ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. މޮޅަދޫއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮޅަދޫއަށް ކުރެއްވި މިޒިޔާރަތުގައި އެރަށު ރައްޔިތުންނާ މުޚާޠަބް ކުރައްވައި، އެމަނިކުފާނު ވަނީ އެރަށުގެ އިޖްތިމާޢީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި މޮޅަދޫ ސްކޫލަށާއި، ޞިއްޙީ މަރުކަޒާއި، އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މޮޅަދޫގައި އިމާރާތްކޮށްފައިވާ މިސްކިތް ވެސް ބައްލަވައިލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮޅަދޫއަށް ކުރެއްވި މި ޒިޔާރަތުގައި މޮޅަދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.