بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


އަޅުގަނޑު އައީ މި ތަނުގައި ވާހަކަ ދައްކާކަށް ނޫން، ޞިއްޙީ ޙާލު ހުރިގޮތުން. އެހެންނަމަވެސް، ހިތަށްއެރީ މިވަރުގެ ބައްދަލުވުމެއް ދާއިރުގައި، ހަމަ ކޮންމެވެސް އެއްޗެއް އަޅުގަނޑު ބުނެލަންޖެހޭނެއޭ.


ފުރަތަމަ ކަމަކަށް، އެންވަޔަރަންމަންޓް މިނިސްޓަރަށާއި، އަދި ކުރިން ތިމާވެށީގެ މަސައްކަތްތައް، އެކި ދުވަސްވަރު، އެކި މިނިސްޓްރީތަކުގެ ދަށުގައި ކުރަމުން އައިއިރުގައި، ވަޒީރުކަން ކުރެއްވި ހުރިހާ ބޭފުޅުންނަށާއި، އަދި މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން އިނގޭތޯ.


އަޅުގަނޑު ގަބޫލުކުރާގޮތުގައި، ޤައުމެއްގެ ޙަޔާތުގައި އަދި ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ޙަޔާތުގައި ފާހަގަކުރާނެ އެންމެ މުހިއްމު ދުވަހަކީ ތިމާވެށީގެ ދުވަސް. އެއީ އެއަށްވުރެ މުހިއްމު ދުވަހެއް ފާހަގަކުރާކަށް ލިބޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. މިހެން މި ދެންނެވީ، އަޅުގަނޑުމެން މިއަދު މި މަސައްކަތް މި ކުރަނީ، މި ޤައުމު، އަންނަން އޮތް ޖީލުތަކަށް މި އޮތްގޮތަށް ގެނެސްދިނުމަށްޓަކައި. އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ، އަޅުގަނޑުމެން މިއަދު މިކުރާ މަސައްކަތް ކުރެވިގެން.


އެހެންވީމާ، މިއަދަކީ އެންމެ ފާހަގަކުރެވޭ ދުވަސް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެންގެ ސަރުކާރު، ވެރިކަމަށް އައީ ސިޔާސަތުތަކަކާ އެކީގައި. އެންމެ މުހިއްމު އެއް ސިޔާސަތަކީ، ތިމާވެށްޓާބެހޭ ސިޔާސަތު. އެގޮތުން، ސަރުކާރު އެކުލަވައިލިއިރުގައިވެސް ހަމައެކަނި އެ ނަން ކިޔާފައި، އެންވަޔަރަންމަންޓް މިނިސްޓްރީއެއް ހަދަން އަޅުގަނޑުމެން ޤަޞްދުކުރީވެސް ހަމަ އެ ސަބަބަށްޓަކައި. މިހާތަނަށް އުފެދުނު ސަރުކާރުތަކުގެ ތެރޭގައި، އަދި މިހާތަނަށް ހަމައެކަނި އެންވަޔަރަންމަންޓް މިނިސްޓްރީ ކިޔާފައި، ވަކި މިނިސްޓްރީއެއް ހަދާފައެއް ނެތް. އަޅުގަނޑުމެންނަށް ފެނުނީ އެއީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމަށް.


ދެވަނަ ކަމަކަށް އަޅުގަނޑުމެން ނިންމީ، އީ.ޕީ.އޭ މިނިވަންކުރުން. ފުރިހަމަ އިޚްތިޔާރާއި، ޤާނޫނީ ބާރު ލިބިދީފައި އޮތް ތަނަކަށް އީ.ޕީ.އޭ ހެދުން. އެހެންނަމަވެސް، އަދި މިހާތަނަށް އައިއިރުގައި، ވަރަށްގިނަ ސަބަބުތަކާ ހެދި، އެކަންނުވެ މިއޮތީ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން އިނގޭތޯ.


މިކަމުގައި ޑޮކްޓަރ ޝަކީލާ ވިދާޅުވި ފަދައިން، އެކިއެކި މިނިސްޓްރީތަކުގެ ތެރޭގައި އޮންނަ ވާދަވެރިކަމާއި، ދޫނުކުރުމާއި އަދި އެންވަޔަރަންމަންޓް މިނިސްޓްރީގައިވެސް އޮތް ބާރުތައް ހިފެހެއްޓުންވެސް އެބައޮތް އިނގޭތޯ. މިނިސްޓަރުވެސް އެބަ އިންނެވި މިތާނގައި.


އެހެންވީމާ، ކުރިއަށް އޮތް ތާނގައި، އީ.ޕީ.އޭ މިނިވަން ކުރުމަށްޓަކައި އަޅުގަނޑުމެން، ސަރުކާރުން އެކުލަވައިލަންޖެހޭ ޕޮލިސީތައް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރާނަން އިނގޭތޯ.


ތިންވަނަ ކަމަކަށް އަޅުގަނޑުމެން ނިންމި އެއްކަމަކީ، ގްރީން ޓެކްސްގެ ގޮތުގައި ސަރުކާރަށް ފައިސާ އެބަ ނަގާ. ހަމަ އެ ޓެކްސް، އަޅުގަނޑުމެން މަޖިލީހުގައި ތިބެގެން ފާސްކުރީ. އެއީ ތިމާވެށި ޙިމާޔަތް ކުރުމަށް ޚަރަދުކުރަން ނަގާ އެއްޗެއްގެ ގޮތުގައި. ރާއްޖެ އަންނަ ޓުއަރިސްޓުންގެ އަތުން ނަގާ އެއްޗެއް. އެހެންނަމަވެސް، މިހާތަނަށް އައިއިރުގައި، އެ ބޭނުންކުރަމުން ދިޔައީކީ ކޮންމެހެން އެ ބޭނުމުގައެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވެރިކަމުގައި މިހާހިސާބަށް އައިއިރުގައި، އަޅުގަނޑުމެން މިއޮތީ ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ، ހަމަ ވަކިން އެކައުންޓެއްގައި ބަހައްޓައިގެން، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށާއި ރައްކާތެރިކުރުމަށް ޚަރަދުކުރުމަށް. އެނޫން ކަމަކަށް އެ އަޅުގަނޑުމެން ބޭނުމެއްނުކުރާނަން އިނގޭތޯ.


ތިމާވެށި ޙިމާޔަތް ކުރުމުގެ މަސައްކަތަކީ ފަސޭހަކަމެއް ނޫން. ރާއްޖޭގައި އަދި ޚާއްޞަކޮށް. އަޅުގަނޑުމެންނަކީ ޑިވެލޮޕިންގ ކަންޓްރީއެއް. ތަރައްޤީވާން އެބަޖެހޭ. ތަރައްޤީ ކުރަންވެސް އެބަ ބޭނުންވޭ އަޅުގަނޑުމެން. ދުނިޔޭގެ ބައެއް ޔޫރަޕިއަން ވެސްޓަރން ޤައުމުތަކާ ޚިލާފަށް. އެއީ މިހާރު ތަރައްޤީވެ ނިމިފައި ހުރި ޤައުމުތަކެއް. އެމީހުންގެ ފޯކަސްއާއި އަޅުގަނޑުމެންގެ ކުރާ މަސައްކަތާ، ފޯކަސް ތަފާތު އިނގޭތޯ. އެއް ފަޅީގައި މިއޮތީ ރާއްޖެ ތަރައްޤީ ކުރަން ބޭނުންވާ ބައެއް. ވިޔަފާރި ކުރަން ބޭނުންވާ ބައެއް. އަނެއް ފަޅީގައި މިއޮތީ ތިމާވެށި ޙިމާޔަތް ކުރަން ބޭނުންވާ ބައެއް އިނގޭތޯ. އަޅުގަނޑުމެން މިތިބީ ސަރުކާރުގައި. އަދި ޚާއްޞަކޮށް، އަޅުގަނޑު މި ގޮނޑީގައި އިންނައިރުގައި މި ދަތި އާދޭ އިނގޭތޯ.


އެހެންވީމާ، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް މީގައި ރަނގަޅު ގޮތްތަކެއް ދައްކަވައިދެއްވަންވާނެ. އެންވަޔަރަންމަންޓް މިނިސްޓްރީއަކީ ވަރަށް ޤާބިލް، ވަރަށް ރަނގަޅު މުވައްޒަފުންތަކެއް ތިބި މިނިސްޓްރީއެއް. ދެންމެ މިތަނުގައި، މީގެކުރިން ވަޒީރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ވިދާޅުވި ފަދައިން. ރަނގަޅަށް ވިސްނަވާފައި، މިކަމުގައި އަޅުގަނޑުމެންނަށް، ސަރުކާރަށް ރަނގަޅު ގޮތްތަކެއް ތިޔަބޭފުޅުން ދައްކަވަންވާނެ އިނގޭތޯ. މިސާލަކަށް، އަޅުގަނޑު ދަންނަވާފާނަން. އިއްޔެ ނޫން އިހަށްދުވަހު އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީން ކުރި އިޢުލާނެއް އިނގޭތޯ. އޭގައި މި ބުނީ، އެއްވެސް ރަށެއް، ގޮނޑުދޮށް ޙިމާޔަތް ކުރުމަށްވެސް، އެއްވެސް ކަމަކަށް އެހެން ފަޅަކުން، އެހެން ތަނަކުން ވެލި ނަގައިގެން ނުވާނެއޭ. މިހިސާބުން ފެށިގެން މަނާކުރީއޭ. އަޅުގަނޑަށް އޮފީހަށް ނުވަދެވޭ، އޭގެ ޝަކުވާތައް އެބަ އާދޭ އިނގޭތޯ.


ދެން މީގައި އަޅުގަނޑުމެން ކަން ކުރަންވީ ގޮތެއް، ތިޔަބޭފުޅުން ވިދާޅުވެދެއްވާ އިނގޭތޯ. އެ ރަށްވެސް ހަދަންޖެހޭ އެބަ. އެއީ ގޮނޑުދޮށް ގިރަނީ. އަދި އެހެން ކަންތައްތައްވެސް ކުރަންޖެހޭ. އެހެންވީމާ، މިކަހަލަ ކަންތައްތަކާ ދޭތެރޭގައި ސަރުކާރަށް، އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ރަނގަޅު ގޮތްތައް ދައްކަވަންޖެހޭނެ އިނގޭތޯ.


ހަމައެއާއެކީގައި، ހިއްކައިގެން މި ހަދާ ރަށްރަށުގައި އެބަ ބޭނުންވޭ، ރުއް ގަސް ޖަހަން. އަޅުގަނޑުމެންނަށް މިއަދު މާލޭގައި މި ހަދާ ދެ ޕާކުގައިވެސް މިއުޅެނީ އެ ތަނުގައި ޖަހާނެ ގަހެއް ނުލިބިގެން އިނގޭތޯ. ހަމަ ނުލިބުނު އުޅެއުޅެ. ހަމަ ގަހެއް ނަގަން އުޅޭއިރަށް، ރަނގަޅު ކަމެއް ތިޔަބޭފުޅުން އެކަން ހިފެހެއްޓުން އިނގޭތޯ. މިހާރު މި ޖެހުނީ ބޭރު ޤައުމަކުން ގެންނަން. ދެން މިއަދު ލިބިއްޖެކަންނޭނގެ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި. ދެން އެ ގަސްތައް ޖެހުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދޭ.


އެހެންވީމާ، މިކަންތަކާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ. އަޅުގަނޑު ބޭނުން، މި ޤައުމު، އަންނަން އޮތް ޖީލަށް ގެންދަން މި އޮތްގޮތަށް. އަޅުގަނޑުމެން ކުޑައިރު މި އުޅުނު ގޮނޑުދޮށްތަކާއި މަގާ އެއްޗެތި، އަޅުގަނޑުމެންގެ ދަރިންނަށް، ދަރިންގެ ދަރިންނާ ހިސާބަށް ގެންދަން. ހަމައެއާއެކީގައި، އަޅުގަނޑު ބޭނުންވޭ، މި ޤައުމު ތަރައްޤީ ކުރަންވެސް.


އެހެންވީމާ، މިކަން ކުރެވޭނެ ގޮތްތަކެއް ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދައްކަވައިދެއްވާށޭ. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުން ދެއްވާ ޚިޔާލާއި އިރުޝާދާ އެކީގައި ކުރިއަށްދާން. ހަމައެއާއެކީގައި، ރާއްޖެ ތަރައްޤީ ކުރުމަށް، ވިޔަފާރި ކުރަން މި ބޭނުންވާ ބޭފުޅުންނަށްވެސް މަގެއް ފެންނަގޮތަށް، ތަރައްޤީ ކުރެވޭނެ ކަހަލަ ގޮތަކަށް މިކަން ކުރެވޭނެ ގޮތެއް ދައްކަވައިދެއްވާށޭ. އަޅުގަނޑު މިހުރީ ހަމަ ތިޔަބޭފުޅުންނާ އެކީގައި ކަމަށް ދެކެވަޑައިގެން، ކުރިއަށް ވަޑައިގަންނަވާށޭ.


ދެން ދެންމެ އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ސްކޫލްތަކުގައި އެންވަޔަރަންމަންޓް އެމްބެސެޑަރުން ތައްޔާރުކުރުމަށް. އޭގެކުރިން ތިޔަބޭފުޅުން ވާންވީނޫންތޯ އޭގެ ބަޔަކަށް. ކުރިން މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން. ކޮންމެ ބޭފުޅަކީ އެންވަޔަރަންމަންޓް އެމްބެސެޑަރަކަށްވެ، މިކަން ރައްޔިތުންނަށް ކިޔައިދޭން، ތިޔަބޭފުޅުން ނުކުމެވަޑައިގަންނަވައި ލީޑްކޮށްދެއްވާ. އެއަށްފަހުގައި އޭގެފަހަތަށް އަޅުގަނޑުމެން ކުދިން ނެރުމުގެ މަސައްކަތް ކުރާނަން އިނގޭތޯ.


މިހިރީ އަޅުގަނޑުމެންނަށް ހަމަ ކުރެވެންހުރި ވަރަށްގިނަ ކަންތައްތައް. މިހާރުވެސް ވަރަށްގިނަ ކަންތަކެއް އަޅުގަނޑުމެންވެސް ކުރަމުން އެބަ ގެންދަން. ތިޔަ ވިދާޅުވިހެން، ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއީ އެއް ކަންތައް. ދެން އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދޭ. އެހެންގޮސް، ގިނަ ކަންތައްތަކެއް މިހާރުވެސް އެބަ ކުރެވޭ. އެކަމަކު މިކަން ދާއިމީ ގޮތެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންނަށް ގެންދެވޭނީ، އެންމެން އެކީގައި މަސައްކަތް ކުރެވޭނެ މިޞްރާބެއް ހޯދިގެން. އެހެން ނޫނީވިއްޔާ، އެއް މިނިސްޓްރީ އަނެއް މިނިސްޓްރީއާވެސް ވާދަވެރި ތަޅާފޮޅުމަކަށްދާނެ. ގޮސް، ބައެއް ކަންތައްތައް ހުއްޓިފައިވެސް އެބަހުރި. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑަށްވެސް އެކަން ތަޖުރިބާ ކުރެވިއްޖެ އިނގޭތޯ. ހަމަ އެ ވާދަވެރިކަމާއި، އެ ހިފެހެއްޓުމާ، މި ހުރިހާ ކަމެއް ކޮންމެ މިނިސްޓްރީއެއްގައިވެސް އެބައޮތް.


އެހެންވީމާ، އޭގެތެރެއިން ޙައްލު ހޯދެންޖެހޭނެ އަޅުގަނޑުމެންނަށް. ޙައްލު ހޯދޭނީ އަޅުގަނޑުމެން އެކީގައި މަސައްކަތް ކޮށްގެން.


ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.