بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ދޮންވެލި ބިމެއްގައި އަޅުގަނޑުމެން ލެއްވި ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން. ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ޔުމްނާ މައުމޫން، ތިމާވެށްޓާބެހޭ ވުޒާރާގެ އިސްބޭފުޅުން، އަދި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން، އަދި އަޅުގަނޑުގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެއްވެސް ޝައްކެއްނެތް. މިފަދަ ޙަފްލާއެއްގައި އަޅުގަނޑުމެންގެ އިސް ވާޖިބެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަންނަން އެބަޖެހޭ، މިއަދު އަޅުގަނޑުމެންނަށް މި ފެންނަ، އާދެ، މި ޤައުމުގެ ތިމާވެށި ނުވަތަ މި ރީތިކަން މިވަރަށްވެސް ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންނާ ހަމައަށް މި ގެނެސްދެއްވުމަށްޓަކައި ގިނަގުނަ މަސައްކަތް ކޮށްދެއްވި ފަރާތްތައް. އާދެ، އެގޮތުން ހަމަ އަޅުގަނޑު ވަރަށްބޮޑަށް ފާހަގަކޮށް، ކުރީގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބުދުލްޤައްޔޫމަށާއި އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.

އާދެ، ތިމާވެށީގެ ދުވަހެއް ފާހަގަކުރަން މި ޖެހެނީ، ހަމައެކަނި ދުވަހެއް ފާހަގަކޮށްލުމުގެ ބޭނުމެއްގައެއް ނޫން. އާދެ، މީގެ ވަރަށްގިނަ ސަބަބުތަކެއް އެބަހުރި. އާދެ، މުޅި ދުނިޔެއަށް އެކި ގޮތްގޮތުން އަންނަ ބަދަލުތައް، ދިވެހިރާއްޖެއަށްވެސް އަންނަމުން އެބަދޭ. އާދެ، އަޅުގަނޑުމެންނަށްވެސް މި ފެންނަނީ، އަޅުގަނޑުމެން އިންސާނުން ކުރާ ކަންތައްތަކެއްގެ ސަބަބުން ޖައްވު ތަޣައްޔަރުވެގެންދާ ތަން. އާދެ، އިންޖީނުތަކުން ދޫކުރާ ދުމާއި، އަޅުގަނޑުމެންގެ އަމިއްލަ ބޭނުމުގައި އަޅުގަނޑުމެން ބޭނުންކުރާ އެކިއެކި ވެހިކަލްތަކުން ދޫކޮށްލާ ވިހަ ގޭސްތަކާއި، އަދި އަޅުގަނޑުމެންގެ ރަށްތަކުގައި އުފެދޭ ކުނިތަކާއި، އެނޫންވެސް ތަކެތި ނައްތާލުމުގައި އަޅުގަނޑުމެން، އެ ނައްތާލުމަށްޓަކައި އަޅުގަނޑުމެންނަށް އެ ބޭނުންކުރެވޭ، އެ ކުރާގޮތުގެ ސަބަބުން ޖައްވަށް ދިމާވާ މައްސަލަތަކާއި، އަދި ހަމަ އެއާއެކު، އަޅުގަނޑުމެން އެއަށްވުރެ މާ ކަންބޮޑުވާ، އަޅުގަނޑުމެންނަށް އާދެ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް.

އާދެ، މިފަދަ ދުވަހެއް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން އަބަދުވެސް ވިސްނަން އެބަޖެހޭ، މި ކަންތައްތަކަށް ހައްލު ހޯދުމަށްޓަކައި. އަޅުގަނޑުމެން ދުވަހެއް މި ފާހަގަކުރަނީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން އެކަމުން އަރައިގަނެ، އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ހިތްހަމަޖެހިގެން ނޭވާލެވޭނޭ ދުވަސްތަކެއް ހޯދުމަށްޓަކައި.

އަޅުގަނޑުމެން އަބަދުވެސް ދައްކަމުން މިދަނީ ދުޅަހެޔޮ ޞިއްޙަތެއްގެ ވާހަކަ. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މިއަދުވެސް، މިއަދުގެ ހެނދުނު އެންމެ ފުރަތަމަ ފެށުމަކަށް ވެގެންދިޔައީވެސް، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާގެ އެންމެބޮޑު އެއް ވަޢުދު ކަމަށްވާ، ސްކޫލުތަކުގެ ދަރިވަރުންނަށް ނާސްތާގެ ޕްރޮގްރާމް ފެށުން. އާދެ، މިއީ ވަރަށް މުހިންމު، ވަރަށް މާތް މަޤްޞަދެއްގައި ކުރެވޭ ކަންތައްތައް. ތިމާވެށި ހިމާޔަތް ކުރުމާއި، އަޅުގަނޑުމެންގެ ނަފްސު، އަޅުގަނޑުމެންގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ މިއީ އަޅުގަނޑުމެން އެކުއެކީގައި ކުރަންޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ސްކޫލް ދައުރުގައި، އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޑުއިވިގެންދިޔަ، އަޅުގަނޑުމެންގެ ހިތްތަކުން ވަރަށް ޖާގަ ހޯދި ލަވަތަކެއްދިޔަ. އާދެ، އަޅުގަނޑުމެންގެ މަޝްހޫރު ހޮޅުދޫ ޢަބްދުﷲ ޙަސަންގެ ނަލަ އަޑުންވެސް، އަޅުގަނޑުމެންނަށް އެތައް ލަވަތަކެއް އަޑުއިވިގެންދިޔަ. ހަމައެއާއެކު، އަޅުގަނޑުމެންގެ އޭރުގެ މުދައްރިސެއް. އާދެ، މީމު ޒަވިޔަނީގެ ނަމުން މަޝްހޫރު، މުޙައްމަދު ޒާހިރު. އެ ގަސްތަކަށް އެ ބަހައްޓަވާ އެ ލޯބި އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެންމެ ކުޑައިރުވެސް، މީގެ ތިރީސް ފަސްވަރަކަށް އަހަރު ކުރިންވެސް އަޅުގަނޑުމެންނަށް އެ ކަންތައް ވަރަށްބޮޑަށް ފާހަގަވެގެންދިޔަ. އާދެ، މިއަދު އަޅުގަނޑު މި ފުރުޞަތު ލިބުމުން، އަޅުގަނޑުގެ އޭރުގެ މުދައްރިސަށް އަޅުގަނޑު ވަރަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ނިޢުމަތެއް، ފަހަރެއްގައި އެ އޮންނަހާ ހިނދަކު، އަޅުގަނޑުމެންނަށް އޭގެ އަގު ވަޒަން ނުކުރެވި ހިނގައިދާނެ. ނިޢުމަތެއް ގެއްލިގެންދާހިނދު، އަޅުގަނޑުމެން އެކަމާ ހިތާމަކުރާނެ. ގެއްލިގެންދާ އެއްޗަކީ އަޅުގަނޑުމެންނަށް އަނބުރާ ހޯދަން މާ ފަސޭހަ އެއްޗަކަށް ނުވާނެ.

އާދެ، މިއަދު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވީ، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދަރިވަރުންނަށް އަޅުގަނޑުމެން ދަސްކޮށްދޭންވީ، އަޅުގަނޑުމެންގެ ޤައުމަށް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވި އެންމެ މަތިވެރި އެއް ނިޢުމަތަކީ، މި ނަލަ ނަލަ ރީތި ގޮނޑުދޮށްތަކާއި، ސާފު ދޮންވެލި ބިންތަކާއި، މި ރީތި ރަށްތައް އެކުލެވޭ މި ޖައްވު. އެ ކަންތައް، ތާއަބަދަށް ދެމެހެއްޓުމަކީ އެއީ މިއަދު އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

އާދެ، ތަރައްޤީއަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް ލިބިފައިވާ މިފަދަ މުއްސަނދިކަން ނަގާލައި، ހަމައެކަނި ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައި ރަށްތައް ޒީނަތްތެރި ކުރުވުމެއް ނޫން. މި ރީތި ގަސްތައް، އަޅުގަނޑުމެން ބަހައްޓަން އެބަޖެހޭ. ގަސްތައް ކެނޑުމަކީ އެއީ އެންމެ ލާސްޓް އޮޕްޝަނަކަށް، އެންމެ ލާސްޓް އޮޕްޝަނަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ. އަދި އެފަދަ ހާލަތެއްގައި، އަޅުގަނޑުމެން ގަހެއް ކަނޑައިފި ކަމަށްވަންޏާ، ބަދަލުގައި ދެ ގަސް އަޅުގަނޑުމެން އިންދަން އެބަޖެހޭ.

އާދެ، މިއަދު އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތައް ވަރަށްވެސް ގިނަ. އަޅުގަނޑު ކުރީގައި މި ދެންނެވި ގޮތަށް ތަރައްޤީވުމަކީ، އެއްވެސް ހާލެއްގައި ހަމައެކަނި އަޅުގަނޑުމެން ކާރު، ސައިކަލުގައި އުޅުމެއް ނޫން. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތައް، އަދި ތިމާވެށްޓާ އެންމެ ރައްޓެހިކަމަށް ދުނިޔޭގެ ނޫސްތަކުންނާއި، އެކި ގޮތްގޮތުން، ތަފާތު ހިސާބުތަކުން އަޅުގަނޑުމެންނަށް މި ފެންނަ ޤައުމުތަކުގައި، އަޅުގަނޑުމެންނަށް އެންމެ ގިނައިން ފެންނަނީ ބާރު ސްޕީޑްގައިވެސް، އެ ފިނީގައި ދުރު އޮފީސްތަކަށް ދަތުރުކުރަން އެތައް މިނިޓްތަކެއް، އެތައް ގަޑިތަކެއް ހޭދަކުރުމަށްޓަކައި ބައިސްކަލް ގެންގުޅޭ މަންޒަރު. އަޅުގަނޑުމެން މިކަމާ ވިސްނަން އެބަޖެހޭ. އަޅުގަނޑުމެންގެ ރަށްތަކަކީ ވަރަށް ކުދި ރަށްތައް. އަޅުގަނޑުމެންނަށް ހިނގާފައިވެސް، މީގެ ރަށެއްގެ އެއްކޮޅުން އަނެއްކޮޅަށް ދިހަ، ފަނަރަ މިނިޓުން އަޅުގަނޑުމެންނަށް ދެވޭނެ.

އެހެންވީމާ، މި ނަލަ، މި ރީތި އާދަތައް، ގެއްލިގެން ގޮސްފައި ހުރި އާދަތައް، އަޅުގަނޑުމެން އަނބުރާ ގެންނަން އެބަޖެހޭ. މިއީ އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ކަމަކީ. އަޅުގަނޑުމެންގެ ދިވެހި ޤައުމު، އަޅުގަނޑުމެންނަށް ލިބިފައިވާ މުއްސަނދިކަން، އަޅުގަނޑުމެންގެ ތަރިކައާއި ސަޤާފަތް، އަޅުގަނޑުމެން ދިރުވަން އެބަޖެހޭ. ޙަޤީޤަތަކީ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މި ރީތިކަމަށްޓަކައި މިއަދު އަޅުގަނޑުމެން ފަޚުރުވެރި ވާންޖެހޭ ބައެއްކަން.

އާދެ، ދެންމެ މިނިސްޓަރ ފާހަގަކުރައްވައިފި، ކުރީގެ ސަރުކާރުން، އާދެ، މުޙައްމަދު ނަޝީދުގެ ރިޔާސަތުގެ ދަށުން، ކަނޑު އަޑީގައި ކެބިނެޓް ޖަލްސާއެއް ބޭއްވިގެންދިޔަ ވާހަކަ. ކަންދިމާކުރިގޮތުން، އެ ދުވަހު އަޅުގަނޑު ހުރީ އެމެރިކާގެ ނިއުޔޯރކްގައި. އެދުވަހު މުޅި އެމެރިކާގައި އަދި ނިއުޔޯރކްގެ ޓީ.ވީތަކުން އެ މަންޒަރު ދެއްކި. ދިވެއްސެއްކަން އެނގޭ ކޮންމެ މީހަކު އަޅުގަނޑުމެންނާ ސުވާލުކުރި. ދިވެހިރާއްޖޭގެ ރީތިކަމާއި، ޤުދުރަތީ ރީތިކަން، އެކަން އެޕްރިޝިއޭޓްކޮށް، އެކަމުގެ އަގުވަޒަންކޮށް، އެމީހުން ރާއްޖެއަށް އަންނަން ބޭނުންވާ ވާހަކަ އެ ދުވަހު ދެއްކި.

އެހެންވީމާ، ޙަޤީޤަތަކީ އަޅުގަނޑުމެންގެ ޤައުމު ކުޑަނަމަވެސް، އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވި ނިޢުމަތަކީ އެއީ ދުނިޔޭގެ މާގިނަ ޤައުމުތަކަށް ލިބިފައިވާ ނިއުމަތެއް ނޫންކަން. އެހެންވީމާ، އަޅުގަނޑު ތަކުރާރުކޮށް، އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނާއި އަދި މިއަދު މަދަރުސާތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އަޅުގަނޑު ހަމަ ގޮވާލަން ބޭނުންވަނީ، އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހެޔޭ، މި ރީތިކަމާއި، މި ނަލަކަން އަޅުގަނޑުމެން ދަމަހައްޓަން.

އާދެ، މި މަސައްކަތްތައް މިހާހިސާބަށް ގެނައުމަށްޓަކައި، ތަފާތު ގިނަ ބައެއްގެ މިންނަތް މަސައްކަތްތަކެއް ހިމެނިގެން އެބަދޭ. އަޅުގަނޑު ހަމަ ފާހަގަކޮށްލަން. ތިމާވެށްޓާބެހޭ ވުޒާރާއިން މި މަސައްކަތް ކުރިއަށް ގެންދިޔައިރު، ޚާއްޞަކޮށް، ޤައުމީ އަރުޝީފުގެ ސަޤާފަތާބެހޭ ބައިގެ ދަށުން، މިކަމާއެކު މިކަން ފުރިހަމަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައި އެބަވޭ. އެކަމަށްޓަކައި ސަޤާފަތާބެހޭ ވަޒީރު، އަދި ތިމާވެށްޓާބެހޭ ވަޒީރަށާއި، މި މުއައްސަސާތަކުގެ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއަދު އަޅުގަނޑުމެންނަށް ފެނިގެންމިދާ ފޮޓޯތައް، ހަމއެކަނި ބަލައިލާފައި ހިތްހަމަޖައްސާލައިގެން އަޅުގަނޑުމެން ގެޔަށް ގޮސްގެނެއް ނުވާނެ. އަޅުގަނޑުމެންނަށް މި ފެންނަ ފޮޓޯތައް ރަނގަޅަށް ބަލާފައި، އެ ފޮޓޯތަކުން އަޅުގަނޑުމެންނަށް އެ ލިބެނީ މެސެޖެއްކަން، އަޅުގަނޑުމެންނަށް އެ ލިބެނީ އިންޒާރެއްކަން، އަޅުގަނޑުމެން މިއަދު ގަބޫލުކުރަން ޖެހޭނެ. އަޅުގަނޑުމެން މިފަދަ ދުވަހެއް ފާހަގަކޮށް ނިންމާފައި ގެޔަށްދާއިރު، އަޅުގަނޑުމެންގެ ހިތުގައި ޢަޒުމު ވަރުގަދަކުރަން ޖެހޭނެ، އަޅުގަނޑުމެންގެ ޤައުމު، އާދެ، އަޅުގަނޑުމެންނަށް މި ލިބިފައިވާ މުއްސަނދިކަން، މި ރީތިކަން، ނަލަކަން ދެމެހެއްޓޭނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރަން.

އާދެ، ވައި ތަޣައްޔަރުވުމުގެ މި ކަންތައްތައް ހައްލު ކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާ އަޅުގަނޑުމެން އަދާކުރަންޖެހޭ. އެއްވެސް ހާލެއްގައި ޤައުމެއްގެ، އެއްވެސް ޤައުމެއްގެ ސަރުކާރަކަށް ނުވަތަ ވަކި ބަޔަކަށް އެކަނި ނުކުމެގެން ކުރެވޭނެ ކަމެއް ނޯންނާނެ. ޤައުމެއް ތަރައްޤީވެދަނީ، ޤައުމެއްގެ ރައްޔިތުން ހޭލުންތެރިވެދަނީ، ޤައުމަކަށް ނަތީޖާތަކެއް ހާސިލުކުރެވެނީ، އެ ޤައުމެއްގައި އެ އޮންނަ ސަރުކާރަކާއި، އެ ޤައުމެއްގައި އުފެދިފައި އޮންނަ ޖަމުޢިއްޔާތަކާއި، މި ހުރިހާ މުއައްސަސާތަކާއި، މުޅި އެންމެހައި ރައްޔިތުން ގުޅިގެން. އަޅުގަނޑުމެންގެ ރައްޔިތުންނަކީ އަބަދުވެސް ޤައުމީ ކަންތައްތަކުގައި ފެށުނީއްސުރެ ބައިވެރިވާ ބައެއް. ޤައުމުދެކެ ލޯބިވާ ބައެއް. މިއަދު އަޅުގަނޑުމެންނަށް މި ދިމާވެފައިހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން ވަރުގަދަ ޢަޒުމެއްގައި މަސައްކަތް ކުރަންޖެހޭނެ.

އަޅުގަނޑުމެންގެ މި މުއްސަނދި ކަމަކީ، އަޅުގަނޑުމެން އެކަމުގެ މައްޗަށް ވިސްނައިފި ކަމަށްވަންޏާ، މުޅި ދުނިޔޭގެ އެންމެހާ، އާދެ، ފަތުރުވެރިންގެ، މި ޤައުމަށް ނާދެވި ތިބޭ މިންވަރާއި، މީގައި ހުރި އަގު އަޅުގަނޑުމެންނަށް ވަޒަން އެބަ ކުރެވޭ. އެހެންވީމާ، އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަން އަޅުގަނޑު އަދިވެސް ފާހަގަކޮށް، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. މި ނަލަކަން، ރީތިކަން، ޗާލުކަން ދެމެހެއްޓުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެއްވުނު މަސައްކަތްތަކެއް ކުރައްވާށޭ.

އާދެ، އަދި ހަމައެއާއެކު މިއަދު މި ފެންނަ މައުރަޒުން އާދެ، މި ފޮޓޯތަކުން އެ ދޭ މެސެޖްތައް ނުވަތަ އެ ދޭ އިންޒާރުތައް އަޅުގަނޑުމެން ގަބޫލުކޮށް، އަޅުގަނޑުމެންގެ ޤައުމު، އެދުވަހު އެ ޖަޒީރާ ރާއްޖެ، އެދުވަހު އޮތްގޮތަށް އަޅުގަނޑުމެން ދެމެހެއްޓޭތޯ، އަޅުގަނޑުމެން ވިހާވެސް ގިނަ މަސައްކަތެއް ކުރުމަކީ އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް ގޮތުގައި އަޅުގަނޑު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު، ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހައި ޖަމުޢިއްޔާތަކާއި، އަދި ވަކިވަކި ފަރުދުންނަށް އަޅުގަނޑު އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. އަދި ހަމައެއާއެކު، އަދިވެސް އެއްފަހަރު، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމުހޫރިއްޔާ، ރައީސް އަލްއުސްތާޛް މައުމޫން ޢަބުދުލްޤައްޔޫމާއި އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެ ދެބޭފުޅުންގެ ޒަޢާމަތުގައި، އެ ދެބޭފުޅުން ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި، މުޅި ދުނިޔޭގެ ސަމާލުކަން، އެކަމަށް ގެނައުމަށްޓަކައި، އެ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަންފުޅުގަޔާއި އަދި މުޅި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަންފުޅުގައި، އަޅުގަނޑު އެ ދެބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމުގެ، އަޅުގަނޑުމެން މި ދެންނެވި ގޮތަށް އެ މުއްސަނދިކަން ދެމެހެއްޓުމަށްޓަކައި މި ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް މި މަސައްކަތާއިގެން ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.