ސަރުކާރުގެ ޢިއްޒަތާއި ޤަދަރާއި ކަރާމާތް ބިނާވެފައި އޮންނަނީ ކަންކަމާ ގުޅިގެން، ސަރުކާރުން ނިންމާ ނިންމުންތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރިއަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، އެއަތޮޅު ކެނދިކުޅުދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޢިމާރާތެއް  ކުރުމަށް ބަޔަކާ ޙަވާލުކުރާއިރުގައި އެކަން ޙަވާލުކުރެވެނީ، އެކަން ކުރެވޭވަރުގެ ބަޔަކާކަން ސަރުކާރަކަށް ވެއްޖިއްޔާ އެނގެންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށްވުމާއެކު، އެ ފައިސާ ޚަރަދު ކުރަން ޖެހޭނީ އެންމެ އިންޞާފުވެރި ގޮތެއްގައި އަދި ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކެނދިކުޅުދުއަށް މިވަގުތު ދިމާވެފައިވާ ބައެއް މައްސަލަތައް ޙައްލުކުރެއްވުމަށް ސަރުކާރުން ގަސްދުކުރައްވާފައިވާ ގޮތް ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވިއެވެ. އަދި ސަރުކާރުން ބޭނުންފުޅުވަނީ، މިހާރު ނުހިނގާހުރި ކަންކަން ވީހާވެސް އަވަހަށް ހިނގާނެ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރެއްވުމަށް ކަމަށާއި،  ސަރުކާރުން ކުރައްވަންޖެހޭ ކަންކަން ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. 
ރައީސުލްޖުމްހޫރިއްޔާ ކެނދިކުޅުދޫން ވަޑައިގަތީ ކުޑަފަރިއަށެވެ. ކުޑަފަރިއަށް ވަޑައިގެން، ކުޑަފަރީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ސަރުކާރުގެ ވާޖިބަކަށްވާނީ، ރައްޔިތުންނަށް ކަންކަން ކޮށްދެއްވުން ކަމަށާއި،  ކޮށްދެއްވެން ހުރި ހުރިހާ ކަމެއް ކުޑަފަރިއަށް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުޑަފަރީ މަދަރުސާ ތަރައްޤީ ކުރެއްވުމަކީ، ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެ ކަމެއް ކަމަށާއި، އަދި ޚާއްޞަކޮށް އާޓްސްގެ ދާއިރާއިން މަތީ ތަޢްލީމަށް ދެވޭނެ ފުރްޞަތު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.