ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019" ވަރަށް ކާމިޔާބުކަމާއެކީ މިއަދު ނިންމާލައިފިއެވެ.
"އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް" ތީމެއްގެ ގޮތުގައި ކަނޑަޅައިގެން ކުރިއަށް ގެންދިޔަ މި ފޯރަމުގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި، އެހެން ޤައުމުތަކާއި ގުޅިގެން ކުރެވޭނީ ކޮންކޮން މަސައްކަތް ތަކެއްތޯ ބަލައި، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ ކަންކަން ހާސިލު ކުރުމަށް މަގުފަހި ކުރުމެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ފޯރަމްގެ ސެޝަންތަކުގައި ސަރުކާރުން ވަނީ ރާއްޖޭގައި ތަރައްޤީ ކުރުމަށް ސަމާލުކަންދޭ ދާއިރާތަކަށް އަލިއަޅުވާލައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމްގެ ބައިވެރިންނާއި ޙިއްޞާކުރައްވާފައެވެ. އަދި، ބައިވެރިންނަށް ފޯރުކޮށްދިން މަޢުލޫމާތުގެ އަލީގައި އެތަކެއް ޤައުމަކުން ވަނީ ރާއްޖޭގެ ތަރައްޤީގައި ޙިއްޞާވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މި ފޯރަމް ކުރިޔަށް ދިޔައިރު ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއާއި، ޑިސްކައުންޓް ރޭޓުގައި ދޫކުރާ ކޮންސެޝަނަލް ލޯން އެހީގެ އެއްބަސްވުންތަކުގައި ރާއްޖެއާއެކު ބައެއް ފަރާތްތަކުން ސޮއިކޮށްފައިވެއެވެ. މިގޮތުން، މަސްވެރިކަމުގެ ދާއިރާއާއި، ހެޔޮއަގުގައި ގެދޮރު ބިނާކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް 93,750,000 ސަޢުދީ ރިޔާލް ހިމެނޭ ދެ އެއްބަސްވުމެއްގައި ވަނީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖެއާއެކު ސޮއިކޮށްފައެވެ.
މީގެ އިތުރުން ބަންގްލަދޭޝްއާ އެކު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި، އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކާއެކު ވިޔަފާރީގެ ދާއިރާގެ އެއްބަސްވުމަކާއި، އެމެރިކާއާއެކީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ދޭ ގްރާންޓް އެއްބަސްވުމަކާއި، ޖަޕާނުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަން ތަރައްޤީކުރުމަށް ދޭ ނޮން- ޕްރޮޖެކްޓް ގްރާންޓް އެއިޑް އެއްބަސްވުމެއްގައި ވެސް ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ.
މިފޯރަމްގައި 63 ވަފުދު ތަމްސީލުކުރައްވާ 133 ޑެލިގޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި ބޭއްވި މިފަދަ އެންމެ ބޮޑު ފޯރަމެވެ. މި ފޯރަމުގައި ގިނަ އަދަދެއްގެ ބޭރުގެ ފަރާތްތަކުން ބައިވެރިވުމަކީ ރައީސް ޞާލިޙްގެ ސަރުކާރު ބޭރު ދުނިޔެއިން ބަލައިގަންނަ މިންވަރު ހާމަކޮށްދޭ ކަމެކެވެ.