بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ދިވެހި ދައުލަތުގެ ވަޒީރުން، ރައްޔިތުން މަޖިލީހުގެ މެންބަރުން، ކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސް ފޯސް، ކުންފުނިތަކުގެ އިސްވެރިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ދަންނަވާނީ މިއަދު މި ފެށޭ މި ހަރަކާތަކީ މިއީ ވަރަށް މުހިންމު ހަރަކާތެކޭ. ދިވެހި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި މިއޮތީ ހުރިހާ ގޮތަކުންވެސް ދިވެހި ރައްޔިތުންނަށް ރައްކާތެރިކަމާއި، ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުން. އާދެ، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ ކަމަކީ އަޅުގަނޑު މި ދެންނެވި ކަންތައްތައް.

އާދެ، އަޅުގަނޑުމެން މިއަދު މިފަދަ ހަރަކާތެއް، މިގޮތަށް، މި ލެވެލްގައި ފަށްޓަން މިޖެހޭ ސަބަބުތަކެއް އެބަހުރި. އަޅުގަނޑު، ތަފްސީލެއް ނުދެންނެވި ނަމަވެސް، މިއަދު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، ޚާއްޞަކޮށް، މާލޭގައި، މަގުމަތީގެ އެކްސިޑެންޓްތައް ހިނގައި ގޮސްފައިވާ މިންވަރު. އާދެ، މިވަރު ޤައުމެއްގައި، މި އަދަދުގެ ރައްޔިތުން ތިބި ތަނެއްގައި، މިފަދަ ގިނަ، ހިތާމަވެރި ހާދިސާތައް ހިނގައިދިޔުމަކީ އެއީ އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭނޭ ކަމަކަށްނުވޭ. ގިނަ އަދަދަކަށް، މި އަހަރުވެސް އަދި ވޭތުވެދިޔަ އަހަރުތަކުގައިވެސް ވަނީ އެކްސިޑެންޓްތަކެއް ހިނގާފައި. އެތައް ބަޔަކުވަނީ މި އެކްސިޑެންޓްތަކާއެކު، ދުނިޔެއާ އަލްވަދާޢު ކިޔާފައި. އަދި މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ނުކުޅެދުންތެރިކަމުގެ ހާލަތަށް ބަދަލުވެފައި އެތައް ބަޔަކު އެބަތިބި. މިއީ މިއަދު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ އަމިއްލަ ކޮންޓްރޯލުން އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް، އަޅުގަނޑުމެން އެއްގޮތަކަށްވެސް ދޫކޮށްލައިގެން ތިބެގެނެއް ނުވާނެ.

އެކްސިޑެންޓްތަކަކީ، ކޮންމެވެސް މީހެއްގެ އިހުމާލުން ދިމާވާ ކަމެއް. އާދެ، އަޅުގަނޑުމެން ވިސްނާލަމާ ހިނގާ، ކިހާ ހިތާމަވެރި ކަމެއްތޯ، މަގުމަތީގައި މަޑުމަޑުން ހިނގާފައި ދާ މީހެއްގެ ގައިގައި ސައިކަލެއް، ނުވަތަ ކާރަކުންޖެހި، އެމީހަކު ދުނިޔެ ދޫކޮށްލަން ޖެހުމަކީ، ނުވަތަ އެމީހަކު އެއްކޮށް ނުކުޅެދޭ މީހެއްގެ ގޮތުގައި ބަދަލުވެގެން ދިޔުމަކީ. އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ، އަޅުގަނޑުމެން ދެކެން ބޭނުންވާ ތަނެއް ނޫން.

ކަފިހުރަހަކުން ހުރަސްކުރަނިކޮށް، އެއްޗަކުން އައިސް ޖެހި، އެމީހަކު ހަމަ މި ދެންނެވި ގޮތަށް، އެމީހެއްގެ ހާލަތު ބަދަލުވެގެން ދިޔުމަކީ އެއީ، މިއަދު އަޅުގަނޑުމެން އެއްވެސް ގޮތަކަށް ގަބޫލުކުރާ، އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން. އާދެ، ހަމަމިއާއެކު، މަޑުން ދުއްވުން، ބާރަށް ދުއްވުން މިއީ، ދުއްވާ މީހާގެ ކޮންޓްރޯލްގައި، އެމީހެއްގެ އިޚްތިޔާރުގައި، އާންމު ގޮތެއްގައި އޮންނަ ކަމެއް. ދުއްވުމުގައި ސަމާލުކަންދޭން އެބަޖެހޭ. މިއީ ވަރަށް ކުޑަކުޑަ ރަށެއް. އަޅުގަނޑުމެން އެންމެ ދުރަށް، ވިހި ކިލޯމީޓަރ ސްޕީޑްގައި ދުއްވާފައި ދިޔަޔަސް، މި މާލޭގައި، ދިހަ މިނިޓުން ނުދެވޭނެ ހަމަ އެއްވެސް ތަނެއް ނެތް. ދުނިޔޭގައި ބާރަށް ދުއްވައި އުޅެނީ، ވަރަށް ބޮޑެތި ޤައުމުތަކުގައި. އެތައް ސަތޭކަ ކިލޯމީޓަރެއް ދުވާލަކު އެމީހުންގެ ވަޒީފާ އަދާކުރުމަށް، ނުވަތަ ސްކޫލަށް ކުދިން ގެންދިޔުމަށް ކަޑައްތު ކުރަންޖެހޭ. އެހެން ނަމަވެސް، އަޅުގަނޑުމެން ބަލައިލަމާ ހިނގާ، ދުނިޔޭގެ މިފަދަ ބޮޑެތި ޤައުމުތައް. ޚާއްޞަކޮށް، ޔޫރަޕް ޤައުމުތައް. ސްކެންޑެނީވިއާގެ ޤައުމުތައް. ސިންގަޕޯރ އަށް ބަލައިފި ކަމަށްވަންޏާ، މަގުމަތީގެ ރައްކާތެރިކަން އިންތިހާ ދަރަޖައަށް ބޮޑު. އަޅުގަނޑުމެންނާ އަޅައި ބަލާއިރު، މާ މަތީގައި ރައްކާތެރިކަން ކަށަވަރުވެފައި އޮތީ.

އާދެ، އަޅުގަނޑު މިއަދު ހަމަ ދިވެހި އެންމެހާ ޒުވާނުންނަށް، ވަރަށް ލޯތްބާއެކު، ވަރަށް ހެޔޮހިތުން އަޅުގަނޑު ދަންނަވާލަން އޮތީ، ދުއްވުމުގައި އިތުރު ސަމާލުކަން ދޭށޭ. އަޅުގަނޑުމެންނަށް ހުޅުމާލެއަށްވެސް ދެވޭނެ. އަޅުގަނޑުމެންނަށް ލ.އަތޮޅު ގަމުގައިވެސް ދުއްވޭނެ. އައްޑޫސިޓީގައިވެސް އަޅުގަނޑުމެންނަށް ދުއްވޭނެ. ފުވައްމުލަކުގެ މަގުތަކުގައިވެސް އަޅުގަނޑުމެންނަށް ދުއްވޭނެ. އަދި ރާއްޖޭގެ އެހެން ރަށްރަށުގެ މަގުތަކުގައިވެސް އަޅުގަނޑުމެންނަށް ދުއްވޭނެ. އަޅުގަނޑުމެން ބޭނުންވާ ތަނަކަށް، ހިތްހަމަޖެހިގެން އަޅުގަނޑުމެންނަށް ދުއްވޭނެ. އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އަޅުގަނޑުމެންގެ ސްޕީޑް، އަޅުގަނޑުމެން އެގޮތަށް ކޮންޓްރޯލް ކޮށްފި ކަމަށްވަންޏާ.

އާދެ، ހިނގާފައި ހުރީ ވަރަށް ހިތާމަވެރި ކަންތައްތައް، ކާކުތޯ ބޭނުންވާނީ، ކޮން މައެއްތޯ ބޭނުންވާނީ، ކޮން ބަފައެއްތޯ ބޭނުންވާނީ، އެ މީހެއްގެ ދަރި އެކްސިޑެންޓަކުން، އާދެ، ޖަސްޓް އަ މެޓަރ އޮފް ފިއު ސެކަންޑްސް، އެކުއްޖެއް ދުނިޔެއާ އަލްވަދާޢު ކިޔުން، އެއްވެސް މީހަކު ބޭނުންވާނޭ ކަމެއް ނޫން. އަޅުގަނޑަށް ކަށަވަރުވާ ކަމަކީ އެންމެ ބާރަށް ދުއްވާ މީހާވެސް، ބޭނުމެއްނުވާނެ، އެ މީހަކަށް އެއްވެސް އަނިޔާއެއް ލިބޭކަށް.

އެހެންވީމާ، މިއަދަކީ މިއީ އަޅުގަނޑު ދަންނަވާނީ ވަރަށް ރަނގަޅުވެސް ދުވަހެއް. ރަމަޟާން މަހުގެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް. އަޅުގަނޑުމެން މުޅި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން، ހުރިހާ ޒުވާނުން، އަޅުގަނޑުމެން އެކައްޗެއްގެ ގޮތުގައި އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވީ، މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ މަގުތަކަކީ އަމާން މަގުތަކެއްގެ ގޮތުގައި، ރައްކާތެރި މަގުތަކެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ކުޑަކުދިންނާއި، އަޅުގަނޑުމެންގެ ޢުމުރުން ދޮށީ ފަރާތްތަކާއި، އަޅުގަނޑުމެންގެ މައިންނާ، މިފަރާތްތަކަށް އަޅުގަނޑުމެން ޔަޤީންކޮށްދޭނަމޭ. މިއީ މިއަދު އަޅުގަނޑުމެން ޢަޒުމު ކަޑައަޅައިފި ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، ނުވާނެވަރުގެ ކަމެއް ނޫނޭ. އަޅުގަނޑުމެން ހާސިލުކުރަމުންދަނީ، މާ ބޮޑެތި ކަންތައްތައް. އަޅުގަނޑުމެން ހޯދަމުންދަނީ، މާ މަތީ ނަތީޖާތައް. އަޅުގަނޑުމެން ދައްކަމުންދަނީ، މާ ރީތި މިސާލުތައް. އެގޮތަށް އަޅުގަނޑުމެންގެ، ދިވެހީންގެ އުޅުން ހުރިއިރު، މިފަދަ ކަމެއް އެއްގޮތަކަށްވެސް ހިނގައިގެންވާނޭ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން.


އާދެ، އަޅުގަނޑު ހަމަ އިލްތިމާސްކޮށް، މިއަދު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން އޮތީ، ޒިބްރާ ކްރޮސްއިން، ކަފިހުރަހަކުން، ހުރަސްކުރާ ފަރާތަކަށް ޖާގަ ދެއްވާށޭ. ޕޭމަންޓް މަތީގައި، ހުރަސްކުރުމަށްޓަކައި، އެ އިންތިޒާރީގައި މަޑުކޮށްލީމާ، ސައިކަލް، ކާރު ދެން މަޑުކުރައްވާށޭ. ސައިކަލް، ކާރުތައް މަޑުނުކުރައްވާ ކަމަށްވަންޏާ، ކަފިހުރަހަކުން މީހަކަށް ނުދެވޭނެ. އަޅުގަނޑުމެން އެ ޖާގަ ދިނީމާ ހުރަސްކުރެވޭނީ.

ތުއްތުކުދިން ގޮވައިގެން، އެކި ގޮތްގޮތަށް، އެކި ތަންތަނަށް މައިންބަފައިން ހިނގާފައި ތަންތަނަށް ވަޑައިގަންނަވާއިރު، ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު އަޙަންމިއްޔަތުކަމެއް ދެއްވާށޭ. އަޅުގަނޑުމެންގެ މަގުތައް އޮންނަގޮތުން ކިތަންމެ ހަނި ނަމަވެސް، ޕޭމަންޓުން ހިނގުމަށް އަޅުގަނޑުމެން އިސްކަންދެމާތޯއޭ. ކުއްޖާ ގޮވައިގެންދާއިރު، ވަރަށްގިނަ ފަހަރަށް އަޅުގަނޑުމެންނަށް އެބަ ފެނޭ، ކުއްޖާ ހުންނަނީ މަގާއިވީ ފަޅީގައި. ސައިކަލަކުން ނުވަތަ ކާރަކުން އައިސް ޖެހުމުގެ ފުރުޞަތު ވަރަށްބޮޑު. އަޅުގަނޑުމެން ހިފަހައްޓައިގެން ހުންނަ ގޮތަކުން، އަތުން ވީއްލިގެންވެސް ކުޑަކުދިން ހިނގައިދާނެ. އެ ކަހަލަ ހާދިސާއެއް ދިމާވުމަކީވެސް ހަމަ ވެދާނެ ކަމެއް.

އެހެންވީމާ، އަޅުގަނޑުމެން މި ހުރިހާ ކަމަކަށް ފަރުވާތެރިވާން އެބަޖެހޭ. ވަކިން ޚާއްޞަކޮށް، ކުޑަކުދިން ގޮވައިގެން، ސައިކަލުގައި ދުއްވާއިރު، ވަރަށްބޮޑަށް ކުދިންނަށް ބަލަން އެބަޖެހޭ. އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި. އެއް އަހަރުގެ، ދެ އަހަރުގެ ކުދިން އެކްސިޑެންޓްތަކުގައި. މިއީ ވަރަށް ހިތާމަވެރި ކަމެއް. އަޅުގަނޑުމެން މިއަދު މި ވާހަކަ ޙަޤީޤަތުގައިވެސް ދައްކަން މި ޖެހެނީ ވަރަށް އަސަރާއެކު. އަޅުގަނޑުގެ ކުރިމަތިންވެސް އެބަ ފެނޭ، މުޅި އުމުރަށް، މި އެކްސިޑެންޓްތަކުގެ ސަބަބުން މުޅި އުމުރަށް އެ ޢާއިލާތައް ހިތާމަތަކާ ކުރިމަތިލާފައި އޮތް ޢާއިލާތައް އަޅުގަނޑަށް އެބަ ފެނޭ.

އެހެންވީމާ، އަޅުގަނޑުގެ ހަމަ ފަހު ބަހަކަށްވެސް އަޅުގަނޑު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް، އާދޭހާއެކު، ދަންނަވަން އޮތީ، އަޅުގަނޑުމެން ޢަޒުމު ކަނޑައަޅައި، ދިވެހިރާއްޖޭގެ މަގުތަކަކީ ރައްކާތެރި މަގުތަކެއް ގޮތުގައި އަޅުގަނޑުމެންގެ ޅަދަރީންނާއި، އަޅުގަނޑުމެންގެ މައިންނާއި، ޢުމުރުން ދުވަސްވީ ފަރާތްތަކަށްޓަކައިވެސް މިކަމާ އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ.

ދޫ ދިނުމަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭނެ ކަމެކޭ، މަގުމަތީގައި ކޮންމެ ފަހަރަކު، އަޅުގަނޑުމެން ވާދަޖަހާ ބައެއްގެ ގޮތުގައި، އެއް ސައިކަލަށްވުރެ ބާރަށް، އެއް ކާރަށްވުރެ ބާރަށް އަނެއް ކާރު އަރައިގެން ދިޔުމަކީ، އެއީ މިފަދަ ކުޑަ ތަނެއްގައި އަޅުގަނޑުމެން އެއްގޮތަކަށްވެސް ކުރަންޖެހޭ ކަމެއް ނޫނޭ. މަގުމަތީގައި އަޅުގަނޑުމެން މި މަސައްކަތް ކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ އާއިލާއަށާއި، އަޅުގަނޑުމެންގެ ތިމާގެ މީހުންނަށާއި، އަޅުގަނޑުމެންގެ ރައްޓެހިންނަށާއި، މުޅި އެންމެހާ ރައްޔިތުންނަށް މީގެ ފަސޭހަކަމާއި، ހިތްހަމަޖެހުން ލިބިގެންދާނޭ. ވަކިން ޚާއްޞަކޮށް، މައިންނަށް، މައިންގެ ދަރިން ސްކޫލަށް ގެންދިޔުމަށާއި، އަދި އެނޫން ތަންތަނަށް ގެންދިޔުމަށްޓަކައި ހިތްހަމަޖެހިގެން، ޔަޤީންކަމާއެކު ތަންތަނަށް ދެވޭނެ.

އާދެ، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ވޭތުވެދިޔަ ދުވަސްތަކުގައި ވަކިން ޚާއްޞަކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން، ޓްރެފިކް ޕޮލިހުން އަދި ޓްރާންސްޕޯޓް އޮތޯރިޓީ، ޓްރާންސްޕޯޓް މިނިސްޓްރީއާއި، މާލޭސިޓީ ކައުންސިލާއި، އެކިއެކި މުއައްސަސާތައް ގުޅިގެން، ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައި. އަދި މިހާރުވެސް މެދުކެނޑުމެއްނެތި ޓްރެފިކް ޕޮލިހުން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން. އާދެ، މިއަދު އަޅުގަނޑުމެންނަށް ބޮޑު ކެމްޕެއިނެއްގެ ގޮތުގައި، ސޯޝަލް މީޑިއާ ކެމްޕެއިނެއް ފެށިގެންދާއިރު، މިކަމުގެ ލީޑް، މިނިސްޓްރީ އޮފް ޔޫތުން ނެންގެވިކަމަށްޓަކައި އަޅުގަނޑު އެ ފަރާތުގެ ނަންވެސް ފާހަގަކޮށްލަން. ހަމައެއާއެކު، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދިވެހިރާއްޖޭގެ ސަރުކާރުގެ ހުރިހާ ކުންފުނިތަކާއި، އަދި ދިވެހިރާއްޖޭގައި ހުރި އެހެނިހެން ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުންވެސް މި ކަމަށް ވަރަށްބޮޑު ސަމާލުކަމެއް، ވަރަށްބޮޑު ޝައުޤުވެރިކަމެއްދޭ މަންޒަރު.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ، މިއީ މުޅި ދިވެހި އެންމެހާ ރައްޔިތުންގެ މަސައްކަތްތަކޭ. އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަޅުގަނޑުމެން މިކަމުގައި އަދާކުރަން އެބަޖެހޭ. މިއީކީ، ހަމައެކަނި ޓްރެފިކް ޕޮލިހަށް ދޫކޮށްގެން، އަޅުގަނޑުމެން ތިބެންވީ ކަމެއް ނޫން. އަޅުގަނޑުމެންގެ ކޮންމެ މީހަކީވެސް ހުއްޓުވާ މީހަކަށް، ސަމާލުވާ މީހަކަށް، އަނެކާއަށް މަގު ދައްކައިދޭ މީހަކަށް ވާން އެބަޖެހޭ. އަޅުގަނޑުމެންގެ ޤައުމުގައި ހުރި މި ބާވަތުގެ ސޯޝަލް މައްސަލަތައް މިއަދު ހައްލު ކުރެވެން އޮތީ، އަޅުގަނޑުމެން ހުރިހާ އެންމެން، އެކަމަކަށް ސަމާލުކަންދީގެން، އެކަމެއް ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން އެއްބާރުލުންދީގެން.

އަޅުގަނޑު އަދިވެސް އެއްފަހަރު، ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތް، ހުރިހާ އެންމެން ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ކުރާ މަސައްކަތް، އަޅުގަނޑުމެންނަށް ކުރިއަށް ގެންގޮސް، ފުރިހަމަ ކާމިޔާބީއެއް ހޯދުމުގެ ތައުފީޤު اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން.

ވަރަށްބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.