދިންގެ އެއްބާރުލުމާއި ބައިވެރިވުން ލިބޭނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން.


ތިޔަ ދަރިވަރުން ނޫނަސް، މަތީ ތަޢުލީމުގެ މަރުޙަލާއާ ކުރިމަތިލާ ކޮންމެ ދަރިވަރަކަށް، މީގެ ކުރިން ނެތް އެތައް ފުރުޞަތެއް، މި ސަރުކާރުން ވާނީ ތަނަވަސްކޮށްދީފައި. އޭގެތެރެއިން އެއްކަމަކީ، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލު ކުރެވޭނެގޮތް ހަމަޖެހުން. އަނެއްކަމަކީ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކުރުން.


ތަޢުލީމީ ދާއިރާއަށް މިފަދަ ބަދަލުތައް ސަރުކާރުން މި ގެންނަނީ، ހަމައެކަނި އިންތިޚާބީ ވަޢުދުތަކެއް ފުއްދާކަށްނޫން. އަޅުގަނޑުގެ އަމާޒަކީ ރާއްޖެ ތަރައްޤީ ކުރުން. އަޅުގަނޑު ގަބޫލުކުރާގޮތުގައި ޤައުމު ތަރައްޤީ ވާނީ، ޤައުމުގެ ވަކިވަކި ފަރުދުންނަށް ލިބޭ ކުރިއެރުންތަކުން. ކުރިއެރުމާއި ތަރައްޤީ ޙާޞިލުކުރެވޭ ވަރަށް، ކޮންމެ ފަރުދެއްގެ ޢިލްމީ ޤާބިލުކަން އިތުރުކުރެވުނު މިންވަރަކުން.


ތިޔަ ދަރިވަރުންގެ ޢިލްމީ ޤާބިލުކަމުން، ސިކުނޑިތައް ހުޅުވިގެންދާއިރު، ޙާޞިލުވާންޖެހޭނެ އެންމެ މުހިންމުކަމަކީ، ކޮންމެ ކަމެއްގެވެސް އެންމެ ރަނގަޅު ގޮތް ވަކިކޮށް ދެނެގަންނަން އެނގުން. ޢިލްމު އުނގެނުމުގެ އެންމެ މުހިންމު މަޤްޞަދެއް ކަމުގައި ހަދަންވީ، ކޮންމެ ކަމެއްގައިމެ، ޢަދުލުވެރިކަމާއި އިންޞާފުގެ އުޞޫލުތައް ނެގެހެއްޓުމާއެކު، ރިވެތި އަޚްލާޤީ ހަމަތައް ހިފެހެއްޓުން.


ދިރިއުޅުމުގެ ތަފާތު މަރުޙަލާތަކުގައި، ކާމިޔާބާއި އުފާވެރިކަން، ތިޔަ ކުދީންނާ ބައްދަލުކުރާނީ، އެގޮތުގެމަތީގައި ދިރިއުޅެން ދަސްކޮށްގެން. ތިޔަ ދަރިވަރުން މިހާރުއްސުރެ ގަދައަޅައި މަސައްކަތް ކުރަންވީ، އަނެކުންނަށް އިޙްތިރާމުކޮށް، އޯގާތެރިވެ، އަޅާލައި، ލޯބިވުމުގެ ސިފަ ދެމެހެއްޓުމަށް.


ތަޢުލީމީ ކޮންމެ މަރުޙަލާއެއްގައިވެސް، ތިޔަ ދަރިވަރުންގެ އެންމެ ވަރުގަދަ ޢަޒުމަކަށް ވާންވާނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުކަމާއެކު ދެމިތިބުން. އަދި ތަޢުލީމު ޙާޞިލުކުރުމަށްޓަކައި، ދުނިޔޭގެ ކޮންމެ ޤައުމަކަށް ދިޔަކަމުގައިވިޔަސް، ތިޔައީ މި ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން، އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ.


ތިޔަ ދަރިވަރުންނަށް އަޅުގަނޑު ބުނެލަން އޮތް ވާހަކައަކީ، މަތީ ތަޢުލީމަކީ، ހަމައެކަނި ޔުނިވަރސިޓީގައި ކިޔަވާ ކިޔެވުން ކަމުގައި ނުހަދާށޭ. ތިޔަ ދަރިވަރުން ދެން އުނގެނެންވީ، އުފެއްދުންތެރި އާ ގޮތްތައް އީޖާދު ކުރުމަށް. މަތީ ތަޢުލީމު ޙާޞިލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކަންކަން ކުރާނެ ރަނގަޅު އަދި މޮޅު ގޮތްތައް ދެނެގަނެ، އެކަމުގެ ހުނަރު ލިބިގަތުން.


ތިޔަ ދަރިވަރުންގެ ކިބައިން އަޅުގަނޑު މި އެދެނީ، ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލުކުރި ކަމުގައިވިޔަސް، ދިވެހި ޤައުމަށް ޚިދުމަތް ކުރުމަކީ، ތިޔައިން ކޮންމެ ކުއްޖެއްގެ އެންމެ އިސް ވާޖިބު ކަމުގައި ހެދުމަށް. ތިޔައިގެ ތެރެއިން ހަމަ ކޮންމެ ދަރިޔަކީ، މި ޤައުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ކުއްޖެއް. އަންނާން އޮތް ޖީލަށް މި ޤައުމު ގެންގޮސްދޭނެ ބަޔަކީ ހަމަ ތިޔަ ދަރިވަރުން.


އެހެންކަމުން، ތިޔަ ދަރިވަރުންނަކީ، ޤައުމަށް ބޭނުންތެރި، އަދި ދިވެހި އުންމަތް، އެ ބަޔަކަށްޓަކައި ފަޚުރުވެރިވާފަދަ ދަރީންތަކަކަށްވުމަކީ، ތިޔަ ކުދީންނާމެދު މި ޤައުމު ކުރާ އެންމެ ބޮޑު އުންމީދު. މަތީ ތަޢުލީމުގެ މަރުޙަލާގައި، ތިޔަ ދަރިވަރުން އުނގެނޭ ކޮންމެ އަކުރަކީ، ޤައުމު ބިނާކުރުމަށްޓަކައި ކުރެވޭ ވަރަށް އަގުބޮޑު އިންވެސްޓެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ.


ސަރުކާރުން މި ދޭ ސްކޮލަރޝިޕްގެ ޙަޤީޤީ މަޤްޞަދު ޙާޞިލުވެގެންދާނީ، ތިޔަ ކުދިންނަކީ ޤާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް ކުޅެވޭނެ ބަޔަކަށް ވެގެން. ތިޔަ ދަރިވަރުންނަކީ، ޤާބިލުކަމާއި ހުޝިޔާރުކަން ލިބިފައިވާ ކުދިންތަކެއްކަމާމެދަކު ޝައްކެއްނެތް. ވަރުގަދަ ޢަޒުމަކާއެކު ގަދައަޅައި މަސައްކަތް ކުރުމުން، މާތް ﷲގެ ވާގިފުޅާއި، އެކަލާނގެ މަދަދާއެކު، ތިޔަ ދަރިވަރުންނަކީ، އެންމެ މަތީ ވަނައިގައި ފާސްވެގެންދާނެ ކުދިންކަން ޔަޤީން.


އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމަށް ވަފާތެރި ތެދުވެރި ދަރީންތަކެއް އުފެއްދުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. ތިޔަ ދަރިވަރުންނަކީ، ޢިލްމަށް ލޯބިކުރާ، ހިތްއަލި ބަޔަކު ކަމުގައި ލައްވައި، ތަރައްޤީގެ އެންމެ އުސް ކުރިބޯށިތަކާ ހަމައަށް މި ޤައުމު ގެންދިޔުމުގެ ހެޔޮ ނަސީބު މާތް ﷲ މިންވަރު ކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.