بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ދިވެހިރާއްޖޭގެ ދާޚިލީ ވަޒީރު އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަޠީފް، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި ޔޫތު ލީޑަރސް ނެޓްވަރކްގެ ޒުވާން މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެއްވެސް ޝައްކެއްނެތް. މިފަދަ ފޯރަމެއް ފެށިގެންދާކަމީ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެކަން ފާހަގަކޮށް، އެ ޒުވާނުންނަށް އިތުރު ފުރްޞަތުތައް ހޯދައިދިނުމަށްޓަކައި ވާހަކަ ދައްކަންޖެހޭ ކަމެއް. އާދެ، މިފަދަ މަސައްކަތެއް ކުރިއަށްދާއިރު، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ޤައުމަކަށް ޒުވާނުންނަކީ ކިހާ މުހިއްމު ބައެއްކަން.

އާދެ، މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ޤައުމީ ތަރައްޤީގެ އެކިއެކި މައިދާންތަކުގައި އިތުރަށް މަސައްކަތް ކުރުމަށްޓަކައި ޒުވާނުންނަށް ގިނަގުނަ ފުރްޞަތުތަކެއް ލިބިގެންދިޔުން.

އާދެ، އަޅުގަނޑު ދަންނަވާނީ، މިރޭ މި އިފްތިތާޙު ކުރެވިގެންދާ މި ފޯރަމްގެ ޝިޢާރަކީ މިއީ އަޅުގަނޑުމެން އެކަމަކަށް ވަރަށް ފުންކޮށް ވިސްނައި، އަޅުގަނޑުމެން އެކަމެއްގެ މައްޗަށް، އަޅުގަނޑުމެންގެ އުޅުން ބައްޓަން ކުރަމުންދާއިރު، އަޅުގަނޑުމެން މަސައްކަތްތައް ކުރަމުންދާއިރު، ވަރަށް ބޮޑަށް ހިތުގެ އަޑިން އެކަން ގަބޫލުކުރަންޖެހޭ ކަމެކޭ.

އާދެ، އަޅުގަނޑުމެންނަށް މި ފެންނަނީ "ތަޙައްމަލު ކުރުމުގެ ޘަޤާފަތް - މުޖުތަމަޢުގެ ހަމަޖެހުން." އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ ވަރަށް ބޮޑަށް. އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވަރަށްގިނަފަހަރު މަތިން މި ބަސް ވިދާޅުވެއްޖެ. އާދެ، "ޓޮލަރެންސް."

އަޅުގަނޑުމެން ޙަޤީޤަތުގައި އަޅުގަނޑުމެންގެ މި މަސައްކަތާއި، އަޅުގަނޑުމެން ކުރިމަތިލާ ކަންތައްތަކާއި، އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ދިމާވާ ކަންތައްތަކުގައި އަޅުގަނޑުމެންގެ އެ ޓޮލަރެންސް ނުވަތަ އަޅުގަނޑުމެންގެ ތަޙައްމަލް ކުރުން ނުވަތަ އަޅުގަނޑުމެން ކެތްތެރިވުން. އެ ކަމަށް އަޅުގަނޑުމެންނަށް ފަރުވާކުޑަކޮށްލެވިއްޖެ ކަމަށްވަންޏާ ނުވަތަ އެކަމުގައި އަޅުގަނޑުމެން ދުރަށްޖެހިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން އެ ހޯދަން ބޭނުންވާ ނަތީޖާތަކެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ.

އާދެ، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު، އަޅުގަނޑުމެން އެކި މަސައްކަތްތަކުގައި އުޅޭއިރު، އަޅުގަނޑުމެން ޢާއިލާއާ އެއްކޮށް އުޅޭއިރު، އަދި އަޅުގަނޑުމެން ޒުވާނުންނާއެކު އެކިއެކި ކަންތައްތަކުގައި އުޅޭއިރު، އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭގޮތަކަށް އަބަދުމެ ކަންތައްތަކެއް ޙަޤީޤަތުގައި ނުވާނެކަން. އަޅުގަނޑުމެން، އެއީ ކިތަންމެ ބުރަ މަސައްކަތެއް ކުރާ މީހަކަށްވީނަމަވެސް، އަދި ކިތަންމެ ރަނގަޅު މަސައްކަތެއް ކުރާ މީހެއް ނަމަވެސް، ހިތްހަމަނުޖެހޭ ކަންތައްތަކެއް ދިމާވެދާނެ. އަޅުގަނޑުމެން ޒުވާނުންނަށްވީތީވެ، އަޅުގަނޑުމެންގެ ޒުވާނުން އެބަޖެހޭ، މިފަދަ ކަންތައްތަކަށް، އާދެ، ކެތްތެރިވާ ބަޔަކަށް، މިފަދަ ކަންތައްތައް ތަޙައްމަލްކުރާ ބަޔަކަށްވާން. އަޅުގަނޑުމެންގެ ގައިގައި، އާދެ، ޒުވާނުންގެ ގައިގައި، އެ ހިތްވަރާއި، އެ ފަންވަރު އަޅުގަނޑު ގަބޫލުކުރަނީ ހުންނާނެ ކަމަށް.

އާދެ، ޙަޤީޤަތަކީ އަޅުގަނޑުމެންނަށް ލިބިފައި އޮތް އެންމެބޮޑު ނަޞީބެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ފެށިގެން ވަރަށް އެކުވެރި ބައެއް. އަޅުގަނޑުމެންގެ ރަށްތަކާއި، އަދި އަޅުގަނޑުމެންގެ މި މާލޭގައިވެސް އަޅުގަނޑުމެންނަށް އަބަދުވެސް އުޅެވިފައި އޮތީ ވަރަށް އެކުވެރިކަމާއެކު. ވަރަށް އެއްބައެއްވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އަބަދުވެސް އުޅެވުނީ. އަޅުގަނޑުމެން ވެގެންދިޔައީ އަބަދުވެސް އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާ ބަޔަކަށް. މިއީ އަޅުގަނޑުމެން މިއަދު ހަނދާންކުރަންޖެހޭ ކަމެއް. މިއީ އަޅުގަނޑުމެން މިއަދު އާލާކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ޘަޤާފަތުގެ ތެރެއިން ގެއްލިގެން ގޮސްފައި ހުރި ރަނގަޅު، ޤައުމަށް ފައިދާކުރުވަނިވި ކަންތައްތަކަކީ އެއީ އަޅުގަނޑުމެން އަނބުރާ ގެންނަންޖެހޭ ކަންތައްތަކެއް. މި ކަންތައްތައް އަޅުގަނޑުމެން މިއަދު އިޢާދަކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑު ދަންނަވާނީ، މިއަދުގެ ސަރުކާރުންވެސް، ރައީސުލްޖުމްހޫރިއްޔާގެވެސް އެންމެބޮޑު ސަމާލުކަމެއް ބަހައްޓަވަނީ ޒުވާނުންނަށޭ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު. އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދުވަހަކުވެސް މި ޤައުމުގައި ތަޢުލީމަށް ހޭދަނުކުރާ މިންވަރަށް މި އަހަރު އެކަނިވެސް ހޭދަކުރެވިގެން އެބަދޭ. އާދެ، ރާއްޖެއާއި ރާއްޖެއިން ބޭރުން ދުވަހަކުވެސް ކިޔެވުމުގެ ފުރްޞަތު ނުލިބޭ މިންވަރަށް މި އަހަރު، އާދެ، މިދިޔަ ދެތިން މަސްދުވަހުގެ ތެރޭގައިވެސް ލިބިގެން ގޮސްފި. މިއިން ރަމްޒުކޮށްދެނީ ޒުވާނުންނަށްޓަކައި ދިވެހި ސަރުކާރު، ޒުވާނުންގެ މަސައްކަތް، ޤައުމަކަށް ބޭނުންވެފައި އޮތްހިނދު، އެކަން ކުރުމަށްޓަކައި، އެކަމަށް މަގުފަހިކޮށްދިނުމަށްޓަކައި ސަރުކާރަކުން ކުރާ މަސައްކަތް.

އާދެ، އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ އެންމެހާ ޒުވާނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސްކޮށް، ނަޞޭޙަތްތެރިވާން އޮތީ، ޒުވާން ޢުމުރަކީވެސް އަޅުގަނޑުމެންނަށް އަބަދު ލިބިފައި އޮންނާނެ އެއްޗެއް ނޫންކަން. އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑުގެ 17 އަހަރުގެ ހަނދާން. އަޅުގަނޑުގެ 25 އަހަރުގެ ހަނދާން. އަޅުގަނޑު މިއަދުވެސް ހިތަށްއަރާ، އަޅުގަނޑުމެންނަށް މާގިނަ ކަންތައްތަކެއް އަދި އެދުވަހުވެސް ކުރެވުނުނަމައޭ.

އެހެންވީމާ، އަޅުގަނޑުމެން މިއަދު ދިވެހި ޒުވާނުން ވަރަށް ބޮޑަށް މިކަމަށް ވިސްނަން އެބަޖެހޭ. އާދެ، ލިބިފައި އޮންނަ ވަގުތު، އެ ފުރްޞަތުގެ ބޭނުންހިފަން އެބަޖެހޭ. އާދެ، އަޅުގަނޑު މި ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ޒުވާނުންނަށް ހަނދާންކޮށްދޭން ބޭނުންވޭ، ދިވެހިރާއްޖޭގައި، އަޅުގަނޑުމެން ކިތަންމެ ބޭނުންނުވިނަމަވެސް، މި ކުޑަކުޑަ ދިވެހިރާއްޖޭގައި އޮތީ ވަރަށްމަދު އާބާދީއެއް. އާދެ، އަޅުގަނޑުމެން އެންމެ އުފާވާ ކަމަކީ، އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތް، އިސްލާމްދީން. އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ތާއަބަދަށް އިރާދަކުރެއްވިއްޔާ ތިބޭނެ ބައެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި ފެންނަނީ މިހާ އެކުވެރިކަމާއެކު އުޅުނު ބައެއްގެ ތެރޭގައިވެސް މިއަދު އިޖްތިމާޢީ އެތައް މައްސަލަތަކެއް އެބަހުރި. ކުދިކުދި ރަށްތަކުގެ ތެރޭގައިވެސް، އެ ރަށުގެ ރައްޔިތުންގެ މެދުގައިވެސް ޙައްލުކުރަންޖެހޭ ވަރަށް ބޮޑެތި ކަންތައްތައް އެބަހުރި. އަޅުގަނޑުމެން ވާން އެބަޖެހޭ، އަޅުގަނޑުމެންނަށް ގޯސް ކަމެއް ކުރެވިއްޖެ ކަމަށްވަންޏާ، އެކަމެއް، ފުރަތަމަ ކަމަކަށް، ގަބޫލުކުރާ ބައެއްގެ ގޮތުގައި. އަޅުގަނޑުމެން އެކަމެއް ހިތުން ގަބޫލުކޮށްގެން ނޫނީ، އަޅުގަނޑުމެންނަށް އެކަމެއް ރަނގަޅެއްނުވާނެ.

އެހެންވީމާ، މި ވާހަކަތަކަކީ މިއަދު މިކަހަލަ ހުރިހާ ފޯރަމްތަކުގަޔާއި، ޖަލްސާތަކުގަޔާއި، އެކިއެކި ބައްދަލުވުންތަކުގައި ދައްކަންޖެހޭ ވާހަކަ. ކޮން ޤައުމެއްތޯ ތަރައްޤީވެފައި އޮތީ ޒުވާނުންގެ މިންނަތް މަސައްކަތާނުލާ. އަޅުގަނޑުމެން ފަޚްރުވެރިވާ ކަމަކީ، މިއަދު މި ޤައުމުގެ ހިންގުމުގެ ދާއިރާތަކަށް ބަލާއިރުވެސް، އަޅުގަނޑުމެންނަށް ފެންނަނީ ޒުވާނުން. ކިޔަވައިދޭ ޓީޗަރުންނަށް ބަލައިލިޔަސް، ލެކްޗަރަރއިންނަށް ބަލައިލީމާވެސް އަޅުގަނޑުމެންނަށް ޒުވާނުން ފެނޭ. އަޅުގަނޑުމެންނަށް ދިމާވާ، އެހެން ޤައުމުތަކުގެ އިސްވެރިންނާއި، އިސް ފަރާތްތަކާ ބައްދަލުވާއިރު، އެމީހުންނަށް ހަމަ ޙައިރާންކަން ލިބޭ، ދިވެހިރާއްޖޭގެ އެންމެމަތީ ފަންތީގަޔާއި، އަދި ވަޒީފާ އަދާކުރުމުގައިވެސް ދިވެހި ޒުވާނުން އެކުލެވޭ މިންވަރު ފެނިފައި. މިއީ އަޅުގަނޑު މިއަދު އުފާކުރާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ލިބޭ އިންޒާރަކީ، އަޅުގަނޑުމެންނަށް މިކަމުގެ މައްޗަށް ފަޚްރުވެރިވެގެން އަޅުގަނޑުމެން އަޅާނުލައި ތިބެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ މުސްތަޤްބަލް، އަޅުގަނޑުމެންގެ މާދަމާ އަޅުގަނޑުމެންނަކަށް ނުހޯދޭނެކަން.

އާދެ، ޒުވާނުންގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ތެރެއިން ވަރަށްބޮޑު ބައެއް މިއޮތީ އަޅުގަނޑުމެން އަނބުރާ މުޖްތަމަޢަށް ގެންނަން ޖެހިފައި. ކޮން މައެއްތޯ، ކޮން ބަފައެއްތޯ ބޭނުންވާނީ، އެމީހަކު ޢުމުރުން ދުވަސްވެގެންދާއިރު، އެންމެ ބޮޑަށް ދަރިއެއްގެ އަޅައިލުން ބޭނުންވާ ވަގުތު، އެ ދަރިޔަކީ މަސައްކަތް ނުކުރެވޭ ޙާލަތުގައި، މާ އެހެން ތަނެއްގައި އޮންނަންޖެހޭ ދަރިޔަކަށްވާން، އެއީ ކާކު ބޭނުންވާނެ ކަމެއްތޯ؟ މިއީ އަޅުގަނޑުމެންގެ ހުރިހާ ޒުވާނުން މިއަދު ހަނދާންކުރަންވީ ކަމެއް. އަޅުގަނޑުމެންގެ މައިންބަފައިން، އަޅުގަނޑުމެންގެ މައްޗަށް ވަރަށް ބޮޑެތި އުއްމީދުތަކެއް އޮންނާނެ. އަޅުގަނޑުމެންނަށް ލިބޭ ދަރިންގެ މައްޗަށް އަޅުގަނޑުމެންގެ ޒުވާނުންނަށް ޒިންމާތަކެއްވާނެ.

އެހެންވީމާ، މިއަދު ދިވެހި ޒުވާނުން އެބަޖެހޭ، އިތުރަށް ޒިންމާދާރު ބަޔަކަށްވާން. ކަންތައްތައް ހުއްޓުވާ ބަޔަކަށްވާން އެބަޖެހޭ. މުސްތަޤްބަލް އުޖާލާ ކުރެވޭނެފަދަ ބައެއްގެ ގޮތުގައި ވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ސަރުކާރުގެ އަމާޒަކަށް ވެގެންދާނީ، ހުރިހާ ދިމާއަކުންވެސް، ހުރިހާ ދާއިރާއަކުންވެސް ޒުވާނުން ބިނާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރާ ބަޔަކަށް. އެ މަސައްކަތް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އެ ފުރްޞަތު ލިބޭނެގޮތަށް، މަސައްކަތަށް އަހުލުވެރި ބައެއްގެ ގޮތުގައި ހެދުމަށްޓަކައި، އެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސައުވީސް ގަޑިއިރު، ތިޔަ ޒުވާނުންނަށްޓަކައި ކުރަން ޖެހުނަސް، އަޅުގަނޑު މިއަދު ކުރާނަން.

އާދެ، ޒުވާނުންނަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހިތުގައި އޮތް ލޯބި، ޒުވާނުންނަށް ރަނގަޅު ގޮތް ފަހިކުރުމަށްޓަކައި ހަމައެކަނި ކުރީ ދުވަހު ފެށިގެންދިޔަ ނާސްތާ ޕްރޮގްރާމުންވެސް އެބަ އިނގޭ. އަޅުގަނޑުމެން އެބަޖެހޭ، އެންމެ ފުރަތަމަ ކަމަކަށް، އަޅުގަނޑުމެންނަކީ ދުޅަހެޔޮ، ފުރިހަމަ ރަނގަޅު ޞިއްޙަތެއްގައި ތިބޭ ބަޔަކަށްވުމަށްޓަކައި މަސައްކަތް ކުރަން. މިއީ އަޅުގަނޑުމެން އެއްވެސް ހާލެއްގައި ފަރުވާކުޑަކޮށްގެންވާނެ ކަމެއްނޫން.

އާދެ، ޅަފަތުގައި ދަރީންނަށް އަޅުގަނޑުމެން ދަސްކޮށްދޭން އެބަޖެހޭ، މި ރީތި ސިފަތައް. ސްކޫލް ނިމިގެން، ކުއްޖާ މަސައްކަތުގެ މައިދާނަށް ނުކުންނައިރު، އެ ޒުވާނާއަށް ވަރަށް ރަނގަޅަށް ދިރިއުޅުމުގެ ކަންތައްތައް ދަސްވެފައި ހުންނަން އެބަޖެހޭ. މަސައްކަތަށް އަހުލުވެރި މީހެއްގެ ގޮތުގައި އެ މީހަކު، އެ ޒުވާނާ ބަދަލުވާން އެބަޖެހޭ.

އާދެ، މި ކަންތައްތަކަކީ މިއަދު އަޅުގަނޑުމެން އެންމެން ގުޅިގެން، އެންމެން އެކުގައި ނުކޮށްފި ކަމަށްވަންޏާ، ހާސިލުކުރެވޭނެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. ދިވެހި ޒުވާނުން މިއަދު ގަބޫލުކުރަންޖެހޭނެ. ޤައުމެއްގެ ހަމަޖެހުން، ޤައުމެއްގެ ތަރައްޤީ ގެނެވޭނީ، އެއީ ވަކި ބަޔަކު ކުރާ މަސައްކަތަކުން ނޫން. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހަމައެކަނި ކުރާ މަސައްކަތަކުން ނުވަތަ ވަކިވަކި ޖަމުޢިއްޔާތަކަކުން އަދި ހަމައެކަނި ކުރާ މަސައްކަތަކުން އަޅުގަނޑުމެންނަކަށް މިކަންތަކެއް ކާމިޔާބެއް ނުކުރެވޭނެ.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދީނުގައިވެސް މާތްރަސްކަލާނގެ އަމުރުކުރައްވާފައި އޮންނަނީ ރަނގަޅު ކަންތައްތައް ކުރުމަށް. ރަނގަޅު ކަންތައްތައް ކުރުމުގައި އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ، އަބަދުވެސް އެހީތެރިވާ ބައެއްގެ ގޮތުގައި ތިބެން، މިއަދު އަޅުގަނޑުމެން އެންމެން އަތުގުޅާލަންވީ.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އެ މަސައްކަތް އެގޮތަށް ކޮށް، އަޅުގަނޑުމެންގެ ގެއްލިފައި އޮތް، ކުރީގައިވެސް އަޅުގަނޑު ދެންނެވި ކަންތައްތައް އިޢާދަކޮށް، އަޅުގަނޑުމެންނާ ހަމަޔަށް އެކަންތައް ގެނެސް، އަޅުގަނޑުމެންގެ މާޒީން، އަޅުގަނޑުމެންގެ ޘަޤާފަތުން، އަޅުގަނޑުމެން ދެއްކި ރީތި ނަމޫނާތަކާއި މިސާލުތައް، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޅަދަރީންނަށް، މިއަދު ކިޔަވަމުންދާ ކުދިންނަށް ދައްކައިދޭން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އިތުރު ދެތިން ބަހެއް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން. އަޅުގަނޑުމެންގެ ތެރޭގައި އިޖްތިމާޢީ ގިނަގުނަ މައްސަލަތައް ހުރި ވާހަކަ. އާދެ، އަޅުގަނޑު ވަރަށް ހިތާމަކުރަން. ދިވެހިރާއްޖޭގެ ޒުވާނުން، ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ވަރަށްގިނަ ޢަދަދެއް، ދުންފަތުގެ އިސްތިޢުމާލުކުރޭ.

އަޅުގަނޑު އެކަމަކު މިއަދު ތިޔަ އެންމެހާ ޒުވާނުންނަށް، އަޅުގަނޑު ހަމަ ވަރަށް އުފަލާއެކު، އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުމާއެކު އަޅުގަނޑު ދަންނަވާލަނީ، ﷲ އިރާދަކުރެއްވީތީ ދުވަހަކުވެސް ދުވަހަކުވެސް ސިނގިރޭޓެއްގެ ވަސްވެސް، ރަހަވެސް އަޅުގަނޑު ބަލައިނުލަމޭ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެއީ މިއަދު ޒުވާނުން މުޅިން ދުރަށްދާންޖެހޭ ކަމެއް. އޭގެ ސަބަބުން ހަމައެކަނި އަޅުގަނޑުމެންގެ އަތުން އަޅުގަނޑުމެންގެ ޖީބަށް ބަރުވެގެންދަނީކީ ނޫން. އަޅުގަނޑުމެންގެ ޞިއްޙަތަށް ލިބޭ ގެއްލުމަކީ އެއީ މިއަދު އެންމެ ކުޑަކުއްޖާއަށްވެސް އެނގޭ ކަމެއް. އާދެ، އޭގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލު ނުކުރާ ފަރާތްތަކަށް ލިބޭ ގެއްލުމަކީ އެއީ މުޅި ދުނިޔޭގައި، މުޅި ދުނިޔޭގައި އެ ވާހަކަ ދައްކަމުންދާ ކަމެއް. އަދި ކޮބައިތޯ، އަޅުގަނޑުމެންގެ މަސައްކަތުގެ ޕްރޮޑަކްޓިވް ވަގުތުތައް. ވަރަށްގިނަ ވަގުތުތަކެއް އަޅުގަނޑުމެންނަށް، ޒުވާނުންނަށް ނަގައި އެބަލެވޭ، މި ބޭކާރު ކަންތައްތަކުގައި.

އަޅުގަނޑު ދިވެހި ޒުވާނުންނަށް މިއަދު ހަމަ ވަރަށް ލޯބިން، އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަންތަކާ އަޅުގަނޑުމެން އެބަޖެހެޔޭ ދުރަށްދާން. އަޅުގަނޑުމެން ކިޔަވަނީ ބޭނުމަކު. އަޅުގަނޑުމެން އުނގެނެނީ ބޭނުމަކު. އަޅުގަނޑުމެން ޢިލްމު ހޯދަނީ ބޭނުމަކު. އަޅުގަނޑުމެން ކިޔަވައިގެން، ޢިލްމު ހޯދައިގެން، ތަޖުރިބާ ހުރި ފަރާތްތަކުން ކަންތައްތައް ދަސްކޮށްގެން އަންނައިރު، އަޅުގަނޑުމެން ވާންޖެހޭނީ ހެޔޮ ކަންތައްތައް ކުރާ ބަޔަކަށް. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ނަފްސަށް ގެއްލުންދޭ ބަޔަކަށް ވެގެނެއްނުވާނެ.

އާދެ، ދެން ދަންނަވާލަން އޮތީ، ކުޑަކުޑަ ޤައުމެއް. ކުދިކުދި ރަށްތަކެއް. މަދު މީސްކޮޅެއް. އެހެންނަމަވެސް، ދުނިޔޭގެ ނިސްބަތުން، އަޅުގަނޑުމެން މިއަދު ތަފާސް ހިސާބުތައް ބަލައިލި ކަމަށްވަންޏާ، ދިވެހިރާއްޖޭގެ، މާލެ ހިމެނިގެން، ދިވެހިރާއްޖޭގެ، ޚާއްޞަކޮށް، ބޮޑެތި ރަށްތަކުގައި ދިމާވަމުންދާ، އާދެ، އިހުމާލުން، ކޮންމެވެސް މީހެއްގެ ފަރުވާކުޑަކަމުން ދިމާވަމުންދާ އެކްސިޑެންޓްތަކަކީ މިއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. މިއީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އޮތް ކަމެއް. މި ކަންތައްތަކަކީ މިއީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޒުވާނުން އެކަމަށް ޢަޒުމް ކަނޑައަޅައިފި ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް ހަމަ ޒީރޯ ގެނެވޭނެ ކަމެއް.

އެހެންވީމާ، މިއަދު އަޅުގަނޑު ދިވެހިރާއްޖޭގެ އެންމެހާ ޒުވާނުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ގޮވާލަނީ، މަގުމަތީގައި ދުއްވުމުގައި ސަމާލުވެވަޑައިގަންނަވާށޭ. އެއްވެސް މައެއްގެ ހިތަކަށް ކެތްކުރެވޭނެ ކަމެއް ނޫނޭ، އެމީހެއްގެ ދަރިޔަކު، އާދެ، މަގުމަތީގައި ހިނގާ ހާދިސާއަކުން ދުނިޔެ ދޫކޮށްލާ ޚަބަރު. އެއީ ފަސޭހަކަމެއް ނޫނޭ. އެއީ ވަރަށް ފުން ހިތާމައެކޭ. މުޅި ޢުމުރަށް، އެ މަޔަކު، ބަފަޔަކު ހިތާމަކޮށް ރޯނެވަރު ކަމެކޭ އެއީ. އެހެންވީމާ، މި ކަންތައްތަކަށް އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ.

އަޅުގަނޑުމެން މިއަދު މި ފޯރަމްތަކުގައި، އެކިއެކި ފިލާވަޅުތައް ޒުވާނުން ނަގަމުންދާއިރު، އަޅުގަނޑުމެން އެބަޖެހޭ، ވިސްނާ ބަޔަކަށްވާން. އަޅުގަނޑުމެން އެބަޖެހޭ، ޤައުމުގެ ކަންތައްތައް ހިނގަމުންދާގޮތާމެދު ވިސްނަން. އަޅުގަނޑުމެން އެބަޖެހޭ، ދުނިޔޭގެ ޤައުމުތަކުގައި ކަންތައްތައް ހިނގަމުންދާގޮތާމެދު ވިސްނަން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ސިކުނޑިން ވިސްނައިގެން، އަޅުގަނޑުމެންނަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލަން. ހަމައެކަނި އަޅުގަނޑުމެންގެ، ޙަވާލުކުރެވިފައި އޮންނަ ވަޒީފާ، ހަމައެކަނި އެކަމުގެ މައްޗަށް ހަމައެކަނި ވިސްނާ ބަޔަކަށް ވެއްޖިއްޔާ، އަޅުގަނޑުމެން ވާނީ ވަރަށް ނެރޯމައިންޑަޑް ބަޔަކަށް. މުޅި ޤައުމަށްޓަކައި އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. މުޅި ޢާއިލާއަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި، އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ ބައެއް ނޫން، އަޅުގަނޑުމެންގެ ޤައުމު، މިގޮތަށް އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިން ފަރާތްތައް. ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުން މިއަދާ ހަމަޔަށް މި ޤައުމު އޮތްގޮތަށްވެސް ގެނެވިފައި އޮތީ. އަޅުގަނޑުމެންގެ އިސް ރަށްވެހިން. އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ މީހުން، އަޅުގަނޑުމެންގެ ކާފަމެން، އަޅުގަނޑުމެންގެ ބައްޕަމެންނަށް، އަޅުގަނޑުމެން އެބަޖެހޭ އިޙްތިރާމުކުރާ ބަޔަކަށްވާން. މަގުމަތީގައިވެސް އަޅުގަނޑުމެން އެބަޖެހޭ، ދޮށީ ޢުމުރުގެ ފަރާތްތަކަށް، އަނެކާއަށް އިސްކަންދޭ ބަޔަކަށްވާން. މަގު ހިނގުމުގައިވެސް، މަގު ހުރަސްކުރުމުގައިވެސް. މި ހުރިހާ ކަމެއްގައި އަޅުގަނޑުމެންގެ ހިތުން، އަޅުގަނޑުމެން މި ކަންތައްތައް ކުރަން އެބަޖެހޭ.

އަޅުގަނޑު ދަންނަވާލަން އޮތީ ޒުވާނުންނަށް މިއަދު. އަޅުގަނޑުމެން ކުރާ އެއްވެސް ރަނގަޅު ކަމަކުން އަޅުގަނޑުމެންނަށް ލިބޭނެ ގެއްލުމެއް ނޯންނާނެ. އަޅުގަނޑުމެންނަށް ދުވަހަކުވެސް ﷲ އިރާދަކުރެއްވިއްޔާ، ރަނގަޅު ކަމެއް ކޮށްގެން، އަޅުގަނޑުމެން އެކަމަކާ ހިތާމަކުރާކަށް ނުޖެހޭނެ.

އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން. އަޅުގަނޑުމެންގެ ކިތަންމެ ރަނގަޅު މަސައްކަތެއް ކުރި ނަމަވެސް، އަޅުގަނޑުމެން ބޭނުންނުވާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިދާނެ. ބޭނުންނުވާ އަޑުތަކެއްވެސް އަޅުގަނޑުމެންނަށް އިވިދާނެ. އެއީ މުޅި ދުނިޔެ މިއޮތީ ގުޅިފައި. މިއީކީ އަޅުގަނޑުމެންނަށް ހުއްޓުވޭނެ ކަންތައްތަކެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޕޭޝަންސް، އަޅުގަނޑުމެންގެ ޓޮލަރެންސް، އަޅުގަނޑުމެން އެކަންތައްތަކުގައި ގެންގުޅެފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ބޭނުންވާ ނަތީޖާ ހާސިލު ކުރެވޭނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ދިވެހި ޒުވާނުންނަށް، އަދި ޒުވާނުން ކުރާ މަސައްކަތަކީ ކާމިޔާބު މަސައްކަތަށްވުމުގެ އުއްމީދުގައި އަދި އަޅުގަނޑުމެންގެ މި ޤައުމުގެ މުސްތަޤްބަލް، އާދެ، ޤައުމު، އަޅުގަނޑުމެން ބޭނުންވާ ތަރައްޤީއާ ހަމަޔަށް ގެންދިޔުމަށްޓަކައި ހަމައެކަނި އެ ފުރްޞަތު އޮތީ ޒުވާނުންކަން، ޒުވާނުންނަށް ހަނދާންވެސްކޮށްދެމުން، ޤައުމުގައި ހުރި ކަންތައްތައް ޙައްލުކޮށް، ޤައުމު ތަރައްޤީ ކުރުމަށްޓަކައި ޒުވާނުން، އެންމެން އެކަތިގަނޑަކަށްވުމަށް، ތިޔަ ހުރިހާ އެންމެންނަށް، ހުރިހާ ޒުވާނުންނަށް ގޮވާލަމުން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޒުވާނުންނަކީ ޤައުމަށް ވަފާތެރި، ތެދުވެރި، އަމާނާތްތެރި ބައެއްގެ ގޮތުގައިވެ، ޤައުމު ކުރިއެރުވުމަށްޓަކައި، ތަރައްޤީ ކުރުމަށްޓަކައި ހިތްވަރާއެކު މަސައްކަތް ކުރެވޭނެ ބައެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
______________________