ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޔޫތު ލީޑާސް ފޯރަމް ހުޅުވުމުގެ ގޮތުން ހުރަވީ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

ޔޫތު ލީޑާސް ފޯރަމް ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ޒުވާނުންގެ ކިބައިގައި "ތަޙައްމަލްކުރުމު"ގެ ސިފަ ހުންނަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެ ސިފަ ނެތްނަމަ ހޯދަން ބޭނުންވާ ނަތީޖާތަކާ ހަމައަށް ވާޞިލްވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ ޒުވާނުންގެ ކުރިއެރުމަށް ދެއްވާ ސަމާލުކަން ފާހަގަކުރައްވައި، މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ކުރިން ހޭދަ ނުކުރާހާ ބޮޑު މިންވަރެއް މަތީ ތައުލީމަށް ހޭދަކުރައްވާކަން ފާހަގަކުރެއްވިއެވެ.

ޤައުމުގެ ހިންގުމުގެ އެކި ދާއިރާތަކުގެ ވަޒީފާތަކަށް ބަލާއިރުވެސް އެ ވަޒީފާތަކުގައި ހިމެނޭ ޒުވާނުންގެ ޢަދަދު ގިނަކަން ފާހަގަކުރައްވައި، އެއީ ޤައުމަށް ލިބޭ ފަޚުރެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ޤައުމު ބޭނުންވާ ތަރައްޤީއާ ހަމައަށް ގެންދިއުމުގެ ފުރުޞަތު އޮތީ ޒުވާނުންނަށްކަން ފާހަގަކުރައްވައި، ޤައުމުގައި ހުރި ކަންކަން ހައްލުކުރުމުގަ އާއި ޤައުމު ތަރައްޤީކުރުމުގައި ޒުވާނުން އެކަތިގަނޑަކަށްވެ އެކުވެރިކަމާއެކު ކުރިޔަށް ދިއުމަށް ގޮވާލައްވަމުންނެވެ.