ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، ސިނާޢީ މަސައްކަތްކުރުމަށް ރަށެށް ހަމަޖައްސައިދެއްވުމަށާއި ރަށުގެ ބިން ބޮޑުކުރުމާއި، ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހެދުމާއި، ބަނދަރު ބޮޑުކުރުން ހިމެނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ރ. މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އާދަމް ޝަރީފު ވަނީ މަޑުއްވަރީއަށް ދަތިވެފައިވާ ބައެއް ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. އެގޮތުން ރަށުގެ ބަނދަރު ބޮޑުކުރުމާއި، ސްކޫލަށް ޖާގަ އިތުރުކުރުމާ މީގެ އިތުން ބައެއް އުމްރާނީ މަޝްރޫޢުތައް ހިންގައިދެއްވުމަށް ހުށަހަޅުއްވާފައިވެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީދޫ ކައުންސިލާއި އަދި މަޑުއްވަރީ އިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލުގެ މެންބަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި ހުށަހެޅުއްވި ކަންކަމަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.