މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރުޞަތުތައް ފަހިވެފައިވާ އެންމެހައި ރައްޔިޔުން ހިމެނޭ، އެއްވެސް ރައްޔިތަކު ބާކީ ނުވާ ގޮތަށް މުޖުތަމަޢު ބައްޓަންކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކުރުނބާ މޯލްޑިވްސްގައި މިއަދާއި މާދަމާ ކުރިއަށްދާ "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019" ގެ ސެޝަން ތަކުގެ ތެރެއިން މިއަދު މެންދުރުފަހު ބޭއްވި މުޖުތަމަޢުން ފެންނަން ބޭނުންވާ ނަތީޖާތަކާއި ބެހޭގޮތުން ވާހަކަ ދެކެވުނު ސެޝަން ފެށުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ.
މި ސެޝަން ޚާއްޞަކުރެވިފައިވަނީ ރާއްޖޭގައި ކުރިމަތިވަމުން އަންނަ އިޖްތިމާޢީ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައި، ފޯރަމްގެ ބައިވެރިންނަށް މިކަމުގައި ފޯރުކޮށްދެވޭނީ ކޮން ކަހަލަ އެހީތެރިކަމެއްކަން ދެނެގަތުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ތަރައްޤީއަކީ ހަމައެކަނި އިޤްތިޞާދީ މިންގަނޑަކުން ބެލޭނެ އެއްޗެއް ނޫންކަމަށާއި، ތަރައްޤީ މިނެ ކިރުމުގައި އިންސާނީ ކުރިއެރުން ތަކަށް ބެލުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ފޯރަމަށް ގިނަ ފަރާތްތަކަކުން ތަރުހީބު ދެއްވިކަމަށްޓަކައި ފޯރަމްގެ ބައިވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ. މިކަމުން ދޭހަވަނީ ރާއްޖޭގެ ތަރައްޤީގައި އެހީތެރިވެދޭނެ ބައިވެރިން ތިބިކަމާއި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދޭނެ ބަޔަކު ތިބިކަން ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރު ހިންގުމުގައި އިޖްތިމާޢީ ގޮތުން ދިމާވާ ތަފާތު އެކި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. މިގޮތުން، ޖިންސީ ތަފާތުކުރުން ނައްތާލުމާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ކަށަވަރުކުރުމާއި، ރަނގަޅު ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙްގެ ސަރުކާރަކީ ޤައުމު ތަރައްޤީކުރުމުގައި ރައްޔިތުންގެ ލާބާއާއި މަންފާ ކުރިޔަށް ނެރޭ ސަރުކާރެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ހާޞިލްކުރުމަށް އަމާޒު ހިފާފައިވާ ޖަޒީރާ ރާއްޖެއަކީ ރައްޔިތުންނަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެގޮތަށް ތަރައްޤީކުރެވޭނެ ރާއްޖެއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.